ޣައްޒާގެ ޝަހީދުންގެ ތެރެއިން 70 ޕަސަންޓު މީހުންނަކީ އަންހެނުންނާ ކުޑަކުދިން: އދ

ޣަޒާގެ ކުޑަކުދިންތަކަކާއި އަންހެނުންތަކެއް. ޣައްޒާއިން މިހާތަނަށް ޝަހީދުކޮށްލާފައިވާ މީހުންގެ ތެރެއިން %44 އަކީ ކުޑަކުދިން ކަމަށާއި %26 އަންހެނުން ކަމަށް އދ ން ބުނޭ. ފޮޓޯ/ރޮއިޓާސް

މިދިޔަ އަހަރު އޮކްޓޫބަރު މަހު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ 70 ޕަސަންޓު މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަލަސްތީނުގެ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީސް (އޯއެޗްސީއެޗްއާރު)ން ހާމަކޮށްފިއެވެ.

އޯއެޗްސީއާރުން ބުނީ މި އަދަދު އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ އާބާދީ ބޮޑު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި އިސްރާއީލުން ހަމަލާތައް ދެމުން ދިއުން ކަމަށެވެ.

އިސްރާއީލުން އޮކްޓޫބަރު ހަތްވަނަ ދުވަހު ހަނގުރާމައިގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ހިސާބުތައް އެ އޮފީހުން ކަށަވަރު ކޮށްފައިވާނެ އޯއެޗްސީއާރުން ބުނެއެވެ. ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިސްރާއީލުގެ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 43,000އަށް ވުރެ މައްޗަށް އަރައެވެ.

ނަމަވެސް އޯއެޗްސީއެޗްއާރުން ބުނީ ހަނގުރާމައިގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި ޝަހީދު ކޮށްލާފައިވާ ކަން އެ އޮފީހަށް ކަށަވަރު ކުރެވޭ އަދަދަކީ 8,119 ކަމުގައެވެ.

ޝަހީދުކޮށްލާފައިވާ މީހުންގެ ތެރެއިން 44 ޕަސަންޓަކީ ކުޑަކުދިން ކަމަށާއި 26 ޕަސަންޓަކީ އަންހެނުން ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ. ކުޑަކުދިންގެ ތެރެއިން އެންމެ ގިނައިން ޝަހީދުވެފައި ވަނީ ފަސް އަހަރާއި ނުވަ އަހަރާ ދެމެދުގެ ކުދިން ކަމުގައިވެސް އޯއެޗްސީއާރުން ބުނެއެވެ.

އޯއެޗްސީއެޗްއާރުން ބުނީ އިސްރާއިލުގެ ލާއިންސާނީ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ އެންމެ ހަގު ކުއްޖާގެ ފުރާނަ ނަގައިލާފައި ވަނީ އެ ކުއްޖާ އުފަންވިތާ 24ގަޑިއިރު ނުވަނީސް ކަމުގައެވެ. އަދި ޝަހީދުންގެ ތެރޭގައި ހިމެނޭ އެންމެ ދޮށީ މީހަކީ އުމުރުން 97 އަހަރުގެ އަންހެނެއް ކަމުގައެވެ.

ހާލަތު މިހާރު އެންމެ ގޯސްވެފައިވަނީ ޣައްޒާގެ އުތުރުގައެވެ. ޣައްޒާއަށް އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ބުނާ ގޮތުގައި އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން އިސްރާއީލުން ވަނީ އެ ސަރަހައްދަށް އެއްގަމުން މަގުން ހަމަލާދޭން ފަށާ އެ ސަރަހައްދު އެއްކޮށް ހިސާރުކޮށްފައެވެ.

އޯއެޗްސީއެޗްއާރުން ވަނީ ބައިނަލްއަގުވާމީ ގާނޫތަކާ ޚިލާފަށް އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި އެ އަމަލުތަކަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން ބޮޑުކަމަށާއި، މިނިވަން ޝަރުއީ އިދާރާތަކުން އެ މައްސަލައިގެ ފުރިހަމަ އަދި އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ ކަމަށް އެ އިދާރާގެ ވެރިޔާ ފްލޮކާ ތުރްކު ވިދާޅުވިއެވެ.

comment ކޮމެންޓް