ބޮޑު ހުޅުގެ މީހުނަށް އަދަބު ނުދެވިފައި!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ޖެހިގެން އައި ދުވަހު ރާއްޖޭގެ އެކި ރަށްރަށުގައި ހާއްސަކޮށް އައްޑު އަތޮޅުގައި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހައި ލޫޓުވައި ތަންތަން ގެއްލުންދީ އަންދާލުމުން ދައުލަތަށް ވަނީ 200 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުން ލިބިފަ އެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ދައުލަތުގެ 10 އިމާރާތެއްގައި ވަނީ ހުޅުޖަހައި އަންދާލާފައެވެ. އޭގެތެރޭގައި ގަމާއި ހިތަދޫގެ ޕޮލިސް ސްޓޭޝަނާއި ޕޮލިސް ޓްރޭނިން ސްކޫލާއި، އަލިފާން ނިނއްވުމުގެ ޚިދުމަތް ދިނުމަށް ގާއިމްކޮށްފައި ހުރި ސިވިލް ފަޔާގެ އިމާރާތައި އެ ސިޓީގައި ގާއިމްކޮށްފައިވާ އޮޑިޓް އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ގޮފި ވެސް ހުޅުޖަހައި އަންދާލި އެވެ. އަދި މީގެ އިތުރުން ފޭދޫއާއި މަރަދޫއާއި ހިތަދޫ އަދި މަރަދޫ ފޭދޫގެ މެޖިސްޓްރޭޓް ކޯޓުތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަންދާލާފަ އެވެ. އައްޑޫ ފިޔަވައި އާންމުކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެ ދުވަހު ވަނީ "ބޮޑު ހުޅު" ގެ ޖަރީމާ ހިންގާފަ އެވެ.

މިތަންތަން އަންދާލުމުން ކިތަންމެ ބޮޑު ޚަރަދެއް ކޮށްގެން ނަމަވެސް އަލުން އިމާރާތް ކުރެވިދާނެ އެވެ. އެކަންކަން މިހާރު ހިނގަމުން އެބަދޭވެސް މެއެވެ. ނަމަވެސް ޝަރުއީ ކޯޓުތަށް ފަދަ މުހިންމު ތަންތާގައި ހުރި ލިޔެކިޔުންތައް އަނދައި އަޅިއަށް ވުމުން އެއީ އަލުން ލިބޭނެ އެއްޗެއް ނޫނެވެ. އެއީ އެތަކެއް ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިއުމެވެ.

މުޅި ރާއްޖެއަށް ފަތުރައިލި ބޮޑު ހުޅުގައި ހަމައެކަނި އައްޑޫ ސިޓީގެ ތަންތަނުގައި ހުޅުޖެހި ކަމަށް ތުހުމަތު ކުރެވޭ 60 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުސް އޮފީހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެ މައްސަލަ ދިރާސާ ކުރުމަށްފަހު އެ އޮފީހުން ބުނެފައި ވަނީ އެ ސިޓީގެ ބައެއް ތަންތާގައި ހުޅުޖެހި މައްސަލަތަކުގައި ދައުވާ ކުރުމަށް އިތުރު ހެއްކާއި ގަރީނާ ބޭނުންވެ އެވެ. އަދި ހެއްކާއި ގަރީނާ ހޯދަން ފުލުހުންނަށް ވަނީ އަންގާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު ވިދާޅުވި ގޮތުގައި ޕީޖީ އެދިފައިވާ ގޮތަށް އެ މައްސަލައިގައި ހޯދަންޖެހޭ އިތުރު ހެއްކާއި ގަރީނާ ހޯދަން ފުލުހުން ވަނީ މަސައްކަތް ފަށާފަ އެވެ. އަދި އެ މައްސަލައިގައި ތުހުމަތުވާ ގިނަ ފަރާތްތަކެއްގެ ތަހުގީގު ފުރިހަމަ ނުވެ އޮތުމުން އެ މީހުންގެ ތަހުގީގުތައް ވެސް ދަނީ ކުރަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވި ގޮތުގައި ފެބުރުއަރީ އަށެއްގެ ބޮޑު ހުޅުގެ ފަހުން ގިނަ ދުވަސްތަކެއް ފާއިތުވެ އެ މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ އެކަށީގެންވާ މިންވަރަށް ހޯދިފައި ނުވުމަކީ ވަރަށް ބޮޑަށް ހައިރާންވެވަޑައިގަންނަވާ ކަމެކެވެ.

ޑީޑީ ވިދާޅުވި ގޮތުގައި އެ މައްސަލަތައް ޝަރީއަތަށް ސާބިތު ކުރެވޭވަރަށް ހެއްކާއި ގަރީނާ ހޯދޭވަރުގެ ވަސީލަތް ފުލުހުންގެ އިދާރާގައި ހުންނާން ޖެހޭނެ އެވެ. އަދި ފުލުހުންނަށް އެކަން އެކަށީގެންވާ ވަރަށް ނުކުރެވިގެން އުޅޭ ސަބަބެއް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަލަން ޖެހޭނެ އެވެ.

"ފުލުހުންނަށް އެކަން އެކަށީގެންވާ މިންވަރަށް ނުބެލިގެން އުޅެނީ ކީއްވެގެން ތޯ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަލަންޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. އަޅުގަޑު ވަރަށް ކަންބޮޑުވޭ އެހާ ބޮޑު ހާދިސާއެއް ހިންގިތާ މިހާ ގިނަ ދުވަސް ވެގެން ދިޔައިރު [ހެއްކާއި ގަރީނާ ހޯދުމަށް] މިހާ ގިނަ ދުވަސްތަކެއް ވީމަ،" ޑީޑީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ވިދާޅުވި ގޮތުގައި އެ މައްސަލަތައް ތަހުގީގުކޮށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދުމުގެ ގާބިލުކަން ފުލުހުންގެ ކިބަޔަކު ނުވެ އެވެ. އަދި އެ މައްސަލަ ބެލުމުގެ ގާބިލުކަން ސަރުކާރުގައި ވެސް ނެތެވެ.

ހާމިދު ވިދާޅުވިގޮތުގައި ބޮޑު ހުޅުގެ މައްސަލައިގައި އެއްވެސް މީހަކު ޖަލަށް ގެންދިއުމަކީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރުމުގެ ބާރުވެސް ރައީސް ވަހީދުގެ ސަރުކާރަކު ނުވެއެވެ. މުޅި އެ މައްސަލައަށް އޮތް ހަމައެކެނި ހައްލަކީ ރައީސް ވަހީދު އިސްތިއުފާ ދެއްވުމަށް ފަހު ރައްޔިތުން އިންތިޚާބު ކުރާ ރައީސަކު ހޮވައިގެން މައްސަލަ ބަލަން އުޅުން ކަމަށް ވެސް ހާމިދު ވިދާޅުވެ އެވެ.
"އެ މައްސަލަތައް ތަހުގީގުކޮށް އެކަށީހެންވާ ހެއްކާއި ގަރީނާ ހޯދުމުގެ ބާރު ފުލުހުންގެ ކިބައިގަވެސް ނެތޭ! ކުޑަކޮށްވެސް ނެތް! މި ސަރުކާރަކަށް ނެތް އޮތޯރިޓީއެއް، ހައްގެއް އެ މައްސަލައާ ގުޅިގެން މީހުން ޖަލަށް ލުމަށް،" ހާމިދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުސެއިން މަނިކު ވެސް ވިދާޅުވަނީ ބޮޑުހުޅުގެ މައްސަލައިގައި އެކަށީގެންވާ ވަރަށް ހެއްކާއި ގަރީނާ ހޯދޭ ފެންވަރަށް ފުލުހުންގެ އިދާރާގައި ވަސީލަތް ނެތް ކަމަށެވެ. އެފަދަ މައްސަލަތައް ޝަރީއަތަށް ސާބިތުކުރުމަށްޓަކައި ހެއްކާއި ގަރީނާ ހޯދުމަށް ފުލުހުންގެ ތަހުގީގު ކޮމެޓީ ވަރުގަދަ ކޮށް ހެކި ހޯދުމާ ބެހޭބައި ޒަމާނާ އެއްގޮތަށް ބައްޓަން ކުރަން ޖެހިފައިވާކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

"ފުލުހުންގެ އިދާރާ ވަރަށް ބޮޑަށް ހަރުދަނާ ކުރަން އެބެޖެހޭ. ފުލުހުންގެ ތަހުގީގު ކޮމެޓީ ވަރުގަދަ ކުރަން ޖެހޭ. ހެކި ހޯދުމަ ބެހޭ ބައި ޒަމާނާއި އެއްގޮތަށް ބައްޓަން ކުރަން އެބަޖެހޭ،" ނިހާން ވިދާޅުވި އެވެ.

ނިހާނާއި ހާމިދު އެހެން ވިދާޅުވި ނަމަވެސް ބޮޑު ހުޅުގެ މައްސަލަ ތަހުގީގު ކުރެވޭރުގެ ފުރިހަމަ ވަސީލަތްތައް ފުލުހުންގެ އިދާރާގައި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދައިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ގަބޫލުފުޅު ކުރައްވަ އެވެ.

އޭނާ ވިދާޅުވިގޮތުގައި ބޮޑު ހުޅުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ދިން އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކާއި ހަވާލުވެގެން ތިބީ އެމްޑީޕީއަށް ނިސްބަތްވާތީ އެ ހާދިސާ ހިނގި އިރު އެކަން ހުއްޓުވުމަށްޓަކައި މަސައްކަތް ކޮށްފައެއް ނުވެއެވެ. އެއީ މުޅި ފުލުހުންގެ މުއައްސަސާ އެކަމުގައި ޒިންމާ ނަގަންޖެހޭނެ ކަމެއް ނޫނެވެ.
މުއްތަލިބު ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން އެކަށީގެންވާ ވަރަށް ހެކި ލިބިފައި ނުވަނީ ހެކިތައް ނައްތާލާފައިވާތީ ކަމަށް ބެލެވޭ ކަމަށާއި ދެން އެ މައްސަލައާ ގުޅޭ ހެކި ހޯދަން ވަރަށް ދަތިވާނެ ކަމަށެވެ.

"ފުލުހުންގެ އިދާރާގައި ކެޕޭސިޓީ ނެތީކީ ނޫނޫން. އެ ހާދިސާ ހިނގި އިރު އައްޑޫ ސިޓީގެ ފުލުހުންގެ މަރުކަޒުތަކުގެ ހިންގުމާއި ހަވާލުވެ ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވާ ބައެއް. ފުލުހުންގެ ބާރު އޮއްވާ އެތަންތަން ރޯކޮށްލަން ދޫކޮށްލީ. މިއީ މުޅި ފުލުހުންގެ މުއައްސަސާ ޒިންމާ ވާންޖެހޭނެ ކަމެއް ނޫން. އެ މައްސަލައާ ގުޅޭ ހެކި ނައްތާލާފައިވާ ކަމަށް ބެލެވޭ. މިހާރު އެ މައްސަލައިގެ ހެކި ހޯދަން ވަރަށް އުނދަގޫ ވާނެ،" މުއްތަލިބު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި ގާނޫނީ ދާއިރާގެ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ބޮޑުހުޅުޖެހި މައްސަލައަކީ ވަރަށް ގިނަ ބަޔެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކަށް ވާތީ އެ މައްސަލައިގައި ބޭނުންވާ ވަރަށް ހެއްކާއި ގަރީނާ ހޯދުމަކީ އެހާ އަވަހަށް ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެ މައްސަލައިގެ ތަހުގީގު ނުނިމިގެން ލަސްވެގެން އުޅޭވަރެއް އަދި ނުވެ އެވެ. ނަމަވެސް ބޮޑު ހުޅުގެ މީހުންގެ މައްޗަށް ޝަރީއަތް ނުކުރެވި ލަސްވާތީ ފުލުސް އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ޒިންމާދާރު ކުރުވަން ޖެހިފައިވާ ކަމަށް ބުނާ ފަރާތްތައް ވެސް މަދެއް ނޫނެވެ.

"ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް ޒިންމާދާރު ކުރުވަންޖެހޭ ފަރާތްތަކުން އެބަޖެހޭ އެކަން ކުރުވަން. މިއީ ބަޔަކު މީހުން ހިންގި 'ގަތުލް އާމެއް' ފަދަ ކަމެއް. މިއަށް ވުރެ ޚާއްސަ ސަމާލުކަމެއް ދީގެން މިކަން ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ،" މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ވިދާޅުވި އެވެ.

ފެބުރުއަރީ އަށެއްގައި ބޮޑު ހުޅުގެ ޖަރީމާ ހިންގީ ދިވެހީންގެ ބައެކެވެ. އެއީ އެހެން ގޮތަކަށް ރޯވި އަލިފާނެއް ނޫނެވެ. އެތަންތާގައި ހުޅުޖަހާފައި ވަނީ ފާޅުގައި އެތަކެއް ބައެއްގެ ކުރިމަތީގައެވެ. އެހެން ކަމުން އެ މައްސަލައިގައި މަންޒަރު ދުށް މީހުންނަށް އެކަން ކުރި މީހުންގެ މައްޗަށް ހެކިބަސް ދެވެން ޖެހޭނެ އެވެ. ގިނަ ރައްޔިތުން ތަކެއްގެ ހައްގުތައް ގެއްލި ދައުލަތަށާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެެއް އެކަމުގެ ސަބަބުން ލިބިފައިވާއިރު އެކަން ކުރި މީހުންނަށް ހައްގު އަދަބު ނުދީ ލަސްވެގެން ދިޔުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް