ޑޭވިސް ކަޕްގެ ފައިނަލުން ނެދަލެންޑްސް ޖާގަ ހޯދައިފި

ސްޕެއިންގެ މަލާގާގައި މިހާރު ކުރިއަށްދާ ޑެވިސް ކަޕް ޓެނިސް މުބާރާތުގެ ފައިނަލުން ނެދަލޭންޑްސް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުން ނެދަލެންޑްސް ޖާގަ ހޯދާފައިވަނީ ސެމީ ފައިނަލްގައި ޖަރުމަނުވިލާތާ ބައްދަލުކޮށް ސީދާ ދެ މެޗުން ކުރި ހޯދައިގެންނެވެ.

ބެސްޓް އޮފް ތުރީއަށް ކުޅުނު މި ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ބޮޓިކް ވެން ޑެ ޒަންޑްޝުލްޕް އާއި ޖަރުމަނުވިލާތުގެ ޑެނިއެލް އާލްޓްމައާއެވެ. މި މެޗު ފޯރިގަދަ ކުޅުމަކަށްފަހު ދެސެޓު އެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ ވެން ޑެ ޒަންޑްޝުލްޕްއެވެ.

ދުނިޔޭގައި 80 ވަނައަށް ރޭންކް ކުރެވިފައިވާ މިކުޅުންތެރިޔާ ފުރަތަމަ ސެޓު ހައެއް ހަތަރަކުން ކާމިޔާބުކޮށް ލީޑު ނެގި ނަމަވެސް ދެވަނަ ސެޓު ވަރަށް ވާދަވެރި ކުޅުމަކަށްފަހު ދިޔައީ ޓައި ބްރޭކަކަށެވެ. އަދި ޓައި ބްރޭކް ބާރަ ސާދައިން ކާމިޔާބުކޮށް އާލްޓްމައާވަނީ އެއް ސެޓު އެއް ސެޓުން މެޗު އެއްވަރު ކޮށްފައެވެ. އަދި ތިންވަނަ ސެޓު ވެން ޑެ ޒަންޑްޝުލްޕް ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ތިނަކުންނެވެ. ނަމަވެސް އޭނާއަށް މިމެޗު ކާމިޔާބު ކުރެވުނީ ދިހަ ވަނަ ފަހަރަށް މެޗު ޕޮއިންޓް ލިބިގެންނެވެ.

ސެމީފައިނަލްގެ ދެވަނަ މެޗުގައި ނެދަލަންޑްސްގެ ޓެލޮން ގްރީކްސުޕޯ ވަނީ ޖަރުމަނުވިލާތުގެ ޔާން ލެނާޑް ސުޓުރަފް ދެސެޓް އެއް ސެޓުން ބަލިކޮށް މިސެމީފައިނަލް ނެދަލަންޑްސްއަށް ކާމިޔާބު ކޮށްދީފައެވެ. ނަމަވެސް އޭނާއަށް މިކާމިޔާބީ ހާސިލް ކުރެވިފައިވާ ވަނީ އޭގެ އުނދަގޫ ގޮތުގައެވެ. އެއީ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތަރެއް ހަތަކުން ކާމިޔާބު ކޮށްފައިވަނީ ޔާން ލެނާޑް ކަމުންނެވެ. އެހެން ކަމުން ގްރީކްސްޕޯއަށް ޖެހުނީ ފަހު ސެޓު ކާމިޔާބު ކުރާށެވެ. ދެވަނަ ސެޓުވެސް ވަރަށް ވާދަވެރިކޮށް ގްރީކްސްޕޯއަށް ކުރި ލިބުނީ ހަތެއް ފަހަކުންނެވެ. އަދި ފަހު ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ.

މެޗަށްފަހު ގްރީކްސްޕޯ ހާމަކުރިގޮތުގައި ނެދަލަންޑްސް ޓީމުގެ ހިތްވަރަކީ ޓީމުގެ އެއްބައިވަންތަކަމެވެ.

ނެދަލަންޑްސްގެ ކެޕްޓަން ޕޯލް ހާހުއިސް ބުނިގޮތުގައި މި ޓީމުގެ ހާއްސަ ކަމަކީ މިޓީމުގައި ދުނިޔޭގެ ރޭންކިންގެ އެންމެ މަތީ ފަނަރަ ކުޅުންތެރިންގެ ތެރެއިންވެސް ކުޅުންތެރިއެއް ނެތް ކަމެވެ. އެހެން ކަމުން މި ޓީމުން މިދައްކުވާދެނީ މުޅި ޓީމުގެ ހިތްވަރު ކަމަށް ވެސް އޭނާ ސިފަކުރިއެވެ. މި މުބާރާތުގެ ފައިނަލްގައި ނެދަލެންޑްސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީވިލާތާއި އޮސްޓްރޭލިއާ މިރޭ ބައްދަލުކުރާ ސެމީ ފައިނަލްއިން ކުރި ހޯދާ ޓީމަކާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު