މާފަށްވުރެ ދުރުގައި

11 ޖުލައި 2012 އާ ގުޅޭ

"ކޮއްކޮ ވެސް ޕްރިންސެސް އެއްހެން އުޅެބަލަ ނިކަން... މަންމަގެ ހުރިހާ ގަހަނާތައް ގެންދޭ... މިއީ ހަމަ ކޮއްކޮގެ އެއްޗިއްސޭ... ނޭގޭ ބައްޕަ މިވަރުން މިކޮޓަރި ރައްކާތެރިކޮށް ބަހައްޓާ ސަބަބެއް..."ޝަމާއިލް ގަހަނާތަކާއި ކުޅެލަމުން ހީނލިއެވެ.
ޝަމާއިލްމެންނަކަށް މަންމަ އެހެންމީހަކާއި ރައްޓެހިވެގެން އުޅުނުކަމުގެ އެއްވެސް ހެއްކެއް ނުފެނުނެވެ. މުޅިންވެސް ފެނުނީ ބައްޕަ ފޮނުއްވާފައިވާ ކާޑުތަކާއި ހަދިޔާތަކާއި ނޯޓްތަކެވެ. އެހެން މީހެއްގެ ފޮޓޯއެއްހާ ހިސާބު ވެސް ނުފެނުނެވެ. ދެ ބެއިންވެގެން އެވަރަށް ކޮޓަރި ހާވާލިއިރު ނުބެލުނީ ރަން ގުޅިއެކެވެ. އަލަމާރިތެރޭގައި ހުރި ގުޅީގެ މަތި ޖަހާލާފައި ހުރުމުން އެ ރީތިވެގެން ވާހަކަ ދައްކާފައި މައިރާ އެ ގުޅި ބެހެއްޓިއިރު އޭގެ ތެރޭގައިވާ އެއްޗެއް ބަލާލާކަށް ޚިޔާލަކަށް ނައެވެ. އެ ގުޅި އެހާ ލުއިވެފައި އެތެރޭގައި އެއްޗެއްހުރިހެނެއް ހިޔެއްނުވީއެވެ. މައިރާ ހީކުރީ އޭގެ މަތިގަނޑު ބާރުކަމުން ނުނެއްޓޭނެކަމުގައެވެ. އެ ހުޅުވިނަމަ އެމީހުން ހޯދަން ބޭނުންވާކަންތައް އެގުނީހެވެ. ކޮޓަރި އެފުށް މިފުށަށް ޖަހާލިއިރުވެސް އެ ގުޅި ހުރީ މައިރާމެންގެ މަންމަގެ ސިއްރުތައް ހިފަހައްޓައިގެންނެވެ.
ޝަމާއިލް ކޮޓަރިން ނުކުމެ ދޮރުތަޅުލިއިރު އޭނަ ހުރީ ފުންވިސްނުމެއްގައެވެ. މަންމައާއިމެދު ކޮންމެވެސްވަރަކަށް ހިތުގައިވާ ނަފްރަތު ފިލައިގެން ގޮސް މަންމަގެ ކުށެއް ނެތީކަން ނޭނގެއޭ ހިތަށް އަރަން ފަށައިފި އެވެ.

ރެޔާންގެ ކޮޓަރީގެ ކުޑަ ބެލްކަނި ހުންނަނީ ހިޔާކޮށްފައެވެ. ކުޑަ ބިއްލޫރި މޭޒަކާއި، ދެ ގޮނޑިއަދި މާވަށިތައް ބަހައްޓާފައިވާއިރު ބައެއް ރޭ މައިރާ އެދިގެން ރެޔާން އުއްބައްތި ޖަހާލަދެއެވެ. ރެޔާން އެތާ އިށީދެލައިގެން އިނދެ ގިޓާ ކުޅެފައި ލަވަކިޔާއިރު މައިރާ ކުޑަދޮރު ކާރީގައި އިށީންނަން ހަދާފައިވާ ތަންކޮޅުގައި އިށީދެލައިގެން ލަވައިގެތެރެއަށް ގެއްލިފައި އިނދެއެވެ. ދެ ޒުވާނުން ޗޮކްލެޓްފަދަ ހަދިޔާ ބަދަލު ކުރެއެވެ. އަދި މައިރާ ރެޔާން އާއިއެކީގައި ބޭރަށް ދާން ގަސްތުކުރާ ރެއެއްވެއްޖެއްޔާ ލާންވީ ހެދުމެއް ނޭނގިގެން މައިރާ ފަހަރަކު ހެދުމެއް ކުޑަދޮރުން ދައްކާލާފައި ރެޔާން ބޭނުން ހެދުމެއް ޚިޔާރުކުރެއެވެ. ދެ ލޯބިވެރިންނަށްވެސް މި ކުޑަ ދުނިޔެ ކިތަންމެހާވެސް އުފާވެރިވެފައި ސިއްރުވެރިއެވެ. ރެޔާން ދެރަވަނީ މިތަނުގައި ތިބެގެން ބައްދަލުކުރެވޭއިރު ކިތަންމެ އިޝްގީ ނަމަވެސް ބީހިލުމުގެ އުފަލެއް ނުލިބޭތީއެވެ. ހަމައެކަނި ބަލާލައިގެން ހިތްހަމަޖައްސާލަން ޖެހޭތީ އެވެ.
މައިރާ ކޮޓަރީގެ ކުޑަ ދޮރުހުޅުވާލުމުން އިރުގެ ރަން އަވިން ކޮޓަރި ދިއްލާލައިފި އެވެ. މިގަޑީގައި ރެޔާން އޮފީހުގައިވާކަން އެގޭތީ އޭނަހުރީ ހަމަޖެހިލައިގެންނެވެ. ގައިގާ ތުވާލި އޮޅާލައިގެން ހުރީވެސް އެހެންވެގެންނެވެ. ނިއުޅުވާލެވިފައިވާ އިސްތަށިގަނޑު ކޮނޑުމަތީގައި ފެތުރިފައިއޮތްއިރު ހީވަނީ ރަތާއި ރަންކުލަ ވާދަކުރާހެނެވެ. އެ ދޮންކަން ވިދަމުން ދިޔައެވެ. ރަތްރަތް ތުންފަތުގައިވަނީ ހިނިތުންވުމެކެވެ. މައިރާ ހުވަފެނީކޮށް ދެކޮޅަށް ހިނގާލަހިނގާލާހުރެ ލަވައެއް ކިޔަމުން މެސެޖެއް ކުރަމުން ދިޔައެވެ.

"ޒާން... ރެޔާންއަކީ މަގޭ ދޮންބެގެ ބެސްޓްފެރެންޑް... އެދުވަހު ދޮންބެ ބުނީމަ އޭނަ އަހަރެންބަލާ ކޮލެޖަށް އައީ... ކޮންމެހެން ޒާންއަށް ފޮނިދައްކަން އަގު ބޮޑުކާރެއްގައި ދާހިތަކުން ނޫން... އަހަންނަކީ ވަރަށް އާދައިގެ މީހެއް..." މައިރާ އައިޒާންއަށް މެސެޖްކުރިއިރު ކޮންމެވެސް ސަބަބަކާއިހުރެ އޭނައާއި ރެޔާންގެ އޮތް ހަގީގީ ގުޅުން ހާމަކުރަން ފަސްޖެހުނެވެ.
މައިރާ ގަބޫލު ކުރިގޮތުގައި ކުޑަކޮށް އޮޅުވާލެވުނަސް ރެޔާން އާއި ޝަމާއިލް އަކީ ގާތްއެކުވެރިންކަމުގައި އެބުނެވުނީ ރަނގަޅަށެވެ. އޭނައާއި ރެޔާންގެ ލޯބީގެ ގުޅުން ސިއްރުކުރުން އެއީ މުޅިން އެހެން ކަމެކެވެ. ކުއްލިއަކަށް މީހަކުގެ ހިލަމެއްވެގެން މައިރާ އިސްއުފުލާލިއިރު ބެލްކަނީގައި ރެޔާން ހުރިތަން ފެނުމުން އަތުން ފޯނު ދޫނުވީކިރިޔާއެވެ. ވަރަށް ބޮޑަށް ސިހުނެވެ. ރަކިވި ވަރުން އަމިއްލައަށްވެސް އޭނަގެ މޫނު ރަތްވާނެވަރު އިހުސާސްކުރެވުނެވެ. ރެޔާން މިގަޑީގައި އޮފީހުގައި ހުރެފައި ގެއަށް އައިސްދާނެ ކަމަކަށް އޭނަ އެއްގޮތަކަށްވެސް ހިޔެއް ނުކުރެއެވެ. ތުވާލި އޮޅާލައިގެން ހުރުމަށްވުރެ އޭނަ ކަންބޮޑުވީ އޭނަ އެވަރަށް ފޯނަށް ގެއްލިފައި ހުރުމުން ރެޔާން ޝައްކުކުރާނެކަން ހިތަށް އެރުމުންނެވެ. އައިޒާން އާއި ވާހަކަ ދެއްކުން މަނާކޮށްފައި އޮތްވާ މިގޮތަށް މެސެޖްކުރާކަން އެނގިއްޖެއްޔާ ރެޔާން ހަދާނެ ގޮތެއް ވެސް އެގެނީއެއް ނޫނެވެ.

"ވަން މިނިޓް ޕްލީޒް..." މައިރާ އަވަހަށް ތެޅިގެންފައި ފަރުދާތައް ދަމާލުމަށްފަހު ދުއްވައިގަތީ ހެދުމެއްލުމަށެވެ. އެހާ އަވަސްކޮށްލާފައި އައިއިރު ރެޔާން ގެ ކޮޓަރީގެ ދޮރުތައް ހުރީ ކައްސާލާފައެވެ. ރެޔާން ހަމަދިޔައީހެއްޔެވެ؟ ޔަގީނެވެ. ހިތްހަމަނުޖެހުނީ އެވެ. މައިރާ ކަންބޮޑުވިއެވެ. މޭގައި ރިހުމެއް އުފެދުނެވެ. ކެތްނުކުރެވިގެން މައިރާ ރެޔާންގެ ފޯނަށް ގުޅުމާއިއެކު ފޯނު ބިޒީކޮށްލުމުން މައިރާގެ ހިތަށް ތަދުވިއެވެ. ރެޔާން ހާދަ މަޖުބޫރީ ދައްކާގޮތެއް ހުރެއެވެ. ސުވާލުކޮށްލުމަކާއި ނުލައި ހަމަ ރުޅިއަންނަންވެދާނެ ހެއްޔެވެ؟ އަދި އޭނަ ކޮންމެހެން މެސެޖްކުރީ އައިޒާންއަށްކަން ޔަގީންކޮށްގެން ވެސް ނުވާނެތާއެވެ. ނަމަވެސް އިއްޔެ ގަރާޖަށް ކާރު ލާންދިޔަ ފަހުން ރެޔާންއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައިވާކަން މައިރާ ފާހަގަކުރި އެވެ.
ދުވަހަކު މި ފިރިހެނުން ދަސްނުވާނެކަން ޔަގީނެވެ. އެންމެ ލޯބިވާ ޒުވާނާވެސް އެހާ ރުޅިއަވަހެވެ. މައިރާ އައިޒާންއަކީ އެކުވެރިއެކޭ ބުނެފައިވާއިރު އެހެން ގޮތަކަށް ޝައްކުކޮށްގެން ރުޅިއަންނާކަށް ނުޖެހޭނެތާއެވެ. މައިރާ ހިތާހިތުން ކުދިކިޔަމުން ދަނިކޮށް ރެޔާން ގުޅިއެވެ. ރެޔާން ކިތަންމެ ހިތްހަމަނުޖެހިފައި ހުރިކަމުގައި ވިޔަސް، މިޒާޖު ހުންނަ ގޮތުން އެކަމެއް ނާންގާ ބުނީ ފޯނު ކަނޑާލީ އޭރު ބައްދަލުވުމެއްގައި އިނީމަކަމުގައެވެ. މައިރާ މައާފުދިނެވެ. އެހެންނޫނަސް ކުށްވެރިއަކީ އަމިއްލަ ނަފުސުކަމަށް ގަބޫލުވެސް ކުރެވުނެވެ. މިހާރު ރެޔާންގެ ހުއްދަނެތި ހިލޭ ފިރިހެނުންނާއި އެކުވެރިކަން ބޭއްވުމަކީ ރަނގަޅު ކަމަކަށް ނުވެހިގައިދާނެއެވެ. ވަރަށް އަވަހަށް އެދެމީހުން ކައިވެނި ކުރަން ހަމަޖެހިފައިވާއިރު އެ ގުޅުމަށް ބުރޫއަރާފަދަ ގޮތަކަށް އުޅެވިގެން ނުވާނެއެވެ. ނަމަވެސް ބައެއް ފަހަރު އިންސާނީ ތަބީއަތު ހުންނަ ގޮތުން ކުށެއްކަން ރޭކާލަނީ ތަންކޮޅެއްފަހުންނެވެ. ބައެއްފަހަރު ވަގުތު ފާއިތުވެދާ ފަހުންނެވެ. އަބަދުވެސް ބެލެނީ ހިތް އެދޭކަންތައް ވަގުތުން ވަގުތަށް ކުރުމަށެވެ. ވަގުތީ އުފާތަކަށެވެ.

މައިރާގެ ހިތަށް އެއްގޮތަކަށްވެސް ފިނިކަމެއް ނުލިބުނެވެ. ރެޔާންގެ މަތިން ހަނދާންވާންފެށީ މާބޮޑަށެވެ. އެހެން ދުވަހާއި ތަފާތުކޮށް މެސެޖް ނުފޮނުވާ ނުގުޅާ ހުރުމުން އެއީ ރެޔާންގެ އާދައެއް ނޫންކަމުން ރެޔާންގެ ހިތްގޯސްވެފައިވާކަން މައިރާ ދެނެގަތެވެ. އެހެންހުއްޓާ ރެޔާންގެ ޕާސަނަލް އެސިސްޓެންޓް ޒާލީ އެކޭ ކިޔާފައި ޝަމާއިލް ރެޔާންއާއި ފޯނުން ދިމާކުރި އަޑުއިވުމުން މައިރާ ބިރުގަންނަ ގޮތްވިއެވެ. މައިރާއަށް ރެޔާން އާއި ބައްދަލު ނުކޮށް ކެތެއް ނުކުރެވޭނެއެވެ.ޒާލީ އާއި ރެޔާންގެ އޮތީ ކިހާވަރެއްގެ ގުޅުމެއްކަން އެނގުމަކީ އޭނަގެ ހައްގެކެވެ.
މައިރާ ވަގުތުން ފެންވަރާލައިގެން ތައްޔާރުވާންފެށިއެވެ. އޭނަ ފަށުވި ޓީޝާޓަކާއި، މެންގޯ ބްލޭޒާ އެއްލައިގެން ކަޅުކުލައިގެ ސްކިނީއެއް ގައި ހުރުމުން ވިކްޓޯރިއާ ސިކްރެޓް މޮޑެލް އެއްފަދައެވެ. އަދި ލޮލުގައި އަނދުން އަޅާލި ގޮތުން ލޮލުގެ ރީތިކަމާއި ވިދުން އެތައްގުނަ ޗާލުވިއެވެ. މައިރާ ރެޔާން ދިން މޭޕްލް ރަންފަށާއި އަނގޮޓި އަދި ކެވެލިކޮޅާއި ގަޑި ބޭނުން ކުރިއެވެ. ހިތްހަމަޖެހޭވަރަށް ރީތިވެލައިގެން ކޮނޑުގައި ދަބަސް އަޅުވާލައިގެން ފަރި ހިގުމެއްގައި ގެއިން ނުކުތް އިރު މުޅިތަނުގައި ހިފާލާފައިވަނީ އަރުމާނީ ކޯޑު ސެންޓު ވަހެވެ.
މައިރާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެގޭގެ ބެލްޖަހާލައިފި އެވެ. ދޮރު ހުޅުވީ އެގޭގެ ހުރިހާ ކަމެއް ބެލެހެއްޓުން ހަވާލުވެގެން ހުންނަ ޒުހޫރު އެވެ. އޭނަ ހުރީ ޔުނިފޯމްގައެވެ. ޑޮކްޓަ ފައިސަލްމެން އުޅެނީ އިއްޒަތުގައެވެ. ކޮންމެކަމެއްގައި ޝާހީ ގޮތްގަނޑު ގެންގުޅެއެވެ. މައިރާގެ ބައްޕަ މުއްސަދިވިޔަސް ޚިޔާރުކުރީ ތަންކޮޅެއް އާދައިގެ ދިރިއުޅުމެކެވެ. މައިރާ އެހާ އާދައިގެ ގޮތަކަށް އުޅުމުގެ އަސްލަކީ އެއީކަން ނޭގެއެވެ. ދެއްކުންތެރިކަމުގެ ކުޑަ މިންވަރެއްވެސް އޭނަގެ ނުހުރެއެވެ.
އިރުއޮއްސި އަނދިރިވެފައިވުމާއިއެކު އެގޭގެ ބޮޑުކޮޓަރީގެ ވައިލެޓްކުލަ އިތުރަށް ޗާލުކޮށްލާފައިވަނީ ލެވެންޑަ އުއްބައްތިތަކުގެ ޖާދޫއިންނެވެ. އެ ހުޅުކޮޅުތައް ހުވަފެނީ ގޮތަކަށް ނަށަމުން ދާއިރު ހީވަނީ އެތަނުގައި ރަނިކަން ކުރެވުމުން ފަޚުރުވެރިވާހެނެވެ. ބޮޑެތި ސޯފާސެޓްތަކާއި ކުދި ބާލީސްތަކާއި މަޑު ރަގްތަކާއި ބޯ ފަރުދާތައް ވެސް ލޮލަށް ފިނިކަން ގެނެސްދޭހާ ހިތްގައިމެވެ. ހިތްފަސޭހަކަމުގެ އިންތިހާއެވެ. އޭސީގެ ފިނިކަމުގައި މަލުގެ ލުއިވަސް ހިފާލާފައިވާއިރު މައިރާއަށް ހީވީ ފެއަރީ ޓޭލްއެއްގައި އުޅެވުނުހެނެވެ. ޒިޔާމާގެ ލެވެންޑަކޮޓެޖްއަށް ދީފައިވާ ނަމާއި މިގޭގެ މާހައުލު ގުޅުވަން ކުރާ މަސައްކަތާއި އޭނަގެ ފޮރުވިފައިވާ މިފަދަ ބައިތައް މިގެއަށް ވަންނަމީހަކަށް ގުޅާލެވިދާނެ އެވެ.

"އަނހަ...މޭއި...ހާދަ ސަރޕްރައިޒިން ޒިޔާރަތެއް..." ޒިޔާމާ ސިޑިން ފައިބަނިކޮށް މައިރާ ފެނުމުން އައިގޮތަށް މައިރާގެ ނިތްކުރީގައި ބޮސްދިނެވެ. ދުވަހަކު މައިރާއަށް ފެނިފައިނުވާފަދަ ރީތި ހިނިތުންވުމަކާއިއެކު އެ ދެ ލޮލުގައިވީ ވިދުވަރަކުން މައިރާ ހައިރާންވެ ރަކިވިއެވެ. މިއީ ދެއްކުންތެރިކަން ހެއްޔެވެ؟ ޒިއާމާ މިވީހާތަނަށް އޭނަ ފެންނަ ކޮންމެފަހަރަކު ކަޅިއަޅައިގެންފާ ނުރުހުމުގެ ބެލުންތަކުން މައިރާ އަންދާލަފާނެހެން ހީވިއިރު މިއަދު މިހާ ރީތިކޮށް ވާހަކަ ދެއްކުމުން ސިކުނޑިއަށް އެކަން ނަގައިގަނެވުން ފަސޭހައެއްނުވިއެވެ. މޫސުމް ފަދައިން ޒިޔާމާ ބަދަލުވާންވީ ސަބަބެއް ނުވިސްނުނެވެ. މައިރާ ހުރީ ނޭވާލާން ނުކެރިފައެވެ. ހާސްވެފައެވެ.
"ރެޔާން އާއި މައިރާގެ ގުޅުމެއް އޮތްކަން މިއެގުނީ އަދި ކިރިޔާ... ރެޔާން އެބައުޅޭ ކޮޓަރީގައި... ވާހަކަދައްކަން ދޭބަލަ ދަރިފުޅާ... ރެޔާން މިއަދު މޫޑުއެހާ ރަގަޅެއްނޫންހެން ހީވަނީ... ކުޑަކޮށް ބަލިވެޔޭ ކިޔާފައި ކޮޓަރިއަކުން ނުނިކުމޭ..." ޒިޔާމާ މައިރާގެ ބުރަކަށީގައި ފިރުމާލައިފި އެވެ.
"ތެންކިއު އާންޓީ..." މައިރާ ކުޑަހިނިތުންވުމަކާއިއެކު އެ ޑިޒައިނާ ސިޑިން މައްޗަށް އަރަމުން ދިޔައިރު އޭނަ ގެ ހިތްތެޅެމުން ދިޔައެވެ. އަނެއްކާ ރެޔާން ގޭގައި އުޅޭބާވައެވެ. ޒިޔާމާ އޭނައަށް ލަނޑެއްދޭން އުޅެނީ ނޫންކަމެއް ވެސް ނޭގެއެވެ. މައިރާ ރެޔާންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުން ރެޔާން ދޮރުހުޅުވާލައިފި އެވެ.
" ބޭބީ... މިތާ ކީއްތަ ތިކުރަނީ؟ ހާދަ ރީއްޗޭ މަގޭ ޕްރިންސެސް..." ރެޔާން ކުޑަކޮށް ހައިރާންވިނަމަވެސް ދެވަނަ ސިކުންތުކޮޅުގައި ހިތްކަތިލާލާފަދަ ހިނިތުންވުމަކާއިއެކު މައިރާ ގެނެސް މޭގައި ޖައްސާބާރުކޮށްލައިފި އެވެ. ރެޔާން ހަމައެކަނި ޖިންސްލައިގެން ހުރެ ބައްދާލި ފުރަތަމަ ފަހަރުކަމަށްވާތީ މައިރާއަށް ކުރެވުނީ ތަފާތު އިހުސާސްތަކެވެ. އެ ފުޅާ ތަނަވަސް މޭމަތީގައި މޫނު ޖައްސާލެވުނީ ރަކިވެފައިހުރެއެވެ. ކުޑަ ކުޑަ ލޯބީގެ ވަގުތު ކޮޅަކަށް ފަހު ރެޔާން މައިރާ އެތެރެއަށް ވަންނަން ތަންދެއްކިއެވެ.
"ފުރަތަމަ ފަހަރަށް އަހަރެންގެ ރޫމަށް ތިވަދެވުނީ... ހިތަށް އަރާ ދެން ދުވަހަކު ނިކުމެވުނަނުދޭނަމޭ...ފޮރުވާލައިގެން އުމުރަށް ގެންގުޅެދާނަމޭ..."ރެޔާން ސަމާސާކޮށްލަމުން އެނދުމަތީގައިއޮތް ޓީޝާޓް ބޮލުން ވައްޓާލައިފިއެވެ. އެ ކިންގްސައިޒް އެނދާއި ކޮޓަރީގެ ކޮންމެ އެއްޗެއްގައިވަނީ ފިރިހެންވަންތަކަން ދައްކުވައިދޭފަދަ ކުލަތަކާއި ފަރނިޗާތަކެވެ. ހަރުގަނޑުގައި ހުރި އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ އަދި ވިޔަފާރިއާއި ބެހޭފޮތްތަކުން ރެޔާން ގެ ޅައުމުރުގައިވެސް ހަރުދަނާ ޝަޚުސިއްޔަތެއްކަން އަންގާދެއެވެ.
"އަހަރެން ހީކުރީ ޒާލީއަށްކަމަށް ތި ފުރުސަތުދޭނީ..."މައިރާ ގެ ބޯ ތުންފަތުގައި ދަތްއަޅާލަމުން ކަތި ނަޒަރަކުން ބަލާލައިފިއެވެ. ރެޔާން ބަލާލީ ހައިރާން ކަމާއިއެކުގައެވެ. މައިރާއަށް ޒާލީ އެގުނު ގޮތެއް އޭނައަކަށް ނުވިސްނުނެވެ.
"މާނައަކީ ކޮބާ... ބުނެފާނަން ވާހަކައެއް... އަހަރެންގެ އޮފީސްކަންތަކާއި މަގޭ ޒާތީ ކަންތައް އެއްވެސް ގޮތަކުން ގުޅުވާކަށް އަހަރެން ބޭނުމެއްނޫން... އެއީ ހަމައެކަނި އަހަރެންގެ ސްޓާފެއް... ދެން... އަހަރެންގެ ކެތްތެރިކަން އިމްތިހާނުކުރަން ނޫޅުނިއްޔާ ރަގަޅީ...ނޫނީ..." ރެޔާން ގެ ކަޅުކުލަގަދަ ބުމަ ކުޑަކޮށް ގޮށްޖެހިލަން އުޅެފައިވެސް އޭނަ މޫނުމަތިން އިތުރު ޝުއޫރެއް ނުދައްކަން މަސައްކަތްކުރި އެވެ.
"އަހަރެން ބޭނުމެއް ނޫން ޒާލީ ރެޔާންގެ ޕީއޭއަކަށް ހުންނާކަށް... އެކުއްޖާ ވަކިކުރޭ..." މައިރާއަށް އައިޒާން އާއި އަގައިން ނުބުނެވޭނެނަމަ ރެޔާންއަށް ވެސް އެހާ ރީތި އަންހެންކުއްޖަކު އަމިއްލަ ކޮށްގެނެއް ނުވާނެއެވެ. ރެޔާން ގެ ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ. ނަމަވެސް އޭނަ ހުރީ ހިމޭނުންނެވެ. މައިރާގެ އެ ބޭކާރު ކަމަށް އޭނަ ދެކުނު ޖުމްލައަށް ޖަވާބު ދިނުމެއްނެތި ރެޔާން ރީތިވާ މޭޒު ދޮށުގައި ހުރެ އިސްތަށިގަނޑު އަތުން ރީތިކޮށްލައިފިއެވެ. ފަރުވާކުޑަގޮތަކަށް ސެންޓްޖެހީ މަދުން ކަމުގައިވިޔަސް އެ ކޮޓަރީގައި ހިފާލާފައިވާ މީރުވަސް އެތައް ގުނަ އިތުރުވެ އެވަހުގެ ތެރެއަށް ލާމެހިގެން ދިއުމަށް މައިރާ ބޭނުންވިއެވެ. ކޮންފަދަ ހިއްސުތަކާއި ކުޅެލާފަދަ ވަހަކާއި ރީތި ކަމެއް ހެއްޔެވެ؟
"ރެޔާން... ކޮންމެވެސް އެއްޗެކޭ ބުނެބަލަ.. އަހަރެން ހަމަ ތިހާ ދަށްކޮށްލާފައި ހިތަށް އެރިގޮތަކަށް ހަދަން ތަ ބޭނުމީ؟ ލޯބިވާ ގޮތަކީ މިއީތަ؟ އެހާ ކުޑަކަމަކު ބުނީމަ ޖަވާބެއް ދިނުމަކީވެސް ބޭނުންކަމަކަށް ނުވި..، އެވަރުވެސް ހައްގު ނުވަނީތަ؟"މައިރާ ރެޔާންގެ އަތުގެ މުލައްދަނޑީގައި ހިފާ ތަޅުވައިގަތުމުން ރެޔާން ކުއްލިއަކަށް އެބުރުނެވެ. ރެޔާންގެ ސީރިޔަސްކަމުން މައިރާގެ ހިތް ވިރައިގެން ދިޔައެވެ. މިކޮޓަރިއަށް އާދެވުނުކަމުގެ މޮޔަހީވިއެވެ.ރެޔާން ދުވަހަކު ބަދަލެއްނުވާނެއެވެ. އޭނަ ބޭނުންވާގޮތަށް އެއްވެސް ކަމެއްކޮށެއް ނުދޭނެކަން ޔަގީނެވެ. ރެޔާން ބޭނުންވަނީ ގަދަކޮށްލާފައި އޭނަ ބުނާހާގޮތަކަށް ހަދައިގެން މަޑުން ގޭގައި އިންނާނެ އަންބެކެވެ.މައިރާ ބޭނުންވަނީ އޭގެ ދިމާއިދިކޮޅެވެ.ނަމަވެސް ރެޔާންގެ މިހުންނަ މިޒާޖަކުން މައިރާ ބޭނުންވާހާގޮތަކަށް ނޫޅެވޭނެކަމުގެ އިހުސާސްކުރެވެންފެށިއެވެ.
މައިރާ ގެ ހިތަށް ވީތަދަކުން އޭނަބޭނުންވީ ވީހާވެސް އަވަހަށް އެތަނުން ދިއުމަށެވެ.ނަމަވެސް ރެޔާން މައިރާގެ އަތުގައި ހިފާ ދަމައިގަތްގޮތަށް އެ ބާރުގަދައަތުތެރޭގައި ބޮނޑިކޮށްލީ އެދޭތެރެއަށް ހިޔަންޏެއްވެސް ނުވަދެވޭހާ ބޮޑަށެވެ.ދެހިތް އެއް ހިތެއްގެ ގޮތުގައި ވިންދުޖަހާހާކާރިވިއެވެ.އެ އިހުސާސްއިން މައިރާގެ ހިތަށް ލިބުނީ ބުނެދޭން ނޭގޭފަދަ ފޮނި މީރުކަމެކެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު