"އެއްގޮތަކަށްވެސް އުއްމީދު ކަނޑާލާ މާޔޫސް ނުވާށެވެ. ސަބަބަކީ ކޮންމެ ދުވަހަކުވެސް އެތައް ކަރާމާތް ފެނިގެންދާތީއެވެ. ގިނަގިނައިން ހެއްދެވި ފަރާތަށް ދުޢާކުރާށެވެ. ތިބާގެ ދިރިއުޅުމުގައިވެސް އަދި އެ ކަރާމާތްތައް ފެންނަ ދުވަސް އަންނާނެއެވެ."
***
ބާބިލް........." ލޯކަން ގޮވާލިއެވެ. އޭނާގެ އަޑު މަޑުމައިތިރި ނަމަވެސް، އޭގެ އަޑީގައި ނުރައްކާތެރި މާނައެއް ފޮރުވިފައިވާކަން އިހުސާސްކުރެވުނެވެ.
އެމީހުންނާއި އަރާހަމަވި ލޯކަން ފެނުމުން އަލްބާންގެ ލޯވެސް ބޮޑުވިއެވެ. ފައިދަށުން ބިންގަނޑު ދެމިގަތީހެން ހީވިއެވެ. ލޯކަންގެ ވަރުގަދަ އަތުން ކުއްލިއަކަށް ބާބިލްގެ އަތުގައި ހިފަހައްޓާފައި ގާތަށް ދަމައިލުމުން ބާބިލްގެ ހިތުގެ ވިންދު އެތައް ގުނަ އަވަސްވެގެންދިޔައެވެ. ލޯކަންގެ މުޅި ތުންފަތުން ފެށިގެން މޫނުމަތީގައި ފެތުރިފައިވާ ހިނިތުންވުމަކީ އޭގެ ފަހަތުގައި ފޮރުވިފައިވާ ނުބައިކަން ނިވާކުރުމަށް އަޅާފައިވާ މުޅިން އާދައިގެ މާސްކެކެވެ. އޭނާ ބާބިލްގެ އަތުން ދޫކޮށްނުލާހުރެ ސިއްރު ވާހަކައެއް ދައްކާ ފަދައިން ކުޑަކޮށް ކުރިއަށް ލެނބުނެވެ.
"ސްޕްރައިޒް...ސަޕްރައިޒް...." ލޯކަންގެ އަޑު މަޑުމައިތިރި ކަމުގައި ވިޔަސް، އޭގެ ކޮންމެ ލަފުޒަކުން ނުރައްކަލުގެ ރަގަބީލު އިވެމުންދިޔައެވެ. އޭނާގެ ހިނިތުންވުން ދެމިގެން ދިޔައިރު އަތުގެ ހިފުން އިތުރަށް ވަރުގަދަވިއެވެ. ބާބިލްގެ މޫނުމަތިން އެއްވެސް ކަމެއް ނުދައްކާ ހުރި ނަމަވެސް، އޭނާގެ ހަށިގަނޑުން ވަރުބަލިކަން ފާޅުވަމުންދިޔައެވެ.
އަލްބާން އެ މަންޒަރު ދެކެން ކައިރީގައި ހުރިއިރު ހިތުގައި ރުޅިވެރިކަން އުފެދުނެވެ. އޭނާގެ އަތް މުށްކަވައިލެވުނެވެ. ހަށިގަނޑުގެ ކޮންމެ ސެލް އެއްވެސް އެދުނީ ލޯކަންގެ އަތް ބާބިލްގެ ކިބައިން ދުރުކޮށްލުމަށެވެ. ލޯކަންގެ މޫނުމަތީގައި ހުރި ނުލަފާ ހިނިތުންވުމުން އަލްބާންގެ ރުޅި އިތުރަށް ގަދަވިއެވެ. އޭނާއަށް އެހާ ގިނަ ވޭނާއި ހިތާމަ ދިން މީހާގެ ބާރުގެ ދަށުގައި ބާބިލް ހުރި މަންޒަރު ބަލާކަށް ނުކެރުނެވެ.
އަލްބާން ކުރިއަށް އެއް ފިޔަވަޅު އަޅައި، މުށް އިތުރަށް ބާރުކޮށްލީ ވަރުގަދަ ކުރިމަތިލުމަކަށް ނަފުސް ތައްޔާރުކޮށްލަމުންނެވެ. ނަމަވެސް އެ ވަގުތު، ބާބިލްގެ ކުއްލި ނަޒަރު އޭނައަށް ހުއްޓުނެވެ. އާދޭހުގެ ކުރު ނަޒަރެކެވެ. ބާބިލްގެ ލޮލުގައި ހުރީ ބިރުވެރިކަމާއި، ނާއުންމީދުކަމާއެކު ފެނުނީ ސާފު އިންޒާރެކެވެ. އަލްބާންގެ އެ ގަދަ ރުޅީގައި ލޯކަން އާއި ގާތް ނުވުމަށެވެ.
"އަހަރެމެން ދަމާ، ބާބިލް......" ލޯކަން ގެ އަޑު މަޑެވެ. ނަމަވެސް ނުރައްކާތެރި ވިހައިގެ އަސަރުވިއެވެ. އަލްބާން ގެ ހިތް ރުޅިވެރިކަމާއި ކަންބޮޑުވުމުން ފުރިގެންދާއިރުވެސް ނުކުޅެދިފައި ހަމައެކަނި ބަލަން ހުރެވުނީއެވެ. އޭނާގެ އިނގިލިތައް ލޯކަން ދުރަށް ދަމާލުމަށް ގަސްތުކުރަމުން ދިޔަ ނަމަވެސް، ބާބިލްގެ ލޮލުގައި ވި އާދޭސް އޭނާގެ ނަފުސް މައިތިރިކުރަން މެދުވެރިއަކަށްވިއެވެ. ލޯކަން ބާބިލް ގޮވައިގެން ދާން އުޅުނު އިރު، އޭނާގެ މޫނުމަތީގެ ހަމަޖެހުމުގެ ފަހަތުގައި އަނދަމުންދިޔައީ ރުޅިވެރިކަމާއި ހިތްހަމަނުޖެހުނެވެ. އޭނަގެ ލޯ ކުރިމަތިން ބާބިލް ގޮވައިގެން ދިއުމަށް އެއްވެސް ވަރަކަށް ހިތް ނޭދުނެވެ. މަޖުބޫރުން ހިފަހައްޓާލައިގެން ހުރި ނޭވާ ދޫކޮށްލުމަށް ފަހު އަލްބާން ކުރިޔަށް ފިޔަވަޅު އެޅިއެވެ.
"ހާދަ އަވަހަކަށް ދަނީ....ނުވެސް ކައިތަ؟" އަލްބާން އެރީ ލޯކަން ގެ ކުރިމައްޗަށެވެ. ލޯކަން ކުއްލިއަކަށް ހުއްޓުނެވެ. އޭރުވެސް އޭނަ ހުރީ ބާބިލްގެ އަތުގައި ވަރުގަދައަށް ހިފަހައްޓައިގެންނެވެ. އޭނާ އަލްބާންއާ ދިމާއަށް އިސް އުފުލާ ބަލައިލީ ލަސްލަހުންނެވެ. އޭނާގެ ލޮލުގައި ޝައްކުވެރިކަމުގެ ކުލަވަރު ހުރި ގޮތުން، އަލްބާންގެ ބަހުގެ މާނައިގެ މަގުސަދު ވަޒަންކުރަން އުޅޭހެން ހީވެއެވެ. އޭނާ އަލްބާންގެ މޫނުމަތި ދިރާސާކުރަމުން، އެބުނިއެއްޗެއް ގެ މާނަ ދެނެގަންނަން މަސައްކަތްކުރިއެވެ. ބާބިލް އެ ދެމީހުންގެ ދެމެދުގައި ގަނޑުވެފައި ހުއްޓެވެ. އޭނާގެ ހިތް ބާރަށް ތެޅެމުންދާއިރު، ދެން ވާނެ ގޮތެއް ނޭނގިފައެވެ.
" ހްމް....ތިބުނީވެސް ރަނގަޅު ވާހަކައެއް....ދޯ ބާބް...." ލޯކަން ގެ ނަޒަރު ހުއްޓި ހުރީ އަލްބާންގެ މޫނަށެވެ.
"ކާން އަޅައިދޭނަން..." ބާބިލް އަވަސް ވެގަތީ ކާ އެއްޗެހި ހުރި ދިމާލަށް ދިޔުމަށެވެ.ނަމަވެސް ލޯކަން އޭނަގެ އަތުގައި ހިފެހެއްޓިލެއް ބާރުކަމުން އޭނާގެ ނިޔަފަތިވެސް އެ ނާޒުކް ބަލިކަށި އަތަށް ހެރިގެންދިޔައެވެ.
" އެކީ ދަމާ....މިހާ ދުވަސް ފަހުން ދިމާވީމަ ކިހިނެއް އެކަނި ދާން ދޫކޮށްލެވޭނީ...ނޫންތަ؟ކޮން ނަމެއް ކިޔަނީ؟" އޭނަގެ އެންމެ ފަހުގެ ސުވާލު އަމާޒުވީ އަލްބާން އަށެވެ. އަލްބާން ގަދަ ކަމުން ހިނިތުންވެލަމުން އަތް ދިއްކޮށްލީ ސަލާމަކަށެވެ. ބާބިލް އެވަގުތު ނަން ނުބުނުމަށް އެދި ބޯ ހޫރާލިއެވެ. އަލްބާން ގެ ނަން ކިޔާލާ އިރަށް އެ ރޭގައި އޭނާއަށް އަނިޔާ ކުރީ ކާކުކަން ދަނެގަންނާނެ ކަން ޔަގީންވާތީއެވެ.
" މުހައްމަދު...." އަލްބާން ލުއިކޮށް ހިނިތުންވެލިއެވެ. ނަމަވެސް އެތެރެހަށީގައި އަނދަމުން ދިޔަ ރުޅިވެރިކަމުގެ ތޫފާނުގައި މި ނުލަފާ މީހާ ހަފުސްކޮށްލެވިދާނެއެވެ. ލޯކަން ބާބިލް އަތުން ދޫކޮށްލީ އަލްބާން އާއި ސަލާން ކުރުމަށެވެ. އަލްބާންގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީ އެއް ލިބުނެވެ.
އަލްބާން މަގު ދައްކައިދެމުން ދިޔައީ ކެއުމަށް ތަތްޔާރުކޮށްފައިވާ ބުފޭއަށެވެ. ދެ ޖިންސްގެ މީހުންނަށް ވަކިން ކާން ތައްޔާރުކޮށްފައި ހުރިކަމީ ނަސީބެނެވެ. ލޯކަން ބޭނުން ނުވި ނަމަވެސް ބާބިލް އާއި ވަކިވެލަން ޖެހުނީ އެ ހިނދުކޮޅެވެ.
" މާ ދުރަށް ނުދާތި....." ލޯކަން އިންޒާރެއް ދިނުމަށް ފަހު ކެއުމަށް އަވަސްވެގަތެވެ.
ކުރިން ފެނިގެންދިޔަ ހަލަބޮލި މާޙައުލު ހިމޭންވާން ފެށިއެވެ. ރޭގަނޑުގެ ވަގުތުތައް ފާއިތުވަމުންދިޔަ ވަރަކަށް މީސްކޮޅު މަދުވަމުން ދިޔައެވެ. ބުފޭ މޭޒުތަކުގެ ވަށައިގެން ތިބީ އިނގިލިން ގުނައިލެވޭހާ މަދު ބަޔެކެވެ. ލޯކަން ވަރަށް ހަލުވި ކަމާއެކު ތަށިނަގައި ކާން އެޅުމަށް އަވަސްވެގަތުމުން އަލްބާން އޭނާ ހުއްޓުވިއެވެ.
"މަޑުކޮށްލާ.........." އަލްބާން ބުނެލިއެވެ.
"ކާއެއްޗިހި ހޫނު ކޮށްލީމަ އެއްނު މީރުވާނީ. ރޭގަނޑުގެ އެންމެ ފަހު މެހުމާނުންނަށް ފިނިވެފައި ހުރި ކާނާ ދެވޭކަށް ނެތް ދެއްތޯ............" އަލްބާން ގެ ހުދު ދަތްޕިލަ ދިއްލިގެން ދިޔައެވެ. ކުޅިދިޔާވެފައި ހުރި ލޯކަން ގެ ލޯ ހުއްޓުނީ ބުފޭ މޭޒު ކައިރީ ތިބި ޝެފުން ކާއެއްޗިހި ހޫނުކުރުމަށް ގެންދިޔަ ދިމާލަށެވެ.
" އޯ ހޯ....ރަނގަޅު ތަނަކަށް ދޯ މި އާދެވުނީ...ހަމަ ފަސް ތަރީގެ މޮޅެތި ކެއުންތައް ވިއްޔާ....މުއްސަނދި ބައެއް ދޯ ވާ.....ތިވެސް ޝާކިރުގެ ދަރިއެއްތަ؟" ލޯކަން އަހާލިއެވެ.
"އާނ...އެންމެ ހަގު..." އަލްބާން ލުއި ހިނިތުންވުމެއްގައި ބުނެލީ މަރްވާން އަށް މެސެޖުކުރަމުންނެވެ. ލޯކަން އަށް ގެންނަ ކާއެއްޗިއްސަށް އޭނަ ބުނި ބޭސްތަކެއް ލުމަށް އެދެމުންނެވެ.
" އެބަ އަންނަން...." އަލްބާން އަށް ދުރުން ޖޫރީ ފެނުމުން އަވަހަށް އެ ދިމާއަށް ދެވުނީ ލޯކަން އަށް ޖޫރީ ފެނިދާނެތީ ބިރުންނެވެ.
"ޖޫ.....ލެޓްސް ގޯ..." އަލްބާން އަވަހަށް ޖޫރީގެ މޫނު ފޮރުވާލީ ގަޔާ ލައްކޮށްލަމުންނެވެ.
"ކިހިނެއްވީ؟"ޖޫރީ ހާސްވިއެވެ. އަލްބާން އޭނާ ފޮރުވަން އުޅޭނީ ކޮންމެވެސް ބޮޑުކަމެއް ވީމަ ކަން ވަގުތުން ހިތް އެންގިއެވެ. ފޮޓޯ ނަގައި އެ މެސެޖު ކުރި ފަހުން ޖޫރީ ހުންނަނީ އަބަދުވެސް މީހަކު އޭނާގެ ފޮޓޯ ނަގާފާނެތީ ބިރުންނެވެ. ޕާޓީ ތެރޭގައިވެސް މީހުން މަދު ގަޑިޔަކަށް ނިކުތީވެސް އެހެންވެއެވެ.
" އައި ވިލް ޓެލް ޔޫ ލޭޓާ..." އަލްބާންއާއި ޖޫރީ އެކީގައި ގޮސް ގެއަށް ވަނެވެ. އޭނަ އިތުރު ސުވާލުކުރުމެއް ނެތި އަލްބާން ގެ ބަސް ގަބޫލުކުރިއެވެ.
***
ގެއަށް ވަދެވުމާއެކު މުރުތަސިމް އަހެދުގެ އަތުން ދޫކޮށްލިއެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކުން ސިކުނޑިއަށް ބާރުކޮށްފައިވާވަރު އެނގުނެވެ. އޭނާ ކުޑަ ހިނދުކޮޅަކަށް ދެކޮޅަށް ހިނގަމުން ދިޔައެވެ. ނިއްކުރިމަތި އިނގިލި ހިންގަމުން އޭނަ އެކަން ހައްލުކުރަން މަސައްކަތް ކުރިއެވެ. އަހެދު އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
"މިހާރު ކޮބާ މައްސަލައަކީ؟" އަހެދް ފޫހިވިއެވެ. މުރުތަސިމް ރުންކުރު ބެލުމަކާއި އެކު އަހެދް އަށް ލޯ އަޅާލީ ބުނަން ބޭނުންވާ އެތައް ވާހަކައެއް ދިރުވާލަމުންނެވެ.
"ޓައިމް ޓު ގޯ...." މުރުތަސިމް އޭނާގެ ގަމީހުގެ އަތު ކުރި އޮޅާލަމުން ބުނެލިއެވެ. އަހެދް ގެ ހިތުގެ ވިންދު އަވަސްވެލިއެވެ. ހުއްޓުން އަރާފައި ހުރެވުނީއެވެ.
"'ކީއްވެތަ ބުދެއް ހެން ތި ހުންނަނީ...އައި ސެޑް ޓައިމް ޓު ގޯ..." މުރުތަސިމް ރުޅި ގަދަވީ އަހެދްގެ ހިމޭންކަން ފެނިފައެވެ.
މުރުތަސިމްގެ ލަފުޒުތަކުން އޭނާގެ ހިތަށް ބިރުވެރިކަން ވަދެގަތެވެ. މުރުތަސިމްއާއެކު އެކަނި ދިއުމުގެ ޚިޔާލު ހިތުގައި ބިރުވެރިކަން އުފައްދަމުން ދިޔައެވެ. ޚާއްޞަކޮށް އެ ދެމީހުންގެ ދެމެދުގައި އޮތް ނުތަނަވަސްކަމާއެކުގައެވެ.
ޒަހްރާ އައުމާއި އެކު މުރުތަސިމް އޭނާގެ މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ.
"ދަނީތަ ދެ ކުދިން؟ މިހާ އަވަހަށް...ހުރިހާ ކަމެއް ރަނގަޅުތަ؟" ޒަހްރާ އަހެދް ގެ ބުރަކށީގައި ފިރުމައިލިއެވެ. އަދި މުރުތަސިމްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. އެ ދެމީހުންގެ ދެމުދުގައިވާ ނުތަނަވަސްކަން ޒަހްރާއަށް ވެސް ފާހަގަވިއެވެ.
" އާނ....އަހެދް ވެސް ވަރަށް ވަރުބަލިވެފަ.....ދޯ އަހެދް..." މުރުތަސިމްގެ ތުންފަތަށް ފަނޑ ހިނތުންވުމެއް ވެރިވިއެވެ. އަހެދް ވެސް ބޯ ޖަހައިލީ އެއްބަސްވެލަމުންނެވެ.
" އެ ތެދެއް...އެކަމަކު މާދަން ހެނދުނުން އަންނަންވާނެ ދެކުދިންވެސް ސައިބޯލަން.... އަދި މަންމަގެ ހަދިޔާ ބާކީ އޮތީނު..." ޒަހްރާ މުރުތަސިމްއަށް އެންގިއެވެ.
"ތޭންކްގޯޑް...." އަހެދް އަށް ތުންތަޅުވާލެވުނެވެ. އަހެދް އަށް ހަމަ ނޭވާ އެއް ލެވުނެވެ. މާދަމާ ދިރިހުރެވޭނެ ކަމުގެ އުންމީދު ލިބުމުން ވާ އުފަލެއްގެ ބޮޑުކަމުންނެވެ. ޒަހްރާއަށް އޭނަ ބުނި އެއްޗެއް ސާފުނުވި ނަމަވެސް ހިނިތުންވެލިއެވެ.
"މަންމާ....މިހާރުވެސް ކިހާ ބޮޑު ހަރަދެއް....ވީ ޑޯންޓް ނީޑް އެނީމޯ ގިފްޓްސް....ނޫންތަ އަހެދް..." މުރުތަސިމް ބޭނުންވީ އޭނާގެ މަންމަ އަށް އަހެދް އާއި އޭނަގެ ދެމެދުގައިވާ ނުތަނަވަސްކަން ފޮރުވުމަށެވެ.
"ދަރިފުޅާ....އަހެދް އަށް ބަލައްޗޭ....ތިއީ ހަމަ އަމާނާތެއް...." ޒަހްރާ މުރުތަސިމްގެ އަތުގައި ހިފަހައްޓައިލަމުން ބުނެލިގޮތުން އޭނާގެ ހިތް ގެނބުނެވެ. އޭނާގެ މަންމަ ގެ މައުސޫމު ކަމާއި ހިތް ހެޔޮކަން ވިސްނިފައެވެ.
***
"ބާބް...ވަރަސް އަވަސް...ފަސް މިނެޓް ތެރޭ ފަހަތު ގޭޓު ކައިރިޔަށް އަންނަ ކާރަށް އަރާ....ނޯ ކުއެސްޝަންސް...." ދެއަތް ދެއަތާ މޮޑެން އިން ބާބިލް ސިއްސުވާލީ އަލްބާންއެވެ.
" އަލް....." ބާބިލް ހިފައިލެވުނީ އަލްބާންގެ އަތުގައެވެ.
" ޔޫ ކާންޓް ގެޓް އިން ޓްރަބްލް ބިކޯޒް އޮފް މީ....ޕްލީޒް..."' ބާބިލް ލޮލުގައި ކަރުނަތައް ޖަމާވިއެވެ. އަލްބާންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
"ފޯ ޔޫ....އެނީތިންގް...." ބާބިލް ގެ ލޮލުން ފޭބި ކަރުނަ ފޮހެލަދޭން އޭނަގެ ހިތް އެދުނެވެ.
"ސުބްހާނައްﷲ......މިއޮތްވާ މަންޒަރެއް....މަށަށް އޭރުވެސް އެނގެޔޭ މި ބާބުލާ މިއީ ވިހަ އަންހެނެއްކަން....." ސަކީނާގެ ހުޝިޔާރު ލޮލަށް އެ މަންޒަރު އެރިއެވެ.
ނުނިމޭ