އަންނަ އަހަރުގެ ބަޖެޓުގައި، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކެއް ހިމަނައިފައިވީ ނަމަވެސް، ދައުލަތަށް މިހާރު ދިމާވެފައިހުރި މާލީ ގޮންޖެހުންތައް ހައްލުކުރާނެ ގޮތެއް ބުނެދެވިފައި ނުވާ ކަމަށް މޯލްޑިވްސް އިކޮނޮމީ ޓުޑޭގެ ރިވިއުގައި މިއަދު ބުނެފިއެވެ.
މޯލްޑިވްސް އިކޮނޮމިކް ޓުޑޭއަކީ މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ޓީމަކުން ހިންގާ އިގްތިޞާދީ އަދި މާލީ ކަންކަމަށް އަލިއަޅުވައި ލިޔާ ނޫހެކެވެ.
އެ ނޫސް ހިންގަނީ އިކޮނޮމިސްޓް އިބްރާހިމް އާތިފް ޝަކޫރާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހްމަދު މުޙައްމަދު (އަންޑޭ)އެވެ. އެ ނޫހުގެ މި ރިވިއުގައި އެ ދެ ބޭފުޅުންގެ އިތުރުން ކުރީގެ ގަވަރުނަރު އަލީ ހާޝިމާއި، ފިނޭންސްގެ މިނިސްޓްރީގެ ކުރީގެ ބަޖެޓު ކޮންޓްރޯލަރު އަޙްމަދު ސަރުވާޝް އާދަމްވަނީ ބައިވެރިވެފައެވެ. ހަމައެއާއެކު ފިނޭންސްގެ ކުރީގެ ފައިނޭންޝަލް ކޮންޓްރޯލަރު އަދި ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އައްސަދު ވެސް ބައިވެރިވެފައިވެއެވެ.
އެ ރިވިއުގައިވަނީ އަންނަ އަހަރުގެ ބަޖެޓަކީ ދައުލަތަށް މި ވަގުތު ވެސް ދިމާވެފައިވާ މާލީ ގޮންޖެހުންތައް ޙައްލުކުރުމަށް ފުރިހަމަ ރައްދެއް ދީފައިނުވާ ބަޖެޓެއް ކަމަށެވެ.
ބަޖެޓުގައި ބައެއް ޚަރަދުތައް ކުޑަކުރުމަށް ސިޔާސަތުގެ ބޮޑެތި ބަދަލުތައް އެކަށައަޅާފައިވީ ނަމަވެސް، ކަންކަން ހިނގަމުންދާގޮތަށް ބަލާއިރު އެ ސިޔާސަތުތައް ހާސިލުކުރުމަށް ބޮޑެތި ހިރާސްތައް ހުރިކަމަށް ފާހަގަކުރެވޭކަމަށް ރިވިއުގައިވެއެވެ.
އަދި އޭގެ އިތުރުން، އެ ސިޔާސަތުތަކާ ދިމާ އިދިކޮޅު ކަންތައްތައް ސަރުކާރުގެ ހިންގުމުގެ ޚަރަދުތަކުގެ ތެރެއިން ފެންނަކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ބަޖެޓުގައި އިޤްތިޞާދީ ދުވެލި އިތުރުކުރުމާއި އިންފްލޭޝަން ކޮންޓްރޯލް ކުރުމާއި ވަޒީފާ އުފެއްދުމާއި އަތުޖެހޭ ހަމައަށް ދަރަނި ގެނައުމާއި ދޭދޭ ސިނާއަތްތައް ކުރިއަރުވައި އިޤްތިޞާދު ސިންދަފާތު ކުރުންފަދަ ކަންކަމާއި މެދު އެކަށޭނަ ވިސްނުމެއް ގެންގުޅެފައެއް ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ.
އަންނަ އަަހަރުގެ ބަޖެޓުން ފެންނަނީ މާނަވީ މަންފާ އެއްކިބާކޮށް އިންތިހާބީ ވައުދުތައް ފުއްދުމުގެ އަގު މުޅި ގައުމު އަދާކުރަންޖެހޭނެ ފަދަ ވިސްނުމެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ވެސް އެ ރިވިއުގައި ތަފްސީލީ ގޮތެއްގައި ގިނަ ކަންތައްތަކަކަށް ވަނީ އަލިއަޅުވައިލައިފައެވެ.
އެއާއެކު އެ ރިވިއުގައިވަނީ ބަޖެޓް އެކުލަވާލުން އާ ވިސްނުމަކަށް ބަދަލުވާން ޖެހޭކަން ފާހަގަކޮށްފައެވެ. އަދި ބަޖެޓަކީ އިޤްތިޞާދީ ހަޤީޤަތްތަކުގެ މައްޗަށް ބިނާވެތިބެ ހަދާ، އިޤްތިޞާދީ ހަރުދަނާ ޕްލޭނެއް ރަމްޒުކޮށްދޭ އެއްޗަކަށް ހަދަންޖެހޭ ކަމަށާއި ލިބޭ އާމްދަނީއާ ނުބައްދަލު ބަޖެޓްތައް ހެދުން ހުއްޓައިލަން ޖެހޭކަމަށް ފާހަގަކޮށްފައެވެ.
އަދި ބަޖެޓަކީ ރައްޔަތުންގެ ފައިސާތަކެއް ހޯދައި އެ ފައިސާ ޚަރަދު ކުރުމުގެ ހުއްދައެއް ހޯދަން ޖަހާ މަޅިފައްޗެއްގެ ބަދަލުގައި، ބަޖެޓުން ޙާޞިލް ކުރަން ބޭނުން މަޤްޞަދުތަކެއް އެކަށައަޅައި ބަޔާން ކުރުމަކީ ބަޖެޓެއް އެކުލަވާލުމުގެ އެންމެ އަސާސީ ސިފަކަމުގައި ހެދުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ވަނީ ބުނެފައެވެ.