ޖީއެމްއާރް ފައްސާލުމަކީ ހައްލެއްބާ؟

ޖީއެމްއާރް އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) 2009 ވަނަ އަހަރު 25 އަހަރަށް ނޫނީ 30 އަހަރަށް ކުއްޔަށް ދިނުމަކީ އަބަދުވެސް ބަހުސެކެވެ. އެމްޑީޕީގެ ސަރުކާރުން އިންޑިޔާގެ ޖީއެމްއާރަށް އެއާޕޯޓް ކުއްޔަށް ދިނުމާ އެންމެ ބޮޑަށް ދެކޮޅު ހެދި ފަރާތްތައް މިހާރު ތިބީ ސަރުކާރުގަ އެވެ. ޖީއެމްއާރްގެ "ފިޔަ ކޮށާލުމު"ގެ ބާރު އެފަރާތްތަކަށް މިހާރު ވަނީ ލިބިފަ އެވެ. ބޭނުން ނަމަ ފައްސާލެވިދާނެ އެވެ. ހަގީގަތުގައި އިއްތިހާދުގެ ސަރުކާރެއް ހިންގަވަން ޖެހިވަޑައިގެންފައިވާ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ އެންމެ ބޮޑު އެއް ބޮލުގެ ރިހުމަކީ ޖީއެމްއާރުގެ މައްސަލަ އެވެ. ސަބަބަކީ ޖިމްއެމްއާރާ ދެކޮޅަށް އަޑު އުފުލި ޕާޓީތަކެއް ގޮވައިގެން ވެރިކަން ކުރައްވަން އެމަނިކުފާނަށް ޖެހިވަޑައިގެންފައިވުމުންނެވެ. ރައީސް ވަހީދުގެ އަރިސްބޭފުޅަކު ވިދާޅުވި ގޮތުގައި އިއްތިހާދު ޕާޓީތަކުން އަބަދުވެސް އެދެނީ ޖީއެމްއާރް ބޭރު ކުރާށެވެ.

"ރައީސަށް މިއަދު ހައްލުކުރައްވަން ޖެހިވަޑައިގެންފައިވާ އެންމެ ބޮޑު މައްސަލައަކީ ޖީއެމްއާރުގެ މައްސަލަ، އެކަމަށް ރައީސް ގެންދަވަނީ މަޝްވަރާގެ އުސޫލުން ހައްލެއް ހޯދަން މަސައްކަތް ކުރައްވަމުން، ރައީސް ބޭނުންފުޅުވަނީ ސުލްހައިގެ އުސޫލުން ކަންކަން ކުރައްވަން،" ނަން ހާމަ ނުކުރުމަށް އެދި އެ ބޭފުޅާ ވިދާޅުވި އެވެ.

އެންމެ ބޮޑު މައްސަލައަކީ ކޮންސެޝަން ފީގެ ތެރެއިން، އޭޑީސީގެ ގޮތުގައި ނަގަން ޖެހޭ 25 ޑޮލަރު ކަޑާލުމެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރަށް ލިބެނީ 8.7 މިލިއަން ޑޮލަރުގެ ބަދަލުގައި ފަސް ލައްކަ ޑޮލަރެވެ. ސަރުކާރަށް ވެސް އަދި އިއްތިހާދުވެފައިވާ ޕާޓީތައް ވެސް އޮތީ ޖާޒުބާތުގަ އެވެ. އެހެން ކަމުން އެފަރާތްތައް ދެކެނީ ހައްލަކީ ޖީއެމްއާރް ފައްސާލުން ކަމަށެވެ.

އެމްޑީޕީން ސަރުކާރުގައި އޮތްއިރު ޖީއެމްއާރް ޖީއެމްއާރާ ދެކޮޅަށް އަޑު އުފުލި މަޝްހޫރު ވިޔަފާރި ވެރިޔާ އިބްރާހިމް ޝަފީގު (އެމްވީކޭ ޝަފީގު) މިދިއަ އަހަރު ވިދާޅުވި ގޮތުގައި ޖީއެމްއާރް ރާޖެއިން ފުރުވާލުން ނޫން ގޮތެއް ރާއްޖެއަކަށް ނޯންނާނެ އެވެ. އޭނާގެ މައްސަލައަކީ ޑިއުޓީ ފްރީ ފިހާރަތައް ބަންދުކުރުމެވެ.

"އެމީހުން ހަމަ ފުރުވާލަން ޖެހޭނީ، ރައީސް ނަޝީދަށް އެ އުޅުއްވަނީ އެކަން ކުރައްވަން ނުކެރިގެން!"

ޝަފީގުގެ އެ ވިސްނުމަކީ ފަރުދެއްގެ ގޮތު ރަނގަޅު ވިސްނުމަކަށް ވެދާނެ އެވެ. އެކަމަކު، ވިޔަފާރީގެ ނަޒަރުން ނޫނީ ގައުމާ މެދު ވިސްނުމުގެ ނަޒަރުން އެ ވިސްނުން ވަރަށް ތަފާތުވެދާނެ އެވެ. ސިޔާސީ ވިސްނުމުން އެއްކިބައިވެ، ވިޔަފާރި އާއި ގައުމިއްޔަތުގެ ވިސްނުމުން ވިސްނާ މީހުންގެ ވިސްނުން ތަފާތުވާނެ އެވެ.

ތަޖުރިބާކާރުން ފެންމަތިކުރާ ސުވާލުތަކަކީ މިއީ ޖީއެމްއާރް ހުޅުލެއިން ފަހާލައި އިތުރު މައްސަލަތަކެއް ކުރިމަތިކުރުމުގެ ވަގުތު ބާއެވެ؟ ޖީއެމްއާރުން މަސައްކަތްތަކެއް ކޮށްފައި ވަނިކޮށް ފޮނުވާލެވިދާނެ ހެއްޔޭ އެވެ؟

"މިއީ އަޅުގަނޑުމެން ބެސްޓް ޕްރެކްޓިސްއަށް އަމަލުކުރަންވީ ވަގުތު، ވިޔަފާރީގެ އުސޫލުގެ ދަށުން އެކަން ހައްލުކުރަން މަސައްކަތް ކުރަންވީ، އަޅުގަނޑުމެންގެ ނެތް އިތުރު މައްސަލަތައް އުފައްދަން ވަގުތެއް، ސިޔާސީ ވިސްނުމެއްގައި ބަޔަކު ބުނެފާނެ، އެކަމާ [ޖީއެމްއާރާ] ދެން ދުރުވާށޭ، އެކަމަކު އެއީކީ ހައްލެއް ނޫން. އެއާޕޯޓް ވެސް އެއޮތީ ދެވިފައި، ޖީއެމްއާރުން އެބަހުރި މަސައްކަތްތަކެއް ވެސް ފަށާފައި، އިތުރު މައްސަލަތަކެއް އުފައްދައިގެން ސަރުކާރަށް އެކަމާ ވިސްނައިގެން އުޅޭކަށް ވަގުތެއް ވެސް ނެތް،" ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ. މައްސަލައިގެ ނާޒުކު ކަމުން އޭނާވެސް ނަން ހާމަކުރާކަށް ބޭނުމެއްނުވެ އެވެ.

ޖީއެމްއާރު ވެސް މިވަގުތު ތިބީ އެގްރީމަންޓާ އެއްގޮތަށް މަސައްކަތް ކުރާށެވެ. އެ ކުންފުނިން މިހާރު ވެސް ބުނަނީ އޭޑީސީ ކޮންސެޝަން ފީއިން ކެނޑުމުގެ މައްސަލައިގައި މަޖިލީހުން ގޮތެއް ނިންމަންދެން އެގޮތުގައި ދެމިތިބޭނެ ކަމަށެވެ. އަދި އެ ކޮންޓްރެކްޓުގައި އެމީހުންގެ މައްސަލައެއް ނެތް ކަމަށެވެ. އަދި ކޮންސެޝަން ފީއިން އޭޑީސީ ފައިސާ އުނިކުރަނީ ވެސް ކުރީގެ ސަރުކާރުންވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

"ކުރީގެ ސަރުކާރު ވެސް އަޅުގަނޑުމެން އަޑު އުފުލައިގެން އެ އޮތީ ބަދަލުކޮށްފައި، އެގޮތުން އަޅުގަނޑުމެން ހުރިހާ ޕާޓީއެއްވާނެ ނަލަހިޔާގައި އެއްބަސްވެފައި ޖީއެމްއާރު ބޭރުކުރަން، އަޅުގަނޑުމެންގެ ސްޓޭންޑެއް ބަދަލެއް ނުވޭ،" ޕާޓީއެއްގައި އިސްސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ވިސްނުން މި ގޮތަށް ހުރި ނަމަވެސް މިވަގުތު ޖީއެމްއާރާ އެކު ކުރިއަށްދާން ޖެހެ އެވެ. ސަބަބަކީ ސަރުކާރުގެ ކުރިމަތީގައި އިހުތިރާމް ކުރަން ޖެހޭ އެއްބަސްވުމެއް އެބައޮތުމެވެ.

އިގްތިސޯދީ ތަޖުރިބާ ކާރަކު ވިދާޅުވި ގޮތުގައި ސަރުކާރު ހިތްހަމަނުޖެހޭ ކަންތައްތަކެއް އެއްބަސްވުމެއްގައި ހުރި ނަމަ މިއީ ވާހަކަ ދައްކަންވީ ވަގުތެވެ. މިއީ ވަކި ބަޔަކު ކްރެޑިޓް ނަގަންވީ ވަގުތެއް ނޫނެވެ.

"މީގައި މިހާރު ބަލަންވީ ރެގިއުލޭޓްކުރުން، ނޫނީ މީގައި ދިވެހިންނަށް އޮތް ދައުރު ބޮޑުކޮށްގެން މިކަން ކުރަން ވިސްނުން، އެގޮތައް މިކަން ކުރަންވީ، އެހެންނޫނީ އަޅުގަނޑުމެނަށް އަނެއްކާ ވެސް ޖީއެމްއާރު ކަހަލަ ބޮޑު ކުންފުންޏަކުން ބޮޑެތި ލީގަލް މައްސަލަތަކެއް ނުކުމެދާނެ،" އެބޭފުޅާ ވިދާޅުވި އެވެ.

ސަރުކާރުގެ ވިސްނުން ވެސް ހުރީ ވެސް އެކަހަލަ ގޮތަކަށެވެ. ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ގަވާއިދާއި ހިލާފަށް ކޮންޓްރެކްޓްގައި ހުރިކަންކަން ރަނގަޅުކޮށްގެން ކުރިއަށް ދިޔުމަށެވެ. އެކަންކަން ރަނގަޅު ކުރަން ސަރުކާރުން މަސައްކަތް ކުރާނީ މަޝްވަރާގެ އުސޫލުން ކަމަށެވެ.

"ސަރުކާރުން މި ބަލަނީ މަޝްވަރާކޮށްގެން ޖީއެމްއާރުގެ މައްސަލައިގައި ކުރިއަށްދާން، ސަރުކާރުގެ ސްޑޭންޑަކީ އެއީ،" އައްބާސް ވިދާޅުވި އެވެ.

ޖީއެމްއާރާ އެކު އޮތީ ވިޔަފާރީގެ ކޮންޓްރެކްޓެކެވެ. ވިޔަފާރީގެ ބެސްޓް ޕްރެކްޓިސްއަށް ސަރުކާރު ވެސް ޖެހޭނީ ބޯ ލަނބާށެވެ. އެ އުސޫލުގެ ތެރެއިން ސަރުކާރަށް ވެސް ޖެހޭނީ ގޮތްތަކެއް ހޯދާށެވެ. އެ ވިޔަފާރީގެ ތެރޭގައި ސަރުކާރުގެ ހިއްސާއެއް ބޭއްވުމުގެ ވާހަކަ ދެއްކިދާނެ އެވެ. އަދި ކުރިން ނެތް ރެގިއުލޭޓާގެ ދައުރު ފުޅާކޮށް އެކަން ވަރުގަދަ ކުރުމަށް މަސައްކަތް ކުރެވިދާނެ އެވެ.

ގާނޫނީ ބާރާއި އެކު އޮތް ޖީއެމްއާރާއި "ތަޅާ ބަލިކުރަން" ސަރުކާރުގެ ބާރު އެބަ އޮތް ބާވައެވެ؟ އެއާޕޯޓް ދިވެހިން އަމިއްލައަށް ޑިވަލޮޕް ކުރެވިދާނެ ބާ އެވެ؟ ޖީއެމްއާރުގެ ފިޔަކޮށާ ފުރުވާލުމުގެ ކުރިން އެންމެންވެސް މިކަމަށް ވިސްނުން މުހިންމެވެ. ވިޔަފާރީގެ އުސޫލުގެ އިތުރަށް ސިޔާސީ ވިސްނުމަކުން ވިސް ވިސްނާ އިރު ވެސް އެއީ ހައްލެއްތޯ ވިސްނަން ޖެހެ އެވެ.

ޖީއެމްއާރު މައްސަލާގައި ޔޫ ޓާނެއް ނެގިދާނެ ހެއްޔެވެ؟
ގުޅޭ ޓެގު
comment ކޮމެންޓް