މާފަށްވުރެ ދުރުގައި

"ހާދަ ސަޕްރައިޒްވެއްޖެޔޭ... ހިތަކަށް ނާރާ އަލުން މައިރާ ފެނިދާނެއޭ... ވަރަށް އުފާވެއްޖެ... ކޮޅަށް ނުހުރެ ޖައްސާލަބަލަ... މައިރާ ތިއުޅެނީ އަހަރެންގެ ފޮޓޯ މޮޑެލް އޭޖެންސީއަކަށް ފޮނުވަދޭންތަ؟ "އައިޒާންގެ ރީތި ހިނިތުންވުމުން ގަނޑުފެންކޮޅެއްހާ ހުދު ދަތްތަކެއް ފެނިގެން ދިޔައެވެ. ކިތަންމެ ހަމަޖެހެން މަސައްކަތްކުރިޔަސް މި ޕަރީގެ ކުރިމަތީގައި އައިޒާންގެ ހިތާއި ސިކުނޑި ވެސް އަތުން ވީއްލިގެން ދަނީއެވެ. އައިޒާންގެ ނިތްކުރީގައި މުތީތަކެއްފަދައިން ވިދަމުން ދިޔަދާތިކިތައް އޭނަ ފޮހެލީ އަތުގެ ނުފުށުންނެވެ.
"ވަރަށް ޖެހިލުންވެފައިހުރެ މިގެއަށް ވަނީ... އެހެންމީހަކާ ދިމާވިނަމަ ކިޔާލަން ޑައިލޮގްކޮޅެއް ވެސް ހިތުގައި އޮތް...ހޫމް... މޮޑެލް އެޖެންސީތަކުން ޝައުގުވެރިވާނެކަން ޔަގީން...ސީރިޔަސްކޮށް ޓްރައި ކުރަންވީނު..." މައިރާ ވާހަކަ ދައްކަމުން ދިޔައިރުވެސް އައިޒާންއަށް ބެލެމުން ދިޔައީ އެދެލޮލަށެވެ. މާތް ﷲގެ ކުޅަދުންވަންތަކަމެވެ. އެ ދެލޮލުގައިވަނީ ހަމަ ޖާދޫއެކެވެ. އައިޒާންގެ ހިތް ސަމާލުކުރަން މަސައްކަތްކުރަމުން ސިންކުން އަތް ދޮންނަން ފެށިއެވެ.
"މައިރާ... އަހަރެން... " އައިޒާން ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ހިމޭންވިއެވެ. އޭނައަށް މައިރާއާއި ދިމާލަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. އެ ފަހަރު އެ ފުން ލޮލުގައި ވީ ދައުވަތެކެވެ. މައިރާ ވަގުތުން އެސްފިޔަތައް ތިރިކޮށްލައިފިއެވެ. އައިޒާންއާއިމެދު ހިތުގައި ޝައުގުވެރިކަން އޮތަސް މިގުޅުން މިއަށް ވުރެ އިތުރުވާފަދަ ގޮތަކަށް އަމަލު ބެހެއްޓިގެން ނުވާނެކަމަށް އޭނަގެ ޒަމީރު ވިސްނާދިނެވެ.
"ހޫމް... ޒާން... އިނގިރޭސި މޮޑެލް ކުދިން ރަނޑުގޮތެއް ހުރޭ... އެކަމަކު ޒާން ކިހާ ތަފާތު..."މައިރާ ކުޑަގޮތަކަށް ހިނިތުންވެލިއިރު ކުފި ދެ ދަތް ފެނިގެން ދިޔައެވެ. އައިޒާން ވެސް ލަދުންހުރެ ތުވާލިން އަތް ފޮހެމުންދިޔައިރު އެ އަތުގެ ރީތިކަން މައިރާ ފާހަގަކުރިއެވެ. ހަމަށް އަރާފައިވާ ޗާލު ރަންކުލައިން އަންގައިދެނީ ގިނަ ވަގުތު އަވީގައި ނޫނީ މޫދުގައި އުޅޭކަމެވެ. މައިރާގެ ލޮލުގައި ސާފު ބޯޑު އަޅައިގަތީ އެވަގުތުއެވެ. ސުވާލުކުރުމަކާއި ނުލައި އައިޒާން ރާޅާއި އަޅަން އުޅޭ ކަމުގެ ހެކި ފެނުނެވެ.
"ތެންކިއު..." އައިޒާން ގެ ހިތަށް ބުނެދޭން ނޭގޭފަދަ ފިނިކަމެއް ލިބުނެވެ.
"ކޮލެޖު ނިމިގެން ދަމުން ހިތަށް އެރީ ޒާން ދެކިލާނީއޭ... ކުޑަކޮށް ލަސްވިޔަސް ފެމިލީ މީހުން ވަރަށް ކަންތައް ބޮޑުވާނެ... ދަނީއޭ..."މައިރާ މޮބައިލް އިން ގަޑި ބަލާލުމަށްފަހު ދާން ހިގައިގަތުމުން އައިޒާން އެދުނީ ކޮފީ އެއް ބޯލައިގެން ދިއުމަށެވެ. މައިރާ އަކަށް ދެކޮޅުހަދާކަށް ނުކެރުނެވެ. މިހާ ހިތްހެޔޮ ތަފާތު ޒުވާނެއްގެ އެވަރުގެ ކުޑަ އެދުމަކަށް ނޫނެކޭ ބުނެވިގެން ނުވާނެއެވެ. އައިޒާން އަންހެނުން ކުރަންޖެހޭފަދަ މަސައްކަތެއްކުރާތަން ފެނުނީމަ މައިރާގެ ހިތް ހަމްދަރުދީއިން ފުރެމުންދަނީއެވެ. ހީވަނީ އޭނަގެ ގޭގައި ގެންގުޅޭ ބަންގާޅީ ކުއްޖެއްހެނެވެ. ގޭގައި ގެންގުޅޭ މީހަކު ގޯސްކަމެއްކޮށްގެން މާމަ އަޑުލިޔަސް މައިރާ އެކަމާ ދެކޮޅުވެއެވެ. އޭނަގެ ބޭބެއާއި ތިމާގެ ފިރިހެންކުދިން ރަސްދަރިކަލުން ފަދައިން ޝާހީކޮށްއުޅޭއިރު މިފަދަ މަސައްކަތްކޮށްގެން ދުނިޔޭގައި އުޅޭ ޒުވާނުންވެސް މިއޮތް ފެންނަނީއެވެ. ފިލްމަކުންނޫނެވެ. ވާހަކައަކުން ނޫނެވެ. ހަމަ ލޮލުން ދެކެ މިހިރީ ބައްދަލުވެވިފައެވެ. ހާދަ ތަފާތެވެ.
އައިޒާން އާއި މައިރާ ހޫނު ކޮފީ ބޯންތިބިއިރު ދެމީހުން އެކި ވާހަކަދައްކާ އެދެމެދުގައި ގާތް ރަހުމަތްތެރިކަމެއް އުފެދެމުން ދިޔައެވެ.
ދެމީހުން ކޮފީ ބޮއެ ނިމިގެން ބޭރަށް ނުކުތްއިރު އުޑުމަތި އޮތީ ބަނަކޮށެވެ. ވައިރޯޅިތަކުގައިވަނީ ތެތް ފިނިކަމެކެވެ. ވާރޭވެހިގެންފާނެކަމުގެ ހެކިތައް ބަލާލާ ކޮންމެ ދިމާލަކުން ފެނިލައެވެ. އައިޒާން އެގޭގެ ފާރުބުޑުގައިވާ ރަތްފިނިފެންމާ ގަހުގައި އިން ފޮޅިފައިއިން އެންމެ ރީތި މާ ބިދެލާފައި މައިރާއަށް ދިއްކޮށްލުމުން މައިރާ ކުޑަކޮށް ސިހުނެވެ. ނޭގޭ ފަދަ ގޮތަކަށް ހިތް އަވަސްވެލިއެވެ. ސިކުންތުކޮޅަކަށް ލިބުނު ހައިރާންކަމަކަށްފަހު މައިރާ އެމަލުގައި ފިރުމާލީ އޯގާތެރިކަމާއިއެކުގައެވެ. އަދި މަލުގެ ރީތިކަމަށް ތައުރީފުކުރިއެވެ. އައިޒާންއަށް އޮޅުމަކުން ވިޔަސް މި ރީތި ހަދިޔާ ދެވުނީ މައިރާގެ އުފަންދުވަހުގައެވެ.
"މައިރާ... މިއީ އަހަރެންގެ ނަމްބަރު! ދެން ވާހަކަ ދެއްކޭނެކަމަށް ހީކުރަން... މިވަރަށް ދުވަހަކުވެސް ކަމަކަށް އިންތިޒާރުކުރެވު ނުކަމެއް ނޭގޭ..." އައިޒާން މައިރާގެ މަޑު އަތުގައި ހިފަހައްޓާލަމުން އޭނަގެ ނަމްބަރު އަތުގައި ލިޔެދިނުމުން މައިރާ ކުޑަކޮށް ކަންބޮޑުވާގޮތްވިއެވެ. ވަށައިގެން ބަލާލެވުނީ ދަންނަ މީހަކަށް ފެނިދާނެކަމުގެ ބިރާއިއެކުގައެވެ. އައިޒާން ގުދުވެލިގޮތުން މޫނަށް ފައިބައިގަތް އިސްތަށިގަނޑު އަތުގެ ހަރަކާތަކުން ރަގަޅުކޮށްލަމުން އެ ބަލާލިގޮތް މައިރާއަށް ކަމުދިޔައެވެ.

މައިރާ ގޯޅިން ލަބާލަމުން އެބުރި ބަލާލިވަގުތު އައިޒާން ކަންނެތް ހިނިތުންވުމަކާއެކު އަތްއުފުލާލިއެވެ. އައިޒާން އޭނަދެކެ ރުހެނީ ބާވައެވެ. އެކުވެރިކަން ނޫން ގޮތަކަށް ދެކެނީބާވައެވެ. އޭނައަކީ އެހެން މީހެއްގެ އަންބަކަށްވާން ހަމަޖެހިފައިވާ ކުއްޖަކަށް ވާއިރު އައިޒާންއަށް ނުބައި މެސެޖެއްދެވިގެން ނުވާނެއެވެ. އޭނަ ބޭނުމީ ހަމައެކަނި އެކުވެރިކަމެވެ.

މައިރާގެ ގަނޑުވަރެއްފަދަ ބޮޑުގޭގެ ދޮރުފާރަވެރިޔާ ދަގަނޑު ގޭޓް ހުޅުވާލަދިނުމުން މައިރާ އެތެރެއަށް ވަނެވެ.ސަންފްލާވާ، ޑޭޒީ، ލިލީ، އޯކިޑްފަދަ އެތައް މަލެއް ބަގީޗާގެ އެކިކަންކޮޅުގައި ވިހުރެމުންދާއިރު ޔޫރަޕްގެ ގައުމަކަށް ބަހާރު އައިސްފައިވާހެން ހީވެއެވެ. ގަސްތަކުގެ ތެރެއިން ދިޔައިރު މައިރާގެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއްވެއެވެ.މައިރާ އޭނަގެ ދިގު އިސްތަށިގަނޑު ފަންގަޑެއްފަދައިން ވައިގެތެރޭގައި ވިހުރަމުން ނަށަމުން ފުމެމުން ދިޔައިރު އޭނަގެ އުފާވެރިކަމުން ފެނުނު ކޮންމެ މީހަކުގެ ހިތް އުފާވާނެއެވެ.
"އައިމް ހޯމް..." މައިރާ އުފާވެރި ގޮތަކަށް އޭނަ ގެއަށް އައިކަން އިއުލާންކޮށްލަމުން ފެންޑާގައިވާ ދިގު ސޯފާ ގޮނޑިއަށް ވެއްޓިގަނެގެން ލޯ މަރާލާފައި ދިގު ނޭވާތަކެއްލި އެވެ. އޭނަގެ ހިތަށް މިއަދު ލިބިފައިވަނީ ބުނަން ނޭގޭފަދަ ހަމަޖެހުމެކެވެ. ހިތްއެދެނީ ލަވަކިޔަމުން ނަށަމުން ޕަރީއެއް ފަދައިން ގަސްތަކުގެތެރޭގައި ދުވުމަށެވެ. އަބަދު އުފަލާއި ހިތްހަމަޖެހުމުގައި އުޅެމުން އައި ކުއްޖަކުގެ އުފާތައް ކުރިއަށްވުރެ ބޮޑުވެގެން ދިޔައީއެވެ. އާ އެކުވެރިއެއް ލިބުމަކީ މައިރާގެ ހިތްހަމަޖެހުމުގެ އެއްބައިކަމުގައި ވެގެން ހިގައްޖެއެވެ.

"މޭއި... ހާދަ ރީތި ފިނިފެންމަލެއް... ޗޮކްލެޓްގެ ނެތްވައްތަރެއް ނެތް... ލަވް އިޒް އިން ދި އެއަރ..."ޝަމާއިލް އެތާ ބިއްލޫރިމޭޒުމަތީގައި ހުރި ޗޮކްލެޓްތަކެއް ހާވާލަމުން ކޮއްކޮއަށް ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ.
"އަޅެ ނޫން... އެކަހަލަކަމެއްނޫން... ފްރެންޑްޝިޕް... ހާދަ ގޯހޭ،" މައިރާ އުނގުގައި އޮތް ބާލީސް ޝަމާއިލްއާއި ދިމާލަށް އެއްލާލަމުން ތުން އޫކޮށްލައިފި އެވެ.
" މާ ރޮމެންޓިކްވެގެން މިވަރަށް ޗޮކްލެޓާއި ރޯޒް ދީގެން އަހަރެންގެ ބޭބީ ސިސްޓާގެ ހިތް އަތުލައިގަންނަން އުޅެނީ ކޮން ޕްރިންސެއްތަ؟" ޝަމާއިލް މައިރާ ހޫރުވާލި އެ ކުދިބާލީސް ހުޝިޔާރުކަމާއިއެކު ހިފަހައްޓާލަމުން ފެންޑާގެ ތަބަކަށް ލެގިލިއެވެ.
"ހުރިހާ ވާހަކަތަކެއްގައި ޕްރިންސްއިން އުޅެން ނުޖެހޭނެއޭ ބްރޯ... އަބަދު ސިންޑްރެއްލާ އަކާއި ޕްރިންސްއެއް ނޫނެއްނު އުޅެންޖެހޭނީ... މޭއިއަކީ ޕްރިންސެސް އެއް... ވީމަދެން ހޯދަންޖެހޭނީ ވިލެޖެއްގެ ފަގީރު ފިރިހެންކުއްޖެއް..."މައިރާ ސަމާސާއަކަށް ހަދާފައި ހީގަނެފިއެވެ. އެވަގުތު މައިރާގެ ސިކުނޑިއަށް އައިޒާންވެރިވި ސަބަބެއް ނޭގުނެވެ.
"އުހުމް... ނުވާނެ ތިކަމެއް..ވިލެޖް ފިރިހެން ކުއްޖަކާއިއެކު ގޮއްސަ ފުރާޅުން ފެންފައިބައިގެން، ފާޚާނާއަށް ވަދެފައި ޝޭމްޕޫކުރާތަނުން ފެން ނުލިބިގެން ނޫނީ މަދިރި ހަފާވަރުން ނުނިދިގެން މޭއިއަށް އުޅެވޭނެތަ؟ އޭސީ ނެތި އުޅެވޭނެތަ؟ ޓްރަސްޓްމީ.. މޭއިއަކަށް ނޫޅެވޭނެ ވިލެޖެއްގައި... ދެން އެކަމަކު މިވަރަށް ނިއުމަތްދެއްވާފައިވާއިރު ޝުކުރުވެރިނުވެ ބޮޑާވާ މީހުންނަށް ދުނިޔެމަތީގައި އެފަދަ ހިތްދަތިކަމެއް ލިބިދާނެ... އެކަމަކު އެވާނެ އަޒާބަކަށް..."ޝަމާއިލް ތަންކޮޅެއް ސީރިޔަސްވެލާފައި އެ ވާހަކަ ފެށުމުން މައިރާ ގެ ހުނުން މަޑުޖެހުނެވެ. މިފަދަ ވާހަކަތައް ދައްކަންވެއްޖެއްޔާ އޭނަގެ ބޭބެ ވަރަށް އަވަހަށް ވިސްނައިގެންފާނެކަން މައިރާ ދެނެގަތެވެ.

"އޯކޭ... މިއީ ރެޔާންގެ ގިފްޓެއް... ޗޮކްލެޓް އެންޑް ރޯޒް އެޑިކްޓަކަށް ދޭން އެންމެ ރަގަޅު ހަދިޔާ..."މައިރާ ޗޮކްލެޓެއް ނިއުޅާލަމުން އެތިކޮޅެއް އަނގަޔަށް ލިއިރު ރެޔާންގެ މަތިން ހަނދާންވިއެވެ. އެ ހަނދާނުން މައިރާގެ ހިތުގައި ފޮނި ހީލިކެރުވުމެއް އުފެދުނެވެ.މައިރާ ވާރޭވެހެމުން ދާ މަންޒަރަށް ހުވަފެނީގޮތަކަށް ބަލަހައްޓައިގެން އިދެ ޗޮކްލެޓަކަށްފަހު ޗޮކްލެޓެއްކަމުން ދިޔައެވެ. އެވަގުތު މަރާލެވުނު އެސްފިޔަތަކުގެ ދޭތެރޭގައި ރެޔާންގެ ރީތި ސޫރަ ކުރެހިގެން ދިއުމުން އެ ތުންފަތަށް ފަރި ހިނިތުންވުމެއް ވެރިވިއެވެ. ޖެނުއަރީގައި ކާވެނިކުރަން ރެޔާން ނިންމާފައިވާއިރު މައިރާގެ ޚިޔާލު ދަނީ ދެއަތަކަށް ކިރެމުންނެވެ. ކާވެނި ކުރާ ވަރަށް އޭނަ ހަރުވެއްޖެހެއްޔެވެ؟ އެވަރުގެ ޒިންމާއެއް އުފުލިދާނެބާވައެވެ. ބައެއްފަހަރު ފިލްމުތަކުން ފެންނަފަދަ ޝާހީ ކައިވެނި ހެދުމެއްލައިގެން ރެޔާންގެ އަތުގައި ހިފައިގެން ދާން ބޭނުންވެ އެދުވަސް އަވަހަށް އައުމަށް އެދި ދުއާކުރެވެއެވެ. ހާސްވާފަހަރު ވެސް އާދެއެވެ. ހަދަންވާގޮތް ނުވިސްނިގެން ޚިޔާލު ގިނަވެ ނިޔަފަތިކެވެއެވެ.

ޝަމާއިލްވެސް ތަފާތު ވާހަކަތަކެއް ދައްކަދައްކާފައި މައިރާ ޚިޔާލީ ދުނިޔެއަކަށް ގެއްލޭކަން ފާހަގަކުރެވުމުން ތެދުވެގެން ދާންހިގައިގަތެވެ.
" ޗޮކްލެޓް ކައި ކައި އަނގަ ފޮނިވެއްޖެ... އަބުރައިގެންފާނެކަން ނޭގޭ..." މައިރާ ވާހަކަދައްކަން އަނގަ ހުޅުވާލިއިރު ދަތްތަކުގައި ޗޮކްލެޓް ހޭކިފައި ހުރުމުން ޝަމާއިލް މަޖާވެފައި ފޮޓޯއެއް ނެގުމަށްފަހު ފޭސްބުކްއަށް ލާނަމޭ ބުނެލުމުން މައިރާ ހިނިއައެވެ.
"މާވަރަކަށްވިއްޔަ ޗޮކްލެޓް ކެވުނީ... ދޮންބެ ބުނަމެއްނު ރިފައިންޑް ހަކުރަކީ ސިއްހަތަށް އެންމެ ގެއްލުން ހުންނަ ކެއުމޭ... ހިސާބަށްވުރެ ގިނައިން ހަކުރުކެއީމަ ގަމާރުވެސް ވެދާނެ... ދެން މިވަރަށް މި ފޮނި އެއްޗެހިކާއިރުވެސް ބެލެންސްކޮށްލަން މޭވާ ނޫނީ ތަރުކާރީކޮޅެއް ކާލާނަމަ... މިހާރު ތިހާ ހިކިކޮށް ހުއްޓަސް ދެން ފަލަވާން ފެށީމަ ދޮންބެ ގާތު ޝަކުވާ ނުކުރާތި..." ޝަމާއިލްއަށް އޭނަގެ ކޮއްކޮ އަބަދު ބަލިވާ ސަބަބަކީ ކެއުމުގެ އާދަތައް ހުންނަގޮތުންކަން އެގެއެވެ. ކިތަންމެ ވަރަށް ބުނެދިނަސް މައިރާ އެއްގޮތަކަށްވެސް މޭވާ ކެއުމަށް ފޯރިއެއްނުހުރެއެވެ.މޭޒުމަތީގައިވާ މޭވާ ޓުކުރި އަބަދު މޭވާތަކުން ބަރާވެފައި ހުންނައިރު މައިރާ އޮޅިގެންވެސް އެއަކު އަތެއްނުލައެވެ.
"ދޮންބެ އެއްކަލަ ލެކްޗާ ދޭންފެށީ ދޯ... އަބަދުވެސް މިހެން ބާރބީ އެއްހެން ހުންނާނަމޭ ޑިއަރ ދޮންބެ... ދޮންބެގެ ސަޅި ޖީންސް އިން އެބައި ގައިމު ލިބިފައި މިހިރީ... ފިނިވާންވެސް ފަށައިފި... ދޮންބެއަށް ހޮޓް ޗޮކްލެޓް ތަށްޓެއް ގެނެސްދެންތަ؟ "މައިރާ އަހާލައިފިއެވެ.
" ނޫނޭ... ދޮންބެ މިދަނީ ނަމާދަށް... ގަޑިން ނަމާދު ނުކޮށް ހުއްޓާ މަރުވެއްޖެއްޔާ މާ ދެރައެއްނު... ޕްރޭކޮށްދޭނަން އިގޭ ... ބަބާއި ސްވީޓް ހާރޓް..."ޝަމާއިލް މައިރާގެ ކޮލުގައި ހިފާލާފައި ދާން ހިގައިގަތެވެ.

އޭރު ތުނިތުނިކޮށް ވާރޭވެހެން ފަށައިފިއެވެ. ފެންޑާއަށް އެ މަންޒަރު ފެންނަނީ ވަރަށް ހުވަފެނީކޮށެވެ. އިރުއޮއްސެމުން ދިޔައީ ރަން ދަޅަތައް ފަތުރުވަމުން އުޑުގައި އަލިފާނުގެ ކުލަ ޖައްސަމުންނެވެ. އަދި ސަންގުމަރުމަރު ހިލަތަކުގެ މަތީގައި ފެން ތިކިތައް ބޮސްދެމުން، ކުދި ބާނިތައް ނަށަމުންދާ މަންޒަރުން އަޖާއިބުވާހާވެއެވެ. ހީވަނީ ކުދި ކުދި ޖަވާހިރުތައް ފެންމަތީގައި ވިހުރެވެމުންދާހެނެވެ. މައިރާ ތަނބަށް ލެގިލައިގެންހުރީ އެސްފިޔަޖަހާލަން ނޭގިފައި ހުރިއިރު އެރީތިކަމުގެ ތެރޭން އައިޒާން އާއި ރެޔާންގެ ސޫރަ މައިރާއަށް ފެނިލިހެން ހީވިއެވެ.ދެ ޒުވާނެއްގެ ޚިޔާލުތައް އޭނަގެ ސިކުނޑި ހަލަބޮލިކުރަނީ ކީއްވެހެއްޔެވެ؟ އަޖައިބެކެވެ.

އިރުކޮޅެއްފަހުން މައިރާ ފައި ގަބައިގެންދާފަދަ ބޯ ދޫލައިގެ މަތީގައި ފައި މަސާޖުކުރަމުން ގޮސް ކާކޮޓަރިއަށް ވަދެ ހޫނު ޗޮކްލެޓް ބުއިމެއް ތައްޔާރުކޮށްލައިފިއެވެ. އޭނަ ހޫނު ޗޮކްލެޓްތަށި އަދި ޅެން ލިޔާ ފޮތްހިފައިގެން ގޭގެ ފަހަތުބައިގެ ފެންޑާއަށް އައިއިރު އިރުއޮއްސި ގަސްތަކުގެތެރެއަށް ރަގަޅަށް އަނދިރިކަން ފެތުރިއްޖެއެވެ. ވާރޭގެ ތިކިތައް ފުރާޅުގައި ޖެހޭ އަޑު މަސްތުވާފަދަ މިއުޒިކެއްހެން ފަޒާގައި ވިހުރެމުން ދިޔައިރު މުޅި ހިސާބުގައިވަނީ މަލުގެ ލުއިވަހެވެ. މައިރާ ބިއްލޫރި މޭޒުމަތީގައި ވާ ރަތްއުށްބައްތީގައި ރޯކުރަން ގުދުވެލައިގެން އޮތްއިރު އެ ހުވަފެނީ އަލީގައި ފެންނަނީ ޕަރީއެއްހާ ރީތިކޮށެވެ.
"އާހް ސްވީޓްހާރޓް... ރަތް އުއްބައްތި... އިޝްގީ ވާރޭ... އަހަރެންގެ ރާނީ... ހަމަ ބުނާނެއެއްޗެއް ނޭގޭހާ ފުރިހަމަ..."ހިތްތައް ޤުރުބާންވާފަދަ އަޑަކުން އެ ލަފުޒުތައް ބުނެލުމުން މައިރާ އެ ބޯ އެސްފިޔަތައް ހިއްލާލާފައި ހިތްތައް ފޫއަޅުވާލާފަދަ ރީތި ދެލޮލުން އޭނަގެ ލޯބިވެރިޔާ އާއި ދިމާލަށް ބަލާލައިފި އެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު