މާދަމާ ރޭ 12:00ގެ ކުރިން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރާ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރަން އެ އިދާރާއިން ބައްސާމަށް އަންގައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، އެ ދެ ފްލެޓު ފުލުހުންނަށް ހަވާލުކުރުމަށް ބައްސާމަށް އެންގީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރަން ބައްސާމަށް ދިނީ 136 ގަޑިއިރު ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، އެޕާޓްމަންޓް ހަވާލުކުރުމަށް އިތުރު ވަގުތު ދިނުމަށް އެދި 29ވަނަ ދުވަހު ބައްސާމު އެ ޚިދުމަތުގައި އެދިފައި ވާކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން ބައްސާމުގެ ފަރާތުން ރިއާޔަތްކުރި ކަންކަމަށް ބެލުމަށް ފަހު މިދިޔަ އާދިއްޔަ ދުވަހުގެ 12:00އާ ހަމައަށް މުއްދަތު އިތުރުކޮށްދިން ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، އެޕާޓްމަންޓު ހަވާލުކުރަން އެންގިއެންގުމާ ގުޅިގެން މުއްދަތު އިތުރު ކުރުމަށް ބައްސާމުގެ ފަރާތުން އަނެއްކާ ވެސް މިދިޔަ ހުކުރު ދުވަހު އެދުނުކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
ބައްސާމުގެ ފަރާތުން އޭރު އެދުނީ އެޕާޓްމަންޓު ހަވާލުކުރުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށެވެ. އަދި ބައްސާމު އެދުނު ފަދައިން އެޕާޓްމަންޓު ހަވާލުކުރުމުގެ މުއްދަތު އިތުރުކޮށްދިން ކަމަށް އޭރު ފުލުހުން ބުންޏެވެ.
ނަމަވެސް، މިއަދު ފުލުހުން ނެރުނު ބަޔާނުގައި ވަނީ، އޭނާގެ އެދުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެޕާޓްމަންޓު ހަވާލުކުރުމުގެ މުއްދަތު އިތުރުކޮށްދެވެން ނެތްކަމަށް ފުލުހުން ނިންމިކަމަށެވެ.
"އެގޮތުން މި ދެ އެޕާޓްމަންޓް ހުސްކޮށް ހަވާލުވުމުގެ ކަންކަން މި ޚިދުމަތުން ކުރިއަށް ގެންދާ ވާހަކަ ދަންނަވަން. އަދި 2024، އޮކްޓޫބަރު އަށްވަނަ ދުވަހުގެ ރޭ12:00އާ ހަމައަށް އެޕާޓްމަންޓު ހަވަލުނުކޮށްފި ނަމަ، ގާނޫނީ އިމުގެ ތެރެއިން އެޕާޓްމަންޓު މި ޚިދުމަތުގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ވާހަކަ ދަންނަވަން،" ފުލުހުންގެ ބަޔާނުގައި ވެއެވެ.
ކޮވިޑު ތެރޭގައި ކްލަބްތަކަށް ފައިސާ ދޫކުރަން އެފްއޭއެމަށް ދިން ފައިސާ ބޭނުންކޮށްގެން ބައްސާމް، އަމީން އެވެނިއުއިން ދެ ފުލެޓު ގަތްކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރަން ވެސް ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވައިފައެވެ.
ބައްސާމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.