16 ޖުލައި 2012 އާ ގުޅޭ

ހޯލްވޭއިން ޒައުލްގެ ކޮޓަރިއާ ދިމާލަށް އައި ލާއިގާގެ ލޮލުގައި އެކޮޓަރިން ނުކުމެގެން ހިނގާފައި އަންނަ ހަތަރު މީހުން އަޅައިގަތެވެ. އެމީހުންގެ ތެރެއިން ދެމީހެއްގެ އަތުގައި ފައިލަކާއި ބޮޑު ފޮތެއް އޮތެވެ. އޭނައަށް ވަގުތުން އެއީ ކޮން ބައެއްކަން ނަގައިގަނެވުނު ކަހަލައެވެ. މޫނުމަތީގެ ކުލަވަރު ކުރިއަށްވުރެ ވެސް ގޯސްވެގެންދިއުމާއިއެކު ދެފަރާތަށް ބޯހޫރުވާލެވުނެވެ. އަދި ކުރިއަށްވުރެ ދެފަޔަށް ބާރުލަމުން ހިނގުން އަވަސްކޮއްލި އެވެ. މިހަރަކާތުން މަންސޫރު ވެސް ކަންބޮޑުވާގޮތްވި އެވެ. އޭނައަށް ލާއިގާގެ ރުޅި އާއި ގޮތް ދޫނުކުރުން ވަރަށް ރަނގަޅަށް އެނގެއެވެ.
އަފްލީނާއެކު ހުރި ޔޫހާ މަޑު ހިނގުމެއްގައި އެކޮޓަރީގެ އެނދުހުރި ދިމާލަށް އައިސް ހުއްޓުނެވެ. އަދި ހިނިތުންވުމަކާއިއެކު އެނދުގައި އަރާމު ނިންޖަކުން ނިދާފައި އޮތް ކިޔާންއަށް ބަލާލި އެވެ. ހޭލާ ހުންނަން މަސައްކަތްކުރި ކަމުގައި ވިޔަސް އަވަހަށް ނިދަން އާދެވެފައިވާ ކިޔާންއަށް ނިދުނީ އެވެ. އޭނައަށް ޒައުލް ގެނެސްދިން، އެރެއަށް ޙާއްޞަކުރެވިފައިވާ ހެދުމާއިއެކުގައެވެ. ޔޫހާގެ އަތުގައި ދެއަތުން ހިފާލުމާއިއެކު ކުޑަކޮށް އޭނަގެ އަތާއިއެކު އަފްލީން ބައްދާލުމުން ޔޫހާއަށް ބަލާލެވުނެވެ.
"ވަރަށް މިސްވާނެ..." އަފްލީން ދެރަވެލާފައި ބުނެލި އެވެ.
"އަފޫވެސް ދޯ... ބަލަ އަހަރެން މިދަނީ ދުނިޔެ ދޫކޮއްފައެއް ނޫނެއްނު، އަފޫ އާއި ޝާއިންގެ ގާތަށް އަންނާނަމޭ، އޭރުން މިސްވާކަށް ނުޖެހޭނެއެއްނު ދޯ" ޔޫހާއަށް އަފްލީނުގެ ރާގު ހުރި ގޮތުން ހަގީގަތުގަ ވެސް އޭނަ އެހުރީ ދެރަވެފައިކަން އެނގުނެވެ.
"އެހެންބުނާނެ، އެކަމަކު ޔޫހާ ދިޔައީމަ ދެން ނާދެވޭނެ، ޒައުލް ގަބޫލެއް ނުވާނެ... އަނެއްކާ އަހަރެން ގުޅާލިޔަސް ބުނާނެ ބިޒީއޭ ފަހުން ދޯއޭ، އެއީ ދެން އެންމެން ދައްކާ ބަހަނާއެއްނު..." އަފްލީން އަދިވެސް ޔޫހާގެ އަތުން ދޫކޮއްނުލާ ގަޔާކައިރިކޮށް ހިފަހައްޓާލައިގެން ހުރެ ބުންޏެވެ.
"ހަމަ ތެދެއް މިބުނީ، އަހަރެން އަންނާނަން އަފޫ ގާތަށް، ޔަގީނުން ވެސް ހަފްތާއަކު އެއްދުވަހު އަންނާނަން، ކިޔާން ގޮވައިގެން، އެދުވަސް އެކީގައި އަހަރުމެން ދެމައިން ހޭދަކުރާނީ އަފޫ އާއި ޝާއިން އާއިއެކު... ދެން މޫޑީނުވެ ހީނލަބަލަ" ޔޫހާ ކުޑަކޮށް އަފްލީނާއި ދިމާލަށް އެނބުރިލަމުން ބުނެލި އެވެ.
"ޕްރޮމިސްތަ" އަފްލީން ދުރަށް ޖެހިލާފައި ޔޫހާ އާއި ލޮލާ އަމާޒުކޮއްލާފައި އަހާލިއެވެ. ޔޫހާ އަވަސް އަވަހަށް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލި އެވެ. އަފްލީން ޔޫހާގެ ގައިގާ ބައްދާލި އެވެ. އެންމެ ފަހު ފަހަރަށް އޭނަގެ ދައްތަ އާއި ވަގުތީ ވަކިވުމަކުން ވަކިވާން ޖެހުމުން ހިތްނުތަނަވަސްވެފައިވާ ހާލުގައެވެ. ނަމަވެސް އޭނަ ހުރީ ޔޫހާއަށްޓަކައި އުފަލުންނެވެ. ޒައުލްފަދަ މީހެއްގެ އަންބަކަށް ވުމަކުންނެއް ނޫނެވެ. ޔޫހާގެ މޫނުމަތިން ފެންނަ ހިތްހަމަޖެހުމުގެ ހިނިތުންވުމުގެ ސަބަބުންނެވެ. ޝާއިންގެ ކޮނޑަށް އަތްވައްޓާލައިގެން ހުރެ ޒައުލް އެމީހުންނާއި ދިމާލަށް އައެވެ.
"ޒައުލް..." ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި އަތްއަޅާ ބާރަށް ކޮއްޕާލުމާއިއެކު ލާއިގާ ހަޅޭލަވައިގަތެވެ. ކައިރީގައި ހުރި މަންސޫރާއި މާމަދަރިފުޅު އިލާކުވެސް ދިޔައީ ސިހިގެންނެވެ. މިނޫނީ ދުވަހަކުވެސް ލާއިގާ ބާރަށް އެއްޗެއް ބުނަނިކޮށް އީލާކް އަޑެއް ނާހައެވެ. އެންމެ ގިނައިން ލާއިގާ ރުޅި އަންނަނީ އޭނަ ދެކެއެވެ. އޭނަގެ ކޫސަނި ބޮޑާ ހޭކުމާއި ހެދިއެވެ. ނަމަވެސް ދުވަހަކުވެސް އަޑުގެކޮޅަށް ހަޅޭލަވާފައެއްނުވެއެވެ.
"މާމަ..." ޝާއިންގެ ކޮނޑުން އަތް ނެގުމާއިއެކު ދޮރާދިމާލަށް ޒައުލްއަށް އެނބުރެވުނެވެ. ޒައުލްގެ ދާދި ގާތުގައި ހުރި ޝާއިންއަށް ވެސް ވީ ހަމައެހެންނެވެ. ލާއިގާގެ އަޑާއިއެކު އަފްލީނާއި ޔޫހާވެސް އެދިމާލަށް އަތުވެއްޖެއެވެ. އެދެމީހުން ޒައުލް އާއި ޝާއިންގެ ވާތްފަރާތުގައި ދެ ތިން ފިޔަވަޅު ފަހަތުގައި މަޑުކޮއްލައިގެން ތިއްބެވެ.
"ދަރިފުޅު މޮޔަވީތަ، މީ ކޮންކަމެއްތަ..." ލާއިގާ އައިސް ޒައުލްގެ ކުރިމަތީ ހުއްޓެމުން ބާރަށް ބުންޏެވެ.
"ޔޫހާ އަކީ މިހާރު އަޅުގަނޑުގެ އަންހެނުން" ޒައުލްއަށް ކޮންމެވެސް ވަރެއްގެ ހާސްކަމެއް ލިބިފައިވިއެއްކަމަކު ފަސްޖެހުމެއްނެތި ލާއިގާއާ ކުރިމަތިލި އެވެ.
"ތިހިރީ ހަމަ ރަނގަޅަށްވެސް މޮޔަވެފަ، އަހަރުމެންނާ އޭނަ އާއި އަޅާކިޔޭނެތަ، މިކަމެއް ކުރުމުގެ ކުރިން މީހުން ދެކޭނެ ގޮތަކާއިމެދު ވެސް ވިސްނާލިނަމަ، ކިހާ ނަސޭޙަތެއް ޒައުލްއަށް ދެވުނު، މާމަގެ އެއްވެސް ވާހަކައަކުން މިސިކުނޑި އަށާއި ހިތަކަށް އަސަރެއް ނުކުރިތަ..." ލާއިގާ ޒައުލްގެ ނިތްކުރީގަ އާއި މޭގައި އިނގިލަތަކުގެ ކުރިން ޖަހާލިއެވެ. ޒައުލް އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނަ ލާއިގާ އާއި ޒުވާބު ކުރާކަށް އެއްގޮތަކަށް ވެސް ބޭނުމެއްނުވެ އެވެ.
"ޒައުލް، އާއިލާ އާއިމެދު ވިސްނާލިނަމަ، މާމަ ބުނާ ގޮތަށް ހެދުމަކުން ކަމެއް ގޯހެއްނުވާނެ" މަންސޫރު ބުނ ިއެއްޗަކުން ލާއިގާއަށް އިތުރަށް ހިތްވަރު ލިބުނެވެ. އޭނައަށް އެތަނުގައި ޝާއިން އާއި އަފްލީން ހުރިކަން ވެސް ފާހަގަވިހެނެއް ހިޔެއްނުވެއެވެ. ހަޅޭލަވަމުން ޔޫހާ އާއި ދިމާލަށް ދިޔައެވެ.
"މަގޭ ދަރި ލޫޓުވާލަން ގަސްދުކޮއްގެން ދޯ ތިއުޅެނީ، އަދި ރީތި ހެދުން އަޅާފަ އަގުބޮޑެތިހާ ގަހަނާ އެޅުމަކުން މީހާ ރީތިވީކީ ނޫނޭ... މަގޭ ދަރީގެ ބޮލަށް ސަވާރުވި ގޮތަށް ފައިބާކަށް ވެސް ނޭނގުނު މީޗަކަށް، މީ ހަމަ ރާއްޖެތެރޭ އެއްޗެހިންގެ ފާޑު... މާލެ އާދެވުނީ ދެން ބަލާނީ އަވަހަށް މާލޭގަ ގޯއްޗެއް އޮތް ފައިސާވެރިއަކު އަތުއަޅުވާލެވޭތޯ... ކަލޭގެ ތިރޭވުންގަނޑެއް ކާމިޔާބުވިކަ އަހަންނެއް ނުދޭނަން.... ޒައުލްއަށް ޖެހޭނީ ކަލޭ ވަރިކުރަން... އޭނަ ވަރިކުރޭ ޒައުލް... ވަރިކުރޭ... އަދި އެބަހުއްޓެއްނު މާ މައުސޫމު މީހެއްހެން އިސްޖަހައިގެން...ކަލެއަކާ މިކަހަލަ އަގުބޮޑު އެއްޗިއްސަކާ ނުގުޅޭ..." ކުއްލިއަކަށް ފެނުނީ ލާއިގާ ޔޫހާގެ ކަރުގައި އޮތް ދޯޕައްޓާ ދަމައިގަތްތަނެވެ. ސިހިގެން ގޮސް ބިރުގަތް ޔޫހާއަށް އޭނަގެ ދޯފައްޓާގައި ހިފައްޓާލެވުނެވެ. ނަމަވެސް ލާއިގާ އެއްއަތުން ނުވުމުން ދެއަތުން ހިފާދަމައިގަތެވެ. އެއާއިއެކު ތޫނު ތަދެއް ޔޫހާގެ ކަރަށް އިޙްސާސްކުރެވިގެންދިޔ ައެވެ. ތުނުތުނި ދޯޕައްޓާގައި ހުރި އެސްތަކާއި ފޮތީގެ ތޫނުކަމާއިއެކު ޔޫހާގެ ކަރު ކުޑަކޮށް ހަލާކުވީ އެވެ. ބިންމައްޗަށް ދޯޕައްޓާ އެއްލާލުމާއިއެކު އެ ނުވެއްޓެނިސް ޔޫހާގެ ކަރުގައި އޮތް ފީރޯޒުގެ ބޮޑު ހާރުގައި ހިފާ ދަމައިގަތެވެ. އެންމެންގެ ދެލޯ ބޮޑުވެފައިވެ އެވެ. ލާއިގާގެ ހަރަކާތްތައް ވަރަށް އަވަހެވެ. މަންސޫރު އާއި ޒައުލްއަށް ދެވުނީ ލާއިގާ އާއި ދިމާލަށެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުރި އަފްލީނަށް ޔޫހާގެ ގައިގާ އެއްފަރާތަކުން ބާރަށް އޮޅުލައިގަނެވިއްޖެ އެވެ. ލާއިގާގެ އަތް އޮތީ ޔޫހާގެ ކަރުގައި އޮތް ހާރުގަ ހިފަހައްޓާފަ އެވެ. ޔޫހާވެސް އޭނަގެ ކަރުގައި އޮތް ހާރުން ލާއިގާގެ އަތް ނައްޓަން މަސައްކަތް ކުރިއެވެ. އެކަމަކު އެކަންވީ ނާކާމިޔާބެވެ. ބަލަބަލާހުއްޓާ ހާރުގެ އެކިއެތިކޮޅު އެކިތަނަށް ބުރައިގެން ގޮސް ކަރުން ސޮއްސައިލައިގެން ދެން އޮތްބައި ވެސް ވެއްޓިޖެއެވެ. އެހިނދު އާހެއްގެެ އަޑު ޔޫހާގެ އަނގައިން ނުކުތެވެ.
"މަންމާ..." މަންސޫރުގެ އަޑު ކޮޓަރިތެރޭ ގުގުމައިގެން ދިޔައެވެ. ޒައުލްއަށް މަންސޫރަށް ބަލާލެވުނެވެ. އޭނަގެ ބައްޕަގެ ހަރުކަށިކަމުން ފުރިގެންވި އެއަޑު މީގެކުރިން ނީވުނީ ކީއްވެބާއޭ ޒައުލްގެ ހިތުގައި ސުވާލު އުފެދުނެވެ. ލާއިގާ ބޭނުނ ްގޮތަކަށް ހުރިހާ ކަމެއް ނިންމާއިރު އެއްފަހަރުވެސް ޒައުލްގެ ނަޒަރުން އޭނަގެ ބައްޕަ ވިސްނާލާނެ ނަމައޭ އޭނަގެ ހިތަށް އެތަށް ފަހަރަކު ވަނީ އަރާފައެވެ. މިވަގުތު މަންސޫރު އޭނަގެ ނިންމުމާއި އެއްކޮޅަށް ހުންނާނެހެން އޭނައަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. ލާއިގާގެ ގައިގާ ހިފައިގަނެގެން އޭނަގެ ހުރި ހަމައެކަނި ދަރިފުޅާއި މާމަދަރިފުޅު އޭނަ ދުރުކުރަން އުޅުނެވެ. އެހެންނަމަވެސް އޭނަވެސް ގަދަހެދިއެވެ. ޔޫހާގެ ގަޔަށް އަތް އެއްލަނިކޮށް ދެންހިފުނީ ޔޫހާގެ ކަރުވަޅުގައެވެ. އަފްލީންއަށްވެސް އެތަންފެނި ލައިގާގެ އަތުގައި ހިފެހެއްޓިއެވެ.
"ރާސް..." އެއަޑާއިއެކު ޔޫހާގެ ކަރުވަޅުން ހެދުމުގެ އަތާދިމާލަށް އެއްފަރާތުން އިރައިގެން ދިޔައެވެ. އެއާއިއެކު ޔޫހާގެ ހަޅޭކުގެ އަޑުވެސް އިވުނެވެ. ޒައުލްއަށް މަޖުބޫރުވީ ލާއިގާގެ އަތުގައި ހިފައިދަމައިގަންނާށެވެ. އަދި ލެވުނު ހާ ބާރަކާއިއެކު ލާއިގާގެ ގައިގާ ހިފާ ދުރަށް ޖައްސާލި އެވެ. ލާއިގާއަކީ ވެސް އިސްކޮޅުން ބޮޑު އަންހެނެކެވެ. ޒައުލްގެ އެހަރަކާތުން ލާއިގާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ސިހިފައި ޒައުލްއަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. ދުރުގައި ހުރި އީލާކްއަށް ޔޫހާގެ ހާލުފެނުމާއިއެކު އަނގަމަތީ އަތްއަޅާލެވުނެވެ. އިރައިގެންގޮސްފައިވާ ބައިން ޔޫހާގެ ހާމަވެފައިވާ މޭމަތީގެ އެއްފަރާތް ނިވާކުރެވޭތޯ އޭނަ މަސައްކަތްކުރީ އެންމެނަށް ފުރަގަސްދީގެން ހުރެއެވެ. އޭރު އޭނަގެ ދެލޯ ފުރެމުންދިޔަ އެވެ. ޒައުލް ލާއިގާ ގައިން ދޫކޮއްލުމާއިއެކު ބިންމައްޗަށް ވެއްޓިފައި އޮތް ދޯޕައްޓާ ހިފައިގެން އައިސް ޔޫހާ ގައިގާ އޮޅާލަން އުޅުނެވެ. އެހިނދު ޔޫހާ ދުވެފައި ގޮސް ފާހާނާއަށް ވަދެ ދޮރުލައްޕާ ތަންޑުއެޅުވި އަޑުއިވުނެވެ. ޒައުލްގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ.
"މާމަ ކޮންމެ އެއްޗެކޭ ބުންޏަސް ޔޫހާ އަކީ އަޅުގަނޑުގެ އަންހެނުން، ދުވަހަކުވެސް ވަރިއެއް ނުކުރާނަން، މާމައަށް ކަމުނުދިއުމަކީ އަދި އެހެން ކަމެއް، އަޅުގަނޑު ބޭނުމެއް ނޫން ޔޫހާގެ ގައިގާ މާމަ ދުވަހަކު ވެސް އަތްލާކަށް... މާމަ އާއި ޔޫހާ ހިޔާރު ކުރަން ޖެހިއްޖެނަމަ އެކަންވެސް އަޅުގަނޑު ކުރާނެކަން ހަނދާންކުރާތި..." ޒައުލްގެ އަޑުގައިވި ހިތްހަމަނުޖެހުމާއި ރުޅިވެރިކަން މަންސޫރަށް ނަގައިގަނެވުނެވެ. އިތުރަށް އެތަނުގައި މަޑުކުރާނަމަ ކަންތައްތައް ވަރަށް ގޯސްވެދާނެކަމުގައި މަންސޫރަށް ހީވީއެވެ.
"މަންމާ... ހިނގާ ގެޔަށް، މިތާނގަ މަޑުކުރާނެ ކަމެއްނެތް" މަންސޫރު އަޑުހަރުކޮށް ބުނެލި އެވެ.
"ދަރިފުޅުމެންގެ މަންމަ ތިކުދިން ކުޑަކުޑައިރު ދޫކޮއްލާފަ ދިޔައީމަ އަހަރެން ކަލޭމެނ ބެލީ މިގޮތަށް އުޅެންތަ، އެބަ ފެނެއެއްނު މަންސޫރު... ކަލޭ ނިކަން ދެކިބަލަ، ހުރި ހަމައެކަނި ފިރިހެން ދަރީގެ ގައިގަ އެވަނީ އޭނަ މަންމަގެ ކިލަނބުވެފައިވާ ލޭ... އެނުބައި ހަރުފައިގެ ވިހަ މިފެންނަނީ... އަނެއްކާ ވެސް އެކަހަލަ ހަރުފައެއްގެ ވިހައިގެ އަސަރު ފެންނަންނަން މިއުޅެނީ، އެކަހަލަ ދުވަހެއް އަލުން ބަލަން ޖެހިދާނެތީ އެކަމާ އަހަރެން ހުރީ ބިރުން، އެކަމަކު މިފެންނަނީ އަލުން އެކަންތައް ތަކުރާރުވާތަން، ޒައުލްއަށް ޖެހޭނީ އަހަރެން ޒައުލްއަށް ކޮއްދިން ހުރިހާ ކަމެއްގެ އަގު އަދާކުރަން..." ލާއިގާ އަދިވެސް އަޑުގަދަ ކުރަނީ އެވެ. ރުޅި އާއިއެކު މީހާ ދާހިތްލާ ފޯވެ އޭނަގެ ދެލޯވެސް ރަތްވެފައި ހުއްޓެވެ.
"މަންމާ..." މަންސޫރު އަނެއްކާވެސް ލާއިގާއަށް ބާރަށް ގޮވާލީ ދެން ހުއްޓާލާށޭ ބުނާ ކަހަލަ ގޮތަކަށެވެ. އަދި ލާއިގާގެ ގައިގާ ހިފަހައްޓައިގެން އެކޮޓަރިން ނުކުމެއްޖެއެވެ. ނުކުންނަމުން އީލާކުއަށް ވެސް ގޮވިއެވެ. އޭނަ ހުރީ ލިބުނު ސިހުމާ ހައިރާންކަމާއިއެކު ބުނާނެ އެއްޗެއް ނޭނގިފައެވެ. ބަސްއަހައިގެން އަވަސް އަވަހަށް މަންސޫރުގެ ފަހަތުން ހިނގައިގަތެވެ.
އައިސްފަ ހުރި ރުޅިން ދޮރު ބާރަށް ޖެހުމާއިއެކު ބޮލުގެ އިސްތަށިގަނޑުގައި އަވަސް އަވަހަށް އަތްހާކާލަމުން ޒައުލް ޗޮކެއް ކަނޑާލިއެވެ. ކިޔާން ހޭލައިގެން އުޅޭކަން ވެސް އޭނައަށް އެނގުނީ ފާހާނާ އާއި ދިމާލަށް އައުމުންނެވެ. އޭރު ޝާއިން ކިޔާން އުރާލައިގެން އެނދުކައިރީ ހުއްޓެވެ.
"އައި އެމް ސޮރީ..." ޒައުލް ޝާއިންއަށް ބަލާލަމުން ބުނެލި އެވެ. އެހުރިހާ ކަމެއް ޝާއިން އާއި އަފްލީންގެ ކުރިމަތީ ހިނގީމައެވެ. އެއީ އޭނަ ބޭނުންވި ގޮތެއް ނޫނެވެ.
"އަހަންނަށް ކުރިންވެސް އެނގޭ ޒައުލްގެ މައިންބަފައިން ގަބޫލުވެގެން ކުރެވޭ ކައިވެންޏެއް ނޫންކަން މީ، އެކަމަކު މިވަރު ވާނެއެކޭ ހިތަކަށް ނާރާ... އަވަހަށް ޔޫހާ އޯކޭ ވޭތޯ ބަލަންވީނު... އަހަރުމެންނަށް ލަހެއްނުވޭ..." ރޮމުން ދިޔަ ކިޔާން ގޮވައިގެން ހުރެ ބުނެލި އެވެ.
"ޔޫހާ އާއި އަހަރެން ވާހަކަ ދައްކާނަން، ޝާއިންމެން ގެއަށް ދާންވީނު... މިރޭ އަހަރުމެން މިކޮޅުގައެއް ނޫނެއްނު ތިބޭނީ، ހެނދުނުން އެކޮޅަށް ދާން ފުރުން ވެސް އޮތީ، ގެނޭ ކިޔާން މަގޭ އަތަށް" ޒައުލް ބުނެލިއެވެ. ޝާއިން ޒައުލް ބުނި އެއްޗަކަށް ބޯޖަހާލުމާއިއެކު ޒައުލްއަށް ކިޔާން ދިއްކޮއްލައިފި އެވެ. އެހިނދު ކިޔާންވެސް ޒައުލްގެ އަތުގެ ތެރެއަށް ދިއުމަށް އަތްދިއްކޮއްލީ އެކަމަށް ނުހަނު ބޭނުންވެފައި ހުރި ހެންނެވެ.
"އޯ މައި ގޯޑް... ވަޓް ޖަސްޓް ހެޕެން" ޝާއިން އެކޮޓަރިން ނުކުތުމަށް ހިނގައިގަންނަމުން އަފްލީނަށް ވެސް އައުމަށް އިޝާރާތް ކުރުމުން އޭނަގެ ދަބަސް ހިފައިގެން އައިސް ޝާއިން އާއި އަރާހަމަވުމުން ބުނެލި އެވެ. އެއާއިއެކު ޝާއިން އޭނަގެ ލޮލުގެ އިޝާރާތުން އެވާހަކަ ނުދެއްކުމަށް ބުންޏެވެ. އަފްލީން އިތުރަށް އެއްޗެއް ބުނަން އުޅެފަވެސް ފަހަތުން އައި ޒައުލްއަށް ބަލާލާފައި ހިނިތުންވެލަމުން އަވަސް އަވަހަށް ޝާއިން އާއިއެކު ހިނގައިގަތެވެ.

ޒައުލް ކޮޓަރީގެ ދޮރު ލައްޕާ ތަޅުލުމަށްފަހު ކިޔާން އުރާލައިގެން ހުރެ އޭނަ އާއި ވާހަކަ ދައްކަމުން ސޯފާ އާއި ދިމާލަށް އައެވެ. އަދި އެތަނުގައި ހުރި އެންމެ ބޮޑު ސޯފާގައި އިށީނދެ ފައިދަމާލާފައި އުނގުގައި ކިޔާން ބޭންދުމަށްފަހު ބައްދާލި އެވެ. ކިޔާން ޔޫހާ ކޮބައިތޯ ސުވާލު ކުރަން ފެށުމުން މަންމަ ފާހާނާގައި ކަމަށް ބުނެ ޒައުލް ކިޔާން ހަމަޖައްސާލި އެވެ. އަދި ކިޔާންގެ ގާތު ލޯމަރާލައިގެން އަވަހަށް ނިދާލުމަށް ބުންޏެެވެ. ގިނަ އިރުތަކެއްނުވެ ކިޔާންގެ ހަށިގަނޑު ޒައުލްގެ އަތުގެތެރެއަށް ދޫވެގެން ދިއުމާއިއެކު ދަރިފުޅު ނިދީކަން ޒައުލްއަށް ޔަގީންވި އެވެ. އަވަސްވެފައިވާ ހިތަކާއިއެކު މަޑުމަޑުން ތެދުވެ އެ ސޯފާގައި ކިޔާން ބާއްވާލި އެވެ. ކުޑަވަރެއްގެ އެނދެކޭ އެސޯފާއެކޭ އެއްވަރެވެ. ކިޔާންއަށް އުނދަގުލަކާއި ނުލާ އެތަނުގައި އޮވެވޭނެކަން ޒައުލްއަށް އެނގޭތީވެ އޭނަ ދެން އަވަސްވެގަތީ އެނދު ކައިރީ ހުރި ކަބަޑަކާއި ދިމާލަށް ދިއުމަށެވެ. އެކަބަޑުގެ ތެރެއިން ބޮޑު ރަޖައެއް ނެގުމަށްފަހު އެނދުމަތިން ކުޝަން އެއް ހިފައިގެން އައިސް ކިޔާންގެ ބޯދަށަށް ލައްވާލުމާއިއެކު ގައިގާ ރަޖާއަޅާ ފޮރުވާލައިފި އެވެ.
"ޔޫހާ..." އުނަގަނޑުގައި އެއްއަތް ވިއްދާލައިގެން ފާހާނާގެ ދޮރުމަތީ ހުރެ ޒައުލް ގޮވާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނައެވެ. ޔޫހާ އާއިމެދު ކަންތައްވީ ގޮތުން ޒައުލް ހުރީ ވަރަށް ދެރަވެފައެވެ. މާމަ ޔޫހާ ދެކެ ރުޅި އަންނަ ސަބަބަކީ ޒައުލްއަށް އެއްގޮތަކަށްވެސް ގަބޫލުކުރެވޭ ފަދަ ސަބަބެއް ނޫނެވެ. ޔޫހާ އޭނައަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރުވައެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު