01 ޖުލައި 2012 އާ ގުޅޭ

"ހެ ހެ ހެ ހެ....ކޮންމެ ފަހަރަކު ބޭނުންވާހާ ގޮތަކަށް ކަންތަކެއްނުވާނެ، އަހަންނަށް އެނގޭ ފައުޒީ ތިހިރީ ރުޅިއައިސްފަކަން، އަތުންފައިން ގޯހެއް ނުހެދެނިސް ދެންވެސް މިތަނުން ދާން ފެންނަނީ، މާމައްޗަށް ކަލޭގެ ކަންތައް ދަންދެން އަހަރެން ބަލާކަށް ނުހުންނާނަން" އައްޔަދު ތެދުވެ ކުރިމަތީގައި ހުރި މޭޒުގައި ދެއަތްތިލަ ޖައްސާލަމުން ދާދި ދެންމެއަކު ފައުޒީ ބޮނޑިކޮއްލާފައި އެއްލާ އޭނަގެ ގައިގާ ޖެހި ކަރުދާސްގަނޑު އަތަށް ނަގައިގެން ހުރެ ހީނލާފައި ވާހަކަދެއްކި އެވެ. އައްޔަދު ވާހަކަ ދެއްކީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ.
"އަހަރެން މިތަނުން ދާން މިދަނީ، އެކަމަކު ދިއުމުގެ ކުރިން އައްޔަދުއަށް މިހާތަނަށް ނޭނގޭ ވާހަކައެއް އަހަރެން ބުނެދޭނަން... އައްޔަދުއަށް އެނގޭތަ އައްޔަދުގެ މަންމަގެ ތިނޫން ވެސް ކުދިން ތިބިކަން، އާފާގުއަކީ ކަލޭ މަންމަ ކައިވެނި ކުރި ފުރަތަމަ މީހާއެއް ނޫން، ރަނގަޅަށްވެއްޖެޔާ ކަލޭވެސް ތީ ކާކުގެ ދަރިއެއްކަމެއް ނޭނގެ، އާފާގުގެ ކަމެއް ނޫނީ..." ކުއްލިއަކަށް އައި ނައި ގޮތެއް ނޭނގި ފެނުނީ އައްޔަދު ފައުޒީގެ ގަމީހުގެ ގޮއްފަތީގައި ގިރުވާނާއިއެކު ހިފިތަނެވެ.
"އަހަރެންގެ މައިންބަފައިންނާއި ނުބެހޭތި، މިތަނުން ބޭރުކޮށްލީމަވެސް ދާން ނޭނގިފަ ތިހިރީ... އަހަންނަށް އެނގޭ ކަލޭ މިތަނުން ބޭރުކުރަން ވެސް" ރުޅިވެރި ކަމާއިއެކު އައްޔަދު ބާރަށް ވާހަކަ ދެއްކި އެވެ. އަދި ގަދަކަމުން ކަހަލަގޮތަކަށް ފައުޒީ އެއޮފީހުން ބޭރަށް ނެރެން އުޅުނެވެ.

"ހަގީގަތް ހާމަކުރަން އުޅުނީމަ އެއަޑުއަހަން ކެތެއްނުވިދޯ، ބަލަ އަހަރެން މިތަނުން ކަނޑާލީމަ ދައްކ ާވާހަކައެއް ނޫނޭ މީ، ކަލޭ ނަފުރަތު ކުރަމުން ތިއަންނަ ޒައުލްއަކީ ކާކުތޯ ކަލޭގެ މަންމަ ކައިރިން އަހާބަލަ، އެއްވެސް ކަމެއް ކަލެއަށް ނޭނގޭތީވެ އަހަރެން ހައިރާންވޭ... ކަލޭތީ މޮޔައެއް... ދޫކުރޭ މަގޭ ގަމީހުން..." ފައުޒީ މިހެން ބުނެ އައްޔަދުގެ އަތް ފޮޅުވާލި ގޮތަށް އެއޮފީހުން ނުކުމެގެން ހިނގައްޖެ އެވެ. އައްޔަދުއަށް ހާސްކަން ލިބިގެން ދިޔައީ ނުކުމެގެން ދަމުން ފައުޒީ ދެއްކި ވާހަކަ އަކުންނެވެ. ފައުޒީ ނުކުމެގެން ދިޔަ ދޮރާދިމާލަށް ބަލަހައްޓައިގެން އައްޔަދުއަށް ހުރެވުނީ ފިކުރުގެތެރެއަށް ގެއްލިފަ އެވެ. ފައުޒީ އަދިވެސް އޭނަގެ ބުއްދިއާ ކުޅެން އުޅެނީބާއޭ ހިތައްއަރާފަ އެވެ. އެކަމަކު ފައުޒީގެ އަޑުގައި ހަރުލާފައި ހުރި މަލާމާތުގެ ރާގު އައްޔަދުއަށް ވެސް ފާހަގަކުރެވުނެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާއަޅާލުމާއިއެކު ފުންނޭވާއެއް އައްޔަދު ބޭރުކޮއްލި އެވެ. އަދި ފަހަތަށް އެނބުރި މޭޒުގައި ދެއަތްވިއްދާލަމުން އިސްޖަހާލައިގެން އިރުކޮޅަކު ހުއްޓެވެ.

"ޒައުލް، މަޑުކޮއްލަބަލަ..." ސިޓިން ރޫމު ސޯފާގައި އިން ލާއިގާއަށް ގޭތެރެއަށްވަދެގެން އައި ޒައުލް ފެނުމާއިއެކު ބުނެލި އެވެ. ކުރިއާއި ހިލާފަށް ޒައުލްއަށް ވަރަށް ބޮޑެތި ބަދަލުތައް އައިސްފައިވާކަން ލާއިގާއަށް އެނގެއެވެ. އެހެންނަމަވެސް އެކަމާ އޭނަވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. ހިތުގައި ރުޅިވެރިކަން ފޮރުވާލައިގެން ޒައުލްއަށް ހިނިތުންވެލައިގެން އިންއިރު އޭނަގެ ހިތުގައިވާ ރުޅިވެރިކަން ގުޅިފައިވަނީ ޔޫހާ އާއިއެވެ.
"އަޅުގަނޑު ވަރަށް އަވަހަށް ބޭރަށް ދާންވެގެން މިއުޅެނީ، މާމަ ކަމަކުތޯ" ޒައުލް މަޑުކުރަން ބޭނުންނުވާފަދަ ގޮތަކަށް ބުނެލި އެވެ.
"ކަމަކު ނޫނަސް މިތާ މާމަ ގާތު މަޑުކޮށްްލެވިދާނެއެއްނު، މިހާރު އަބަދު ގޭން ބޭރުގަ ޒައުލް ތިއުޅެނީ، މާމަ ގުޅިޔަސް ގިނަ ފަހަރަށް ފޯނެއް ނުނަގާ، ހެނދުނު ދިޔަމީހާ އަދި މިފެނުނީ، އާދެބަލަ... މިތާ މާމަ ގާތު ސޯފާގައި އިށީނދެލަން..." މިހެންބުނެ ލާއިގާ އޭނަގެ އަތްފޯރާހިސާބުގައި ހުރި ދިގު ސޯފާ ގޮނޑީގެ އަތްގަނޑުގައި އަތުން މަޑުމަޑުން ޖަހާލ އެވެ.
ޒައުލްއަށް އިތުރަށް ލާއިގާ އާއި ދެބަސްވާކަށް ނުކެރުނެވެ. އެހެންނަމަވެސް އޭނަގެ ސިކުނޑީގައި ހައިޖާނެއް އުފެދިފައިވާ ކަހަލަ އެވެ. ލަސްފިޔަވަޅުތަކެއްގައި ޒައުލް އައިސް ސޯފާގައި އިށީނދެއްޖެ އެވެ. ދެ ތިން މިނެޓެއްހާއިރު ހޭދަވެގެންދިޔައީ ދެމީހުންކުރެ އެކަކުވެސް އަނގައިނުބުނެ ހަމަހިމޭންކަންމަތީ އެވެ.
"ދަރިފުޅާ، އަންނަ ހަފްތާގައި ލޫލުއާއި ހާޒިމް މާލެ އަންނާނެ، އެމީހުން ތިބޭނީ ހާޒިމްމެންގެ ގޭގައި... ބައްޕަ މަންސޫރު ވެސް ބޭނުންވަނީ ދަރިފުޅާއި ހާޒިމް އާއި ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދަން، ކުރިއެކޭ އެއްގޮތަށް، އެހެން ބުނީމަ މިހަނދާންވީ، ދަރިފުޅުގެ ބައްޕަ ވާހަކައެއް ދައްކާލަން ބޭނުންވެގެން އުޅެނީ، ކޮޓަރިއަށް ދިއުމުގެ ކުރިން ބައްޕަގެ ކޮޓަރިއަށް ވަދެލައްޗޭ" ލާއިގާ ވާހަކަ ދައްކަމުންދިޔައިރު އެތައް ފަހަރަކު ޔޫހާގެ ނަން ކިޔަން ބޭނުންވި އެވެ.
"އަޅުގަނޑު ކޮޓަރިއަށް ގޮސް ފެންވަރާލައިގެން ބައްޕަގެ ގާތަށް ދާނަން" ޒައުލް ލާއިގާ އާއި ދިމާލަށް ބަލާލުމެއްނެތި ބުނެލި އެވެ.
"ޝައިސްތާ މިގެއަށް އައިސް އުޅެފަ އެދިޔައީ ދާދި ދެންމެއަކު، ދަރިފުޅުގެ ވާހަކަ އެހި، ޒައުލް ދުރުވީ ހަމައެކަނި މާމަ އަކާވެސް ނޫން، ޒައުލްގެ ޒަމާންވީ ރަޙުމަތްތެރިއެއްނޫންތަ ޝައިސްތާއަކީ، ތިދެކުދިން އުޅުނީ ކިހާ ގުޅިގެން، ކީއްވެތަ ތިހެން ތިއުޅެނީ، މާމަ ވަރަށް ހިތްހަމަނުޖެހޭ މިހާރު ޒައުލްގެ އުޅުން ހުންނަ ގޮތުން" ލާއިގާ އެ ވާހަކައެއް ދައްކަން ބޭނުންނުވެފައި އިނަސް އެކަމާގުޅިގެން ބުނެވުނެވެ.
"މާމާ، އަޅުގަނޑަށް ބަދަލުތަކެއް ނާދޭ، ޝައިސްތާ ވެސް އަޅުގަނޑުގެ ފަރާތުން އެކުވެރިކަމަށް އެދޭނަމަ އެކަން ގަބޫލު ކުރާނަން، އެކަމަކު އަޅުގަނޑުގެ ހަޔާތުގެ ބައިވެރިޔަކަށްވާކަށް ޝައިސްތާ އާއިމެދު ގަބޫލެއް ނުވެވޭނެ، އެއީ އަޅުގަނޑުގެ ހަޔާތުގެ ބައިވެރިޔާ ހޮވާ ނިންމާފަވާތީ، މާމައަށް އަޅުގަނޑުގެ ހޮވުން ކަމުނުދާކަން އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް މާފުކުރޭ މާމާ، އަޅުގަނޑަށް ކުށެއްކުރެވިފަވަނީ، އެކުށަށް ތައުބާވާން ވެސް ބޭނުން... ކިޔާންއަކީ އަޅުގަނޑުގެ ދަރިއެއް، މާމައަށް ކިޔާން ފެނުނު ފުރަތަމަ ދުވަހުވީގޮތް އަޅުގަނޑަށް ރަނގަޅަށް ފެނުނު، އެނގޭ އަޅުގަނޑު މިދައްކާ ވާހަކައަކީ ތެދު ހަގީގަތްކަން މާމައަށް އެނގޭކަން، ދެންކީއްވެ ގަބޫލުކުރަން ބޭނުންނުވަނީ... މާމަ އެއްފަހަރުވެސް އާނއެކޭ ބުނެބަލަ، ޔޫހާ ދަސްކުރަން މަސައްކަތް ކޮށްލަބަލަ، އަޅުގަނޑަށް ޔަގީން މާމައަށްވެސް ޔޫހާގެ ގޮތް އެނގިގެން ދާނެކަން، މާމާ... އަޅުގަނޑަށްވެސް ފަސޭހައެއް ނޫން މިގޮތަށް ހިތްހަމަނުޖެހިގެން އުޅޭކަށް، އަޅުގަނޑުގެ އޮތް ހަމައެކަނި އާއިލާއަކީ މީ، ވީއިރު އާއިލާގެ... އެވެސް އަޅުގަނޑު ބަލާމިވަރު ކުރި މައިންބަފައިންދެކެ ރުޅިއައިސްގެން އުޅެން ބޭނުންވާނެތަ؟ އެކަމަކު އަޅުގަނޑަށް ކިޔާންއަކީ އަޅުގަނޑުގެ ދަރިއެއްކަން އެނގޭއިރު އެކުއްޖާ އާއި ހަވާލުނުވެއެއް ވެސް ނުކެރޭނެ، އަޅުގަނޑަށް ކަންތައްތައް ވިސްނޭވަރަށް މިހިރީ ބޮޑުވެފައި، މިހާރު އަޅުގަނޑުގެ އަތުގައި ހިފައިގެން މީހަކު ހިނގާކަށް ނުޖެހޭނެ، އަޅުގަނޑު ދެކޭ ގޮތުގައި މައިންބަފައިން ވެސް އެމީހުންގެ ދަރިން ބޮޑުވެއްޖެކަން ކޮންމެވެސް ހިސާބަކުން ގަބޫލު ކުރަން ޖެހޭނެ. އެކުދިން އަމިއްލަ ނިންމުންތަކެއް ނިންމާނެ ފުރުޞަތުތަކެއް ދޭންވާނެ، މުޅިއުމުރު މައިންބަފައިންނަކަށް ނުތިބެވޭނެ ދަރިންގެ އުފާތައް ގެއްލިދާނެތީ އެކަމާ ފާރަވެރިވެއެއް...." ޒައުލްގެ ވާހަކަތައް މާދިގުވާން ފެށުމުންނާއިއެކު ލާއިގާ ޒައުލްގެ ވާހަކަތަކަށް ހުރަސްއެޅި އެވެ.
"މައިންބަފައިން އެމީހުންގެ ދަރިން ބަލާބޮޑުކުރަނީ ވަރަށް ފޮނި އުއްމީދަކާއިއެކު، އެމީހުންގެ ބަސް އަބަދުވެސް އެދަރިންގެ ކުރިމަތީ ވިކޭނެކަމުގެ ޔަގީންކަމާއިއެކު، ދަރިންނަށް ކިޔަވާދީ ހުރިހާ ރަނގަޅު މަގުތައް ފަހިކޮށްދެމުންދާ ބަޔަކީ މައިންބަފައިންކަމަށް ވާއިރު އެދަރިންގެ މަސްއޫލިއްޔަތެއްނޫންތަ މައިބަފައިން ބުނާގޮތް ގަބޫލު ކުރުމަކީ، ޔަގީނުންވެސް އެދަރިންނަށް ނުބައިމަގެއް ހިޔާރެއް ނުކުރާނެ" ލާއިގާ ޒައުލްގެ ވާހަކަ އާއި މުޅިން އިދިކޮޅެކެވެ.
"މާމާ، ރުޅި ގަދަވުމުގެ ބޭނުމެއްނެތް، އަޅުގަނޑު މިކަމާ ބެހޭގޮތުން ވާހަކަ ދެއްކިޔަސް ވާނީ ބޭކާރު ކަމަކަށްކަން އެނގޭ، އެހެންވެ އެއްޗެއް ނުބުނެ މަޑުން މިހުންނަނީ" މިހެންބުނެ ޒައުލް ސޯފާއިން ތެދުވެ ހިނގައިގަތެވެ.
"ޝައިސްތާގެ އާއިލާ އާއި ކައިވެނީގެ ވާހަކަ ދައްކައިފިން، ތިހެން ޒައުލް މަޑުމަޑުންހުރޭ ކައިވެނި ނިމެންދެން، ޒައުލްގެ ބައްޕަވެސް ނިންމާފަވަނީ މިގޮތަށް، ޝައިސްތާ އާއި ޒައުލްގެ ކައިވެނި ވީހާވެސް އަވަސް ކުރަން، އަންނަ ހަފްތާގަ ލޫލުއާމެން އަންނަންވާއިރަށް ކައިވެނީގެ ހުރިހާ ކަމެއް ރާވާ ނިމޭނެ" ލާއިގާ ބުނި އެއްޗަކުން ސިޑިއާއި ދިމާލަށް ދިޔަ ޒައުލްއަށް ހުއްޓެވުނެވެ. އަދި ފަހަތަށް އެނބުރި ލާއިގާ އާއި ދިމާލަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ނަޒަރަކުން ބަލާލި އެވެ.
"މާމަ ބޭނުންވަނީ ތިގޮތްކަމުގައިވާނަމަ އަޅުގަނޑުގެ މައްސަލައެއްނެތް، އެކަމަކު ގަދަކަމުން އަޅުގަނޑުގެ ކައިވެނި ޝައިސްތާއަކާއި ނުކުރެވޭނެ، މާމަ ބޭނުންވާނަމަ ކައިވެނީގެ ތައްޔާރީތައް ކުރިއަށްގެންދިޔަސް އެކަމާ އަޅުގަނޑު ހުރަހެއް ނާޅާނަން، ޝައިސްތާ އާއި ކައިވެނި ކުރަންޖެހުނު ކަމުގައިވިޔަސް އަޅުގަނޑުގެ ދެވަނަ އަންބަކަށް ޔޫހާ އާއި ކައިވެނި ކުރާނަން، އޭރުން އަޅުގަނޑު މާމަ ބޭނުންވާ ގޮތަށް ކަންތައް ނުކުރައްވަމެކޭ ނުބުނެވޭނެ ނޫންތޯ، ޝައިސްތާ ގާތ ުވެސް އަޅުގަނޑު ބުނާނަން، އޭނަ އާއި ކައިވެނި ކުރަންޖެހިގެން އެނޫން ގޮތެއް ނެތިއްޔާ ކައިވެނިކޮއްފާނަމޭ، އެކަމަކު އޭރުންވެސް އަޅުގަނޑު ދެވަނަ އަންބެއް ހިޔާރު ކުރާނަންކަން، އަދި އެއީ ޔޫހާކަން ވެސް" ޒައުލް އިތުރަށް ފަޅިސިކުންތެއްހާއިރު ވެސް ލާއިގާގެ ކުރިމަތީ މަޑު ނުކުރިއެވެ. ދުވަމުން ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ދިޔައީއެވެ.

ދެކަންފަތަށް އައިޕޮޑަށް ގުޅާފައިވާ ހެޑްފޯނު ޖަހައިގެން އައްޔަދު އޭނަގެ އެނދުގައި އުއްޑުން އޮށޯވެލައިގެން އޮތެވެ. އެހެން އޮތްއިރު އޭނަ ފެންނަ މީހަކަށް ހީވާނީ އޭނަގެ މޭމަތީގައި ބާއްވާލެވިފައި އޮތް އައިޕޮޑުން ލަވަ އަޑުއަހަނީ ހެންނެވެ. އެހެންނަމަވެސް ހެޑްފޯނުން އެއްވެސް އަޑެއް ނާދެއެވެ. އޭނަ އޮތީ ފުންވިސްނުމެއްގެ ތެރޭގަ އެވެ.
"މަންމަ ގާތުގަ އަހަންވީބާ، ނޫން ނޫން، ފައުޒީ ބުނާހާ ކަމެއް ކުރަން ހަދައިގެން ޔޫހާ އާއި އަހަންނާމެދުގަ މައްސަލަ ޖެހުނީ ވެސް، އޭނައަކީ ދޮގު ހަދަން ވަރަށް މޮޅު މީހެއް، ވަޒީފާ ގެއްލުނީމަ އައިރުޅީގަ ކޮންމެވެސް އެއްޗެއް ކިޔަންވެގެން ބުނި އެއްޗަކަށް އެވާނީ..." އައްޔަދު އޭނަގެ އަމިއްލަ ޒަމީރާ ވާހަކަ ދައްކަމުންދިޔަ އެވެ.

"މިރޭވެސް އައްޔަދު ލަހުން ކާރެއަކީތަ؟" ކާމޭޒު ދޮށުގައި އިން އާފާގު ސުވާލުކުރި އެވެ.
"ނޫނޭ، ބުނި މިރޭ ކާން އަންނާނަމޭ، އެއްކަލަ ވާހަކަ ވެސް އައްޔަދު އާއި ދައްކަންވާނެއެއްނު، އައްޔަދު ގެއަށް އައިކަމެއްވެސް އަހަންނަށް ނޭނގޭ، އިޝާ ނަމާދުކޮއްލައިގެން ގޮސް އެކޮޓަރި ދޮރުގައި ހިފާލުމުން ތަޅުލާފަ ހުރީމަ އެނގުނީ ކޮޓަރީގަ އެބައުޅޭކަން ވެސް" ޒަރާނާ އާފާގުއަށް ހަނދާންކޮއްދޭފަދަ ގޮތަކަށް ބުނެލި އެވެ.
"އައްޔަދު ހުރީ ވަރަށް ރުޅި ގަދަވެފަ، އެހެންވެ ބޯ ހަމަޖައްސާލުމަށްޓަކައި އެކަނިވެލަން ބޭނުންވީ ކަންނޭގެ، އަހަރެން އެބަ އަންނަން އައްޔަދު ގޮވައިގެން" އާފާގު ތެދުވަމުން ބުނެލި އެވެ. އެއާއިއެކު ހޫން ލައްވާލި ޒަރާނާ އައްޔަދު ކާން އަންނަންވާއިރަށް މޭޒުމަތީ ތައްޓެއް ބެހެއްޓ ިއެވެ. އަދި އާފާގު އާއި އައްޔަދުއަށް ޖޫސ ްއަޅާދިނެވެ. އާފާގު ދިޔަތާ ގިނަ އިރެއްނުވެ ދެބަފައިން އައިސް ކާމޭޒުދޮށުގައި އިށީނދެއްޖ ެއެވެ.
"ދަރިފުޅު އައިކަމެއްވެސް މަންމައަށް ނޭނގުނު، މިހާރު ކިހިނެއް ތިނިންމީ" ޒަރާނާ އައްޔަދުގެ ގާތުން އެހީ ފައުޒީގެ ވާހަކަ އެވެ.
"އޭނަ އަށް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ދިނީމަ އޭތި އިރާލާފަ ބޮނޑިކޮއްލި ގޮތަށް ޖެހީ އަޅުގަނޑުގެ ގައިގާ... މިކަން މިވީ ވާންވީ ގޮތަށް، ނިމުނީނު އޭނަގެ ކަންތައްވެސް" އައްޔަދު ފޫހިގޮތަކަށް ބުނެލި އެވެ. ޒަރާނާ އާފާގު އާއި އައްޔަދުގެ ތައްޓަށް ކާއެއްޗެހި އަޅާދީފައި ގޮނޑީގައި އިށީނެވެ. އޭނަގެ ވާތްފަރާތުގައި މޭޒުގެ ކޮޅުގައި އާފާގު އިންއިރު އޭނަގެ ކުރިމަތީ އިނީ އައްޔަދު އެވެ. މޭޒުދަށުން އާފާގުގެ ފައިގާ ޒަރާނާގެ ފައިން މަޑުމަޑުން ޖަހާލަމުން ލޮލުގެ އިޝާރާތުން އައްޔަދު އާއި އެމީހުން ދައްކަން ބޭނުންވެފައި ތިބި ވާހަކަދެއްކުމަށް އެދުނެވެ.
"ދަރިފުޅާ، މަންމަ ބުނި ކަންނޭގެ ވާހަކައެއް ދައްކާލަން ބޭނުންވެގެން އުޅޭވާހަކަ..." އާފާގު ވާހަކަފެށި އެވެ. ނިކަން ފަސޭހައިން އައްޔަދު ހޫންލައްވާލާފައި އާފާގުގެ ވާހަކައަށް ސަމާލުވެލި އެވެ.
"ދަރިފުޅަށް ކޮންމެހެންވެސް މިކަން އެނގިފައޮތުން މުހިއްމު ކަމަކަށްވާތީ މިވާހަކަ ކިޔާދޭން ބޭނުންވަނީ... ދަރިފުޅުގެ މަންމަ އާއި ބައްޕަ ދިމާވިގޮތުގެ ވާހަކަ ކިޔާދޭން މިއުޅެނީ..." އާފާގު ބުނި އެއްޗަކުން އައްޔަދު ކޮށިއެރި އެވެ. އޭނަގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައީ އާފާގު ދައްކަން އެއުޅެނީ ފައުޒީ ބުނި ވާހަކަބާއޭ އައްޔަދުގެ ހިތަށް ވަގުތުން އެރުމުންނެވެ.
"ޖޫސް ތަށިން އެތިފޮތެއް ބޯލަބަލަ..." ޒަރާނާ އަވަސް އަވަހަށް އައްޔަދުގެ ކައިރީ ހުރި ޖޫސްތަށި ދިއްކޮއްލި އެވެ. އައްޔަދު އޭގެން ދެތިންކޯވަރު ބޯލުމަށްފަހު ހިންދިރުވާލާފައި ވާހަކަ ދެއްކި އެވެ.
"މަންމަ އާއި ބައްޕަގެ ލައިފް ސްޓޯރީ އަޅުގަނޑަށް އެނގުން އެހާ މުހިއްމުތަ؟" އައްޔަދު އޭނަގެ މޫނުމަތިން ހާސްކަން ފޮރުވަމުން ސަމާސާ ރާގެއްގައި ބުނެލި އެވެ.
"އާން ދަރިފުޅާ، މަންމަގެ ދިރިއުޅުމުގައި ދިމާވެފައިވާ ކަންތައްތަކުގެ ސަބަބުން އެކަން ދަރިފުޅަށްވެސް އެނގުން އެހާ މުހިއްމީ، ދަރިފުޅުގެ ބައްޕަ އާއި މަންމަ ދިމާވިއިރު މަންމަ އުޅެނީ އެހެން މީހަކާ އިނދެގެން، މަންމަގެ ތިން ކުދިން ވެސް ތިބޭ..." ޒަރާނާ ކަންބޮޑުވެފައި އިނދެ ބުނެލި އެވެ. އާފާގު ކާންއިން ސަމްސާ ތަށީތެރޭގައި ބާއްވާލަމުން ޒަރާނާގެ އަތުގައި ހިފާލީ ހިތްވަރުދޭފަދަ ގޮތަކަށެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު