ބުޅާ ފެސިލިޓީގެ މަސައްކަތް ނިމޭނެ ތާރީޚެއް ނޭނގޭ

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ގިނަ: ސިޓީ ކައުންސިލުން ބުނީ ބުޅާ ފެސިލިޓީގެ މަސައްކަތް ނިމޭނެ ތާރީޚެއް ނޭނގޭ ކަމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީ ކައުންސިލާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ހުޅުމާލެ ފަރުކޮޅުފުށީގައި އަޅަމުންދާ ބުޅާ ފެސިލިޓީ ނިމޭނެ ވަކި ތާރީޚެއް އަދި ނޭނގޭ ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މާލެ ސިޓީގައި ގިނަވެފައިވާ ބުޅާތައް ފަރުކޮޅުފުށީގައި އަޅާ ފެސިލީޓީގެ ބާކީ އޮތް ބިމަށް ބަދަލު ކުރުމުގެ މަސައްކަތް މިދިޔަ މެއި މަހުގެ ތެރޭގައި ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔާރު އާދާމް އާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ނަމަވެސް އެ މަސައްކަތް އަދި މިހާތަނަށް ކުރެވިފައެއް ނުވެއެވެ.

އެކަމާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ޝަފީއު ވިދާޅުވީ ބުޅާ ފެސިލިޓީގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ.

މަސައްކަތް ލަސްވި ސަބަބެއް ކަމަށް ވިދާޅުވީ، މި ވޭތުވެ ދިޔަ ދެ ތިން މަހު ރާއްޖެއަށް ކުރި ވިއްސާރައިގެ ސަބަބުން އެ ތަނުގެ ބައެއް މަސައްކަތްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ.

އެތަނުގައި އަޅާ ކޭޖްތައް މިހާރު ވަނީ އެއްކޮށްކަހަލަ ގޮތަކަށް ނިމިފައި. ދެން އެ ތަން ހިޔާކުރަން ފަށާފައި ވަނީ. ހިޔާކޮށް ވެސް ނިމެން އެ އުޅެނީ. ދެން ވަރަށް ބައިވަރު ގަސްތައް ވެސް އިންދަމުން މި ދަނީ އެ ފެސިލިޓީގައި. އެއީ ބުޅާތައް ދޫކޮށްލާފައި ބައިތިއްބާ ސަރަޙައްދުގައި.ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ޝަފީއު

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ގިނަ: ސިޓީ ކައުންސިލުން ބުނީ ބުޅާ ފެސިލިޓީގެ މަސައްކަތް ނިމޭނެ ތާރީޚެއް ނޭނގޭ ކަމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބުޅާ ފެސިލިޓީ އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މާޗު މަހުގެ 19 ވަނަ ދުވަހެވެ.

މާލޭގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ވެސް ކުރިމަތިވެއެވެ. މޭޔަރު މީގެ ކުރިން ވިދާޅުވީ މާލޭގައި ބުޅަލުގެ އާބާދީ 3،000 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މާލޭގެ އެކި ސަރައްހައްދުތަކުގައި ބުޅާ ނަޖިސް ގިނަވާތީ، ޚާއްސަކޮށް ސަލްމާން މިސްކިތް ސަރަހައްދަށް ދާ މީހުނަށް އެ ތަކެއްޗަށް އެރޭ ހާދިސާތައް ދިމާވާކަން އާޒިމް ފާހަގަކުރެއްވިއެވެ.

އަދި، ސަލްމާން މިސްކިތަށް ބުޅާ ވަދެގެން އެ ކައުންސިލަށް ރިޕޯޓްކޮށްފައިހުރި ކަމަށް ވެސް ވިދާޅުވިއެވެ.

ފަރުކޮޅުފުށީގައި ކެޓް ޝެލްޓަރު ގާއިމުކުރަނީ 5،000 އަކަފޫޓުގެ ބިމެއްގައެވެ. މި ތަނުގައި ކެޓް ޝެލްޓަރު ގާއިމު ކުރުމުން މާލޭގައި އުޅޭ ބުޅާތައް ގެންގޮސް، ފަރުވާ ދިނުމުގެ އިންތިޒާމު ގާއިމުކުރާނެއެވެ. މި ފެސިލިޓީއަކީ 24 ގަޑިއިރު ޚިދުމަތް ދޭނެ ފެސިލިޓީއެކެވެ.

comment ކޮމެންޓް