ސަރުކާރުން ޓެކްސް ބޮޑުކުރަން އުޅޭތީ ކަންބޮޑުވުންތަކެއް އެބަހުރިކަމަށާއި، ޓެކްސްއަށް ބަދަލުގެންނަންޖެހޭނީ ފަތުރުވެރިކަމަށް ލޮޅުމެއް ނާރާނެ ގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.
ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ދެ ގުނަކޮށް، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ، ޓީޖީއެސްޓީއާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އާދިއްތަ ދުވަހު ހުށަހެޅިއެވެ.
މިއަދު އެ ބިލަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ ޓެކްސް ބޮޑުކޮށްގެން ނޫނީ ގައުމު ވެއްޓިފަ އޮތް އަނދަވަޅުން އަރައިގަނެވެން ނެތްކަން ވެސް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަށް ތާއީދުކުރި ނަމަވެސް އައްބާސް ވަނީ ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައެވެ.
"އިގްތިސޯދުގެ ބެކްބޯންއަކީ ފަތުރުވެރިކަން. އަޅުގަނޑުމެން ކުއްލިކުއްލިއަށް ޓީޖީއެސްޓީއާ އެއާޕޯޓް ޓެސްކްއަށް މި ގެނެވޭ ބަދަލުތަކަކީ އެއްކޮށްލާއިރު ބޮލަކަށް ވަރަށް ބޮޑު އަދަދެއް އަރާނެ. މިއީ މިވަގުތަށް އެންމެ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ އަޅުގަނޑުމެން ވިސްނާލަންޖެހޭ،" އައްބާސް ވިދާޅުވިއެވެ.
އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ބަޔަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށް އައްބާސް ވިދާޅުވިއެވެ. އަދި ގެސްޓު ހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެ ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަތުމަށް ޓަކައި ޓެކްސްގެ ނިޒާމަށް ބަދަލުގެންނަންޖެހޭކަން ގަބޫލުކުރައްވާ ކަމަށާއި އެ ތަކުލީފުތައް މިއަދު އުފުލަންޖެހެނީ 2013 އިން 2018 އަށް ވައްކަންކުރި ސަރުކާރަކާއި 2019 އިން 2023 އަށް ވައްކަން ކުރި ސަރުކާރެއްގެ ސަބަބުން ކަމަށް އައްބާސް ތުހުމަތުކުރެއްވިއެވެ.
"ވައްކަންކުރިއޭ ބުނާ އެއްވެސް ވަގަކު ހިފާ ހައްޔަރުނުކުރެވި، އެމީހުން އެ ވައްކަން ކުރި ފައިސާއާ މުދަލުގެ ތެރޭގަ މިލިއަނަރުންނަށް ބިލިއަނަރުންނަށްވެ، އޭޝިއާގެ ގައުމުތަކުގަ ބޮޑެތި ވިޔަފާރިތައް ކުރަމުން އެދަނީ. އެބޭފުޅުން ހިފާ ހައްޔަރެއް ނުކުރެވޭ އިއްޒަތްތެރި ރައީސް. އޭގެ ސަބަބުން މިފަދަ ބޮޑެތި ދަރަނިތައް ދައްކަން މިޖެހެނީ ޓެކްސް ބޮޑުކުރަން މިޖެހެނީ،" އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ ފަތުރުވެރިންގެ އަތުން މިހާ ބޮޑުކޮށް ޓެކްސް ނަގަންޖެހޭތީ ޓުއާ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ކަނބޮޑުވުން އެބައޮތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް ދަށްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ޓެކްސް ބޮޑުކުރުން ފަދަ އިސްލާހެއް ގެންނައިރު ދާއިރާގެ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުން އެއީ މުހިންމުކަމެއް ކަމަށް އައްބާސް ވިދާޅުވިއެވެ.
"...ޓެކްސް ބޮޑުކުރާއިރު އަޅުގަނޑުމެންގެ މި ފަތުރުވެރިކަމަށް ލޮޅުން ނާރާނެ ގޮތަކަށް އެބަޖެހޭ ކުރަން. އަވައްޓެރި ގައުމުތަކުން މީގެ ފައިދާ ނަންގަވާނެކަން ވިސްނަންވާނެ، އެބޭފުޅުން ފާޑުފާޑުގެ ޕެކޭޖުތައް ދެއްވާނެ އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވިއެވެ.
"ކުއްލިކުއްލިއަށް ނިންމަވާފައި އަނެއް ދުވަހު ބަދަލުކުރާ ކުރުމަކަށް ވެސް ވެގެންނުވާނެ. އަދި މި ގާނޫނަށް ގެނެވޭ އިސްލާހުތަކަކީ ވެސް ކުލޭކުޅޭ އެއްޗަކަށް ވެގެން ނުވާނެ،" އައްބާސް އިތުރަށް ވިދާޅުވިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ.
ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ހުށަހަޅާފައިވަނީ މިހާރު ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 12 ޑޮލަރު ނެގުމަށެވެ. އަދި، މިހާރު ތިން ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން ހަ ޑޮލަރު ނެގުމަށެވެ.
މި ބަދަލާ އެކު އަންނަ އަހަރު އެ ޓެކްސްގެ ގޮތުގައި ދައުލަތަށް 963.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ދެން އިސްލާހު ހުށަހަޅާފައިވަނީ ދިވެހި ރާއްޖޭގެ އެއާޕޯޓްތަކުން ދިވެހި ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށެވެ. އެ އިސްލާހުގައިވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ޑިޕާޗާ ޓެކްސް ބޮޑުކުރަން ހުށަހަޅައިފައެވެ.
މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ބޮޑުކުރަން ވަނީ ހުށަހަޅައިފައެވެ. އެ ފީ ވެސް ބޮޑުކުރަން ނިންމާފައިވަނީ ޑިޕާޗާ ޓެކްސް ބޮޑުކުރި ރޭޓުންނެވެ.