އީފާސް އިން އޮންލައިން ފޭސް ވެރިފިކޭޝަންގެ ހިދުމަތް އަލުން ފަށައިފި

އީފާސް އިން އޮންލައިން ފޭސްވެރިފިކޭޝަންގެ ހިދުމަތް އަލުން ފަށައިފި ----

އީފާސް ކުރިން ފޯރުކޮށްދިން އޮންލައިންކޮށް މޫނު ދެނެގަންނަ (ފޭސް ވެރިފިކޭޝަން) ހިދުމަތް ދޭން އަލުން ފަށައިފިއެވެ.

އީފާސް ތަރައްގީކޮށް ބަލަހައްޓާ އެންސީއައިޓީން ބުނީ މި ޚިދުމަތް ދޭންފެށީ، ފޭސް ވެރިފިކޭޝަން ހިދުމަތް ދިނުމަށް ކުރިން ހަވާލުކޮށްފައިވާ "ސަމް އެންޑް ސަބްސްޓެންސް ޕްރައިވެޑް ލިމިޓެޑް" (ސަމްސަބް) ކުންފުނިން އެ މަސައްކަތް ވަކިކޮށް އާ ވެންޑާއަކާ މަސައްކަތް ހަވާލުކުރުމަށްފަހުކަމަށެވެ.

އެންސީއައިޓީއިން ބުނީ މިވަގުތު މި ހިދުމަތް ލިބޭނީ އިފާސް ވެބް މެދުވެރިކޮށް ކަމަށާއި އަދި އާންމުކޮށް ބޭނުންކުރާ ހުރިހާ ބްރައުޒާތަކުން އީފާހަށް ލޮގިންކޮށް މި ހިދުމަތް ލިބޭނެކަމަށެވެ.

ފޭސް ވެރިފިކޭޝަން ހެދުމަށް މިހާރު ބޭނުންކުރަމުންދަނީ ލެޓްވިއާގައި ރަޖިސްޓަރީ ކޮށްފައިވާ ރެގިއުލާ ފޮރެންސިކްސް ކުންފުނީގެ އެޕްލިކޭޝަންއެއް ކަމަށާއި މިކަން ހިނގާނީ ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ރައްޔިތެއްގެ ފޮޓޯއެއް ނުވަތަ އެނޫންވެސް އެހެން ޒާތީ މައުލޫމާތެއް ހިއްސާކުރުމަކާއި ނުލައި އެންސީއައިޓީގެ އެތެރޭގައި ކަަމަށް އެންސީއައިޓީއިން ވަނީ ބުނެފައެވެ.

ރެގިއުލާ ފޮރެންސިކްސް އަކީ 30 އަހަރުގެ ތަޖުރިބާއާއި އެކު ސެކިއުރިޓީގެ ދާއިރާއިން ގިނަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދޭ ޤާބިލް އަދި ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތަކާއި ތަފާތު އެކި ޤައުމުތަކަށް ވެސް ހިދުމަތް ދެމުންދާ އިތުބާރު ހުރި ކުންފުންޏެކެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓާ ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ، އީފާސްގެ ޚިދުމަތް ރަނގަޅުކުރުމުގައި އަބަދުވެސް ރައްޔިތުންގެ އަޑުއަހައި އިހުސާސްތައް ދެނެގެން ޚިދުމަތް ދިނުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާނެކަމަށެވެ.

"އަޅުގަޑުމެންގެ އަމާޒަކީ އީފާސްގެ ނިޒާމް ދުވަހެއް ދުވަހަކަށް ހަރުދަނާކޮށް މި ނިޒާމަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ، ރައްޔިތުންނާއި މުއައްސަސާތަކުގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ނިޒާމަކަށް ހެދުން". މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓާ ޑރ. މުހައްމަދު ކިނާނަތު ވިދާލުވިއެވެ.

އީފާހުގެ މުހިންމު އެއް ބޭނުމަކީ ދައުލަތުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ހިދުމަތް ދެވެނީ ހިދުމަތަށް އެދޭ އަސްލު ފަރާތައްކަން ކަށަވަރުކުރުމެވެ. މީގެ ބޭނުމަކަށްވަނީ އެހެން މީހުންގެ އައިޑެންޓިޓީ ވަގަށް ނަގައި އޮޅުވާލައިގެން މުއާމަލާތްތައް ހިންގުމުގެ ފުރުސަތު ހަނިކުރުން ކަމަށް އެންސީއައިޓީއިން ވަނީ ބުނެފައެވެ.

އޮންލައިން ފޭސް ވެރިފިކޭޝަންގެ ހިދުމަތް ތައާރަފުކުރުމުގެ ކުރިން އީފާހުގެ ވެރިފަރާތް ކަށަވަރުކުރަމުން އައީ އެކަމަށް ހާއްސަ ކުރެވިފައިވާ މަރުކަޒުތަކަށް އެފަރާތްތަކުން ހާޒިރުވެ ނުވަތަ ވީޑީއޯ ކޯލް ކޮށްގެން ބެލުމަށްފަހު އެމައުލޫމާތު މެނުއަލްކޮށް އަޕްޑޭޓްކޮށްގެނެވެ.

ނަމަވެސް 2023ގައި އޮންލައިން ފޭސް ވެރިފިކޭޝަން ތައާރަފުކުރުމުން އިފާސް ބޭނުންކުރާ ފަރާތަށް ކޮންމެ ތާކު ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާ އެކު ފޭސްވެރިފިކޭޝަން ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް