ކަރަބާއޯ ކަޕްގައި މެންޗެސްޓާ ސިޓީ ބަލިކޮށް މިމުބާރާތުގެ ކުއާޓާ ފައިނަލް އިން ޓޮޓްނަމް ހޮޓްސްޕާ ޖާގަހޯދައިފިއެވެ.
ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗު ސްޕާސް އިން ކާމިޔާބު ކޮށްފައިވަނީ 1-2 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ނަމަވެސް މިއާއެކު ވެސް މި މެޗުގެ ފެށުން ރަނގަޅުވީ ސްޕާސްގެއެވެ.
މިގޮތުން މެޗުގެ ފަސް ވަނަ މިނެޓުގައި ސްޕާސްއިން އުފެއްދި ހަމަލާއެއްގައި އެޓީމުންވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމޯ ވާނާއެވެ. މިއީ އޭނާ މި ސީޒަންގައި ސްޕާސްއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
މި ސީޒަންގައި މެޗުގެ ކުރީކޮޅު ސިޓީ ކޮޅަށް ލަނޑު ވަނުންވަނީ އާންމު ކަމަކަށް ވެފައެވެ. ނަމަވެސް މި މެޗުގައި ސްޕާސްއިން ވަނީ ސިޓީއަށް އިތުރަށް ހަމަޖެހިލާނެ ވަގުތު ނުދީ އޭގެ 20 މިނެޓްފަހުން އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާކޮށްފައެވެ.
މި މެޗުގައި ސިޓީއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި މެތިއުސް ނޫނޭސްއެވެ. މި ލަނޑާއެކު މި މެޗުގެ ދެވަނަ ހާފުގެ ފޯރި އިތުރަށް ގަދަވެގެންދާނެކަމަށް ބެލެވުނު ނަމަވެސް ދެވަނަ ހާފުގައި ނުރައްކާތެރި ގިނަ ހަމަލާތައް ފެނިގެންދިޔައީ ސްޕާސްގެ ފަރާތުންނެވެ.
މިހެން ދެންނެވި ނަމަވެސް މެޗުގެ ފަހު ވަގުތު ކޮޅު މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ސިޓީގެ ޒުވާން ފޯވަޑް ނީކޯ އޯ ރައިލީއަށް ލިބިގެންދިޔައެެ. އޭނާ ފޮނުވާލި ހަމަލާ ސްޕާސްގެ ޑިފެންޑާ ޔިވެސް ބިސޫމާ ދިފާއު ކޮށްފައިވަނީ އެޓީމުގެ ގޯލް ރޮނގުމަތިންނެވެ.
މިކާމިޔާބީއާއެކު މިސީޒަންގައި ތައްޓެއް ހޯދުމަށް ސްޕާސްއިން ކުރަމުންދާ އުންމީދު މިވަނީ އާވެގެން ގޮސްފައެވެ. ނަމަވެސް މި މެޗު ސްޕާސްއިން ކާމިޔާބުކުރިއިރު މި މެޗުގައި ދެޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށްވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިލާންޖެހިފައެެވެ.
މިގޮތުން މެޗު ފެށުމުގެ ކުރިން ސިޓީގެ މަނުއެލް އަކާންޖީއަށް އަނިޔާގެ މެޗަށް އެރޭގޮތް ނުވިއިރު އޭނާގެ ބަދަލުގައި އެރުވި ރުބެން ޑިއޭޒްއަށް އަނިޔާގެ ސަބަބުން ދެވަނަ ހާފަށް ކުޅެން އެރޭގޮތެއް ނުވިއެވެ.
އަދި އެޓީމުގެ ކުރިއަށް ކުޅޭ ސާވީނިއޯއަށް ދެވަނަ ހާފްގައި އަނިޔާވެގެން ބާލަން ޖެހުނީ އަށިގަނޑަށް ލައިގެންނެވެ. ސްޕާސްއަށް ބަލައިލާއިރު ލަނޑު ޖަހައިދިން ވާނާއަށް އަނިޔާވެގެން ދެވަނަ ހާފްގައި ބާލަން ޖެހުނުއިރު އެ ޓީމުގެ މުހިންމު ޑިފެންޑަރެއް ކަމުގައިވާ މިކީ ވެން ޑެ ވެން ވެސް ވަނީ މެޗުގެ ކުރީކޮޅު ބަލަން ޖެހިފައެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕާސް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާއެވެ.