އެމްޑީޕީގެ އިންތިހާބުގެ ނަތީޖާއާގުޅޭ ސުވާލުތައް!

އެމްޑީޕީ ރިޔާސީ ކެންޑިޑޭޓާއި ޗެއާޕަސަންގެ އިންތިހާބާއެކު ބައެއް އިދާރާއި މަގާމުތަކަށް ބޭފުޅުން ހޮވަން ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ވޯޓްލުން ކުރިއަށް ދިޔައިރު ފާހަގަކުރެވުނު އެއްކަމަކީ މާލޭގައި ވޯޓްލާ ތިން މާރުކަޒަށް ވޯޓުލާން މީހުން ޖަމާވެފައި ނުވުމެވެ. މެންދުރާއި މެންދުރު ފަހު ވެސް ވޯޓްލުން ދިޔައީ ފޯރިއެއް ނެތި އެވެ. އެއާއެކު ވޯޓުލުމުގެ ވަގުތު އެރޭގެ 7:00 އިތުރު ވެސް ކުރި އެވެ. ނަމަވެސް އޭގެ ފަހުގައިވެސް އަދި އޭގެ ކުރީންވެސް ވޯޓްލުމަށް މީހުން ދިޔައީ ހާލުން ހާލުންނެވެ.

ދެން އަޮތީ ރަށްރަށުގެ ވޯޓެވެ. ރަށްރަށުގައި ވެސް ވޯޓްލުން ކުރިއަށްދިޔައީ "ވަޅޯ" ގޮތަކަށެވެ. ބައެއް ރަށްރަށުން ބުނެފައި ވަނީ މާބޮޑު ފޯރިއެއް ނެތް ކަމަށެވެ. އެއަށްވުރެ ބޮޑަށް މީހުން ސަމާލުކަން ދިނީ އަމިއްލަ ކަންކަމަށެވެ. އެހެން ކަމުން އިންތިހާބުގައި އަތޮޅުތަކުގެ އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެހާ ގިނަ އަދަދަކަށް ވޯޓްލާފާނެ ކަމަކަށް ނުބެލެވެ އެވެ.

އަނެއް ކޮޅުން ވޯޓުގެ ނަތީޖާ އިއުލާން ކުރުމުގެ ކުރީން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަހްމަދު އަކުރަމް ވިދާޅުވި ގޮތުގައި ވޯޓްލާން ދިޔަ ވަރަށް ގިނަ އަދަދެއްގެ މީހުން ތިބީ އެހެން ޕާޓީތަކަށް ބަދަލުކޮށްފަ އެވެ. އޭގެ ސަބަބުން ވޯޓްލާން ދިޔަ ވަރަށް ގިނަ ބަޔަކަށް ވޯޓެއް ނުލެވެ އެވެ.

ޖުމްލަ ގޮތެއްގައި ވޯޓްލުން ދިޔަ ވަގުތުތަކުގެ މަންޒަރާއި ހިނގައިދިޔަ ކަންކަންކަމަށް ބަލާއިރު އެމްޑީޕީން ގަނޑުކޮށް ބޭއްވި އެ އެ އިންތިހާބުތަކަކީ އާދަޔާ ހިލާފު އަދަދަކަށް މެންބަރު ވޯޓްލީ އިންތިހާބެއް ކަމަށް ބުނާނެ ތަނެއް ނުފެނެ އެވެ. ހަމައެއާއކު ވޯޓަށްފަހު ނަތީޖާތައް އިއްވަމުންދިޔައިރު ވަކި ވަކި ފޮށތަކުގެ ނަތީޖާއިން ވެސް ގަބޫލު ކުރެވެނީ އެއީ އެމްޑީޕީގެ މެމްބަރުން އެހާ ސަމާލުކަން ދިން އިންތިހާބެއް ނޫން ކަމެވެ.

އެމްޑީޕީގެ މެންބަރުގެ އަދަދަކީ 48174 މީހުނެވެ. ނަމަވެސް ރަށްތަކުން ފޮނުވާފައިވާ ވޯޓް ފޮށިތަކުގެ ނަތީޖާއާ އެއްކޮން ޖުމްލަ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ އިންތިހާބުގައި 32067 ވޯޓު ސައްހަ ވޯޓުގެ ގޮތުގައި ގުނާފައިވެ އެވެ. މިއީ އިންތިހާބު ހިނގައި ދިޔަ ގޮތަށާއި ފަހުން ހިސާބު ހަދައި ނެރުނު އަދަދަށް ބަލާއިރު ގަބޫލުކުރަން ފަސޭހަ ނަތީޖާއެއް ކަމަކަށް ބައެއް ފަރާތަކުން ނުދެކެ އެވެ.

ފުރަތަމަ ކަމަކަށް މި އިންތިހާބުގެ އެންމެ ވާދަވެރި ދެ މަގާމު ނަގާމާ ހިނގާށެވެ. އެއީ ރިޔާސީ ކެންޑިޑޭޓްގެ މަގާމާއި ޗެއާޕާސަންގެ މަގާމެވެ. މި ދެމަގާމުގެ އިންތިހާބަކީ ވެސް އެއްވެސް ވާދަވެރި ކަމެއް ނެތް ދެ އިންތިހާބެވެ. އިންތިހާބު ބޭއްވުމުގެ ކުރިން ވެސް ނަތީޖާ ނުކުމުގެ ފައިވާ ދެ އިންތިހާބެވެ. ރިޔާސީ ކެންޑިޑޭޓް ކަމަށް ކުރީގެ ރައީސް ނަޝީދު އެކަންޏެވެ. ޗެއާ ޕާސަން ކަމަށް މޫސާމަނިކު އެކަންޏެވެ. އެމްޑީޕީގެ އެހެން އިންތިހާބުތަކުގައި ފެނަން ކެމްޕެއިން ފޯރި އަމުދުން އެއް ގޮތަކަށް ވެސް ނުފެނުނު އިންތިހާބެކެވެ. ވޯޓްލުމަށް އެވެއާނެސް ހިނގާފައި ވެސް ނުވާ އިންތިހާބެކެވެ.

މިއާ ހިލާފަށް ވާދަވެރިކަމާއެކު ކެންޑިޑޭޓުން ތަކެއް ކުރިމަތިލައިގެން މިދިޔަ އަހަރު އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ބޭއްވި އިންތިހާބަކީ ވަރުގަދައަށް ކެމްޕޭން ހިނގި ލަވަތަކާ ޕޯސްޓަރުތަކާއި ޖަގަހަތަކާއި ކެމްޕޭން ޖަލްސާތައް އެތައް ދުވަހަހަކަށް ހިނގައި ދިޔަ އިންތިހާބެކެވެ. އަދި އެއީ އެމްޑީޕީގެ ބާރުވެރިކަން ރާޖެ މައްޗަށް ވެރިވެފައި އޮތް ދުވަސްވަރެވެ.

އެކަމަކު ވާންދެއްކި އެ އިންތިހާބުގައި ވޯޓް ދީފައިވަނީ ގާތްގަނޑަކަށް 22000 މެންބަރުނެވެ. އޭރުވެސް މެންބަރުންވެ ގޮތުގައި 47000 މެންބަރުން ތިއްބެވެ. އެހެން ކަމުން މިފަހަރުގެ ސައްހަ ނަތީޖާ އާއި ކުރީގެ ނަތީޖާ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ސުވާލު އުފެއްދުމުގެ ފުރުސަތު މެތަމެޓިކަލީ ގޮތުން ލިބެ އެވެ.

އިންތިހާބަށް ފަހު އެމްޑީޕީގެ ޗެއާޕާސަނާއި ރިޔާސީ ކެންޑިޑޭޓު ހޮވުމުގެ ވޯޓާމެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އެފަރާތްތައް ބުނާ ގޮތުގައި އެ އިންތިހާބުގައި އެހާ ގިނަ އަދަދެއްގެ މީހުން ވޯޓް ލާފައެއްނުވެ އެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ! އަޅުގަނޑަށް ގަބޫލު ކުރެވަނީ ފެބްރިކޭޓް ފިގާސްތަކެއް ކަމަށް. އަދި އެފިގާސްތައް އެގޮތަށް އައުމުން ހައިރާނެއް ވެސް ނުވޭ، މިކަހަލަ ދަނޑިވަޅެއްގައި އެ ނަތީޖާ އެގޮތަށް ނެރޭނެ ހަމަ،" އެމްޑީޕީއަށް ސަޕޯޓް ކުރާ މީހަކު ބުންޏެވެ.

އެމްޑީޕީގެ އިންތިހާބު ތަކުގައި ނަތީޖާ އޮޅުވާލާކަމަށް އަބަދުވެސް ތުހުމަތުތައް އޮވެ އެވެ. މިފަހަރުގެ އިންތިހާބުތަކުގައި ނަތީޖާ އޮޅުވާލާފައިވާ ކަމަށް އެންމެ ބޮޑަށް ވާހަކަ ދައްކަވަނީ އެ ޕާޓީގެ އިންތިހާބު ތަކުގައި މީގެ ކުރިން ހަރަކާތްތެރިވެ ވަޑައިގެންނެވި އަދި ލީޑަރުންގެ ގޮތުގައި ތިއްބެވުމަށްފަހު ޕާޓީ ދޫކުރެއްވި ބައެއް ބޭފުޅުންނެވެ.

އެމްޑީޕީގެ ކުރީގެ ޗެޕާޕަސަންގެ ނައިބު އިދާރީ މުހައްމަދު އިމްތިޔާޒް (އިންތި) ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޗެއާޕާސަންނާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އިންތިހާބުގައި 32000 މީހުން ވޯޓެއް ނުލާނެ އެވެ. އެ ނަތީޖާ ގަބޫލެއް ނުކުރެވެ އެވެ.

އެމްޑީޕީގެ ރައީސް ކަމާއި ނައިބު ރައީސް ހޮވަން ބޭއްވި އިންތިހާބުގައި 47000 މެންބަރުން ތިބެ ވޯޓުލާން 22000 މީހުން "ކިރިޔާ ނެރެވުނުއިރު" ވާދަވެރި ކަމެއް ނެތް އިންތިހާބެއްގައި އެތައް ގުނައެއް އިތުރަށް ވޯޓް ލާފާނެ ކަމަށް ބުއްދި ގަބޫލު ނުކުރެވޭ ކަމަށް ވެސް އިންތި ދެކެވަޑައިގަންނަވަ އެވެ.

"އެމްޑީޕީގެ ރައީސާއި ނައިބު ރައީސް ކަމަށް މީހަކު ހޮވަން ބޭއްވި އިންތިހާބުގައި ވެސް ޑީޑީވެސް ހެސްކިޔާފައި މީހުން ނެރުނު ވޯޓުލާން. ޒަކީވެސް ހެސް ކިޔާފައި މީހުން ނެރުނު. އެކަމު ވޯޓްލީ 22000 މީހުން. އެ އޮތީ ރެކޯޑްތައް ފެންނާން. މިފަހަރު އެންމެ ކެންޑިޑޭޓެއް ނުކުމެގެން ފެންނަ ނުފެންނަ ވޯޓެއްލާން ކާކު ނުކުންނަނީ. ނަތީޖާ އެނގޭ އެއްޗަކަށް މީހުންގެ ޝައުގުވެރި ކަމެއް ނުހުންނާނެ އެވަރަކަށް،" އިންތި ވިދާޅުވި އެވެ.

އިންތިހާބާ ބެހޭ ގޮތުން އިން އެ އިޝާރާތްކުރި ވާހަކަތަކާ ވަރަށް ގުޅޭ ސްޓޭޓްމަންޓެއް ކުރީގެ އިންތިހާބަށް ފަހު އެމްޑީޕީ ދީފައި އޮވެ އެވެ. އެފަހަރު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓްލީ މީހުން މަދުވުމުން އެމްޑީޕީ އޭރު ބުނީ އެއްވެސް ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކީ މާގިނަ ބަޔަކު ވޯޓުލާ އިންތިހާބެއް ނޫން ކަމަށެވެ. އަދި އެތެރޭގެ އިންތިހާބު ތަކުގައި ޕާޓީގެ ބޮޑު ޕަސެންޓެއް ވޯޓްލުމަކީ ވާނެ ކަމެއްނޫން ކަމަށެވެ.

އެމްޑީޕީގެ އިންތިހާބުގެ ނަތީޖާއާމެދު ސުވާލު އުފައްދާ ބައެއް ސިޔާސީ ބޭފުޅުން ފާހަގަ ކުރެއްވާ އެއް ކަމަކީ މެންބަރުންނަކީ އަބަދުވެސް ވޯޓުލާން ގަދަކަމުން ނެރެން ޖެހޭ ބަޔަކަށްވާއިރު ފެންނަ ނުފެންނަ ވޯޓެއްގައި ވޯޓުލާން ދާން މީހުންގެ އަދަދު މަދުވާނެ ކަމެވެ.

"މިހެން އޮތް ކަމެއް އެއީ، އަނެއްކޮޅުން ހިއުމަން ސައިކްލޮޖީއަށް ވިސްނާލިއަސް އެނގޭނެ މަގާމަކަށް އެންމެ މީހެއް ވާދަކުރުމާ ނުލާ ނުކުމެގެން އުޅޭ އިރު މީހުންގެ ޝައުގުވެރި ކަމެއް ނުހުންނާނެ ކަން. ސަބަބަކީ ދިމާއަށް އެއޮތީ ނަތީޖާ ފެންނަން ކަމަށްވާތީ،" އިންތިހާބަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި އެއް ބޭފުޅަކު ވިދާޅުވި އެވެ.

މިހެން އޮތް ނަމަވެސް އެމްޑީޕީން ބުނަނީ ވަގުތީ ނަތީޖާއާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި ވޯޓް އޮޅުވާލާފައިނުވާނެ ކަމަށެވެ.

އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމެޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި އިންތިހާބު ދިޔައީ ވަރަށް ސާފުކޮށެވެ. މިފަހަރު އިންތިހާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ އެވެ. އެމްޑީޕީން ކަންކުރީ ކުރީ ޒަމާނުގައި ވޯޓްގެ ކަންކުރާ ގޮތަކަށް ނޫނެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ފަހަރު އިންތިހާބުގައި ކުރީ ފަހަރަށް ވުރެ ގިނަ މީހުން ނުކުމެ ވޯޓް ލާފައިވަނީ މުހައްމަދު ނަޝީދާއެކު ގިނަ ބަޔަކު ތިބިކަން ދައްކާލަން ބޭނުންވެގެނެވެ.

"ހަގީގަތަކީ މެންބަރުން ބޭނުންވީ ރައީސް ނަޝީދުގެ އަރިހުގައި ތިބީ ހަމަ އެކަނި ގައުމީ މަޖިލީސް ނޫންކަން ސާބިތު ކޮށްދޭން. މެންބަރުން ވެސް ތިބިކަން. އެހެންވެ ގިނަ ބަޔަކު ވޯޓް ދިނީ،" ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވީ ރިޔާސީ ޕްރައިމަރީ އިންތިހާބު އެމްޑީޕީން ބާއްވާފައިވަނީ ވެސް ވޯޓު އޮޅުވާލުމުގެ ފުރުސަތުތަކަށް މަގު ފަހި ކުރުމަށް ފަހު އެވެ.

އެގޮތުން ޕާޓީގެ ރައީސް އާއި ނައިބު ރައީސް ކަމާއި ސެކަރަޓަރީ ޖެނަރަލް ކަމުގެ މަގާމު ހުސްކުރުމަށްފަހު އަވަސް ގޮތެއްގައި ރިޔާސީ ޕްރައިމަރީއެއް ބާއްވާފައިވަނީ އޮޅުވާލުމުގެ ބޭނުމުގައި ކަމަށް ޑީޑީ ތުހުމަތުކުރެއްވި އެވެ. އިންތިހާބު އޮޅުވާލުމުގެ ފުރިހަމަ ބާރު ޕާޓީއަށް ތެރޭގައި އޮތްކަމަށް ވެސް އޭނާ ގަބޫލު ކުރައްވަ އެވެ.

"އިދާރީ ގޮތުން ރަނގަޅަށް ކަމެއް ކުރެވޭނެ އިންތިޒާމެއްނެތީސް އިންތިހާބާއި ބެހޭ ގަވާއިދާއި ހިލާފަށް އެންމެ ކެންޑިޑޭޓަކު ކުރިމަތި ލައްވައިގެން އޭބޭފުޅުން ބޭނުން ގޮތަކަށް އިންތިހާބުގެ ނަތީޖާ ބަދަލު ކުރެވޭނެ ހުރިހާ މަގެއް ވަނީ ކޮށްޓަވާފައި. އެއީ ސުވާލު އުފެދޭ ކަމެއް،" ޑީޑީ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އެމްޑީޕީ ޕްރައިމަރީ އިންތިހާބުގައި އޮޅުވާލާފައިވާކަމުގެ ބައެއް ވާހަކަތައް ވަނީ ފެތުރިފަ އެވެ. އެގޮތުން ބައެއް ރަށް ރަށުން ވޯޓް ލިބުނު ކަމަށް ބުނާ އަދަދަށް ވޯޓްލާން ގޮސްފައި ނުވާއިރު އެ އަދަށް މެންބަރުން ވެސް ނުތިބޭ ކަމަށް ދެކެވޭ ވާހަކަތަށް އުޅެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް