ވެކިޗްއާއި ޕައޮލިނީ ވެސް ވިމްބަލްޑަންގެ ސެމީއަށް

ވިމްބަލްޑަން ޗެމްޕިއަންޝިޕް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ސެމިފައިނަލުން ކްރޮއޭޝިއާގެ ޑޯނާ ވެކިޗާއި ހަތްވަނައަށް ސީޑުކުރެވިފައިވާ ޖޭސްމީން ޕައޮލީނީ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީފައިނަލުން ވެކިޗް ޖާގަ ހޯދާފައިވަނީ ކުއާޓާ ފައިނަލުގައި ކޮލިފައިން ކުޅެގެން މުބާރާތުން ޖާގަހޯދާފައިވާ ނިއުޒީލަންޑްގެ ލޫލޫ ސުންއާ ބައްދަލުކުރި މެޗު ފަހަތުން އަރާ ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ގިނަ ބަޔަކު ހައިރާން ކޮށްލުމަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ސުން ވަނީ މި މެޗުގައި ވެސް އޭނާގެ ހުނަރުވެރިކަން ވަރަށް ފުރިހަމައަށް ދައްކާ ވެކިޗް ހާސްކަމުގެ ތެރޭގައި ބަހައްޓާފައެވެ. މި ގޮތުން، ފުރަތަމަ ސެޓު ސުންވަނީ 5-7 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް، ވެކިޗް ވަނީ ހިތްވަރާ އެކު މަސައްކަތްކޮށް ޖެހިގެން އައި ދެ ސެޓު 6-4 އަދި 6-1 އިން ކާމިޔާބުކޮށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފައެވެ.

ކެރިއަރުގެ ބޮޑުބައި އަނިޔާގެ ސަބަބުން އެންމެ ބޭނުންވާ ފެންވަރުގައި ނުކުޅެވުމުގެ ސަބަބުން މީގެ ދެތިން މަސް ކުރިން ޓެނިސް ކުޅުން ހުއްޓާލަން ވެސް ވިސްނި ވެކިޗް މިދިޔަ މަހު ބޭއްވި ފްރެންޗް އޯޕަންގައި ވާދަކޮށްފައިވަނީ އާއިލާއިން ހިތްވަރުދީ އެ ކަމަށް ބާރުއެޅުމުގެ ސަބަބުން ކަމަށް މެޗަށް ފަހު ވާހަކަދައްކަމުން އޭނާ ބުންޏެވެ.

ނަމަވެސް، އެ މުބާރާތުގެ ތިންވަނަ ބުރުގައި ކޮލިފައިން ކުޅެގެން މުބާރާތުން ޖާގަ ހޯދި ސާބިއާގެ އޮލްގާ ޑަނީލޮވިޗް އަތުން ބަލިވުމުން ވަރަށް މާޔޫސްވި ކަމަށާއި އެ މާޔޫސްކަން ހިތްވަރަށް ބަދަލުކޮށް މި ފަހަރުގެ މުބާރާތާ ކުރިމަތިލީ އެ ހިތްވަރާ އެކު ކަމަށް ވެސް ވެކިޗް ބުންޏެވެ.

މުބާރާތުގެ ސެމީފައިނަލްގައި ވެކިޗް ބައްދަލުކުރާނީ އިޓަލީވިލާތުގެ ޕައޮލީނީއާއެވެ.

ޕައޮލީނީ ސެމީފައިނަލުން ޖާގަހޯދީ 19ވަނައަށް ސީޑުކުރެވިފައިވާ އެމެރިކާގެ އެމާ ނަވާރޯއާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ، 6-2 އަދި 6-1 އިންނެވެ.

މެޗު ކާމިޔާބުކުރުމަށް ޕައޮލީނީއަށް ނެގީ 58 މިނެޓެވެ. ޕައޮލިނީއަށް މި ފަހަރުގެ ވިމްބަލްޑަން މުބާރާތް ވެފައިވަނީ ވަރަށް ޚާއްސަ މުބާރާތަކަށެވެ. އެއީ، މީގެ ކުރިން ކުޅުނު ވިމްބަލްޑަންގެ ތިން މުބާރާތުގައި ވެސް ޕައޮލީނީއަށް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.

އޭނާވަނީ އެ ތިން ފަހަރު ވެސް ފުރަތަމަ ބުރުން ބަލިވެފައެވެ. ނަމަވެސް، މި ފަހަރު އޭނާވަނީ ފައިނަލުން ޖާގައެއް ހޯދުމާ ގާތްކޮށްފައެވެ.

comment ކޮމެންޓް