ކޮޕާ އެމެރިކާގެ ފައިނަލުން އާޖެންޓީނާ ޖާގަހޯދައިފި

ފައިނަލުން އާޖެންޓީނާ ޖާގަހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ކެނެޑާ އާއި ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެން --

އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން އާޖެންޓީނާ ޖާގަހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ކެނެޑާ އާއި ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ނިއުޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދަފައިވަނީ އާޖެންޓީނާއިންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ އާޖެންޓީނާއިން މެޗުގެ ލީޑު ނަގައިފާވަނީ 22 ވަނަ މިނެޓްގައި ހޫލިއަން އަލްވަރޭޒް ޖަހައިދިން ލަނޑުންނެވެ. އަލްވަރޭޒްވަނީ މިދެޓީމު މިފަަހަރުގެ ކޮޕާ އެމެރިކާގެ ފުރަތަމަ މެޗުގައި ބައްދަލުކުރި މެޗުގައި ވެސް ލަނޑު ޖަހައިފައެވެ. މިލަނޑާއެކު އާޖެންޓީނާއިން ހަމަޖެހިލިއިރު ކެނެޑާއަށް ފައިނަލަށް ދިއުމަށް އޮތް ފުރުސަތު އިތުރަށް ހަނިވަމުންދިޔަތަން ފެނުނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ވެސް ލިބުނެވެ.

މިމެޗުގެ ދެވަނަ ހާފު އާޖެންޓީނާއިން ފަށާފައިވަނީ ފުރަތަމަ ހާފުވެސް ނިންމަލި ހިސާބުންނެވެ. މިގޮތުން ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ތަޖްރިބާކާރު ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ މިފަހަރުގެ މުބާރާތުގައި މެސީއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑު ނަމަވެސް މިލަނޑައެކު އޭނާ މިވަނީ އިތުރު އުސްމިންތަކަކަށް އަނެއްކާވެސް ދަތުރު ކޮށްފައެވެ.

މިގޮތުން މިލަނޑާއެކު އޭނާ ކޮޕާ އެމެރިކާގައި ޖެހި ލަނޑުގެ އަދަދު 14އަށް އެރިއިރު އޭނާ މިހާރު ވަނީ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. މެސީ ވަނީ މިހާތަނަށް އާޖެންޓީނާ ޤައުމީ ޓީމަށް 109 ލަނޑު ޖަހައިދީފައެވެ. މިލަނޑުގެ ކުރިން އޭނާ އުޅުނީ އީރާންގެ ކުރީގެ ފޯވަޑް އަލީ ދާއީއާ އެއް ހަމައެއްގައެވެ. ނަމަވެސް މިލަނޑާއެކު އަލީ ދާއީ މިހާރުމިވަނީ ތިންވަނައަށް ވެއްޓިފައެވެ. މިލިސްޓުގެ އެންމެ ކުރީގައި 130 ލަނޑާއެކު އުޅެނީ ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިކާމިޔާބީއާއެކު އާޖެންޓީނާއަށް މިވަނީ ކޮޕާ އެމެރިކާގެ ތަށި ދިފާއު ކުރުމުގެ ފުރުސަތު ތަނަވަސްވެފައެވެ. މިމަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި އާޖެންޓީނާ ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ފަތިހު އުރުގުއާއީ އާއި ކޮލޮމްބިއާ ބައްދަލުކުރާ ސެމީފައިނަލްގެ ދެވަނަ މެޗަށްފަހުއެވެ. ބުނެވޭގޮތުގައި މިފަހަރުގެ ފައިނަލް މެޗު ވާނީ އާޖެންޓީނާގެ ތަޖްރިބާކާރު ދެކުޅުންތެރިން ކަމަށްވާ އެންޖެލް ޑި މާރިއާ އާއި ނިކޮލަސް އޮޓަމެންޑީ ޤައުމީ ޓީމަށް ކުޅޭ ފަހު މެޗަށެވެ. މިމެޗަށްފަހު މި ދެކުޅުންތެރިން ވެސް ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަން ހާމަކޮށްފައެވެ. އަދި މެސީވެސް ޤައުމީ ޓީމަށް ދިގުމުއްދަތެއްގައި ކުޅޭނެ ކަމާމެދު އުފެދޭ ސުވާލުތަށް ވެސް އަންނަނީ ގިނަވަމުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މެސީ ވަނީ ޤައުމީ ޓީމަށް އެކުގައި ކުޅެން ލިބޭ މިފުރުސަތުތަކުގެ ހިތްހަމަޖެހުން ލިބިގަތުމުގެ މުހިންމުކަން ފާހަގަ ކޮށްފައެވެ. އަދި މިގޮތަށް ފައިނަލަށް ދަތުރުކޮށް ޗެމްޕިއަންކަން ހޯދުމަކީ ފަސޭހަ ކަމެއް ނޫންކަން ވެސް މެސީ ފާހަގަ ކުރިއެވެ.

މިމެޗުން ބަލިވެ މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް މިމުބާރާތުގައި ކެނެޑާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަހުރުވެރިވާކަމަށް އެޓީމުގެ ކޯޗު ޖެސީ މާޝްވެސް ހާމަކުރިއެވެ. އަދި މިގޮތުން މިފަހަރުގެ ކޮޕާ އެމެރިކާގައި ފަހަގަ ކޮށްލެވޭ ކަމިޔާބީ ތަކެއް ހާސިލް ކުރެވިއްޖެކަން ވެސް އޭނާ ހާމަކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު