މާފަށްވުރެ ދުރުގައި

02 ޖުލައި 2012 އާ ގުޅޭ

"އެކުވެރިންނާއިއެކީގައި ރެސްޓޯރެންޓެއްގައި... އަންނާނަމޭ މާ ލަހެއްނުވެ... ތިވަރަށް ކޮންސާން ނުވެބަލަ... އައިމް ފައިން... އަންނާނެ ކަމެއްނެތޭ..ޕްލީޒް.." މައިރާ އަނެއް ފަރާތަށް އެނބުރިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. މައިރާ ރެޔާން ރުއްސާލުމަށްފަހު ފަސްއެނބުރި ބަލާލިއިރު، އައިޒާން އިށީދެގެން އިން ގޮނޑިވަނީ ހުހަށެވެ. މައިރާގެ މެޔަށް ފިނިވިއެވެ. އައިޒާން ދިޔައީ ކީއްވެހެއްޔެވެ؟ އޭނަ ދެކެ ރުޅިއައިސްގެންހެއްޔެވެ؟ މައިރާގެ ލޯބިވެރިޔަކު ހުއްޓަސް އަދި އައިޒާންއާއި އޭނަގެ މިއޮތް އެކުވެރިކަމުގެ ގުޅުމަށް ބުރޫއަރައިގެން ވާނެކަމަކަށް މައިރާ ނުދެކެއެވެ. މިއީ މައިރާ ބޭނުންވި ގޮތެއް ނޫނެވެ.

މައިރާ އައިޒާންއަށް ފޯނުން ގުޅިއެވެ. ފޯނުކޯލު ތަކުގެ ސިލްސިލާއެއް ފެށުނު ސަބަބަކީއެއީ އެވެ. އެފަހުން އައިޒާންގެ ދިގު ކޯލުތަކާއި މެސެޖްތައް މައިރާއަށް ލިބެންފެށި އެވެ. އެކުވެރިކަމުގެ ގުޅުމެއް ބޭރު ފުށުން ދައްކައިގެން ހުއްޓަސް އައިޒާންގެ ހިތް ލޯބިން ބަންޑުންވަމުން ދިޔައެވެ. ނަމަވެސް މައިރާގެ ހިތް ނޭނގޭތީ އެ ސިއްރުވަނީ ހިތުގެ އެންމެ ފުންމިނުގައި ފޮރުވިފައެވެ. ނަމަވެސް ދެމީހުން ގަޑި ކިޔާފައި ފޮތް ފިހާރައަށް ނޫނީ ރެސްޓޯރެންޓަކަށް ދެވޭވަރު ގިނަވާންފެށި އެވެ. އާޓިފިޝަލް ބީޗްގައި ވާހަކަ ދައްކާލަން ތިބެވެއެވެ. މައިރާ ކޮލެޖް ނިންމާލާފައި ސަބްމެރިން ކާން ވެގެންނޭ ކިޔާފައި ޑްރައިވަރު ގޮވައިގެން އެހިސާބަށް އާދެއެވެ. އަންވަރުއަކީ ބަސްމަދު މަޑުމައިތިރި މީހަކަށް ވެފައި ބައްޕަ ގެންގުޅޭ މީހަކަށްވާތީ އޭނަގެ ޒާތީކަންތަކާއި ނުބެހޭނެކަމުގެ ޔަގީންކަން މައިރާއަށް އޮވެއެވެ.

ގޭގެ ކާކޮޓަރީގައި ދިއްލާލާފައިވާ އޮރެންޖްކުލައިގެ ޗާންދާލިޔާގެ ހިތްގައިމު އަލީގައި އާއިލާގެ މެމްބަރުން ކާން އިށީދެލައިގެން ތިއްބެވެ. މޭޒުގައިވާ ތަށިތަކުގެ މަތި ހިއްލެމުންދިޔަވަރަކަށް ކުޅުދިޔާވާފަދަ މީރުވަސް އެތަނަށް ފެތުރެމުންދިޔައެވެ. އެންމެންގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުތަނަވަސްކަމާއި އުނދަގޫތަކެއް ތަހައްމަލު ކުރަމުންދާކަން އެގުނެވެ. ޚާއްސަކޮށް ޑޮކްޓަ އައިމަންގެއެވެ. އޭނަގެ ނިތްކުރިއަށްވެރިވެފައިވާ ކުދި ރޫތަކުގެ ސަބަބުން ތަބީއަތު ގޯސްވެފައިވާވަރު މައިރާވެސް ދެނެގަތެވެ. މައިރާ އިނީ އިސްޖެހިފައެވެ. ކާހިތް ނުވެފައެވެ. އުލާއި ސަމުސަލާއި ކުޅެމުން ދަނިކޮށް ތަނަށް ވެރިވެފައިވާ ފުން ހިމޭންކަން ފުޑުފުޑުކޮށްލީ ޑޮކްޓަ އައިމަންގެ މަންމަ ސުލްތާނާއެވެ. ސުލްތާނާ ވާހަކަދައްކަން ފެށުމުން ޝަމާއިލް ވެސް މާމައާއި ބައިވެރިވިއެވެ. އައިމަން ހިމޭންކަމާއިއެކު ކޭން ބައްލަވަން އިންނަވާފައި މައިރާއަށް ބައްލަވާލަމުން މިރޭ މައިރާ ނުކައި އިނީ ކީއްވެހޭ ސުވާލުކުރިއެވެ.
"މޭއި އޯކޭތަ؟ ކައިބަލަ.. ހާދަ ތުންކޮޅު ދިގޭ..."ޝަމާއިލް ސަމާސާ ގޮތަކަށް މައިރާ އާއި ވާހަކަ ދެއްކުމުން މައިރާ މަސްނޫއީ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވިއެވެ.
"ތުންކޮޅު ދިގުވާނެއްނު... މައިރާ ބަސްނާހާ ކުއްޖަކަށް ވަމުންދާ ޚަބަރު ބައްޕައަށް ލިބެން ފަށައިފި... އަންވަރު މިއަދު އަހަރެން ގާތުގައި ނުބުނިނަމަ އަހަންނަށްވެސް ހުރެވުނީހީ މައިރާއަށް އިތުބާރުކޮށްލައިގެން... އޭނަ ގޮވައިގެން މައިރާ މިދަނީ ކޮންތަނަކަށްކަން ނިކަން ބައްޕަގާތު ތެދަށް ބުނެބަލަ..." އައިމަންގެ އެ ޖުމްލައާއިއެކު މައިރާ ގެ ލޯބޮޑުވެގެން ދިޔައެވެ. އަންވަރު މައިރާއޭ ކިޔައިގެން ބައްޕަގާތުގައި އަނގަތެޅުވީހެއްޔެވެ؟ ޑްރައިވަރަށް އައިޒާން ފާހަގަކުރެވުނީކަން ޔަގީނެވެ. ދެ ލޯ ތޫނުމީހެކެވެ.
"އޭނަ ގޮވައިގެން އަޅުގަޑު ގޯސްތަނަކަށް ނުދަން... އަންވަރު އަޅުގަޑު ގޯސްކުރަން ދޮގު ވާހަކަތައް ބައްޕަގާތު ދެއްކީކަމަށް ވާނީ..."މައިރާގެ އަތްފައި ފިނިވެލިއެވެ.
"އޭނަ ބުނި ފިހާރައަށޭ ނޫނީ ބީޗަށޭ ކިޔާފައި ގޮސް އެތަނުން މަސާޖްޕާލާއެއް ހިންގާ އަންހެނެއްގެ ދަރިއަކާއި ބައްދަލުކުރާ ކަމަށް... އެ މީހަކު މަސައްކަތްކުރަނީ ގަރާޖެއްގައިކަމަށް..." އައިމަން އިންނެވީ ކެތްތެރިވެލައްވައިގެންނެވެ. ލޯބިވާ އަންހެންދަރިފުޅުގެ ހިތަށް އަނިޔާއެއް ދިނުމަށް އައިމަންގެ ހިތެއްވެސް ނުރުހެއެވެ. ފުރަތަމަވެސް ލޯބިން ނަސޭހަތްތެރިވެލައްވަން ބޭނުންވީ އެހެންވީމައެވެ. ޝަމާއިލް ވެސް ސިހިފައި ކަހަލަގޮތަކަށް ބައްޕަގެ މޫނަށް ބަލާލުމަށްފަހު މައިރާގެ މޫނަށް ބަލާލީ އެ އިވުނު ވާހަކަ ގަބޫލުކުރަން ދަތިވެގެންނެވެ. މައިރާއަށް މިއޮތް ބޮޑު ދުނިޔެއިން ފެނުނީ ނާސިއެއްގެ ދަރިއެއްހެއްޔެވެ؟ އަދި އެވެސް ގަރާޖެއްގެ މެކޭނިކެކެވެ. ނަސްލީ އިމްތިޔާޒު ގެންގުޅެން ޝަމާއިލް ބޭނުން ނުވިޔަސް ކޮއްކޮގެ ހަޔާތުގެ ބައިވެރިޔަކަށް އެފަދަ މީހެއްވުމަށް ޝަމާއިލްގެ ހިތެއްވެސް ނުރުހުނެވެ.
"ބައްޕާ... އެއީ އަޅުގަޑުގެ އެކުވެރިއެއް... ވަރަށް ރަގަޅުވާނެ.. އެހާ މާތްކުއްޖަކާއި ދުވަހަކު ދިމަލެއްނުވޭ..." މައިރާ ހިންދިރުވާލާފައި އެހެން ބުނަމުން އެސްފިޔަތައް ތިރިކޮށްލައިފިއެވެ.
"އެކުވެރިއެއްގެ ގޮތުންވިޔަސް އެމީހަކާއި މައިރާ ދެން ބައްދަލުވާކަށް ހުއްދައެއް ނެތް..." އައިމަން ގެ ނަޒަރު ކުރިއަށް ވުރެ ސީރިޔަސްވިއެވެ. އެ ލަފުޒުން މައިރާގެ ހިތަށް ތަދުވިވަރުން އޭނަ މޫނުގައި ދެއަތް އެޅިއެވެ. ނަމަވެސް މައިރާއަކީ ކަންތަކާ އެއްގޮތަކަށްވެސް ރޮއި އުޅޭ ކުއްޖެއް ނޫނެވެ. ކިތަންމެ ދެރަވާކަމެއް ކުރިމަތިވިޔަސް އެންމެނަށް ފެނިގެން އެ ލޮލުން ކަރުނަ އޮހުނަކަ ނުދޭނެ އެވެ.

މައިރާގެ މަންމައޭނަ ތުއްތުއިރު ވަކިވެދިޔުމުން ދަޅުންކިރުދޭން ޖެހުމުން މައިރާ ފުދޭވަރަކަށް ބޮޑާ ހާކާ ރޮއިހެދިއެވެ. އޭނަ މަސަލަސްކުރުމަކީ އޭރު ސުލްތާނާއަށްވެސް ފަސޭހަކަމަކަށް ނުވިއެވެ. ސުލްތާނާ އެދުވަސްކޮޅު ބަލިވެގެން ހޮސްޕިޓަލުގައި ބޭއްވުމަކީ މައިރާ ވަރަށް އެހެންކަހަލަ އާދައެއް ހިފި ދުވަސްކޮޅެކަށްވިއެވެ. ކުޑަ ކުޑަ ރަތްކުލައިގެ ބާލީހަކާއި ދޯހަޅިވިއެވެ. ސުލްތާނާ ފަނަރަވަރަކަށް ދުވަހު ހޮސްޕިޓަލުގައި އޮވެފައި އައިއިރު މައިރާވަނީ އެ ބާލީހުގައި ހިފަހައްޓާލައި އިނގިލި އަގައިގާ ޖަހާލައިގެން އޮވެ ނިދަން އާދަކޮށްފައެވެ. ދުވާލުވެސް އޭނަ ފޫހިވެއްޖެއްޔާ އަބަދުއުޅެނީ އެ ބާލީސް ހިފައިގެންނެވެ. އެ ބާލީސް ނެތި މައިރާއަށް ދުރުތަނަކަށް ދަތުރުދެވޭ ކަމަކަށްވެސް ނުވެއެވެ. މިހާރުވެސް އެ ރަތްކުލައިގެ ބާލީސް މައިރާ ސިއްރުން ނުގެންގުޅޭކަމެއް ނޭގެއެވެ. ކަމަކާ ހާސްވެ ދެރަވިޔަސް ބާލީސްހިފައިގެން އޮވެ ނިޔަފަތިތައް ކާލުމަކީ މާމައަށްވެސް ނުހުއްޓުވުނު އާދައެކެވެ.

"ދަރިފުޅާ... އަދި ދަރިފުޅު އެހާ ދެރަވާވަރުގެ އެއްޗެއް ބައްޕަ ނަންގަތީއެއް ނޫން... ހަމަޖެހިބަލަ..." ސުލްތާނާ އިރުކޮޅެއްވަންދެން ކިޔާނެއެއްޗެއް ނޭގިގެން މައިރާއަށް ބަލަހައްޓައިގެން އިނުމަށްފަހު އޯގާތެރިގޮތަކަށް ބުނެލިއެވެ.
"އަންވަރުއަށް ފުރަތަމަ ޔަގީން ނުކުރެވުނު... އެކަމަކު ދެތިން ދުވަހު އެކަކާއި މައިރާ ވާހަކަ ދެއްކިކަން އެގުނީމަ އެއީ ކާކުކަން އޮޅުންފިލުވީ... ވަފާތެރިންނަކީ އެކަހަލަ މީހުން... އޭނަ އެކަން ސިއްރު ކުރިނަމަ އަހަންނަށް އަހަރެންގެ ދަރިފުޅު ގެއްލުނީސް... އެހެންނޫނަސް އަހަރެން ބޭނުން ވީހާ އަވަހަކަށް މައިރާގެ ކާވެނި ކުރުވަން... ވަރަށް ވިސްނާފައި މިގޮތަށް އަހަރެން މިނިންމީ... ކުރިން އަހަރެން ޚިޔާލުކުރީ ދެތިން އަހަރަށް މަޑުކުރަން.. އެކަމަކު އެގިއްޖެ އަންހެންކުއްޖަކު ބެލެހެއްޓުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެކަން.." އައިމަން ގެ ކޮންމެ ޖުމްލައެއް ލަފުޒެއް މައިރާގެ ހިތަށް ތޫނު ޚަންޖަރެއްފަދައިން ހެރެމުން ދިޔައެވެ.
އެލަފްޒްތައް އަޑުއަހަން ކެތްނުކުރެވިގެން މައިރާ އަވަހަށް މޭޒުދޫކޮށްލާފައި ދުވެލާފައި ސިޑިތަކުން އަރައިގެން ދިޔަގޮތަށް ހުއްޓުނީ ޓެރެސްގައެވެ. އެ ހިސާބަށް ވެސް ފިޔަވަޅުތައް ހުއްޓާލާކަށް އަސްލު އޭނަ ބޭނުމެއްނޫނެވެ. މައިރާ ބޭނުމީ ދުވަމުން ދުވަމުން ގޮސް މީހަކަށް ދުވަހަކު ނުފެންނަ ހިސާބަކަށްގޮސް ނެތުމުގެ ތެރެއަށް ގެއްލުމަށެވެ. މައިރާ އުޑާއި ދިމާލަށް ބަލަހައްޓައިގެން ހުރިއިރު އެ ލޮލުގައި ކުޑަ ތެތްކަމެއްވެއެވެ. ނަމަވެސް މައިރާ އިންތިހާއަށް ހިތްވަރުގަދައެވެ. ހިތް ފަޅިފަޅިވެގެން ދިޔަޔަސް ލޮލުން ކަރުނަތިއްކެއް ނުއޮހޮރުވާނެއެވެ. އޭނައަށް ނިޔަފަތީގައި ދައިގަނެވުނެވެ.

މިރޭ އުޑުގައި ހީވަނީ ޖަވާހިރުތައް އުކާލެވިފައިވާހެންނެވެ.ނޫ އޮރެންޖް އަދި ރީދޫކުލައިގެ ތަރިތައް ވިދާ ބަބުޅަމުން ދިޔައީ ބަލާބަލާ ފޫހިނުވާހާ ނަލަކޮށެވެ. ހަނދުގެ އުޖާލާކަމުން މުޅި ފަޒާވެސް ހިނިތުންވަމުން ދިޔައެވެ. މައިރާގެ ހިތަށް މިރޭ އެ ތަރިތަކުންވެސް ލިބުނު އުފަލެއްނެތެވެ. ހީވަނީ ހިތްކުދިކުދިވެ އެތިކޮޅުތަކަކަށްވެފައިވާހެނެވެ.
"މޭއި... ހަމަޖެހިބަލަ.." ޝަމާއިލް މައިރާގެ ކޮނޑުގައި އަތް ބޭއްވިއެވެ.
"ދޮންބެ... ބައްޕަ ނިކަމެތިންދެކެ އެހާ ނަފްރަތުކުރައްވަނީ ކީއްވެތަ؟ އެކުވެރިކަން އޮތަސް އެއީ މައްސަލައެއް ނޫނެއްނު. އެކުވެރިން ހޮވުމުގައި އެކަނި އާއިލީ ސްޓޭޓަސް އަށާއި ފެމިލީއަށް ބެލިގެން ނުވާނެއްނު..."މައިރާ ފުން ނޭވަޔެއްލިއިރު އެ ދެލޮލުގައިވަނީ ނުތަނަވަސްކަމެވެ. އޭނަ އައިޒާން އާއި ރުޅިވެއްޖެއްޔާ އައިޒާންގެ ހިތަށް ދެވޭ އަނިޔާއަކަށް ވާނެއެވެ.
"މޭއި...ފަގީރުންގެތެރޭގައި ވެސް މާތްމީހުން އުޅޭ.. އެކަމަކު އަންވަރު ބުނެފިއެއްނު އެއީ ރަގަޅު ބަޔެއްނޫނޭ.. ކޮއްކޮއަށް އަންޑަސްޓޭންޑް ނުވަނީ ކީއްވެތަ؟ ކޮންމެހެން ބައްޕަ ވެސް ނިކަމެތިންނަށް ނަފްރަތުކުރަނީއެއްނޫން.. ތިބުނާ މީހަކުދެކެ މޭއި ލައިކްވަނީ ދޯ." ޝަމާއިލް ރެއިލިންގައި ލެނގިލަމުން ހަށަން ބަދެލިއެވެ. ޝަމާއިލް ސީރިޔަސްކޮށް އެ ވާހަކަ ދައްކަން ބޭނުންވެފައި ހުރިކަން މައިރާއަށް އެގުނެވެ.
"އަންވަރުއަކަށް ނޭގުނެއްނު.. އައިޒާންހާ ޑީސެންޓް ފިރިހެންކުއްޖަކު ދުވަހަކު ނުދެކެން.. އެހާ މަޑުމައިތިރި.. އަންވަރުއަކީ ދޮގު ހަދާމީހެއްކަން މިއަދު ރަގަޅަށް އެގިއްޖެ... އޭނަ ހިތުން އަހަރެން އުޅުނީ އައިޒާންއާއި ރައްޓެހިވެގެން.. ހަގީގަތެއް ނުބަލާ ހިތަށް އެރިގޮތަކަށް އެވާހަކަދެއްކި މީހަކު ކޮންމެފަދަ ދޮގެއްވެސް ހަދާފާނެ.."މައިރާ ދެކޭގޮތުގައި ހުރިހާވެސް ނުބަޔަކީ އަންވަރުއެވެ. އޭނައާއިމެދު ބައްޕަގެ ހިތް ގޯސްކުރުވިމީހަކީ އެއީއެވެ.

ޝަމާއިލް އޭނަގެ ކޮއްކޮދެކެ އިންތިހާއަށް ލޯބިވެއެވެ. އެ ކޮއްކޮ އުފަލުގައި ހުރުމަކީ ޝަމާއިލް ގެވެސް ހިތްހަމަޖެހުމެވެ. ނަމަވެސް ޝަމާއިލްއަށްވެސް އޭނަގެ ކޮއްކޮ މެކޭނިކަކާއި އިންނަތަން ދެކެން ކެތެއް ނުކުރެވޭނެއެވެ.
" ބައްޕަ އެހެން ބުނުއްވިޔަސް އަޅާނުލާ ހުރެދާނެ... އިރާދަކުރެވިއްޔާ ހުރިހާ ކަމެއްވާނީ އެންމެ ރަގަޅަށް... ތި ޒާން އާއި މީޓްކުރަން ދޮންބެވެސް ބޭނުން.. " ޝަމާއިލް ހިނިތުންވެލި ގޮތުން މައިރާ ހިތްހަމައެއްނުޖެހުނެވެ. އެއްގޮތަކަށްވެސް އައިޒާން އެ އާއިލާ އެއްވެސް މީހަކަށް ތައާރަފުކޮށްދޭކަށް ބޭނުމެއްނޫނެވެ. އެއީ ހަމައެކަނި އޭނަގެ އެކުވެރިޔާއެވެ. ޚާއްސަ އެކުވެރިއެކެވެ. ވީއިރު އާއިލާ މީހުންނަށް ތައާރަފުކޮށް ދިނުމުގެ މާނައެއް ނެތެވެ. އިރުކޮޅެއްވާންދެން މައިރާ އާއި ޝަމާއިލް ޓެރެސްގައި ތިބުމަށްފަހު ތިރިއަށް ފޭބިއިރު ތިންވަނަބައިގެ ކޮރިޑޯރއާއި ހަމައިން މައިރާ ހިގުން މަޑުކޮށްލިއެވެ. ތިންވަނަ ބަޔަކީ އެމީހުން ވަރަށް ޒިޔާރަތްނުކުރާ ބަޔެކެވެ. އެބައިގާ މަންމަގެ ކޮޓަރި ހުރީމައެވެ. އެތައް ޒަމާނެއްފ ަހުން އަދިވެސް އެ ކޮޓަރި ހުންނަނީ ތަޅުލެވިފައެވެ. އެކޮޓަރި ހިރަފުސް ފޮޅާލާ ހަދަން އެތަނަށް ނޯކަރަކު ވަދެލާކަމެއްވެސް މައިރާއަކަށް ނޭގެއެވެ.
"ކޯޗެއް ތި ވިސްނަނީ؟ " ޝަމާއިލް އެ ކޮޓަރިއާއި ދިމާލަށް ބަލާލީ ނުރުހިފައިވާ ގޮތަކަށެވެ.
"މަންމައާއިމެދު.. މަންމަގެ ފޮޓޯއެއްހާ މިންވަރު ނުފެނި މިވަރުވީ.. މަންމަދެކެ ބައްޕަ ކިހާވަރަކަށް ލޯބިވިބާ.. މަންމައަކީ ކާކުތަ؟" މައިރާއަށް ބުނެލެވުނެވެ. ޝަމާއިލްގެ ބުމަ ގޮށްޖެހުނެވެ. އޭނަ މަންމަގެ ނަން ކިޔާކަށް ބޭނުމެއްނުވެއެވެ. އެހާ ރަހުމްކުޑަ މަންމައަކަށްޓަކައި އޭނަގެ ހިތުގައި އެއްވެސް ކުލުނެއް މަގާމެއް ނެތެވެ. އެކުދިން ކުޑައިރު ދޫކޮށްލާފައި ދިޔަގޮތަށް ޚަބަރު ބަލާލާކަށްވެސް ނޫޅުނެވެ. ޝަމާއިލް ގެ އުމުރުން އޭރު ހަ އަހަރުކަމުން މަންމަގެ ސިފައާއި ހަނދާންތައް ކިތަންމެ ރަގަޅަށްވެސް ހުރެއެވެ.އެ ހަނދާންތައް އޭނަގެ ހިތުގެ ރިހުމަކަށްވެފައިވިނަމަވެސް އޭނަ ހުންނަނީ އެކަންތައް ހިތުގެ އެންމެ ފުންމިނުގައި ސިއްރުކޮށްލައިގެންނެވެ.

"ބައްޕައަށް ބޭވަފާތެރިވި އެ ނުލަފާ އަންހެނާގެ ވާހަކަ ނުދައްކާ ކޮއްކޮ ހުރެބަލަ.."ޝަމާއިލް ރުޅިގަދަވިކަން އެގުމުން މައިރާ ހިމޭންވިއެވެ. ޝަމާއިލް އަންހެންކުދިންނާއި އެހާ ދުރުން އުޅުމުގެ ސިއްރަކީ މަންމަ ކަމަށްވެދާނެބާވައެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު