ސީޒަން ނިމުމުގެ ކުރިން ކުޅުމުގެ ތެރެއަށް އެނބުރި އައުމަށް ރޮޑްރީ އުއްމީދު ކުރޭ

އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅޭ ސްޕެއިންގެ ބައިނަލްއަގުވާމީ ކުޅުންތެރިޔާ ރޮޑްރީ --

އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅޭ ސްޕެއިންގެ ބައިނަލްއަގުވާމީ ކުޅުންތެރިޔާ ރޮޑްރީ މި ސީޒަން ނިމުމުގެ ކުރިން އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައުމަށް އުއްމީދު ކުރާ ކަމަށް ބުނެފިއެވެ.

ރޮޑްރީ މިގޮތަށް ބުނެފައި ވަނީ ''ރެސްޓް އިޒް ފުޓްބޯލް'' ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުންނެވެ.

ރޮޑްރީ ބުނީ އޭނާގެ އުއްމީދަކީ މި ސީޒަން ނިމުމުގެ ކުރިން ކުޅުމުގެ ތެރެއަށް އެނބުރި އައުން ކަަމަށާއި މި ސީޒަނާ މެދު ކުރާ އުއްމީދު އަދި ދޫކޮށް ނުލާ ކަމަށެވެ. އެހެން ނަމަވެސް އަވަސް އަރުވާލުމަށް ނުވިސްނާކަމަށާއި އޭނާ އަމާޒު ހިފައިފައިވަނީ ހައެއް ނޫނީ ހަތް މަހުގެ ތެރޭގައި އެކަން ކުރާން ކަމަށް ބުންޏެވެ. އަދި ކުރިން ހީކުރިވަރަށް ވުރެ މިހާރު ރަނގަޅު ކަމަށާއި މިވަގުތު އެހެން ކަންތައްތައް ވަގުތު ދީ ހިތްހަމަ ޖައްސާލަނީކަމަށް ރޮޑްރީ ބުންޏެވެ.

އަނިޔާގައި ހުރި ރޮޑްރީ ބުނީ ފުޓްބޯޅައާ ދުރުގައި ހުރި ފުރަތަމަ ދޮޅު މަހެއްހާ ދުވަހު ވަރަށް އުނދަގޫވި ކަމަށާއި ތަދުވާލެއް ބޮޑުކަމުން ނުވެސް ހިނގޭކަމަށެވެ. ނަމަވެސް މިހާރު ހުރިހާ ކަމެއްވެސް ފަސޭހަ ވަމުން އަންނަ ކަމަށެވެ.

ރޮޑްރީގެ ކަނާތު ކަކުލުގެ ލިގަމެންޓަށް އަނިޔާވެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ޕްރިމިއާ ލީގުގައި ވާދަވެރި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރޭގައެވެ. އަދި އޭރު ބެލިބެލުމުން މިސީޒަންގައި ރޮޑްރީއަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެކަމަކަށް ނުބެލެވުނެވެ. މިސީޒަންގައި ޕްރިމިއާ ލީގު ނިމެން އޮތީ އަންނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ އެފް އޭ ކަޕްގެ ފައިނަލް ބާއްވާތާ އަށް ދުވަސް ފަހުންނެވެ. އަދި ޑޮމެސްޓިކް މުބާރާތްތައް ނިމުމާއެކު މިއަންނަ އަހަރު ޖޫން 15އިން ޖުލައި މަހުގެ 13އަށް ފީފާ ކްލަބް ވާލްޑް ކަޕް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ ބެލޮން ޑިއޯ އިނާމް ލިބުނު ރޮޑްރީ ވަނީ އެރަސްމިއްޔާތަށް ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑްގެ ފަރާތުން އެއްވެސް މީހެއް ނުދާން ނިންމި ނިންމުމަށް އިޙްތިރާމް ނުކުރެވޭނެ ކަމަށް ވެސް ބުނެފައެވެ. ރޮޑްރީ ބުނީ އޭނާގެ ކެރިއަރުގެ އެންމެ އުފާވި ދުވަހަކީ ބެލޮން ޑިއޯ ލިބުނު ދުވަސް ކަމަށާއި އެންމެ ހިތާމަވެރި ކަމަކީ މިހާރު އިހްސާސް ކުރަމުންދާ އަނިޔާ ކަމަށެވެ.

ރޮޑްރީ ބުނީ ސިޓީން މިހާރު ދެކެމުންދާ އުނދަގޫ ދުވަސްތަކުން ސަލާމަތްކޮށްދޭނެ ފަރާތަކީ ޕެޕް ގަޑިއޯލާ ކަމަށާއި އޭނާ ސިޓީގައި އިތުރު ދެ ސީޒަން މަޑުކުރަން ނިންމުމުން ވަރަށް އުފާވި ކަމަށެވެ. ރޮޑްރީ ބުނީ އޭނާ ޕެޕްގެ ކޯޗު ކަމުގެ ދަށުން ހޭދަކުރަމުންދާ އަހަރުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް އައީ ފުރަތަމަ އަހަރުގައި ކަމަށެވެ.

ރޮޑްރީ ބުނީ އެ އަހަރު އޭނާ ޕްރެކްޓިސްއަށް ފަހު މަޑުކޮށް ޕެޕް އާއެކު ވާހަކަ ދައްކައި ގިނަ ކަންތައްތައް އޮޅުން ފިލުވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރި ކަމަށެވެ. އެހެން ކަމުން އެ އަހަރު ވަރަށް ޚާއްސަ ކަމަށް ރޮޑްރީ ފާހަގަ ކުރިއެވެ. އަދި ޕެޕްއަކީ އަބަދުވެސް އާ ހިޔާލުތަކާއެކު މޮޅުވުމަށް މަސައްކަތް ކުރާ ފަރާތެއް ކަމަށާއި އޭނާ މަޑު ކުރަން ނިންމުމުން އުފާވަނީ އެހެންވެ ކަމަށްވެސް ރޮޑްރީ ހާމަކުރިއެވެ. ޕެޕް އަކީ ދެބަސް ވެވެން ނެތް ގޮތުގައި އެންމެ މޮޅު ކޯޗުކަމަށްވެސް އޭނާ ސިފަކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު