އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ ދައުވަތެއް ދީޕިކާއަށް

ބަތަލާ ދީޕިކާ ޕަދުކޯން އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ 'ޕަރިކްޝާ ޕެ ޗަރުޗާ' ކިޔާ ޕްރޮގްރާމެއްގައި ނަފުސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން ވާހަކަދެއްކުމުގެ ދައުވަތު ބަތަލާ ދީޕިކާ ޕަދުކޯނަށް ލިބިއްޖެއެވެ.

މި ޕްރޮގްރާމަކީ ދަރިވަރުންނަށް އިމްތިހާން ދުވަސްވަރު އަންނަ ހާސްކަމާއި ކަންބޮޑުވުންތަކާ ކުރިމަތިލާނެ ގޮތް ބުނެދީ ލީޑަޝިޕް ސްކިލް ބިނާކޮށް އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ވަރުގަދަ ކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ކުރިއަށް އޮތް އެޕިސޯޑުގައި ދީޕިކާ ބައިވެރިވެ ދަރިވަރުންނަށް މައުލޫމާތު ދޭނީ ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ނަފުސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ މުހިއްމުކަމުގެ މައްޗަށް ބިނާކޮށެވެ.

މި ޕްރޮގްރާމްގެ ޓީޒާއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވަމުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި އެޕިސޯޑުގައި ބައިވެރިވުމަށް އެދުމުން އެކަން ގަބޫލުކުރީތީ ދީޕިކާއަށް ވަރަށް ޚާއްސަ ޝުކުރެއް ރައްދުކުރައްވާފައެވެ.

އަދި ނަފުސާނީ ދުޅަހެޔޮކަމުގެ މައުޟޫއަކީ އެ ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުން އަމިއްލައަށް އިޚުތިޔާރުކުރި މައުޟޫއެއް ކަމަށް މޯދީގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

ދީޕިކާ ޕަދުކޯން ލިވްލަވްލާފް ޖަމްއިއްޔާގެ އިވެންޓެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ދީޕިކާ ބައިވެރިވި މި އެޕިސޯޑު އިންޑިއާގެ ދޫރުދަރުޝަން ޓީވީއިންނާއި، ޔޫޓިއުބް މެދުވެރިކޮށް ބަލާލެވޭއިރު ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް ފެންނާނެއެވެ.

ދީޕިކާ އަކީ 2014 ވަނަ އަހަރު ޑިޕްރެޝަންގެ ޝިކާރައަކަށްވި މީހެއް ކަމަށާއި އެކަމަށް ފަރުވާ ހޯދުނީ ވަގުތު އޮއްވާ އެކަން ދެނެގަނެވުމުން ކަމަށާއި މައިންބަފައިންނާއި އާއިލާގެ މެމްބަރުންގެ ވަރަށް ބޮޑު އެއްބާރުލުން ލިބިގެން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އަމިއްލައަށް ކުރިމަތިވި ނަފުސާނީ ބަލިކަށިކަމުގެ ތަޖުރިބާގެ އަލީގައި ދީޕިކާ ވަނީ ޖެހިގެން އައި އަހަރު 'ލިވްލަވްލާފް' (އެލްއެލްއެލް)ގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދައިފައެވެ.

މި ޖަމިއްޔާއަކީ ނަފުސާނީ ބަލިތަކަށް އާއްމުން ހޭލުންތެރިކުރުވާ އެ ބަލީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ހިލޭ އެހީ ފޯރުކޮށްދިނުމުގެ މަގުސަދުގައި އިފުތިތާހުކޮށްފައިވާ ޖަމިއްޔާއެކެވެ.

comment ކޮމެންޓް