އެމެރިކާގެ މޭޖާ ލީގު ސޮކާގެ އިންޓާ މައޭމީގެ ކޯޗު ޖެރާޑޯ މާޓީނޯ އަމިއްލަ ސަބަބުތަކަކަށްޓަކައި އެކްލަބުގެ ކޯޗު ކަމުން ވަކިވެއްޖެއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އިންޓާގެ ކޯޗުކަމާ ހަވާލުވި އުމުރުން 62 އަހަރުގެ މާޓީނޯ މަގާމުން ވަކިވާއިރު އޭނާ އެކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ. ކުރިން އާޖެންޓީނާ ޤައުމީ ޓީމާއި ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާގެ ކޯޗުކަން ކޮށްފައިވާ މާޓީނޯގެ ކޯޗު ކަމުގައި އިންޓާއިންވަނީ އެކްލަބްގެ ތާރީޚުގައި ކާމިޔާބުކުރި ފުރަތަމަ ދެ ތަށި ކާމިޔާބު ކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ ލީގްސް ކަޕް އާއި މިއަހަރުގެ ސަޕޯޓާސް ޝީލްޑްއެވެ.
މަގާމުން ވަކިވުމުގެ ގޮތުން މާޓީނޯ ބުނީ މި ޚާއްސަ ކްލަބްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ޝަރަފެއްކަމަށެވެ. އަދި އޭނާއަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީ ވަރަށް ޚާއްސަ ޓީމަކާއެކުކަމަށްވެސް އޭނާ ހާމަކުރިއެވެ.
އިންޓާގައި ހޭދަކުރި ދުވަސްތަކުގެ މަތިން އަބަދުވެސް ހަނދާން ހުންނާނެކަމަށާއި ކްލަބްގެ ހުރިހާ ފަރާތްތަކާއެކު މުޅި އުމުރަށް ދެމިގެންދާވަރުގެ ގާތް ގުޅުމެއް އުފެދިފައިވާކަމަށް އޭނާ ބުންޏެވެ. އަދި އިންޓާއާ ވަކިވަނީ ޝުކުރުން ފުރިފައިވާ ހާލުގައި ކަމަށާއި ކްލަބްގެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް މާޓީނޯ ބުންޏެވެ.
އިންޓާ މައޭމީ ހިންގާ އެއް އޯނަރު ކަމަށްވާ ހޯގޭ މާސް ބުނީ މާޓީނޯގެ ބަދަލުގައި އެޓީމާ ހަވާލުވާ އާ ކޯޗުގެ ނަން ދެތިން ދުވަހުގެ ތެރޭގައި ހާމަކުރާނެކަމަށެވެ. ގިނަ ބަޔަކު ލަފާކުރާ ގޮތުގައި އެމަގާމަށް އައުން އެންމެ ގާތް އެއް ފަރާތަކީ އާޖެންޓީނާގެ ކުރީގެ ކުޅުންތެރިޔާ ހާވިއޭ މަޗެރާނޯއެވެ. މަޗެރާނޯވަނީ މީގެކުރިން އިންޓާގެ މިހާރު ތިބި އެންމެ ތަޖުރިބާކާރު ދެކުޅުންތެރިން ކަމަށްވާ އިންޓާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ލުއިސް ސުވަރޭޒް އާއެކު އެއް ޓީމަކަށް ކުޅެފައެވެ.
މާސް ވަނީ އާ ކޯޗުގެ ނަން އަދި ހާމަކުރެވެން ނެތް ކަމަށާއި އެހެން ނަމަވެސް ނަމެއް ހާމަކުރުމާ ވަރަށް ގާތަށް ގޮސްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން މިހާރު ތިން ކެންޑިޑޭޓުންނަށް މަދުކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.
އާ ކޯޗު ހޯދުމުގެ ކަންތަކުގައި މެސީގެ ލަފާވެސް ހޯދާފައިވާކަމަށާއި އެއީ އެޓީމާއި އަލަށް ހަވާލުވާ ކޯޗަކާއެކު މެސީއަށް މަސައްކަތް ކުރަން ފަސޭހަވާން ބޭނުންވާތީ ކަމަށް މާސް ބުންޏެވެ. އެހެން ނަމަވެސް އެޓީމަށް އަލަށް ގެންނަ ކޯޗެއް ހޮވުމުގެ ކަންތަކުގައި ފަހު ބަސް ބުނުމުގެ އިޚްތިޔާރު މެސީއަށް ނޯންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.
މާޓީނޯ އިންޓާ ދޫކޮށްދާއިރު އެޓީމަކީ އެމްއެލްއެސްގައި ފާހަގަ ކޮށްލެވޭ މަގާމެއް ހޯދާފައިވާ ޓީމެކެވެ. ނަމަވެސް 2023 ވަނަ އަހަރު އޭނާ ކޯޗުކަމާ ހަވާލުވިއިރު އެޓީމު އޮތީ އެހާތަނަށް ކުޅުނު 18 މެޗުގެ ތެރެއިން 13 މެޗުން ބަލިވެ ތާވަލްގެ އެންމެ ފުލުގައެވެ. އަދި މިސީޒަންގައި އިންޓާ ވަނީ ރެގިއުލާ ސީޒަންގެ ތެރޭގައި އެންމެ ގިނަ ޕޮއިންޓް ހޯދައި އާ ރިކޯޑެއް ގާއިމް ކޮށްފައެވެ.