ބިދޭސީންގެ ޑިޕޮސިޓް ފައިސާ ބަލައިގަންނަ އުސޫލަށް ބަދަލެއް

ރާއްޖޭގައި މަސައްކަތް ކުރަން އަލަށް ގެންނަން ބިދޭސީންގެ ޑިޕޮސިޓް ފައިސާ ބަލައިގަންނަ އުސޫލަށް ޑިޕާޓްމަންޓް އޮފް އޮމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބަދަލުތަކެއް ގެނެސްފި އެވެ.

އިމިގްރޭޝަނުން އާދީއްތަ ދުވަހު ނެރެފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި އަލަށް މަސައްކަތް ކުރުމަށް އަންނަ ބިދޭސީންގެ ޑިޕޮސިޓް ފައިސާ މި ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަލައިގަންނާނީ ވަޒީފާދޭ ފަރާތުގެ މުއާމަލާތު ކުރެވޭ ބޭންކް އެކައުންޓެއްގެ ސައްހަ މައުލޫމާތު އެ ޑިޕާޓްމަންޓަށް ލިބުމުން ކަމަށެވެ. އަދި ޑިޕޮސިޓް ފައިސާ ދެއްކުމުގައި ބޭންކް ސްޓޭޓްމަންޓް ނުވަތަ ބޭންކް އެކަންއުޓްގެ މައުލޫމާތު އަންގައިދޭ ސްލިޕް ކޮޅެއް ހުށަހަޅަން ޖެހެ އެވެ.

އިމިގްރޭޝަނުން ބުނީ އެގޮތަށް ހަމަޖައްސަަން ޖެހުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މަސައްކަތްތައް ބަލަހައްޓައި އެކަމާ ގުޅިގެން އެޑިޕާޓްމަންޓުން ދޭ ހިދުމަތްތައް ގާއިމްކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން ކަމަށެވެ.

ބިދޭސީންގެ ޑިޕޮސިޓްފީ ދެއްކުމަށް އަލަށް ހަމަޖައްސާފައިވާ އެ އުސޫލުގެ ދަށުން ޑިޕޮސިޓް ފައިސާ ބަލައިގަންނަ އާ ފޯމެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އަދި 15 ޖުލައިން ފެށިގެން އަލަށް ގެންނަ ބިދޭސީންގެ ޑިޕޮސިޓް ފައިސާއާ އެކު ވަޒީފާ ދޭ ފަރާތުގެ ބޭންކް އެކައުންޓްގެ ސައްހަ މައުލޫމާތު ނުހިމަނާ ފަރާތްތަކުގެ ޑިޕޮޒޮޓް ފައިސާ ބަލައި ނުގެންނާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު