ތެލުގޫ ފިލްމުތަކުން މަޝްހޫރުވިޔަސް އެ ބަހެއް މަހޭޝަކަށް ނޭނގޭ

ސައުތު އެކްޓަރު މަހޭޝް ބާބޫ--ފޮޓޯ/ޕިންކްވިލާ

މިހާތަނަށް ގިނަ އަދަދެއްގެ ތެލުގޫ ފިލްމުތަކުގައި މަސައްކަތްކޮށްފައިވީ ނަމަވެސް ތެލުގޫ ބަހުން ލިޔެފައި ހުންނަ އެއްޗެހި ކިޔަން ނޭނގޭ ކަމަށާއި އެ ބަހުން ލިޔަން ވެސް ނޭނގޭ ކަމަށް ސައުތު އެކްޓަރު މަހޭޝް ބާބޫ ބުނެފިއެވެ.

ސައުތު ސިނަމާގައި ބެންޗްމާކެއް ގާއިމުކޮށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަހޭޝް އިންޑިއާ ގްލިޓްޒްއަށް ދިން އިންޓަވިއުއެއްގައި ބުނީ، މިހާތަނަށް ކުޅުނު ތެލުގޫ ފިލްމުތަކުގެ ޑައިލޮގްތައް ކިޔާފައިވާނީ ޑައިރެކްޓަރު އެ ޑައިލޮގްތައް ކިޔައިދިނުމުން ޑައިރެކްޓަރުގެ އަޑު ކަނުލާ އެހުމަށް ފަހުގައި ކަމަށެވެ.

މަހޭޝަކީ ވަރަށް އަވަހަށް ކަންކަން ދަސްކޮށް ފިލްމުގެ ޑައިލޮގްތައް ފަސޭހަކަމާ އެކު ހިތުން ދަސްކުރުމުގެ ހުނަރު ލިބިފައި ހުރި މީހެއްކަމުން އެ ޑައިލޮގްތައް ސިކުނޑީގައި ހަނދާން ހުންނަ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

މަހޭޝް އަންހެން ދަރިފުޅު ސިތާރާއާ އެކު--ފޮޓޯ/ޕިންކްވިލާ

މިހާތަނަށް ތެލުގޫ ބަހުން ލިޔަން ނޭނގި އެ ބަހުން ލިޔެފައި ހުންނަ އެއްޗެހި ކިޔަން ނޭނގެނީ ކުޑައިރުއްސުރެ ޗެއްނާއީގައި ދިރިއުޅުމުން ކަމަށާއި އެކްޓަރު ކިޔެވުމުގެ ބޮޑު ބައެއް ހޭދަކުރީ ވެސް ޗެއްނާއީގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ތެލުގޫ ބަސް ރަނގަޅަށް ނޭނގުނު ނަމަވެސް މަހޭޝްގެ ކެރިއަރުގެ އެންމެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފިލްމުތަކަކީ ތެލުގޫ ބަހުން އުފައްދާފައިވާ ފިލްމުތަކެވެ. އޭގެ ތެރޭގައި 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ސަރުކަރޫ ވާރި ޕަތާ"، "މަހާޝީ" އަދި މި އަހަރު ރިލީޒްކުރި ފިލްމު "ގުންތޫރު ކާރަމް" ހިމެނެއެވެ.

މަހޭޝް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރު މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "އެސްއެސްއެމްބީ29"އިންނެވެ. މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ ފިލްމެކެވެ.

comment ކޮމެންޓް