ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު 'ސްލަމްޑޯގް މިލިއަނާ'ގެ ސީކުއަލްއެއް އުފައްދަނީ

ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަމާ އެއްވަރަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އިނގިރޭސި ޑްރާމާ ފިލްމު "ސްލަމްޑޯގް މިލިއަނާ"ގެ ސީކުއަލްއެއް އުފައްދަން ނިންމައިފިއެވެ.

އޮސްކާ އެވޯޑު ލިބިފައިވާ މި ފިލްމުގެ ކޮޕީ ރައިޓްސް ގަނެފައި ވަނީ ބްރިޖް7 ކިޔާ ދާދިފަހުން ވުޖޫދަށް އައި ފިލްމު ކުންފުންޏަކުންނެވެ. ހޮލީވުޑް ރިޕޯޓާގައި ބުނެފައިވާ ގޮތުގައި މި ކުންފުންޏަކީ ޕްރޮޑިއުސަރު ސުވާތީ ޝެޓީ އާއި ސީއޭއޭގެ ކުރީގެ އެޖެންޓެއް ކަމަށްވާ ގްރާންޓް ކެޒްމެން ގުޅިގެން ހިންގާ ކުންފުންޏެކެވެ.

ފިލްމު 'ސްލަމްޑޯގް މިލިއަނާ'ގެ ބައެއް ކާސްޓުން--ފޮޓޯ/ޔޫޕީ.ކޮމް
އިންޑިއާގެ ކާސްޓަކާ އެކު 2008 ވަނަ އަހަރު ގެނެސްދިން "ސްލަމްޑޯގް މިލިއަނާ"ގެ ސީކުއަލްއެއް އުފައްދާނެކަން އިއުލާނުކުރި ނަމަވެސް މި ސީކުއަލްއާ ބެހޭ އިތުރު މައުލޫމާތު އަދި ހާމައެއް ނުކުރެއެވެ. ފިލްމުގައި ހިމަނާނެ ކާސްޓުންނާއި ފިލްމު ޑައިރެކްޓްކުރާނެ ފަރާތަކާ ބެހޭ މަޝްވަރާތައް ކުރިއަށްދާއިރު ވަރަށް އަވަހަށް މި ސީކުއަލްގެ މައުލޫމާތު އާއްމުންނާ ހިއްސާކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑެނީ ބޮޔެލް ޑައިރެކްޓްކުރި މި ފިލްމުގެ މުހިއްމު ތަރިންގެތެރޭ ދޭވް ޕަޓޭލް އަދި ހޮލީވުޑްގެ ބަތަލާ ފްރީދާ ޕިންޓޯ ހިމެނެއެވެ. މި ފިލްމަށް އެ އަހަރުގެ އެކަޑެމީ އެވޯޑުގައި މުޅިއެކު އަށް އޮސްކާ އެވޯޑު ކާމިޔާބުކޮށްފައިވެއެވެ. އެންމެ 15 މިލިއަން އެމެރިކާ ޑޮލަރުން އުފެއްދި "ސްލަމްޑޯގް މިލިއަނާ"އަށް އާމްދަނީގެ ގޮތުގައި 378.4 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

ފިލްމު "ސްލަމްޑޯގް މިލިއަނާ"ގެ މަންޒަރެއްގައި ބޮލީވުޑް އެކްޓަރު އަނިލް ކަޕޫރު--ފޮޓޯ/ފޭސްބުކް

އިންޑިއާގެ މިއުޒީޝަން/ލަވަކިޔުންތެރިޔާ އޭއާރް ރަހްމާނު މިއުޒިކް ތައްޔާރުކޮށްދިން މި ފިލްމުން ލަވަކިޔުންތެރިޔާއަށް ގޯލްޑަން ގްލޯބް އެވޯޑްގެ އިތުރުން ދެ އެކަޑަމީ އެވޯޑު ވަނީ ލިބިފައެވެ.

އިންޑިއާގެ މުމްބާއީގެ ޖުހޫގައި ފަޤީރު ހާލުގައި ދިރިއުޅެމުން އައި ކުޑަކުއްޖެއްގެ ހަޔާތް ބަދަލުކޮށްލަދިން ހާދިސާގެ ވާހަކަ ކިޔައިދޭ މި ފިލްމުން އިންޑިއާގެ ކުރީގެ އެކްޓަރު އިރުފާން ޚާން އަދި އަނިލް ކަޕޫރު މުހިއްމު ރޯލަކުން ފެނުނެވެ.

މި ފިލްމުގެ ކާސްޓުގައި ހިމެނުނު މުހިއްމު ތަރިންނަށް ފަހުން ހޮލީވުޑްއިން ވަރަށް ގިނަ ހުށަހެޅުންތައް ލިބި ފިލްމުތަކުން ފުރުސަތު ވަނީ ލިބިފައެވެ.

comment ކޮމެންޓް