ކޭއާ ސްޓާމާގެ ކެބިނެޓް، އިނގިރޭސިވިލާތުގެ ތާރީޚުގައި ވެސް އެންމެ ގިނަ އަންހެނުން ތިބި ކެބިނެޓް

އިނގިރޭސިވިލާތުގެ ތާރީޚުގައިވެސް އައްޔަނުކުރި ފުރަތަމަ އަންހެން ޗާންސެލަރު، ރޭޗަލް ރީވްސް. ފޮޓޯ/ސްކައި ނިއުސް

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ކޭއާ ސްޓާމާގެ ކެބިނެޓަކީ އެ ގައުމުގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނަ އަންހެނުން ތިބި ކެބިނެޓަށް ވެއްޖެއެވެ.

އެގޮތުން، ޗާންސެލަރުގެ މަގާމަށް ރޭޗަލް ރީވްސް އައްޔަނުކޮށްފައި ވާއިރު، އޭނާ އަކީ އެ ގައުމުގެ ތާރީޚުގައި ވެސް ޗާންސެލަރުގެ މަގާމަށް އައްޔަނުކުރި ފުރަތަމަ އަންހެން ކަނބަލެވެ.

އިނގިރޭސިވިލާތުގެ އާ ކެބިނެޓުގައި 11 އަންހެން ވަޒީރުން ތިއްބަވައެވެ. ކުރީގެ ވެރިކަމާ އަޅާކިޔާނަމަ، އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ރިޝީ ސުނާކްގެ ކެބިނެޓުގައި ތިއްބެވީ 10 އަންހެން ވަޒީރުންނެވެ.

ސާދަ އަހަރަށްފަހު އޭރު އިދިކޮޅުގައި އޮތް ލޭބާ ޕާޓީން އެކުލަވާލި ކެބިނެޓްގައި އޭޝިއާއަށް ނިސްބަތްވާ ދެ އަންހެނުން ވެސް ހިމެނެއެވެ. އެއީ އިނގިރޭސިވިލާތުގެ ފުރަތަމަ މުސްލިމް އަންހެން މެމްބަރުންގެ ތެރެއިން އެކަކު ކަމަށްވާ ޝަބާނާ މަހުމޫދާއި ލީސާ ނަންދީއެވެ.

ލޭބާ ޕާޓީގެ ކުރީގެ މެމްބަރު އަދި އިނގިރޭސިވިލާތުގެ ފުރަތަމަ ކަޅު ނަސްލުގެ އަންހެން މެމްބަރު ޑެއަން އެބޮޓް ވާނީ ގާނޫނު ހަދާ މަޖިލީހުގެ މަންމައަށް ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އޭނާ ވަނީ އެ ދާއިރާއަށް 40 އަހަރު ވަންދެން ޚިދުމަތް ކޮށްދެއްވާފައެވެ.

ހައުސް ކޮމަންސްގެ 40 ޕަސަންޓަށްވުރެ ގިނަ ގޮނޑި އަންހެނުންނަށް ލިބޭއިރު، އޭގެތެރޭގައި ލޭބާ ޕާޓީގެ 46 ޕަސަންޓު މެމްބަރުންނާއި ކޮންޒަވޭޓިވް ޕާޓީގެ 24 ޕަސަންޓު މެމްބަރުން ހިމެނެއެވެ.

މި ކެބިނެޓްގެ ޝައުގުވެރި އަނެއް ކަމަކީ ތައުލީމީ މެމްބަރުން ގިނަ ކެބިނެޓަކަށްވުމެވެ. އެގޮތުން ސްޓާމާގެ ކެބިނެޓްގައި އަމިއްލަ ސްކޫލްތަކަށް ދިޔައީ އެންމެ ދެ ވަޒީރުންނެވެ. ބްރިޓިޝް ފިއުޗާ ގެ ދިރާސާއިން ދައްކާ ގޮތުގައި ސްޓާމާގެ ސަރުކާރުގައި ސްޓޭޓް ތައުލީމު ހާސިލްކޮށްފައިވާ މެމްބަރުންގެ ނިސްބަތް ވަނީ 54 ޕަސަންޓުން 63 ޕަސަންޓަށް އިތުރުވެފައެވެ.

އެއާއެކު ސްޓޭޓް ތައުލީމު ހާސިލުކޮށްގެންތިބި މެމްބަރުންގެ އަދަދު އެންމެ ގިނަ ކެބިނެޓަކަށް ވެސް އަލަށް އެކުލަވާލި ސްޓާމާގެ ކެބިނެޓް ވަނީ ވެފައެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިނގިރޭސިވިލާތުގެ އާންމު އިންތިޚާބު ބޮޑު ތަފާތަކުން ވަނީ އިދިކޮޅު ލޭބާ ޕާޓީން ކާމިޔާބުކޮށްފައެވެ. އެގޮތުން، ޖުމުލަ 650 މެންބަރުން ހިމެނޭ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް ނުވަތަ ހައުސް އޮފް ކޮމަންސްގެ 326 ގޮނޑިއަށްވުރެ ގިނަ ގޮނޑި ލޭބާ ޕާޓީން ވަނީ ޔަގީންކޮށްފައެވެ.

comment ކޮމެންޓް