ކުއީން އެލިޒަބަތަކީ ކާކު؟

އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 2 ވަނަ އަކީ ޔުނައިޓެޑް ކިންޑަމް އާއި ކޮމަންވެލްތުގެ 15 ގައުމެއްގެ އެންމެ މަތީ ވެރިޔާއެވެ. ކޮމަންވެލްތު ރިއަލްމްގެ ނަމުން މަޝްހޫރުވެފައިވާ، މިނިވަން، މުސްތަގިއްލު 16 ދައުލަތެއްގެ ދުސްތޫރީ ވެރިޔާއެވެ. އަދި 54 ގައުމު ހިމެނޭ ކޮމަންވެލްތު ޖަމާއަތުގެ ވެރިޔަކީ ވެސް އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނައެވެ.

ރަސްގެފާނު ޖޯޖް 6 ވަނަ އާއި މަންމަރާނީ އެލިޒަބަތުގެ ރެހެންދި ދަރިކަނބަލުން ކަމުގައި ވާ އެކަމަނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1926 ވަނަ އަހަރުގެ އެޕްރީލު މަހުގެ 21 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ރަސްމީކޮށް އެކަމަނާގެ އުފަން ދުވަސް ފާހަގަ ކުރެވެނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ ދެވަނަ އާދީއްތަ ދުވަހުއެވެ. އެކަމަނާ އުފަންވެ ވަޑައިގަތީ ލަންޑަނުގައެވެ. ރާނީ އެލިޒަބަތުގެ ފުރިހަމަ ނަންފުޅަކީ އެލިޒަބަތު އެލެގްޒެންޑްރާ މޭރީއެވެ. އާއިލީ ގޮތުން ގާތް ބޭފުޅުން އެކަމަނާއަށް ދެއްވައިފައި އޮންނަ ނަންފުޅަކީ ލިލިބަތުއެވެ. އެކަމަނާ ނިސްބަތްވެވަޑައިގަންނަވަނީ ވިންޑްސަރ ދަރިކޮޅަށެވެ.

އެކަމަނާ ދިރިއުޅުއްވަނީ ބަކިންހަމް ގަނޑުވަރުގައެވެ. ދިވެހިން އިނގިރޭސި ރާނީއޭ ކިޔަސް އިނގިރޭސި ބަހުން ކުއީން ނުވަތަ ކިންގ އޮފް އިންގްލޭންޑޭ އެންމެ ފަހުން ކިޔައިފައިވަނީ ކުއީން އޭން (1702-1707) އޮފް އިންގްލޭންޑަށެވެ. އޭގެ ފަހުން ވަޑައިގެންނެވި ބޭފުޅުންނަށް ކިޔަނީ ކިންގ ނުވަތަ ކުއީން އޮފް ގްރޭޓް ބްރިޓެއިންއެވެ. މިހާރު ކިޔަނީ ކިންގ ނުވަތަ ކުއީން އޮފް ޔުނައިޓެޑް ކިންގޑަމްއެވެ.

ރާނީއަށް ވެރިކަން ލިބިވަޑައިގަތީ ބޮޑުބޭބޭފުޅު އެޑްވަރޑް 8 ގެ ފަހުން ބައްޕާފުޅު ޖޯޖް 6 ވެރިކަން ކުރެއްވުމަށް ފަހުއެވެ. ބައްޕާފުޅު 6 ވަނަ ޖޯޖް ރަސްގެފާނު އަވަހާރަވުމުންނެވެ. އެކަމަނާއަށް ރަނިކަން ލިބިވަޑައިގަތް އިރު އުމުރުފުޅުން 25 އަހަރުފުޅެވެ. ކުއީން އެލިޒަބަތުގެ ކޮރޮނޭޝަންގެ ރަސްމިއްޔާތު އޮތީ 2 ޖޫން 1953 ގައެވެ. މި ރަސްމިއްޔާތު ޓީވީން ދެއްކިއެވެ. މިއީ އިނގިރޭސިވިލާތުގެ ރަސްކަލެއް ނުވަތަ ރަނިކަނބަލެއްގެ ކޮރޮނޭޝަން ޓީވީން ދެއްކި ފުރަތަމަ ފަހަރު ވެސްމެއެވެ.

އެލިޒަބަތު (2 ވަނަ) އިނގިރޭސި ތަހުތުގައި އިށީނދެ ވަޑައިގަތީ 6 ފެބުރުވަރީ 1952 ގައެވެ. އެއާ އެކު އެކަމަނާ ވެވަޑައިގަތީ ކޮމަންވެލްތުގެ ވެރިޔާގެ އިތުރުން، ކޮމަންވެލްތުގައި ހިމެނޭ މިނިވަން 7 ގައުމެއްގެ ވެސް ރާނީ ކަމުގައެވެ. އެ ގައުމުތަކަކީ ޔޫ.ކޭ އާއި ކެނެޑާ އާއި އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑާއި ދެކުނު އެފްރިކާ އާއި ޕާކިސްތާނާއި ސިލޯނެވެ. މި ބަޔާންކުރި ގައުމުތަކުގެ ތެރެއިން ފުރަތަމަ 4 ގައުމުގެ ރާނީއަކީ އަދި ވެސް އެކަމަނާއެވެ. މީގެ އިތުރުން އެކަމަނާއަކީ ޖެމެއިކާ އާއި ބާބަޑޮސް އާއި ބަހާމާސް އާއި ގްރެނާޑާ އާއި ޕަޕުއާ ނިއުގިނީ އާއި ސޮލޮމޮން އައިލެންޑްސް އާއި ތުވާލޫ އާއި ސެންޓް ލޫސިޔާ އާއި ސެންޓް ވިސެންޓް އެންޑް ދަ ގްރެނަޑިންސް އާއި ބެލީޒް އާއި އެންޓިގުއާ އެންޑް ބާބިއުޑާ އާއި ސެންޓް ކިޓްސް އެންޑް ނެވިސްގެ ވެސް ރާނީއެވެ.

ކުއީން އެލިޒަބަތު ތައުލީމު ހާސިލުކުރެއްވީ ގަނޑުވަރަށް ޓީޗަރުން ގެންނަވައިގެންނެވެ. ކިޔަވައިވިދާޅުވި މައިގަނޑު މާއްދާތަކަކީ ތާރީޚް، ޖިއޮގްރަފީ، ބަސް، އަދަބިއްޔާތު، މިޔުޒިކް، އާންމު ސައެންސް، އާންމު ސިއްހަތު، ފަލްސަފާ، މަންތިގު (ލޮޖިކް)، އިގްތިސާދީ އިލްމު، އިޖްތިމާއީ އިލްމު، ނަފްސާނީ އިލްމު، ހިސާބު އިލްމުގެ އިތުރުން ގާނޫނާއި ދީނެވެ. ފަރަންސޭސި ބަހާއި ލެޓިން ބަސް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ.

