މާފަށްވުރެ ދުރުގައި

14 ޖުލައި 2012 އާ ގުޅޭ

"ބޭކާރު ވާހަކަ ނުދައްކާ އަހަރެމެންގެ އަމިއްލަ ކަންތައްތަކާއި އުޅުމުގެ ފުރުސަތު ދީފާނަންތަ ބޭބީ؟ އަހަރެން ލޯބިވާވަރު ބުނެދޭން ކިހިނެއް އަހަރެން ހަދާދޭންވީ... އަހަރެންގެ ހިތާއި ފުރާނަ އަދި ހަށިގަނޑަކީ ހަމައެކަނި ތިކުއްޖާގެ ހައްގެއް... ވީއިރު އެހެން އަންހެންކުއްޖެއްގެ ނަންވެސް މިދެމެދަށް ގެނެސްގެންނުވާނެ ދޯ... މިހިތުގައި ތިބުނާފަދަ އެއްވެސް ކަމެއްނެތްކަން... އަހަރެން ކީއްވެ އަހަރެންގެ ލޯބި ދަށްކޮށްލަންވީ؟ ތަނެއްގެ ވެރިޔެކޭ ކިޔާފައި އަހަރެންގެ ލޯބިވާކުއްޖާއާއިމެދު ސްޓާފެއްގެ ގޮތުން އަމަލު ނުކުރާނެކަން ހަމަ ނޭނގުނީތަ؟ ތިގޮތަށް ވާހަކަދައްކަނީ ހަމަ ޅަކަމުން... ހުރޭ ދެން މާގިނަ ދުވަހެއްނެތް... އޭރުން އެގޭނެ އަހަރެން ލޯބިވާވަރު. ވީއިރު އިހަށް އެ ވާހަކަތައް ބާއްވަމާ ހިނގާ... އަހަރެމެންނަށް މިފަދަ ފުރުސަތެއް ލިބެނީކިހާ މަދުން... ބެލްކަނީގައި ތިބެ ވާހަކަ ދައްކާލެވުނަސް މަޖަލެއްނުވޭ..." ރެޔާން މައިރާގެ ފަށުވި އިސްތަށިގަނޑުގައި ކުޅެލަމުން އެއަތުގައި މަޑުމަޑުން ހިފެހެއްޓިއެވެ.
އޭރު ވެސް އެ ކޮޓަރީގެ ދޮރުތަކުން ވާރޭގެ މަންޒަރު ފެނެއެވެ. ރެޔާން މައިރާގެ އަތުގައި ހިފާލައިގެންގޮސް، ހިޔާކޮށްފައިވާ ބެލްކަންޏަށް ނުކުތެވެ. އެތަންވަނީ ތަންކޮޅެއް އަނދިރިކޮށެވެ. ވާރޭގެ ތިކިތައް ވައިގެތެރޭއި ނަށަމުންގޮސް އެތަންމިތަނުގައި ބީއްސާލާއިރު،ފަޒާގައި ތަފާތު ރާގުތައް ކުޅެލާހެން ހީވެއެވެ. އެ ދިމާލުގައި އެލުވާފައިވާ ވާ އެސްޕެރެގަސް ތަކުގައި ފެންތިކިތައް ކުދި ޖަވާހިރުތައް ފަދައިން ވިދާ ބަބުޅަމުން ދިޔައީވެސް އެހާ ނަލަކޮށެވެ. ފަޒާ ވަނީ ފިނިކޮށެވެ. އެހާ އިޝްގީއެވެ.
ފިނި ވައިރޯޅިތައް މައިރާގެ ހަށިގަނޑުގައި ބީހިލުމުން ހީކަރުވާގޮތްވެ ،މޭގައި އަތްބޮނޑިކޮށްލައިފިއެވެ. އެވަގުތު ރެޔާން މައިރާ ގެ ގަނޑުފެންކޮޅެއްފަދަ ފިނިއަތުގައި ހިފާލަމުން ހީފިލުވާލަދެންހޭ އަހާލަމުން ގާތަށް ދަމާލި ގޮތުން މައިރާ ގެ ހިތަށް ވެގެން ދިޔައީ ބުނަން ނޭގޭފަދަ ގޮތެކެވެ. ރެޔާން، މައިރާގެ ރީތިކަމަށް ތައުރީފު ކުރަމުން ލޯބިވާވަރު ބުނެދިނެވެ. ރެޔާންގެ މިފަދަ އިޝްގީ ބައި ފެންނައިރު އެ ރުޅިގަ ދަކަމާއި ގޮތް ދޫނުކުރުން އަދި ގަދަވެގެން އުޅޭބައިގެމަތިން މައިރާ މުޅިން ހަނދާން ނެތުނެވެ. އެއަތުގެ ތެރެއަށް ގަނޑުފެންކޮޅެއް ފަދައިން ވިރިގެންދާން ބޭނުންވި އެވެ. އެ ލޯބީގެ ހިތްގައިމު އަދާތަކާއި ހިތްބަންޑުންވާފަދަ ބަލާލުންތަކުން މައިރާގެ ހިތް ރެޔާންއަށްޓަކައި ފިދާކުރުވި އެވެ.
"ވަރަށް ލަސްވެއްޖެ ދޯ... މަންމަ ކަންތައްބޮޑުވާނެ މާ ލަސްވަންޏާ... ހީކޮށްފާނެ އަހަރެން މޭއިއަށް ގޮތެއް ހަދާލާފާނެއޭ... މިރޭ ކާންވާނީ މިގޭގައި... ހިނގާ ބޮޑު ކޮޓަރިއަށް.." ރެޔާން މައިރާގެ ކޮނޑުން ބޭލިފައިވާ ބްލޭޒާ ލައްވާދެމުން ކޯތާފަތުގައި ފިރުމާލުމުން މައިރާގެ ލޯމެރިގެން ދިޔައެވެ.
"މަންމަ މިއަދު ވާހަކަ ދެއްކިލެއް ރީތިކަމުން ވަރަށް ހައިރާންވެފައި މިހިރީ... އެންމެންނާއެކު ކެވޭނީ ކިހިނެއްތަ؟ ލަދުން މަރުވާނެ..." މައިރާ ހުރީ ރަކިވެފައެވެ. މިއީ ހަޔާތުގައި ރެޔާން އާއިއެކު މިހާ އެކަނިވެރިކޮށް ދިމާވެ އެވަރަށް ލޯބި ލިބި ހިތްފުރޭވަރުވި ފުރަތަމަ ރެއެވެ. ނަމަވެސް ރެޔާން ބުނާ ގޮތުން މިއީ އަދި ފެށުމެވެ. އޭނަ އެމާނަކުރަނީ ކިހިނެއްކަމެއް މައިރާއަކަށް ނޭގެއެވެ.
"ދުވަސްކޮޅެއް ފަހުން ބޭބީ ވެސް މިގޭ މީހަކަށްވާނެ... އެދުވަހަކަށްޓަކައި ޕްރްކްޓިސް ނުކުރަންޏާ މާރަކިވާނެ... މިހާރުވެސް ތިހިރީ ޗެރީއެއްހާ މޫނުމަތި ރަތްވެފައި... ހޫމް މަންމަ ދޯ... އެއީ ވަރަށް މަޖާ ކަމެއް އިނގޭ... އަހަރެން މަންމަ ގާތުގައި މައިރާ އާއި ރައްޓެހިވެގެން އުޅޭވާހަކަ ބުނާއިރަށް މަންމަ ވަރަށް ހައިރާންވެފައި ހޭން ފެށީ... މަންމަ ބުނިގޮތުން ތަންކޮޅެއް ކުރިން އެއްފަހަރު ސުލްތާނާ ބޮޑުދައިތަ ކާރިން މަންމަ ވަނީ ފަރުޒާން އާއި މައިރާ ގެ ކާވެނިކުރުވަން އަހާފައި... މަންމަ ބުނީ އަޔާނާ އަށް ކުއްޖެއް ނުލިބެންޏާ ދެން ދޮންބެ ރަނގަޅުވާނީ ދެއަންބަށް މީހަކާއި އިނީމައޭ... .ސުލްތާނާ ބޮޑުދައިތަ ބުނިކަމަށް ވަނީ މައިރާ ގަބޫލެއް ނޫނޭ... އެހެންވެ އެފަހުން މަންމަ މައިރާ ފެނުނަސް މާ ރުޅިގަދަވަނީއޭ... މަޖާކަމެއްނު.. .މިހާރު މަންމައަށް ހަގީގަތް އެގުނީމަ ބުނީ ވީހާވެސް އަވަސްކުރައްޗޭ... ޖެނުއަރީ ޖެހެންދެން މަޑުކުރާނެ ކަމެއް ނެތޭ... ކިހާ ސްވީޓް މަންމައެއް..." ރެޔާން ބެލްކަނީގެ ފުޅާ ދޮރުތައް ކައްސާލުމަށްފަހު ފަރުދާތައް ވެސް ދަމާލައިފިއެވެ. މައިރާއަށް ބަލަހައްޓައިގެން ހުރެވުނީ ލޯބީގެ ނަޒަރަކުންނެވެ. ރެޔާންގެ ކޮންމެ އަދާއެއްގައި ހުރީ ފިރިހެންގޮތެކެވެ. އެ އަތުގެ ހިމާޔަތް އޭނައަށް ލިބުނީ އޭނަގެ ނަސީބު ރަގަޅުކަމުންނެވެ. މައިރާ ހިތާހިތުން މި ނިއުމަތަށް ޝުކުރުވެރިވި އެވެ.
ރެޔާން ދެންވެސް ކޮށްލި ލޯބީގެ ސަމާސާއާއި މައިރާގެ ހިތް ރުހުނެވެ. މާމަ ބުނެފައިވަނީ މިއީވެސް ފާފަތައް ކަމަށެވެ. ކުދިކުދި ފާފަތައް ބޮޑު ފާފައަކަށް އަރައިގަންނަން މަގުދައްކަފާނެކަމަށެވެ. ނަމަވެސް މި ފިނި ރޭގައި އެކަނިމާއެކަނި ކޮޓަރީގައި ތިބެގެން މިވަރު ފުރުސަތެއް ލިބުނުއިރުވެސް ރެޔާން ނުބައިމަގަކުން ނުދިޔުމުން މައިރާއަށް ޔަގީންވީ މި ލޯބީގެ މަތިވެރިކަމެވެ. ރެޔާން އޭނައަށް ކުރާ ގަދަރެވެ. ވަކިރެއަކަށް އިންތިޒާރުކުރާކަމެވެ.
އެރޭ މައިރާ ކެއީ އެގެއިންނެވެ. ފައިސަލް ޒިޔާމާ އަދި ފަރުޒާންގެ ދެމަފިރިންނާއި ރެޔާންމެންގެ އަންހެންކޮއްކޮ އީޝަލް ވެސް ކިތަންމެހާވެސް ހެޔޮއެވެ. މައިރާއަކީ ބޭރު މީހެއް ކަމަކަށް ނުދެކުނެވެ. މައިރާއަށް އެއްގޮތަކަށް ވެސް އެގޭ މީހެއް ނޫންކަމުގެ އިހުސާސްކުރުވާކަށް ނުޖައްސައެވެ. މިވީގޮތުން ރަސްމީކޮށް އެދެ އާއިލާ ގުޅުނީއެވެ. އެންމެނަށް އޭނައާއި ރެޔާންއަކީ ލޯބިވެރިންކަން އެންގުނީއެވެ. ދެން އަމުދުން އެ ދެ ލޯބިވެރިންގެ ބައްދަލުވުމަށް އެޅޭނެ ހުރަހެއްނެތެވެ.

މައިރާ އޭނަގެ އެކުވެރި އިއުފާ އާއިއެކީގައި ކާރު ދުއްވާލަން އައީ ބައްޕަގެ ހުއްދަ ހޯދައިގެންނެވެ. ބައްޕަ އިއުފާއަށް އިތުބާރު ކުރީތީ މައިރާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އިއުފާ ހައްލާލައިގެން އައިޒާންއާއި ބައްދަލުކުރެވިދާނެ އެވެ. އިއުފާއަކީ މުއްސަނދި އާއިލާއެއްގެ ކުއްޖެކެވެ. އޭނަގެ ބައްޕައަކީ ސަރުކާރުގެ ޢިއްޒަތްތެރިއެކެވެ. ކާރު އަދި ސައިކަލް ދުއްވުން ފަދަ ކިތަންމެ ކަމެއް އިއުފާ އަމިއްލައަށް ކުރެއެވެ. މައިރާ ކާރު ދުއްވާހިތްވިޔަސް މާމަ ހުއްދަދޭނެހެނެއް ހިޔެއްނުވެއެވެ. މާމަ މެން ދެކޭގޮތުގައި އެފަދަ ކަންތައްތަކަކީ ފިރިހެނުންނަށް ޚާއްސަ ކަންތަކެވެ.
"އިފް ބުނެބަލަ... މެރީކުރަން ރަނގަޅީ ކޮންކަހަލަ މީހަކާތަ؟ މުއްސަދި ގަދަރުވެރިމީހެއްތަ؟ ނޫނީ ފަގީރު ޒުވާނެއްތަ؟ މުއްސަންޖެއްވިއްޔާ ވަރަށް ގަދަކޮށްލާފައި އުޅޭނެ... ފަގީރު މީހެއްވެއްޖެއްޔާ އަނބިދަށުވެފައި ހުންނާނެ ދޯ..."މައިރާ ނިޔަފަތިތައް ހަފަން އިދެ އަހާލައިފިއެވެ. މިވީހާތަނަށް އޭނަ އިއުފާ ގާތުގައި ރެޔާން އާއި ރައްޓެހިވެގެން އުޅޭވާހަކަ ބުނެފައެއްނެތެވެ.
"އަނބިދަށުވެފައި ހުރީމަ ސަޅި ދޯ... އަހަރެންގެ މަންމައާއި ބައްޕަ ވަރަށް ކޫލް... ދެމީހުން އެކަކު އަނެކަކަށް އަދިވެސް ގޮވާލަނީ ހަނީ ނޫނީ ޑާލިން އޭ ކިޔާފައި... ދެމަފިރިން އެއްވަރަކަށް މުއްސަދިއިރު ވެސް ވަރަށް ހަމަޖެހިލައިގެން އުޅެނީ... އެންމެން އެއްގޮތެއް ނުވާނެ އިނގޭ ސްވީޓީ... މުއްސަދި ޕްރިންސް އަކަށްވިޔަސް މޭއި ލިބިއްޖެއްޔާ އަނބިދަށުވާނެކަމީ ޔަގީންކަމެއް... މި އަޅި ދެ ލޮލުގެ ސިހުރުގައި ޖެހިގެން ހަމަ ޕަޕެޓެއްހެން އުޅޭނެ... ޓްރަސްޓްމީ... މޭއި ލިބިއްޖެ ކޮންމެ ފިރިހެނަކު ހުންނާނީ އަޅުވެތިވެފައި... ދީވާނާވެފައި... އުޑުން ތަރިވެސް ބާލަދޭނެ... އުރާލައިގެން ގެންގުޅޭނެކަން ޔަގީން... ތިއީ އެހާވެސް ރީތިކުއްޖެއް..." އިއުފާ ދެއްކި ވާހަކަތަކުން މައިރާ ހިނި އައިވަރުން މޫނުގައި އަތްއެޅިއެވެ.
"އެހެންވާނެނަމަ..."މައިރާ ހެމުން ބުންޏެވެ.
"އެކަމަކު އަހަރެން ވަރަށް ފޫހިވޭ އެ ޓައިޕް މީހުންދެކެ... އިފްއަށް ރަނގަޅީ ތަންކޮޅެއް ގަދަކޮށްލާފައި އުޅޭ ފިރިހެންވައްތަރު މީހެއް..."އިއުފާ އެހެން ބުނުމުން ވަގުތުން މައިރާގެ ހަނދާނަށް ރެޔާންވެރިވިއެވެ. ރެޔާންއަކީ އިއުފާ އެ ބުނާފަދަ ޒުވާނެކެވެ. މައިރާ ކަންބޮޑުވާ ސަބަބަކީ އެއީއެވެ. ރެޔާން އޭނަގެ މުޅި ދިރިއުޅުން ރެޔާން ބޭނުންވާ ގޮތަށް ހައްދަން އުޅެފާނެތީ އެވެ. ހުރިހާކަމަކަށް ނުފޫޒު ފޯރުވާނެތީއެވެ. އަދި އަމިއްލަ އަންހެނުންނަށް ނުވަނީސް އެވަނީ އައިޒާން އާއި އަނގައިން ނުބުނަން އަމުރުކޮށްލާފަ އެވެ. މުޅިން ބާރު ފޯރި ދުވަހަކުން އަދި ކިހާވަރެއްވާނެހެއްޔެވެ؟ ނަމަވެސް މައިރާ ރެޔާންދެކެ ލޯބިވެއެވެ. އިންތިހާއަށް ލޯބިވެއެވެ.އެ ގުޅުން ގިޔާމަތާއި ހަމަޔަށް ދެމިއޮންނަން ވެސް މައިރާ ބޭނުމެވެ. މައިރާ ބޭނުމީ ރެޔާންގެ މިޒާޖު އޭނައަށްޓަކައި ކުޑަކޮށް ނަމަވެސް ބަދަލުކޮށްދިނުމެވެ.
"އެހާ ކަމަކުނުދޭ... އޭރުން ހީވާނީ ސާވެންޓެއްހެން... ލޯބިވެރިންގެ ގޮތުގައި އުޅެވޭނީ ހަމަހަމަވެގެން..."މައިރާ ވިސްނުމެއްގެ ތެރޭގައި ހުރިއިރު އައިޒާންގެ މަތިން ހަނދާންވާ ސަބަބެއް މައިރާއަކަށް ނޭގުނެވެ. ހުވަފެންތަކުންވެސް އައިޒާން އުނދަގޫކުރެއެވެ. ކީއްވެބާވައެވެ.

އިއުފާ ކާރު ޕާކްކޮށްލުމުން ދެކުދިން ފޭބިއެވެ. މައިރާ ލޮލުގައި އަވިއައިނު އެޅިއެވެ. އިއުފާ ހުރީ ގަޔަށް ބާރު ޓޮޕްކާއި ސްކިނީއެއްގައި ކަމުން އެ މޮޑެލްއެއްފަދަ ރީތި ހަށިގަނޑު އިޝްތިހާރަކަށް ފުދެއެވެ. މައިރާ ހުރީ ގަޔަށް ދޫހެދުމަކާއި ޖިންސެއްގައެވެ. ބޭރަށް ދާއިރު ތަންކޮޅެއް އާދައިގެ ހެދުންތައް ލާން ނަސޭހަތްތެރިވީ މޯނާއެވެ. މައިރާ މޯނާގެ އެވާހަކަ ގަބޫލު ކުރިއެވެ. އެބުނާހެން މިފަދަ ހެދުންތަކުގައި ދިއުމުން މީހުންނަށް ހަށިގަނޑުގެ ވަނާތަކެއް ނުފެންނާނެއެވެ. ކިތަންމެ ސާދާކޮށް މައިރާ ހުއްޓަސް އެތައް ބަޔެއްގެ ލޯތައް އެދިމާލަށް ހުއްޓުނެވެ.
ގިނައީ ބަންގާޅީންނެވެ. މައިރާ އެދިމާލަށް ދާހިތް ނުވިނަމަވެސް އެ ރީތިދެލޯ ބޭގަރާރުކަމާއިއެކު ހޯދީ އައިޒާންގެ ގެ ހިޔަނި ނަމަވެސް ފެނިދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އައިޒާން އާއި ކާރިކޮށްލެވޭވަރުގެ ރީތި ސްމާޓް މީހަކުވެސް ނުފެނުނެވެ.

"މޭއި ގެ ތި ޓޮޕިކްއަށް ވަރަށް ފުޅާކޮށް ވާހަކަދެއްކިދާނެ... އަހަރެމެން ތިކަމާއި ޑިސްކަސްކޮށްލާނީ ތަންކޮޅެއް ހަމަޖެހިލައިގެން ތިބެ... މިހިސާބަށް އާދެވުނީމަ ސަބްމެރިންއެއް ނުކައެއް ނުދެވޭނެ..."ދެ ކުދިން މިސްރާބުޖެހީ ބީޗާއި ދިމާލަށެވެ. އެތަނުގައި މިއުޒިކްކުޅެމުންދާތީ ފުދޭވަރަކަށް އަޑުގަދައެވެ. އެކުދިންނާއި ކައިރިން ދިޔަ ފިރިހެން ކުދިންކޮޅެއް މައިރާމެންނާއި ބެހިލަން އެއްޗެކޭ ކިއެވެ. އެހެން ބަޔަކު ދަމުން މައިރާގެ އަތުގައި ބީހިލަން އަތްދިއްކޮށްލިއެވެ. ހީވަނީ ގައިގާ އުގުޅިގެންފާނެހެންނެވެ. މިފަދަ ވަގުތެއްގައި ރެޔާން ހުރިނަމަ އެމީހެއްގެ އަތް އަބުރާލީސްކަން ޔަގީނެވެ. މައިރާ ކުއްލިއަކަށް ނުތަނަވަސްވިއެވެ. އަންހެން ކުދިން އެކަނި މިފަދަ ތަންތަނަށް އައުމަށް ރެޔާން ހުއްދަނުދެނީ މިހެންވެގެންނެވެ. މިއަދު މިތަނަށް އިއުފާ އާއިއެކީގައި އައިކަން އެގިއްޖެއްޔާ ރެޔާން އެތައް މައްސަލައެއް ޖައްސާނެއެވެ. ރެޔާން އާއި ކާވެނިކުރި ދުވަހަކު އޭނައަށް ހަށިފާރަވެރިޔަކު ހަމަޖައްސާދޭނެކަން ޔަގީނެވެ. މައިރާ ހިނިއަންނަގޮތްވި އެވެ.

ސަބްމެރިން އަށް އޯޑަރ ދީފައި ދެކުދިން، މައިރާ ހުޅުވާލި މައުޟޫއަށް ވާހަކަދައްކަން ފެށިއެވެ. އެންމެ ފަހުން އިއުފާ އޭނަގެ ކުރީގެ ލޯބިވެރިޔާ ޒައިންގެ ވާހަކަ ކިޔާދިނެވެ. އިއުފާ ޒައިން ދެކެ ވަރަށް ލޯބިވި ކަމަށާއި ނަމަވެސް ފަހުން އިއުފާ އެހެން ކުއްޖަކާއި ވާހަކަ ދެއްކިކަން އެގުމުން ޒައިން ރުޅިވީކަމަށެވެ. ނަމަވެސް އޭރު އިއުފާވަނީ ޒައިންއަށް އޭނަގެ ހުރިހާ އެއްޗެއް ހަދިޔާކޮށްފަ އެވެ.
"އިފޫ.. އަހަންނަށް ގަބޫލެއްވެސް ނުކުރެވޭ... ލޯބިވިޔަސް ދެން އޭނައާއެކީގައި... އަންހެންކުދިންނަށް ނުވިސްނެނީ ދޯ... އަހަރެންގެ ކޮޓަރިއާ ހަމަޔަށް ލޯބިވެރިޔާއަށް ވަދެވޭނީ ހަމައެކަނި ކައިވެންޏަށް ފަހު..." މައިރާ ބޯ ހޫރާލި އެވެ.
"ހޫމް.އެހާ މޮޔަކަމެއް ނުކުރާތި... ލޯބިވެޔޭ ކިޔާފައި ހަގީގަތުގައި އޮޅުވާލައިގެން އެމީހުންގެ ބޭނުމަކަށްވަނީ... ފަހުން ކޮންމެވެސް އެއްޗެކޭ ކިޔާފައި ވަރަށް ފަސޭހައިން ރުޅިވާނެ... މޭއި މީހަކު ދެކެ މޮޔަވާހާ ލޯބިވިޔަސް ފާފައެއް ނުކުރާތި އިނގޭ.."އިއުފާ އެހެން ނުބުނިކަމުގައި ވިޔަސް މައިރާއެވަރު ދަނެއެވެ. އޭނަގެ މާމަވެސް ދޭ އެއް ނަސޭހަތަކީއެއީ އެވެ. އެހެންނޫނަސް މައިރާ ބޮޑުވެފައިވަނީ ފުދޭވަރަކަށް ދީނީ މާހައުލެއްގައެވެ. އަމިއްލަ އިއްޒަތާއު ގަދަރަކީ ކޮބައިކަން ރަނގަޅަށް އެގިހުރެއެވެ. އޭނަ އެއްގޮތަކަށްވެސް އެފަދަ ގޯހެއް ނަހަދާނެއެވެ. އެހެންނޫނަސް އަދި އޭނަ ކައިވެންޏަކަށް ތައްޔާރުވެއްޖެކަމާއިމެދުގައި ވެސް ހިތް ޝައްކެވެ. އެ ދުވަސްކާރިވާވަރަކަށް ކަންބޮޑުވެ ނޭގޭ ހާސްކަމަކާއި ލަދުވެތިކަމެއް އިހުސާސްކުރެވެން ފަށާފައިވެއެވެ. ތަންކޮޅެއް ފަސްކޮށްލަން ހިތް ބޭނުންވެއެވެ. މިއީ ކޮންމެ އަންހެންކުއްޖަކު ވެސް ވިސްނާނެ ގޮތްހެއްޔެވެ؟ ނޫނީ އޭނަ ހިސާބަށް ވުރެ ޅައީ ހެއްޔެވެ؟މިވަރަށް ޖެހިލުންވެ ބިރުގަންނަނީ ކޮންކަމަކާބާވައެވެ. އިއުފާ މެން ހާދަ ހަމަޖެހެއެވެ.
ނަމަވެސް މިއަދު މައިރާ ކޮންމެ ގޮތެއް ހަދާފައިވެސް އައިޒާން އާއި ބައްދަލުކުރަން ބޭނުމެވެ. އައިޒާންއަށްޓަކައި އޭނަގެ ހިތުގައި އުފެދިފައިވާ އިހުސާސްތަކަށް ނަމެއް ދޭން އޭނަ ބޭނުމެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު