ޤައުމަށް ފައިދާ ބޮޑުވާނީ 2013ގެ އިންތިހާބްގައި ނަޝީދު ވާދަކުރެއްވުން!

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުނީ ބަޣާވާތަކުން ކަމަށް އެމްޑީޕީ އިން ތުހުމަތުކުރާތީ އެ މައްސަލަ ތަހުގީގްކޮށް ބެލުމަށްޓަކައި ރައީސް ޑރ. ވަހީދު ވަނީ ކަމިޝަނެއް އުފައްދަވާފަ އެވެ. މި ކަމިޝަނަށް ކިޔަނީ އިންކްއަރީ ކަމިޝަނެވެ. މިދެންނެވި ކަމިޝަނުގައި ކުރީގެ ރައީސް ނަޝީދުގެ ފަރާތުން ވެސް މަންދޫބަކު ހިމެނިފައިވެ އެވެ. އަދި މިކަމިޝަން އެކުލެވިފައިވާ ގޮތާ މެދު ކޮމަންވެލްތުން ވެސް ވަނީ ހިތްހަމަޖެހޭ ކަމުގައި ބުނެފަ އެވެ. އެހެން ކަމުން އިންކުއަރީ ކަމިޝަނުގެ މުސްތަގިއްލުކަމާއި މެދު ހުރިހާ ފަރާތަކުން ވެސް މިހާރު އެއްބަސްވެ އެވެ.

މިދެންނެވި ކަމިޝަނުގައި ސިންގަޕޫރުގެ ރިޓަޔާޑް ފަނޑިޔާރަކު ހިމަނާފައިވަނީ ވެސް ކަމިޝަން ބޮޑަށް މުސްތަގިއްލުކުރުމުގެ ނިޔަތުގައެވެ. އިންކުއަރީ ކަމިޝަނުން ނަގަންޖެހޭ ބަޔާންތަކެއް ނަގައި ކުރަންޖެހޭ ދިރާސާތަކެއްކޮށް މައްސަލަ އާއި މެދު ކަމިޝަނުން ވަކިގޮތެއް ނިންމުމަށް ފަހު ފައިނަލް ރިޕޯޓު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މި ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. ކަން މިހެން އޮތް އިރު އިންކުއަރީ ކަމިޝަނުން ނިންމާ ކޮންމެ ނިންމުމެއް ގަބޫލުކުރައްވާނެ ކަމުގައި ކުރީގެ ރައީސް ނަޝީދު ވަނީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފަ އެވެ. އަދި ޖުލައި 4 ވީ ބުދަދުވަހު ނަޝީދުވަނީ އިންކުއަރީ ކަމިޝަނަށް ހާޒިރުވެވަޑައިގެން ނަޝީދު ދެއްވަން ބޭނުންފުޅު މައުލޫމާތު އެކަމިޝަނަށް ދެއްވާފައެވެ.

ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަން ބަދަލުވުމުން ހިނގައި ދިޔަ ކަންތައްތަކުގެ ތެރޭގައި ކޮންމެވެސް ވަރަކަށް "ޗާޓުން ބޭރު" ބައެއް ކަންތައްތައް ހިނގާފައި ހުރެދާނެ އެވެ. ނަމަވެސް ހުރިހާ ކަމެއް ޖަމްއުކޮށް ބަލާއިރު އެދުވަހު މިގައުމަށް އައި ބަދަލަކީ ބަޣާވާތެއް ކަމަށް މާނަ ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ޖުލައި 31 ގައި އިންކުއަރީ ކަމިޝަނުން ނިންމާނީ ވެސް މިގޮތަށް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެ އެވެ. ކަމިޝަނުގެ ނިންމުން ގަބޫލުކުރައްވާނެ ކަމަށް ރައީސް ނަޝީދު އެވިދާޅުވީ ނަޝީދަށް ވެސް އެކަން އެގޮތަށް ވިސްނޭތީ ކަމަށް ފެނެއެވެ.

ކަމިޝަނުގެ ރިޕޯޓު ސަރުކާރާ އެއްކޮޅަށް ނިމިއްޖެ ނަމަ ރައީސް ނަޝީދު އެކަން އެގޮތަށް ބަލައިގެންނެވިޔަސް ގައުމު ހަލަބޮލި ކުރެއްވުމުގައި ފަސްޖެހިވަޑައިގަންނަވާނެ ކަމަކަށް ނުފެނެ އެވެ. އެމްޑީޕީގެ މުޒާހަރާތައް ޖުލައި 31 އަށް ފަހު ހުއްޓާނެ ކަމަކަށް ވެސް ނުފެނެއެވެ. އެމްޑީޕީ ގެ ބަސްމަގު ބަދަލުވާނެ ކަމަކަށް ވެސް ނުފެނެ އެވެ.

އިންކުއަރީ ކަމިޝަންގެ ރިޕޯޓަށް ފަހު ގައުމު މިސްރާބު ޖަހާނެކަމަށް ފެންނަނީ ދެކަމަކާ ދިމާއަށެވެ. އެއީ 2013ގެ ރިޔާސީ އިންތިހާބާއި ދިމާއަށާއި ރައީސް ނަޝީދު ހިންގަވާފައިވާ ނަމަ ވާނީ ޣައިރު ޤާނޫނީ ކަންތައްތަކަށް އިންސާފު ހޯދުމާއި ދިމާ އަށެވެ.

މިހާރު ވެރިކަން ކުރާ އިއްތިހާދުގެ ތެރޭ ކަންތައް ހުރިގޮތަށް ބަލާއިރު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިއްތިޙާދުގެ ފަރާތުން އެއް ކެންޑިޑޭޓަކު ކުރިމަތި ލެއްވުމަކީ ނާދިރުކަމެއްކަމަށް ފެނެއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މިހާރުގެ ރައީސް ޑރ. ވަހީދު ކުރިމަތި ނުލައްވާނެ ކަމަށް ކުރިން އިޝާރާތް ކުރައްވާފައި ވިޔަސް އެ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ. ސުވާލަކީ ޑރ. ވަހީދު 2013ގައި ރައީސް ކަމަށް ވާދަކުރައްވާ ނަމަ އެއީ ކޮން ޕާޓީއެއްގެ ފަރާތުންތޯ އެވެ؟ ބައެއް މީހުން ގަބޫލުކުރާގޮތުގައި ޑރ. ވަހީދު ވާދަކުރައްވާ ނަމަ ވާދަކުރެއްވުން އެންމެގާތީ ޕީޕީއެމް ގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.

ޕީޕީއެމްގެ އެންމެ ބާރުގަދަ ފަރާތަކީ ކުރީގެ ރައީސް މައުމޫނު ކަމުގައި ވިޔަސް އެމަނިކުފާނު 2013 ގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަކަށް ނުބެލެވެ އެވެ. އެހާލަތުގައި އެމަނިކުފާނުގެ ކޮއްކޯފުޅު ޔާމިން އަބްދުލް ގައްޔޫމަށް ތާއިދުކުރާ ފަރާތްތަކުން ޕީޕީއެމްގެ ކެންޑިޑޭޓަކަށް ޔާމީން ނަގަން މަސައްކަތް ކުރިޔަސް މައުމޫން އެކަން އެންޑޯޒް ކުރައްވާނެ ކަމަކަށް ނުފެނެ އެވެ. ރިޔާސީ އިންތިޚާބު ފަސޭހަކަމާ އެކު ކާމިޔާބު ކުރެވޭ ފަދަ ވަރުގަދަ ޝަހުސިއްޔަތެއް މައުމޫނު ނޫނިއްޔާ ޕީޕީއެމް ގައި މިވަގުތަކު ނެތެވެ. ޑރ. ވަހީދު އެޕާޓީއާއި ގުޅިވަޑައިގެން، ވަހީދުގެ ރަނިންމޭޓަކަށް ޔާމީން ހަމަޖައްސަވައިގެން ޕީޕީއެމް 2013 ގެ އިންތިހާބާއި ކުރިމަތިލެއްވުމަކީ ވެސް ދުރުކަމެއް ނޫނެވެ.

ޑީއާރުޕީ އަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދިވެސް ކޮންމެވެސް ވަރެއްގެ ބާރެއް އޮތް ޕާޓީއަކަށް ވިޔަސް އެއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފަދަ ޕާޓީއެއްކަމަކަށް ނުފެނެއެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ސަޕޯޓް ލިބޭ ކޯލިޝަން ޕާޓްނަރަކަށް އެކަމުގެ ފައިދާ ކުރާނެ އެވެ. ސުވާލަކީ ޑީއާރުޕީ ހިމެނޭ ކޯލިޝަނަކުން ނުކުންނާނީ ކޮން ކެނޑިޑޭޓެއް ބާއެވެ؟ ޑރ. ހަސަން ސައީދުބާއެވެ؟ ހަމައެކަނި ޑީއާރުޕީގެ ތާއީދާ އެކު ޑރ. ހަސަން އަކަށް ވެސް މާބޮޑު ކާމިޔާބެއް ހޯދިދާނެ ކަމަކަށް ނުފެނެ އެވެ.

އެހެން ކަމުން ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީ އާއި ޑީއާރުޕީ ގުޅިގެން ކޮންމެވެސް އެހެން ބޮޑު ޕާޓީއަކަށް އިއްތިހާދުވުމަކީ ވެދާނެ ކަމެކެވެ. އެއީ ފަހަރުގައި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީކަމަށް ވެސް ވެދާނެއެވެ.

އަދާލަތު ޕާޓީއަކީ ވެސް ނިސްބަތުން ކުޑަކަމުގައިވިޔަސް ކޯލިޝަންއެއްގެ ތެރެއިން އިންތިހާބަށް ބާރުފޯރުވޭ ވަރުގެ މުހިންމު ޕާޓީއެކެވެ. އެހެންކަމުން 2013ގެ އިންތިހާބު ދިރާސާ ކުރާފަރާތްތަކުން މިހާރު ބަލަންތިބީ އަދާލަތު ޕާޓީ ގުޅޭނީ ކޮންބަޔަކާތޯ އެވެ.

އެމްޑީޕީ ނުހިމަނައި ކިޔާ ކަމުގައި ވަނީ ނަމަ ރާއްޖޭގައި މިވަގުތު އޮތް އެންމެ ނުފޫޒުގަދަ ދެޕާޓީއަކީ ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީއެވެ. އެހެން ކަމުން އަދާލަތު ވެސް އަދި ގައުމީ ޕާޓީ ވެސް އަދި ޑީއާރުޕީވެސް ފުރަތަމަ ބުރުގައި އިއްތިހާދުވާނެ ކަމަށް ބެލެވެނީ ޖުމްހޫރީ ޕާޓީ ނުވަތަ ޕީޕީއެމް އާއެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ނަޝީދަށް ބައިވެރިވެވުމުގެ ކުރިން ނަޝީދުގެ މައްޗަށް ކުށެށް ސާބިތުވެ، އިންތިހާބުގައި ބައިވެރި ނުވެވޭނެގޮތެއް ދިމާވެދާނެތޯ، މިއީވެސް ބޮޑު ސުވާލެކެވެ.

ގައުމުގެ ކުރިމަގުގެ ހެވަށް ބަލާކަމުގައި ވަނީނަމަ އެންމެ ރަނގަޅުވާނީ 2013ގައި ނަޝީދަށް ވާދަ ކުރެވުނިއްޔާ އެވެ. އަދި އެފަދަ އިންތިހާބަކުން ނަޝީދު ބަލިކުރުމުގެ ގާބިލްކަން ރާއްޖޭގެ އެހެން ސިޔާސީ ފަރާތްތަކަށް މިހާރު ލިބިފައިވާކަން ޔަގީނެވެ. ނަޝީދު ކުރައްވާފައިވާ ނަމަ ވާ ޣައިރުގާނޫނީ ކަންތައްތަކަށް އިންސާފު ހޯދުމަށް އެންމެ ރަނގަޅުވާނީ 2013 އިންތިހާބަށް ފަހު އެވެ.

އެހެން ނުވެއްޖެ ނަމަ ބައެއް ފަރާތްތަކުން ބުނާނީ ނަޝީދު ބަންދުކުރެވުނީ ނުވަތަ ޝަރީޢަތަށް ހާޒިރުކުރެވުނީ 2013ގެ އިންތިހާބުގައި ވާދަކުރެއްވުނަ ނުދިނުމަށް ޓަކައި ކަމަށެވެ. އޭގެ ބަދަލުގައި 2013ގެ އިންސާފުވެރި ބައްޔަކުން ނަޝީދާއި އެމްޑީޕީ ބަލިކުރެއްވުމަށް ފަހު ޑރ. ވަހީދު ނުވަތަ ގާސިމް އިބްރާހިމް ނުވަތަ ޑރ، ހަސަން ސައީދު ގައުމުގެ ރައީސް ކަމާއި ހަވާލުވެވަޑައިގެންފި ނަމަ ނަޝީދު އާއި އޭނަގެ އައުވާނުން ދެން ދައްކާނެ މާ ބޮޑު އުޒުރެއް ނޯންނާނެ އެވެ. އެފަދަ ދުވަހަކުން، އަނެއްކާ ވެސް މަގުތަކަށް ނުކުމެ ހުތުރު ވައްތަރު ޖައްސަމުން، ޑަބިޔާ ތަޅަމުން، އިންތިހާބުގައި މަކަރު ހެދިއްޔޭ ގޮވަމުން އެކަން ތަހުގީގު ކުރުމަށް ކަމިޝަނެއް ހަދާށޭ ގޮވަމުން ނަޝީދު އާއި އެމްޑީޕީން މަގުތައްމަތީ ދުވިޔަސް އެވާހަކަ އަޑުއަހާނެ ބަޔަކު މިގައުމުގައި ވެސް އަދި ބައިނަލްއަގްވާމީ މުޖުތަމައުގައި ވެސް ނުތިބޭނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް