12 ޖުލައި 2012 އާ ގުޅޭ

މަންސޫރަށް ޒައުލް އޭނަގެ އަޑެއް ނާހާނެކަން މިހާރު ޔަގީންވެއްޖެ އެވެ. އަނެއްކޮޅުން ލާއިގާގެ ވާހަކަތައް ކޮންމެ ގޮތަކަށް ހުއްޓެއްކަމަކު އޭނަގެ ޒަމީރު ޒައުލްގެ ވާހަކަތަކުގައި ހަގީގަތެއްވާކަން ގަބޫލުކުރަން މަޖުބޫރުކުރުވަމުންދިޔަ އެވެ. އެކަނިމާ އެކަނި ޓެރެސްގެ ރެއިލިންގައި ހިފަހައްޓާލައިގެން މަންސޫރު ވިސްނުމުގެތެރެއަށް ގެއްލިފައި ހުއްޓެވެ. އަރައިގެން އައި އިރުގެ އަވި މޫނަށްއެޅި މޫނުގެ ހަންގަނޑަށް ހޫނުވަމުންދިޔައިރު، ހިފަހައްޓާލައިގެން ހުރި ސައިޖޯޑު ހިހޫވަމުންދިޔަ އެވެ. ތުންފަތުގައި ސައިޖޯޑު ޖައްސާލަން ވެސް ހަނދާންނެތިފަ ހުރި ކަހަލައެވެ. ކަންތައްބޮޑުވެފައިވަނީ ޒައުލްގެ ނިންމުމާއިމެދު ވާހަކަ ދައްކާލާނެ އިތުރު މީހަކު ނެތުމެވެ. ހަޔާތުގެ ކަންތައްތައް ޚިއްޞާކުރާނެ ބައިވެރިއަކު ހުދު އޭނަގެ ވެސް ނެތުމެވެ. ޒަރާނާ މިއަދު ހުރިނަމަ... މިހެން ހިތަށް އަރާ އެތަށް ކަމެއް އެހިތަށް އަރާފައިބަމުންދިޔަ އެވެ.

އިންތިޒާރު ކުރަމުންއައި ވަގުތުޖެހުނުއިރު ޔޫހާގެ ހާސްކަން އިތުރުވެފައިވެއެވެ. ހަޔާތުގެ ފުރަތަމަ ކައިވެނި ކުރަންއުޅޭތީވެ ތަފާތު ކޫސަނި ހިޔާލުތަކުން ސިކުނޑިއަށް ބަރުވަމުންދިޔައެވެ. ޕާކްވިއު ހޮޓެލްގަ ޒައުލްގެ ކޮޓަރީގެ ފާހާނާގައި އެތަށް އިރަކު ޔޫހާ މަޑުކޮއްލައިގެން ހުއްޓެވެ. ދެލޯ މަރާލަމުން ފުން ނޭވާތަކެއް ލަމުންދިޔައީ މީހާ ހަމައަކަށް އެޅެން ބޭނުންވެގެންނެވެ. އޭނަ ހޮޓެލަށް ވަދެގެން އައިއިރު އޭނަ އާއި އަމާޒުވެފައިވާ އެތައް ލޯތަކެއް އަދިވެސް އޭނަގެ ވަށައިގެންވާފަދަ އިޙްސާސެއް ކުރެވެމުންދިޔަ އެވެ. އެމީހުންގެ ސުވާލުން ފުރިގެންވި ނަޒަރުތައް ޔޫހާ އާއި ޒައުލްގެ މޫނުމަތިން ޖަވާބު ހޯދަމުންދިޔަކަން ކަށަވަރެވެ. ޔޫހާގެ ހިތް ބިރުގަންނަނީ ކީއްވެކަމެއް ނޭނގެއެވެ.

"ޔޫހާ..." ފާހާނާގެ ދޮރުގައި ޓަކިޖަހާލުމާއިއެކު އެ އިވުނީ އަފްލީންގެ އަޑެވެ. ކުއްލިއަކަށް ޔޫހާ މަރާލައިގެން ހުރި ދެލޯ ހުޅުވާލުމާއިއެކު ދޮރާދިމާލަށް ބަލާލިއެވެ. އަދި ބަނޑުގައި އެއްއަތުން ބާރަށް ހިފަހައްޓާލަމުން އަނެއްކާވެސް ފުންނޭވާއެއް ލިއެވެ. އަފްލީންގެ އަޑު ދެވަނަ ފަހަރަށް އިވުނެވެ. ދެންއިވުނީ ޒައުލްގެ އަޑެވެ.
"ޔޫހާ...ހުރިހާ ކަމެއް ރަނގަޅުތަ؟ ތައްޔާރުވެވިއްޖެއްޔާ ދޮރުހުޅުވާލަންވީނު" ޒައުލް ބުނެލި އަޑުއިވުނެވެ. ޔޫހާ މަޑުމަޑުން އައިސް ފާހާނާގެ ދޮރު ހުޅުވާލި އެވެ. ޒައުލްގެ އެދުމަށް ޔޫހާ ރީތިކުރުމަށް އައީ އެކަމުގެ ހުނަރުލިބިފައިވި މީހުންނެވެ. ކުޑަކޮށް ހުޅުވިގެން ދިޔަ ދޮރު ޒައުލް ބޮޑަށް ހުޅުވާލިއެވެ. އެހިނދު އަފްލީން އުފަލުން ތުއިގޮތަކަށް ހަޅޭލަވައިގަތެވެ.
"ވާ... ހާދަ ރީއްޗޭ..." ޒައުލްގެ އެއްފަރާތުގައި ހުރި އަފްލީން ބުނެލިއަޑު ޔޫހާއަށް އިވުނެވެ. ޒައުލް ޔޫހާއަށް ބަލަހައްޓައިގެން ހުރީ އެސްފިޔަވެސް ޖަހާލަން ބޭނުންނުވެފަ ހުރިގޮތަކަށެވެ. ދެލޯ ބޮޑުކޮއްލައިގެން ޔޫހާގެ ރީތިކަން އ ެދެލޮލުގެ ތެރޭ ދުރުހަނދާންތަކަކަށް ފޮރުވާލަން ބޭނުންވާ ފަދައަކުންނެވެ.

ރަތާ ފެހިކުލައިގެ ހެދުމުގައި ހަރުކޮއްފައިވާ ކުދިކުދި އެސްތަށްހީވަނީ ކުދިކުދި ޖަވާހިރުތަކެއްހެނެވެ. ޔޫހާގެ ހަށިގަނޑުގެ ލޫޅާފަތިކަމާއި ބަނިޔާދަންކަން އޭނައަށް ބަލާލާ ކޮންމެ މީހަކަށް ހާމަވެގެންދާނެކަން ޔަގީނެވެ. ހެނދުމުގެ ބޮޑުކަރުގެ ސަބަބުން މޭމަތި ހާމަވެފައި ވިޔަސް އެ ދޮން މޭމަތި ފަޅުފިލުވާދީފައިވަނީ އޮފުދާރުކުރެވިފައިވާ ފީރޯޒުގެ ވިދަވިދާއޮތް ހާރަކުންނެވެ. ރީތީގެ ރާނީއެއްފަދައެވެ. ޒައުލް ދިއްކޮއްލި އަތްތިލާގެ ތެރެއަށް ޔޫހާގެ ކުޑަ އަތްތިލަ ވަނުމާއިއެކު ޒައުލް ބާރަށް ހިފާލިއެވެ. ތައުރީފުގެ ބަހެއް ބުނަން ބުނަން ހިތްއެދުނެއް ކަމަކު އެކަމަށްވެސް އޭނަވަނީ ވަގުތެއް ކަނޑައަޅާފައެވެ. އެވަގުތު ޖެހެންދެން އޭނަގެ ހިތުގެ ޝުއުރޫތަކާއި އެންމެހާ އިޙްސާސެއް ކޮންޓްރޯލް ކުރަން މަސައްކަތްކުރަމުންދިޔައެވެ. އެއްވެސް ހުރައެއްނެތި އޭނަގެ އަތުގެތެރެއަށް ޔޫހާ ގެނެސް މިނިވަންކަމާއިއެކު އޭނަގެ ހިތްފުރެދެން އެރީތިކަމުގެ މީރުކަން ލިބޭނެ ވަގުތަށެވެ.
"ހުރިހާ ކަމެއްވެސް ރަނގަޅުވާނެ، ދެން މާގިނަ އިރެއްނެތް، އެންމެން އެބަތިބި އެފަރާތު ސޯފާގައި، ޔޫހާ ނާންނަނިސް ކައިވެންޏެއް ނުކުރެވޭނެއެއްނު... ހިނގާ އަވަހަށް..." ޔޫހާގެ އަތްތިލައިގެ ފިނިކަން ޒައުލްއަށް ވެސް އިޙްސާސްކުރެވެއެވެ. ހުދު އޭނަ ވެސް އެވަނީ ބުނެދޭން ނޭނގޭ ހާލަތެއްގަ އެވެ. ހިތްއަވަސްވެފަ އެވެ. އޮމާންކޮއްލެވިފައިވާ ދަތްދޮޅީގައި އަތްހާކާލުމާއިއެކު ޔޫހާ ގޮވައިގެން އައިސް އެނދުމަތީގައި އޮތް އެސްޖަހާފައިވާ ފެހިކުލައިގެ ތުނިތުނި ދޯފައްޓާ ނަގާ ޔޫހާގެ ބޮލުގައި އަޅާލުމާއިއެކު އެއްފަރާތް ކުރިމައްޗަށް ގެނެސް އަނެއް ފަރާތް ކަރުގެ ވަށާލާފައި ފަހަތަށް ދޫކޮއްލި އެވެ. އަދި ޔޫހާގެ ކޮނޑުގައި ހިފާ ގާތްކޮއްލުމާއިއެކު އެމީހުންގެ ފަސްފަހަތުން އުޅުނު އަފްލީނަށް ދާންވީކަމުގައި ބުންޏެވެ.

ޝާއިންއަށް ސޯފާއިން ތެދުވެވުނީ އިޙްތިޔާރަކާއި ނުލައެވެ. ޔޫހާގެ ރީތިކަން ފެންނަ ކޮންމެ މީހަކަށް އެރީތިކަމަށް ތައުރީފުކޮއްނުލާ ކެތްނުވާނެކަން ގައިމެވެ. މަޑުހިނގުމުގައި ކުރިއަށް އަޅާލާ ކޮންމެ ފިޔަވަޅަކާއިއެކު ހެދުމުގެ ފަސްބައި ވެސް ލަދުން އޮޅެމުން ކަހަލަ ގޮތަކަށް ހޫރެމުންދިޔައެވެ. ބުޅި އިސްތަށިގަނޑުގެ ވިދުން މިއަދު ގަދަހެން ވެސް ހީވެއެވެ. ޒައުލް އާއި ޔޫހާ އިށީނުމަށް ހަމަޖެހިފައިވާ ގޮނޑީގައި އިށީނުމުން ޝާއިން ވެސް އިށީނދެއްޖެއެވެ.

ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އައްޔަދު ދޭތެރެއަކުން އަތުގައި އޮތް ފޯނުން އަނެއްއަތުގައި މަޑުމަޑުން ތަޅާލައެވެ. އޭނަގެ ހާސްކަމާއި ގުޅިފައިވަނީ ޒައުލް އާއި ޔޫހާގެ ކައިވެންޏެވެ. ޒަރާނާގެ އެދުމުގެ މަތިން އޭނަ އެކަމުގެ ތެރެއަށް ނުވަދެ މަޑުކޮއްލައިގެން ހުއްޓެއްކަމަކު ޔޫހާއަށް ދެރައެއް ލިބޭކަށް ނޭދެއެވެ. އަދިވެސް ޒައުލްއަށް އޭނަ އިތުބާރެއް ނުކުރެއެވެ. އަދި ޔޫހާގެ ފަރާތުން އެދެމީހުންގެ ގުޅުމާ ބެހޭގޮތުން މާގިނަ ވާހަކަތަކެއް އެނގިފައެއް ވެސް ނެތެވެ. ޔޫހާގެ ކައިވެނި ކުރެވެނީ މިރޭކަން އޭނަ ޒަރާނާއަށް ސިއްރުކުރިއެވެ. އައްޔަދު އަމިއްލައަށް ނިންމުންތަކެއް ނިންމަމުންދިޔައެވެ. ޔޫހާގެ ކައިވެނި ކުރެވުނަސް އޭނަ ޔޫހާގެ ކަންތައްތައް ބަލާނެ ކަމެވެ. ކިތަންމެ ދުރުންވިޔަސް އެވެ. އޭނަ އާއި ޔޫހާގެ މެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރަން އޭނަ ބޭނުމެވެ.

ރޮޒޭންގެ ފޯނު ކޯލު ނިންމާލިގޮތަށް އީލާކް ދުއްވައިގަތީ ލާއިގާ ހޯދުމަށެވެ. އާދަކޮށް ރޭގަނޑު ކައިގެން ނުކުމެ ސިޓިން ރޫމުގައި ޓީވީ ބަލަން އިން ލާއިގާ ސިހިފައި ސިޑިއާއި ދިމާލަށް ބަލާލީ އީލާކްގެ އަޑު ވަރަށް ވެސް ބާރަށް އިވުމުންނެވެ.
"ތިއަށްވުރެ މަޑުން އީލާކްއަށް ވާހަކަ ނުދެއްކެނީތަ، މާމަ ނުބުނަންތަ ގޭތެރޭގަ އަޑުގަދަ ނުކުރާށޭ، އެހެންނޫނަސް ތީ އަންހެން ކުއްޖެކޭ..." ލާއިގާގެ ކުރިމައްޗަށް އައިސް ހުއްޓުނު އީލާކަށް އެއްޗެއް ނުބުނެވެނިސް ލާއިގާ ބުނެލިއެވެ.
"މާމާ، މާމާ... ރުޅިމަޑުކުރައްވާފަ އަޅުގަނޑު ބުނަނ ްމިއުޅޭ ވާހަކ ައަޑުއަހާލަދީބަލަ، ވަރަށް އިމްޕޯޓެންޓް ވާހަކައެކޭ މީ... ދޮންބެ މެރީކުރަނީ އޯ..." އަތުގެ އިޝާރާތާއިއެކު އީލާކް ދެ ލޯބޮޑުކޮއްލީ ޚަބަރުގެ ހޫނުކަން ލާއިގާއަށް އަންގަން ބޭނުންވި ފަދަގޮތަކަށެވެ.
"ތީ އީލާކު ކޮންތާކުން އަޑުއެހި ވާހަކައެއް" ލާއިގާ އޭނަގެ ގޮނޑީގައި އަދިވެސް ހަމަޖެހިލައިގެން އިނދެ ސުވާލުކުރިއެވެ. މި ފަހަކަށް އައިސް އޭނައަށް އަބަދުއިވެނީ ޒައުލް ކައިވެނި ކުރަން އުޅޭ ވާހަކައެވެ. އެހެންވެ އީލާކު އެހެން ބުނުމުން ވެސް މާބޮޑުކަމަކަށް ނުވީއެވެ. ޒައުލް ކިތަންމެ ވަރަކަށް އެހެން ކީނަމަވެސް އޭނަ އާއި މަންސޫރާ ދެކޮޅަށް ޒައުލްއަށް ކައިވެނިކުރަން ނުކެރޭނެކަމަށް އޭނަ ގަބޫލުކުރެއެވެ. އެއާއި ހިލާފަށް ލާއިގާގެ ހިތަށްއެރީ އޭނަ ޒައުލްގެ ކައިވެންޏަށް ގަބޫލު ނުވެ ޝައިސްތާ އާއި ކައިވެނި ކުރަން އުޅުނީމަ، ޒައުލްގެ ނިންމުމަކަށްވާނީ ދެމީހުންކުރެ އެކަކާވެސް ކައިވެނި ނުކުރުންކަމުގައެވެ.
"މާމާ، ކޮބާތޯ ބައްޕަ، ބައްޕަ ގާތު އެވާހަކަ ނުބުނާނަންތޯ... ހިންގަވާ އަޅުގަނޑާއިއެކު ޕާކްވިއުއަށް، މާމާ، ހަމަތެދެކޭ އަޅުގަނޑު މިބުނީ، ދޮންބެ އެކުއްޖާޔާ މެރީކުރަނީ، މިރޭ މިވަގުތު..." އީލާކް ލާއިގާގެ އަތުގައި ހިފާލިއެވެ. ކަންބޮޑުވެފައި ހުރެއެވެ.
"އީލާކް ކީކޭތަ ތިކިޔަނީ" ލާއިގާގެ އަތަށް އީލާކް ދަމާލުމާއިއެކު ކޮޅަށް ތެދުވަމުން ބުންޏެވެ.
"މާމާ، ސީރިއަސްކޮށޭ... އަޅުގަނޑު ގާތު ބުނީ ރޯޒް، އޭނަ ދޮގެއް ނުހަދާނެ އަޅުގަނޑު ގާތު، މާމަ ޔަގީން ކުރައްވަން ބޭނުންވާނަމަ ޕާކްވިއުއަށް ގުޅިޔަސް އެންމެ ރަނގަޅު، ދޮންބެ މިރޭ މިވަގުތު އެކުއްޖާ އާއި މެރީ ކުރަން އެއުޅެނީ..." ލާއިގާއަށް އީލާކްގެ ވާހަކަ ފަހުމްވީ ދެނެވެ. ހާސްކަމާއިއެކު ލައިގެން ހުރި ހެދުން ކުޑަކޮށް ހިއްލާލައިގެން ކާގެއާއި ދިމާލަށް ހިނގައިގަތެވެ. އަވަސް އަރުވާލާފައި ގޭގައި ގެންގުޅޭ ކުއްޖަކަށް ގޮވާލާފައި ކާރ ދުއްވަން ހަމަޖެހިފައިވާ ޑްރައިވަރުތަކުން ޑްރައިވަރަކަށް ގޮވާލުމަށް ބުނެ އީލާކްގެ ގާތު މަންސޫރުއަށް އެޚަބަރު ދިނުމަށް ބުންޏެވެ. އީލާކް ދުއްވައިގަތީ ސިޑިއާއި ދިމާލަށެވެ. މަންސޫރު އާއި ބައްދަލުވީ ޓެރެސްއިންނެވެ. ބިޒްނަސް މެގެޒިންއެއްގެ ގަނޑުތައް އުކާލަ އުކާލައިން މަންސޫރަށް ވެސް ސިހުން ގެނުވި ޚަބަރަކަށް އީލާކުގެ ޚަބަރުވެގެންދިޔައެވެ. ނިތަށް އަރައިގެން ދިޔަ ރޫތަކާއިއެކު ކައިރިކޮއްލެވިފައިވާ ދެބުމައިން އޭނައަށް ލިބިގެންދިޔަ ހާސްކަން ވަރަށް ސާފުކޮށް ފެނިގެންދިޔަ އެވެ. އީލާކް އާއިއެކު ސިޑިން ފައިބައިގެން އައިއިރު ލާއިގާ ފޯނު ހިފައިގެން ހުއްޓެވެ.
"މަންމާ، އެއީ ތެދެއްތަ... ޒައުލް..."މަންސޫރަށް ރަނގަޅަށް އަހަން ބޭނުންވި އެއްޗެއް ނޭހިގެން އުޅެނިކޮށް ލާއިގާ ވާހަކަ ދައްކަންފެށި އެވެ.
"ޖަމާލުގެ ފޯނުވެސް އޮތީ ނިއްވާލާފަ، ޒައުލްގެ ފޯނުވެސް އޮތީ ނިއްވާލާފަ، އޭނަގެ ކޮޓަރީގަ މީޓީންގެއް ހިނގަމުންދާކަމަށް އެތަނުގަ ތިބި މީހުން ބުނަނީ، އަހަންނަށް ހީވަނީ އެމަންޖެ އެދައްކަނީ ތެދުވާހަކައެއްހެން، އަވަހަށް ހިނގާ ދަމާ، ޒައުލް މިހާ މޮޔަވާނެކަމަށް އަހަރެން އެއްގޮޮތަކަށްވެސް ހީނުކުރަން... އަހަރެން ބޭނުމެއްނޫން އެއަންހެން ކުއްޖާ މިގެއަށް ގެންނާކަށް، ބޯފަޅައިގެންދާވަރުވޭ، ޒައުލް އެއުޅެނީ މޮޔަވެގެން، އެކަމުގެ ތެރެއަށް ބޯ މަހާނުލަނިސް އަހަރުމެންނަށް ދެވޭނަމަ ކިހާ ރަނގަޅު..." ލާއިގާ އާއި މަންސޫރު ސިޓިން ރޫމުން ނުކުމެގެން މަގުމައްޗަށް ނެރުނު ކާރަށް އަރަން އުޅުނެވެ. އެމީހުންގެ ފަހަތުން އީލާކް ދިޔައެވެ. ލިބުނު ޚަބަރެއްގެ ނުބައިކަމުން ލާއިގާ އާއި މަންސޫރަށް އެމީހުންނާއިއެކު އައި އީލާކަށް އެއްވެސް ސަމާލުކަމެއް ނުދެވުނެވެ.

ރޮޒޭންއަށް އީލާކްއަށް ހުރިހާ ވާހަކައެއް ކިޔާދެވުނު އިރު އެއީ ދައްކައިގެން ނުވާވަރުގެ ވާހަކައެއްކަމެއް އެނގުނީ އީލާކްގެ ވާހަކަ ހުރިގޮތުންނެވެ. އޭނަވެސް ހާސްވިވަރުން ޝާއިންއަށް ގުޅިއެވެ. ނަމަވެސް ރިންގުވެފަ ފޯނު ކެނޑެނީ އެވެ. ހީވާ ގޮތުން ޝާއިންގެ ފޯނު ވަނީ ސައިލެންޓަށް ލާފައެވެ. އެހެންނޫނީ ރޮޒޭން ގުޅާއިރަށް ފޯނު ނަގާނެއެވެ. ހާސްވެގެން ގޮސް އޭނަ ފެންކަޅިވެފައި އިނެވެ. ހެދުނީ ވަރަށް ބޮޑު ގޯހެއްކަން އޭނަގެ ޒަމީރު ތަކުރާރުކޮށް ހަނދާންކޮއްދެމުންދިޔަ އެވެ. ދެން އެހިތަށް ފިނިކަމެއް ލިބޭނީ ޝާއިންގެ އަޑުއިވުނީމައެވެ. ކަންތައްވީގޮތް ކިޔާދެވުނީމަ އެވެ.

ދުއްވާއެއްޗެހި ގިނަކަމުން ޑްރައިވަރަށް ލާއިގާ ބުނަމުންދިޔަ މިންގަނޑުގައި ކާރެއް ނުދުއްވެއެވެ. އެކަމާވެސް ލާއިގާ ކާރުގައި އިނދެ ކުދިކިޔަމުންދިޔައެވެ. އަދި ޒައުލްއަށް ގުޅޭތޯ މަސައްކަތްކުރަމުންދިޔަ އެވެ. ލާއިގާ ބޭނުންވި ވަރަށްވުރެ ލަހުން އެކަމަކު ގިނައިރުތަކެއްނުވެ ކާރު އައިސް ޕާކްވިއު ހޮޓެލްގެ ގޭޓު ކުރިމަތީ މަޑުކޮއްލިއެވެ. ކުރީ ސީޓުގައިއިން މަންސޫރު ކާރުން ފޭބި ވަގުތާއި ގޭޓާއި ވީފަރާތަށް ކާރުގެ ދޮރުހުޅުވާލާފައި ލާއިގާ ނުކުތްވަގުތުވީ އެއްވަގުތަކަށެވެ. ގޭޓުގެ ކައިރީ ހުރި ދޮރުވާނަށް މަންސޫރުގެ އާއިލާ ފެނުމާއިއެކު ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބިގެންދިޔަ އެވެ. ހަށިގަނޑު ތެދުކޮއްލުމާއިއެކު ލައިގެން ހުރި ޔުނީފޯމް ރީތިކޮއްލި އެވެ. އަދި މަންސޫރު ވަދެގެން އަންނަން ފެށުމުން އިޙްތިރާމުގެ ގޮތުން އިސްތިރިކޮށް ސަލާމްގޮވާލި އެވެ. އެއަޑު މަންސޫރަށް އިވުނުހެނެއް ހިޔެއްނުވެއެވެ. އެއަށްވުރެ އޭނަގެ ހިނގުނ ްއަވަސްކޮއްލާފައިވަނީ ޕާކްވިއު ހޮޓެލްގެ ތެރެއަށް ވަދެގެން ދިއުމަށެވެ. އޭނަ އާއި އެކުއެކީހެން ލާއިގާ އާއި އީލާކް އައެވެ. އެވަގުތު ހޮޓެލުގެ ޑިއުޓީގައި އުޅުނު ސްޓާފުންނަށް ވެސް ހައިރާންކަންވެރިކުރުވީ ރޭގަނޑުގެ ގަޑިއެއްގައި އާމުކޮށް ނުފެންނަ މަންސޫރު ހަރުކޮށް ހިނގާލާފައި އައިސް ލިފްޓަށް އެރިތަން ފެނުމުންނެވެ. އަދި އޭނަ އާއި އެކު ހުރި ލާއިގާ އާއި އީލާކް ފެނުމުންނެވެ. އެހިނދުކޮޅުން ފެށިގެން ސްޓާފުންގެ ތުންތުންމަތިން ތަފާތު ހަގީގަތެއްނެތް ވާހަކަތައް ދެކެވެން ފަށައިފިއެވެ.
އަނބިގަބޫލުކޮއްފީމޭ ޒައުލްގެ ދުލުން ބުނި ވަގުތުން ފެށިގެން ޔޫހާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފިލައިގެން ނުދެއެވެ. ކުރިއަށްވުރެ ހިތްއަވަސްވެފައިވި ނަމަވެސް ދުނިޔޭގެ ހުރިހާ އުފަލެއް އޭނައަށް ހާސިލުވެފައިވާ ކަހަލަ އިޙްސާސްއެއް އޭނައަށް ކުރެވެމުންދިޔައެވެ. ދިގު އިންތިޒާރެއްގެ ނިމުން އަތުވެއްޖެއެވެ. ޔޫހާގެ ހިތުގެ މުރާދު ފުރިހަމަވެއްޖެއެވެ. މުޅިއުމުރު އެމީހެއްގެ އަންބަކަށް ވާން ބޭނުންވީ މީހާގެ ލޯތްބާއިއެކު އޭނަ ބޭނުންވި މަގާމު އޭނައަށް ލިބިފައިވެއެވެ. ލޯބިވާ ފިރިމީހާގެ އިތުރުން ޒައުލްއަކީ އޭނަގެ ދަރިފުޅުގެ ބައްޕަވެސް މެއެވެ. އެންމެހާ ކަންތައްތަކަށް ކުޅަދުންވަންތަ ކަލާނގެ ގުދުރަތްޕުޅުގެ ރޭވުންތެރިކަމުގެ މޮޅުން މިއަދު ޔޫހާއަށް މިފެންނަނީ އެވެ. އެދެލޯ ފާރުވާ ވަރަށް ކަރުނަ އޮހޮރި ދުވަސް ފާއިތުވެދިޔައީ އެވެ. އޭނަގެ ކުށުގެ ތައުބާ ގަބޫލުކުރައްވާ އޭނަގެ ކެތްތެރިކަމުގެ މޭވާގެ ރަހަ ވަރަށް ވެސް ފޮންޏެވެ. އަފްލީންގެ ގާތުގައި ޔޫހާ ހުއްޓިލައިގެން ހުރިއިރު ޒައުލް އާއި ޝާއިން ކައިވެނިކޮއްދޭން އައި މީހުންނަށް މެހެމާންދާރީ އަދާކުރުމަށްފަހު އެމީހުންނާއި ވަކިވުމުގެ ސަލާމް ކުރުމަށް ދޮރުމަތީ މަޑުކޮއްލައިގެން ތިއްބެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު