ދަތުރުވެރިންގެ ވަޅިތަކުން ކުރުނބާ ފިހީގެ ކުނިފުނި އުފައްދާ މަންޒަރު

23:12


"ހާދަހާ ގިނަ ކުރުނބާ ފިއްސެކޭ؟" ދަތުރުވެރިން މާރުކޭޓު ތެރޭގައި ހުރި ކުރުނބާ ފުންޏަކާއި ކުރުނބާ ފިހި ފުންޏަކާ ދެމެދަށް ވަންނަމުން ޒުވާން ކުއްޖަކު ބުނެލި އެވެ. އެތާނގެ ކާރޫބާރޫ އާއި ތަކެތީގެ ގިނަމަދު މިނަށްވުރެ ބޮޑަށް އޭނާއަށް ވިސްނައިލެވުނީ ދިމަދިމާއިން ފުނިޖެހިފައި ހުރި ކުނރުބާ ފިހީގެ ފުނިތަކަށެވެ.


"ކިހާ ކުރުނބައެއްގެ ފިހި، މިތާ ހުންނާނެ،" ކުރުނބާ ވިއްކާ މިހާ ގާތުގައި އޭނާ ސުވާލުކުރި އެވެ. "މިއަދު އެކަނި ވެސް 300 އަށް ވުރެ ގިނަ ވާނެ،" ކުރުނބާ ވިއްކާ މީހާ ބުންޏެވެ.


އޭނާ ބުނި ގޮތުގައި ރޯދަމަހުގެ ފުރަތަމަ  ދިހައެއްގެ ތެރޭގައި 1500 އަށް ވުރެ ގިނަ ކުރުނބާ އޭނާ އެކަނި ވިއްކާފައިވާނެ އެވެ.


ރޯދަމަހާ ދިމާކޮށް ރަށްރަށުގެ ދަތުރުވެރިންގެ މާރުކޭޓަށް އެންމެ ގިނައިން ވައްދަނީ ކަރާ ކަމަށް ވެދާނެ އެވެ. އެހެންނަމެސް ކަރައިން ވަކިވެގެންދާ ނުވަތަ ހަލާކުވެގެން ކުންޏަށް ވެގެންދާ ފުނިވަރުތަކަށް ވުރެ މާރުކޭޓަށް ޖަމާވެ ފުނިޖެހިފައި ހުންނަ  ކުނރުބާ ފުނިތައް  މާގިނަ އެވެ. މާ އުހެވެ. ކުރުނބާ ފިހީގެ "ކުނިފުނި" އުފެދިގެން އަންނަ ގޮތްވެސް މާ "ސަޅި"އެވެ. ކުނިވާ ކަރާ ޗަސްވެގެން އެމަތިމައްޗަށް އަރާފައި ހުންނަނީ ވަރަށް މަދުންނެވެ. އެއާ ހިލާފަށް  ހުރިހާ ވަގުތަކު ވެސް ދަތުރުވެރިންގެ މާރުކޭޓުން ކުނރުބާ ފިހީގެ ބިޔަ އުސް ފުނިތައް "ހެދިބޮޑުވަމުން"ދާ ތަން ފެންނާނެވެ. 


ފުނިތައް އެމަތިމައްޗަށް އަރަމުންދާ ވަރަކަށް ކިޔޫގައި އޮންނަ ޕިކަޕްތަކެއްގައި ކުނރުބާ ފިހީގެ ގޯނިތައް ޕިކަޕަށް އަރުވައި އުކާލަ އެވެ. އެހެންނަމަ ވެސް ދާދި އަވަހަށް ހަމަ އެކަހަލަ ފިހި ފުނިތައް ޖެހޭތަން ފެނެ އެވެ.


   ފިހި ފުނި އުކައިލިޔަސް ކުރުނބާ އިހާތައް ދޮށުގައި ތޫނު ވަޅިތައް ހިފައިގެން ތިބޭ މީހުންގެ އަތުގެ ބުރު އަންގާ ނުލަ އެވެ. އެ މީހުން ފަސޭހަކަމާ އެކު ކުރުނބާ ހަދާއިރު  ހީވަނީ "މެޝިނަކުން" ކުރުނބާ ފިހި އުފައްދަމުންދާހެނެވެ. ރޯދަ ކުރުކޮށްލުމުގެ ޝައުގުވެރިކަމުގައި ބަލައިލަން ހަމަ އެންމެ ރަނގަޅު މަންޒަރެކެވެ.


"ފާސްޓް ދޯ؟ ވަޅި ގެންގުޅޭ ގޮތް ބަލައިލަބަލަ؟"  ކުރުނބާ ހަދާތަން ބަލަން ހުރެފައި ޒުވާނާ  ބުނެލި އެވެ.


ހަގީގަތުގައި ވެސް  ބޮޑެތި ވަޅިތަކުން ޖަހައި އިހަލުން ކުރުނބާ ވަކިކޮށްލައި އަތްމަތީގައި ބާއްވައިގެން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ހަދައި ނިންމާލަނީ ހުނަރުވެރި ކަމާއެކު އެވެ. އެމަތިމައްޗަށް އަރާފައި ހުންނަ ކުރުނބާ އިހާތަކުން ފަހަރަކު ކުރުނބައެއް ހަދާއިރު އެ މީހުން އުކާލާ ފިހިތައް އެއްދިމާއަކަށް ޖެހި ކުރުނބާ ފިހީގެ ފުނިތައް އުފެދެނީ "އާވެގެން" އުޅޭ މީހުން އަންތަރީސްވާހާ ވަރަށެވެ.


ކުރުނބާ ވިއްކާ މީހުންގެ އިސްކޮޅަށް ކޮންމެ ދުވަހަކު ފިހި ފުނިޖެހޭއިރު، މި ރޯދަމަހަކީ ބާޒާރުގައި ކުރުނބާ މަދު މަހެކެވެ. މި ފަހަރު ކުރުނބާ ފިހީގެ ފުނިތައް ޖެހެން ފެށީ ފުރަތަމަ ދިހައިގެ ބޮޑުބައެއް ވެސް ކެނޑުނު ފަހުންނެވެ.


ވަޅީގެ ތޫނުކަން ދައްކައި ކުރުނބާ ހަދާ މީހުން ފިއްސަކުން، ފިއްސަކުން އެއްލައިލާ ކުރުނބާ ފިހިން "ހެދިބޮޑުވާ" ފުނިވަރުތައް ވާނީ ރޯދަމަސް ނިމޭއިރު ކިހާ ބިޔަ ފުންޏަކަށް ހެއްޔެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް