ޅިޔަން، ފަހަރިން ދިފާއުކުރަމުން ވެރިކަމެއް ނުކުރެވޭނެ

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަޤާމަށް ޖަވާހިރުވާދީ އިލްޔާސް ހުސެއިން އައްޔަން ކުރެއްވީ ނަޝީދުގެ ސަރުކާރުންނެވެ. އެއިރު ޑރ. ވަހީދަކީ ނައިބު ރައީސް އެވެ. ރައީސް ވަހީދުގެ ޅިޔަނެއް ކަމުގައިވާ އިލްޔާސް ހުސެއިންގެ މައްޗަށް ކަރަޕްޝަނުގެ ތުހުމަތު ފުރަތަމަ ކުރެވުނީ ވެސް ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. އެފަހަރު ވެސް އިލްޔާސް ހުސެއިން އެހެން އޮފީހެއްގެ ވެރިއަކަށް ބަދަލުކުރެއްވީ އެވެ. ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ ރައީސް ވަހީދުގެ ސަރުކާރު ވެރިކަމަށް އައިފަހުން އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމުގެ މައްސަލާގައި އިލްޔާސް ހުސެއިން އާއި ދިމާ އަށް އިނގިލި ދިއްކުރެވުނު އިރު އޭނާ އަނެއްކާ ވަނީ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަޤާމުގަ އެވެ.

މިފަހަރު ވެސް އިލްޔާސް ހުސެއިން އެހެން އޮފީހަކަށް ބަދަލުކުރެވުނެވެ. މިނިސްޓަރު އޮފް ސްޓޭޓް ފޯ ޑިފެންސްގެ މަޤާމަށެވެ. ކުށެއްސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ޤާނޫނުގެ ކުރިމަތީގައި ކުށެއް ނެތްމީހެކެވެ. ނަމަވެސް 500 މިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެއްގެ ތެރެއިން ނާޖާއިޒު ފައިދާތަކެއް އިލްޔާސް ހުސެއިން އަށް ލިބިވަޑައިގެންފައިވެދާނެކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރެވިފައިވަނިކޮށް ޑިފެންސްގެ ސްޓޭޓް މިނިސްޓަރަކަށް ލުމަކީ ކަރަޕްޝަނާ ދެކޮޅަށް ހެދިފައިވާ ޤާނޫނުގެ ރޫހާ ޚިލާފް ކަމެއްކަން ޔަގީނެވެ.

މިމަޝްރޫއާ ގުޅިފައިވަ މެލޭޝިޔާގެ ނެކްސްޓްބިޒްގެ ފަރާތުން ރާއްޖޭގެ އިމިގްރޭޝަން ޑިޕާޓްމެންޓަށް ރިޝްވަތުގެ ގޮތުގައި 60 ލެޕްޓޮޕް ދީފައިވާ ކަމަށް އެންޓި ކަރަޕްޝަން ކަމިޝަން އިން ތުހުމަތުކުރެ އެވެ. މިކަމުގައި އެޑިޕާޓްމެންޓްގެ އެހެން ބައެއް މުވައްޒަފުންގެ މައްޗަށް ވެސް ކަރަޕްޝަނުގެ ތުހުމަތުކުރެވެ އެވެ. މިދެންނެވުނު 60 ލެޕްޓޮޕްގެ ޑިއުޓީ، ޑރ. ވަހީދު މައާފް ކޮށްދެއްވާފައިވާ ކަމުގެ ލިޔުމެއް ވެސް މިހާރުވަނީ ލީކްވެފަ އެވެ.

ކަރަޕްޝަނުގެ މިބިޔަ މައްސަލަ ފެންމަތިވެފައިވަނިކޮށް ޑރ. ވަހީދުގެ ޅިޔަން، އިލްޔާސް ހުސެއިން ނިއުޒިލޭންޑުން ގެއެއް ބައްލަވައިގެންނެވި ކަމުގެ މައލޫމާތާއި ފޮޓޯތަކެއް މިހާރު ވަނީ ހާމަވެފަ އެވެ. އިލްޔާސް ހުސެއިން ޑިފެންސްގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރެއްވުމަށް ފަހު ކޮންޓްރޯލަރު އޮފް އިމިގްރޭޝަނަކަށް މިހާރު ލާފައި ވަނީ ޑރ. ވަހީދުގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމުގައިވާ ޑރ. މުހައްމަދު އަލީ އެވެ. ކަރަޕްޝަނުގެ މިހާބޮޑު މައްސަލައެއްގައި މިދެންނެވި ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިރު ޑރ. ވަހީދާއި އެމަނިކުފާނުގެ އަނބި ކަނބަލުންގެ އާއިލާގެ ވަރަށް ގިނަ ބޭފުޅުންތަކަކަށް ދައުލަތުގެ ވަރަށް ގިނަ ބޯޑްތަކެއްގެ މެންބަރުކަން ދެއްވާފައިވާ ކަން ވެސް މީޑިއާއިން ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭގެ ސިޔާސީ ތާރީހަށް ބަލާއިރު ވަރަށް ގިނަ ވެރިންގެ ވެރިކަމަށް ނިމުން އައުމުގައި އާއިލާގެ ފަރާތްތަކަށް ސިޔާސީ މަޤާމް ދެއްވުމާއި، ޅިޔަން ފަހަރިންގެ މަސްލަހަތު ހިމާޔަތް ކުރުމުގައި އަމިއްލަ މަޤްބޫލުކަން ގުރުބާންކުރެވިގެން ދިއުން ހިމެނެ އެވެ.

ޑރ. ވަހީދަކީ ދިވެހިންގެ ވަރަށް ގިނަބައެއްގެ ތާއީދާއި، އިތުބާރާ އެކު، ބޮޑު ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެން ހުންނެވި ބޭފުޅެކެވެ. ދެހާސްތޭރާގައި ކޯލިޝަނުގެ ފަރާތުން އެއް ކެންޑިޑޭޓަކު ނެރޭނެކަމުގައިވާ ނަމަ އެ ފުރުސަތުލިބުމުގެ ޗާންސްވެސް އޮތް ބޭފުޅެކެވެ. އެފަދަ ވެރިއަކު އާއިލާގެ ވަކި ފަރުދަކަށް ހިމާޔަތްކަން ހޯދައި ދެއްވުމުގެ ގޮތުން ސީދާކޮށްވިއަސް އަދި ނުސީދާކޮށް ވިއަސް މަސައްކަތްކުރައްވާ ކަމަށް ޝައްކު ކުރެވޭ ނަމަ އެ ވެރިއެއްގެ ސިޔާސީ ކުރިމަގު ބަނަވުމަކީ ނުވެ ނުދާނެކަމެކެވެ.

ރައީސް ޑރ. ވަހީދަށް އަދިވެސް ފުރުސަތު އެބައޮތެވެ. ރައީސް އިބްރާހިމް ނާސިރުގެ އަމިއްލަ ދަރިކަލުން ކުށެއް ކުރެއްވީމާ ޖަލަށް ލެއްވިފަދައިން ޤައުމުގެ ހުރިހާ ފަރުދުން ވެސް ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ ކަން ސާބިތު ކޮށްދެއްވަން އެބަޖެހެ އެވެ. ޑރ. ވަހީދުގެ ޅިޔަން ކޮއްކޮ އިލްޔާސް ހުސެއިންގެ ކުށެއް ނެތްކަން ސާބިތުވަންދެން ޑިފެންސް ފަދަ މުހިއްމު ވުޒާރާއެއްގެ މަސްއޫލިއްޔަތު ހަވާލު ނުކުރައްވާ ބެހެއްޓެވުން ރަނގަޅުވާނެ އެވެ. ކުށެއް ސާބިތުވެއްޖެ ނަމަ ބޮލަކަށް، ކަނދުރާއަކަށް، ކޮއްކޮ އަކަށް ބެލުމެއްނެތި އިންސާފު ޤާއިމު ކުރެވެން ޖެހޭނެ އެވެ. ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާތީ އެވެ. އެފަދައިން އެކަން ކުރައްވައިފި ނަމަ ރައީސް ޑރ. ވަހީދުގެ ސިޔާސީ ކުރިމަގު އަދިވެސް އޮންނާނީ އުޖާލާކޮށް ކަން ޔަޤީނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް