އިންތިޚާބުތަކަށް ކުރާ ޚަރަދު ކުޑަކުރަން ރަށްރަށުގެ ބައި އިލެކްޝަންތައް އަތޮޅު ކައުންސިލްތަކުން ބާއްވަން ފެންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ބުނެފިއެވެ.
ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވެ، ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި އިލެކްޝަންތައް ބާއްވަންޖެހޭތީ، އެ އިންތިޚާބުތައް ގާތްގާތުގައި ނުބާއްވާ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
މިއަދު އެމްޑީޕީ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅުވައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ގާތްގާތުގައި ބައި އިލެކްޝަންތައް ނުބޭއްވުމުގެ ވާހަކަ ޕީއެންސީން ދައްކަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ކުރާ ކަމެއް ގޮތުގައި ކަމަށެވެ.
ހަމައެހެންމެ، މިއީ ސަރުކާރުން ނުވަތަ ޕާޓީގެ ފަރާތުން އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވަމުން ދާތީ، އިންތިޚާބުތައް ނުބާއްވާ ލަސްކުރުމަށް ކުރާ މަސައްކަތެއް ގޮތުގައި ސިފަވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
އަޅުގަނޑުމެން ބެލި ބެލުމުގައި ރަށްރަށުގެ ބައި އިލެކްޝަންތައް އެއީ ކޮންމެހެން މައި ސަރުކާރަކުން ނުވަތަ އިލެކްޝަން ކޮމިޝަން (އީސީ)ގެ ފުރިހަމަ ބޮޑު ދައުރެއް އޮވެގެން ކުރަންޖެހޭ ކަމެެއް ކަމުގައި އަޅުގަނޑުމެން ނުދެކެން، އޭގެ ބަދަލުގައި ޚަރަދު ކުޑަކުރުމަށްޓަކައި އަތޮޅު ކައުންސިލް މެދުވެރިކޮށް ނުވަތަ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން ރަށްރަށުގެ ބައި އިލެކްޝަންތައް ބޭއްވިދާނެ ކަމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ
މައުރޫފް ވިދާޅުވީ، ކަނޑައެޅޭ އުސޫލެއްގެ ތެރެއިން އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުން ރަށްރަށުގެ ބައި އިލެކްޝަންތައް ކުރިއަށް ގެންދާއިރު، އީސގެ އޮފިސަރެއް ބައިވެރިކޮށްގެން، އެ އިންތިޚާބުތައް ރަށްރަށުގައި ބޭއްވުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
މީގެއިތުރުން، ކައުންސިލްތަކުގެ ބައި އިލެކްޝަންތައް ހަ މަސް ދުވަހުން ބާއްވާ ގޮތަށް ލަސްކުރުމަކީ ސަރުކާރާ ރައްޔިތުންނާ އޮންނަ ގުޅުން ވީހާވެސް ކުޑަކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ކައުންސިލްތަކަކީ މާގިނަ މަސައްކަތްތަކެއް ކުރާ ބައެއް ނޫންކަން ދެއްކުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވަންޖެހޭ ބައި-އިލެކްޝަންތައް، 60 ދުވަހުގެ ތެރޭގައި ބާއްވަންޖެހެއެވެ.
ނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހާއެކު އަންނާނެ ބަދަލަކީ، ކައުންސިލްގެ މެންބަރުންގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގައި، 183 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަން ބޭއްވުމެވެ.