ރާނީ އެލިޒަބަތަކީ އިނގިރޭސި ތަހުތުގައި ދެވަނައަށް އެންމެ ގިނަ ދުވަހު ރެދަލި ކުރެއްވި ބޭފުޅާއެވެ. އެކަމަނާގެ ވެރިކަމަށް 60 އަހަރުވެފައިވާއިރު، މިއަށް ވުރެ ގިނަ ދުވަހު އެ ތަހުތުގައި އިންނެވި ހަމަ އެކަނި ބޭފުޅަކީ 63 އަހަރު ދުވަހު ވެރިކަން ކުރެއްވި ކުއީން ވިކްޓޯރިއާއެވެ. އެކަމަނާގެ ވެރިކަމުގެ ރިހިޔޫބީލް ފާހަގަކޮށްފައި ވަނީ ވެރިކަމަށް 25 އަހަރުވުމުން 1977 ގައެވެ. ރަންޔޫބީލް ފާހަގަކޮށްފައިވަނީ ވެރިކަމަށް 50 އަހަރުވުމުން 2002 ގައެވެ. އާންމުކޮށް އަލިމަސްޔޫބީލް ފާހަގަކުރަނީ 75 އަހަރުވުމުން ކަމަށް ވިޔަސް، އެކަމަނާގެ ވެރިކަމުގެ އަލިމަސްޔޫބީލް ފާހަގަކުރީ ރަނިކަމަށް 60 އަހަރުވުމުން މިއަހަރު، 2012 ގައެވެ. އެއީ އިނގިރޭސި ރަސްކަމުގެ އަލިމަސްޔޫބީލަކީ 60 އަހަރު ކަމުގައި ކަނޑައަޅައިފައި އޮންނާތީއެވެ. އިނގިރޭސި ރަސްކަމުގައި އަލިމަސްޔޫބީލް ފާހަގަކުރި ހަމައެކަނި އަނެއް ބޭފުޅަކީ ކްއީން ވިކްޓޯރިއާއެވެ. ކުއީން އެލިޒަބަތު ދެވަނަ ވަނީ ދުނިޔެއަށް އެންމެ ހަލުވިކޮށް އައި ތަރައްގީ އާއި ބޮޑެތި އިޖްތިމާއީ ބަދަލުތަކުގެ ފަސް ދަހައިގައި އިނގިރޭސި ރަނިކަމުގައި ރެދަލި ކުރައްވައިފައެވެ.

އެކަމަނާގެ ރަނިކަމުގެ އަލިމަސްޔޫބީލްގެ ރަސްމިއްޔާތުގައި ލަންޑަނުގެ މޭޔަރ ބޮރިސް ޖޯންސަން ވިދާޅުވިއެވެ. "ރަނިކަމުގައި 60 އަހަރު ހޭދަކުރެއްވި އިރު، އެކަމަނާ ވަނީ ގައުމެއް އެއްބައިވަންތަކަމާއެކު އޮތުމުގައި ރަސްކަމެއް އަދާކުރާ މުހިންމު ދައުރު ދައްކަވައިދެއްވައިފަ" އެވެ.

އެކަމަނާގެ އަލިމަސްޔޫބީލަށް ހުދުމުހުތާރު އަދި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ނުހިއްތަވާ ވެރީންނަށް ދައުވަތު ދެއްވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ އެކަމާއަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. ދައުވަތު ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ބަހްރައިންގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އާލްޚަލީފާ އާއި ސްވާޒިލޭންޑްގެ ރަސްގެފާނު އެމްސްވާތީ 3 އާއި ކުވައިތާ ސައުދީ ޝާހީ އާއިލާގެ ބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ.
މީގެ ތެރެއިން ސްވާޒިލޭންޑްގެ ރަސްގެފާނަކީ ރައްޔިތުން ބަނޑަށް ތިއްބައި ވެސް ލަގްޒަރީ ދިރިއުޅުއްވުމެއް އުޅުއްވަމުން ގެންދަވާ ބޭފުޅެކެވެ. މި ރަސްގެފާނުގެ އަނބިއަނބިކަނބަލުން ދުނިޔޭގެ ބައެއް ގައުމުތަކަށް ހަމައެކަނި ޝޮޕިންގ ކޮށްލުމަށް ވެސް ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރައްވައި، އެތަކެއް ބޭކާރު ހަރަދެއް އެބަ ކުރައްވައެވެ. ސްވާޒިލޭންޑްގެ ރަސްގެފާނުގެ މިވަގުތު ވެސް 14 އަނބިކަނބަލުން އެބަ ތިއްބެވިއެވެ.

ރާނީއާ ކައިވެނި ބައްލަވައިގެން ހުންނެވީ ޑިޔުކް އޮފް އެޑިންބާގ އަމީރު ފިލިޕެވެ. މި ދެކަނބަލުންނަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންފައިވާ އިރު، ކާފަމާމަ ވިދާޅުވާ އަށް ބޭފުޅުން އެބަ ތިއްބެވިއެވެ. ރާނީ އެލިޒަބަތުގެ ފިރިކަލުނާ އެކަމަނާއާ އާއިލީ ގޮތުން ވަރަށް ގާތެވެ. އެއް ގޮތުން އެ ދެ ބޭފުޅުންނަކީ ޑެންމާކުގެ ރަސްގެފާނު ކްރިސްޓިޔަން 9 ވަނައިގެ ދަރިކޮޅުން ބަލާނަމަ ސެކަންޑް ކަޒިންސް ވަންސް ރިމޫވްޑް އެވެ. އަދި ކްއީން ވިކްޓޯރިޔާގެ ދަރިކޮޅުން ބަލާ ނަމަ ތަރޑް ކަޒިންސްއެވެ. އެލިޒަބަތު ވިދާޅުވާ ގޮތުގައި ފިރިކަލުން އަމީރު ފިލިޕް ދެކެ ލޯބިފުޅުވެވަޑައިގަންނަވާން ފެށި އިރު އެކަމަނާގެ އުމުރުފުޅަކީ 13 އަހަރުފުޅެވެ. އެއީ 1939 ވަނަ އަހަރު ރޯޔަލް ނޭވަލް ކޮލެޖުގެ ބައްދަލުވުމަކުން ފެނިވަޑައިގަތުމުންނެވެ. އެ ދެބޭފުޅުންގެ ދެމެދުގައި ދެން ބަދަލުކުރެވެމުން ދިޔައީ ސިޓީފުޅުތަކެވެ. އެންގޭޖްމަންޓް އިއުލާން ކުރެވުނީ 9 ޖުލައި 1947 ގައި، އެކަމަނާގެ އުމުރުފުޅުން 21 އަހަރުފުޅުގައެވެ.

މި ދެ ބޭފުޅުން ޒަވާޖީ ގޮތުން ގުޅިވަޑައިގަތުމާ މެދު ވެސް ފާޑުކިޔުންތައް އަމާޒުވިއެވެ. އެއް ކަމަކީ އަމީރު ފިލިޕަކީ އިނގިރޭސިވިލާތަށް އުފަން ބޭފުޅެއް ކަމުގައި ނުވުމެވެ. އެމަނިކުފާނު އުފަންވެ ވަޑައިގަތީ ޔޫނާނަށެވެ. (ގްރީސް އަށެވެ.) އަނެއް ކަމަކީ އެމަނިކުފާނުގެ ދައްތައިން ކައިވެނީގެ ގޮތުން ގުޅިވަޑައިގެން ތިއްބެވީ ނާޒީންނާ ގުޅުން ހުރި އަދި ޖަރުމަނުގެ މަތީ ފެންވަރުގެ ބޭފުޅުންނާ ކަމުގައި ވުމެވެ. އަދި ބައެއް މީހުން އެމަނިކުފާނަށް ފާޑު ކިޔަމުން އެއީ ގަނޑުވަރެއް އަދި ރަސްކަމެއް ނެތް އަމީރެއް ކަމަށް ސިފަކުރަމުން ދިޔައެވެ.

އެހެން ކަމާއެކު މި ކައިވެނިފުޅަށް ޓަކައި އަމީރު ފިލިޕް ވަނީ ކުރީގެ ލަގަބުފުޅުތައް ވެސް ދޫކޮށްލައްވައިފައެވެ. ކުރީން އެމަނިކުފާނުގެ ލަގަބުފުޅަކީ ޕްރިންސް ފިލިޕް އޮފް ގްރީސް އެންޑް ޑެންމާކެވެ. ކުރީން އެމަނިކުފާނަކީ ކްރިސްޓިޔަން ދީނުގެ ގްރީކް އޮތޮޑޮކްސް މަޒްހަބުގެ ބޭފުޅެކެވެ. އެހެން ނަމަވެސް އެލިޒަބަތާ ކައިވެނިފުޅު ބައްލަވައިގަތުމަށް ޓަކައި އިނގިރޭސި އެންގްލިކަން މަޒްހަބަށް ބަދަލުވެ ވަޑައިގަތެވެ. އަދި އާއިލީ ނަންފުޅެއްގެ ގޮތުގައި، އެމަނިކުފާނުގެ މަންމަގެ އިނގިރޭސި މަތިކޮޅުގެ އާއިލީ ނަންކަމުގައިވާ މައުންޓްބޭޓްން ބޭނުން ކުރައްވާން ފެށްޓެވިއެވެ. ކައިވެނީގެ ކުރީން އިނގިރޭސި ރަސްގެފާނު ވަނީ އަމީރު ފިލިޕަށް ޑިޔުކް އޮފް އެޑިންބާގްގެ ލަގަބު ދެއްވައިފައެވެ. މިހާރު ވެސް އެމަނިކުފާނުގެ ރަސްމީ ލަގަބުފުޅަކީ އެއީއެވެ.

އަމީރާ އެލިޒަބަތާއި އަމީރު ފިލިޕްގެ ކައިވެނިފުޅު ކުރެވުނީ 20 ނޮވެންބަރު 1947 ގައެވެ. ވެސްޓްމިންސްޓަރ އަބޭގައެވެ. ކައިވެނިފުޅުގެ ހަދިޔާގެ ގޮތުގައި ދުނިޔޭގެ އެތަން މިތަނުން 2500 އަށް ވުރެ ގިނަ ހަދިޔާ ލިބިވަޑައިގަތެވެ. އެލިޒަބަތުގެ ފުރަތަމަ ދަރިކަލުން އަމީރު ޗާލްސް އުފަންވެ ވަޑައިގަތީ 14 ނޮވެންބަރު 1948 ގައެވެ. ދަރިކަނބަލުން އަމީރާ އޭން އުފަންވެވަޑައިގަތީ 15 އޯގަސްޓް 1950 ގައެވެ. އަމީރު އެންޑްރޫ އުފަންވެ ވަޑައިގަތީ 19 ފެބުރުވަރީ 1960 ގައެވެ. އަމީރު އެޑްވަރޑް އުފަންވެ ވަޑައިގަތީ 10 މާރިޗު 1964 ގައެވެ.

އިނގިރޭސި ރާނީއަކީ މުއްސަނދި ކަމާއި މާލީ ތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ކޮންމެ އުފަލެއް ވެސް ހާސިލު ކުރެއްވިދާނެ ބޭފުޅެކެވެ. އެހެން ނަމަވެސް އެކަމަނާއަށް ވެސް ހިތާމަވެރި ވަގުތުކޮޅުތަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތެވެ. އުނދަގޫ އަދި ދަތިފުޅު ހާލަތްތަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތެވެ.

އުތުރު އަޔަރލޭންޑުގެ މައްސަލަ އާއި ފޯލްކްލޭންޑް ހަނގުރާމަ އާއި އެމެރިކާއިން އިސްނަގައިގެން ފެށި އިރާގާއި އަފްގާނިސްތާނު ހަނގުރާމައަކީ ރާނީގެ ވެރިކަމުގައި އިނގިރޭސީންނާ ކުރިމަތިވި އެންމެ ބޮޑެތި ހާދިސާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެލިޒަބަތާއި ކޮއްކޯފުޅު ކެނެޑާއަށް ފޮނުވުމަށް ލަފާ އެރުވެވުމުން ރާނީގެ މަންމާފުޅު ވިދާޅުވީ "އެ ކުދީން އަހަންނާ ނުލައެއް ނުދާނެ. އަހަރެން ރަސްގެފާނު އަރިހުގައި ނޫނީ ނުދާނަން. ރަސްގެފާނު ވަޑައެއް ނުގަންނަވާނެ." ކަމަށެވެ.
އެކަމަނާގެ އެންމެ ހިތްދަތި ވަގުތުކޮޅުތަކުގެ ތެރޭގައި، ބައްޕާފުޅު އަވަހާރަވުމާއި، ފިރިކަލުންގެ ބޮޑުބޭބޭފުޅު ލޯޑް މައުންޓްބޭޓްން އަވަހާރަކޮށްލެވުމާއި، އެކަމަނާގެ ބޭފުޅުންގެ ކައިވެނިފުޅުތައް 1992 ވަނަ އަހަރު ރޫޅުމާއި، 1997 ގައި އަމީރާ ޑަޔާނާ އަވަހާރަވުމާއި، މަންމާފުޅާއި އަންހެން ކޮއްކޯފުޅު 2002 ވަނަ އަހަރު އަވަހާރަވުން ހިމެނެއެވެ. 1992 ވަނަ އަހަރަށް އެކަމަނާ ދެއްވައިފައިވާ ލެޓިން ނަމަކީ "އެއްނަސް ހޮރިބިލިސް" އެވެ. އިނގިރޭސިން މާނައަކީ "ހޮރިބަލް އިޔަރ" އެވެ.

ކިތަންމެ މުއްސަންޖަސް އާންމުކޮށް މީހުން ގެންގުޅޭ ކަހަލަ އެންޓަޓެއިންމަންޓް ސާމާނު އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުން ބޭނުންފުޅެއް ނުކުރައްވައެވެ. އެހެން ނަމަވެސް ރާނީ މިހާރު ވަނީ ފޭސްބުކާއި، އައިޕެޑާއި އައިޕޮޑް ފަދަ ތަކެތި ބޭނުންކުރައްވާން ފައްޓަވައިފައެވެ. ރާނީއަށް އެންމެ ފުރަތަމައަށް އައިޕޮޑެއް ދެއްވީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއެވެ.
މާމަ ދަރިކަލުން ވިލިޔަމްގެ އަނބިކަނބަލުން ގެންގުޅުއްވާ ނިންޓެންޑޯ ޑަބްލިޔޫ ޓޫގެ ގޭމަށް އެކަމަނާ ޝައުގުވެރިވެ ވަޑައިގަތް ބޮޑުކަމުން ގޭމް އުފައްދާ ކުންފުނި ޓީ.އެޗް.ކިއު އިން ވަނީ އެކަމަނާއަށް ހާއްސަކޮށްގެން ރަން ޕްލޭޓް ކަވަރަކާއެކު ނިންޓެންޑޯ ޑަބްލިޔޫ ޓޫ އެއް ހަދިޔާކޮށްފައެވެ.

އެކަމަނާ މިހާތަނަށް އެއްވެސް ނޫސް ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. އެއްވެސް ނޫސް އިންޓަވިއުއެއް ވެސް ނުދެއްވައެވެ. އެހެންކަމުން އެކަމަނާ ސިޔާސީ ފިކުރު ގެންގުޅުއްވާ ގޮތެއް އާންމު ރައްޔިތުންނަކަށް އެޙާ ހާމައެއް ނޫނެވެ. އެކަމަނާ އެންމެ ޝައުގުވެރިވެ ވަޑައިގަންނަވަނީ އަސްކޮޅު ދުއްވެވުމަށާއި ފޮޓޯފުޅު ނެންގެވުމަށެވެ. ރާނީ ވިދާޅުވާ ގޮތުގައި އިންސާނަކަށް ނުވި ނަމަ ދެން އެންމެ ވާން ބޭނުންފުޅީ އަހަކަށެވެ. ދެން ދޫންޏަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް