ރޯގާގެ އަލާމާތެއް ހުރިނަމަ އައިޖީއެމްއެޗަށް ދާއިރު މާސްކު އެޅުމަށް އެދިއްޖެ

މި ދުވަސްވަރު ރޯގާ ފެތުރޭތީ، ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މާސްކު އަޅައިގެން ހޮސްޕިޓަލަށް އައުމަށް އައިޖީއެމްއެޗުން ވަނީ އެދިފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މާސްކު އަޅައިގެން ހޮސްޕިޓަލަށް ދިއުމަށް އައިޖީއެމްއެޗުން އިލްތިމާސް ކޮށްފިއެވެ.

އައިޖީއެމްއެޗުން މިރޭ އާންމުކުރި ދެންނެވުމެއްގައިވަނީ ޙައްޖުން އެނބުރި އައި ފަރާތްތަކަށް ޚާއްސަކޮށްގެން އެ ހޮސްޕިޓަލުގައި ހުޅުވި ފްލޫ ކްލިނިކުގެ ޚިދުމަތް ހުއްޓާލާފައިވާކަން ހާމަކޮށްފައެވެ. އަދި އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުން ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، މާސްކް އަޅައިގެން ހޮސްޕިޓަލަށް ދިޔުމަށް ވަނީ އެދިފައެވެ.

ރޯގާ ފެތުރޭތީ، ޙައްޖަށް ގޮސް، އެނބުރި ރާއްޖެ އަންނަ މީހުން ބަލައި، ވީހާ ވެސް މަދު ބަޔަކު ދިޔުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިދިޔަ ޖޫންމަހުގެ 30ވަނަ ދުވަހު އެދުނެވެ.

https://sun.mv/193618

އެޗްޕީއޭއިން ބުނެފައި އޮތީ އެއާޕޯޓް، ޓެކްސީ، ބަސް އަދި ފެރީ ތެރޭގައި ވެސް ހުރިހާ އެންމެން ވެސް މާސްކު އެޅުމަށާއި ރޯގާޖެހި، ހުންއައިސް، ކެއްސާ އަދި ކިނބިހި އަޅާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށެވެ. އަދި އެފަދަ އަލާމާތެއް ހުއްޓާ މީހުން އެއްވެ އުޅޭ ތަނަކަށް ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.

ހައްޖާޖީން އަންނަން ފެށިފަހުން ރާއްޖެއިން ވަނީ، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ ކޭހެއް ވެސް ފެނިފައެވެ. އެ ބަލީގެ ކޮންޓެކްޓް ޓްރޭސިން ހެދިއިރު، އިތުރު ކޭހެއް ނުފެންނަ ކަމަށް މިދިޔަ ހޮނިހިރު ދުވަހު އެޗްޕީއޭއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް