ކުއްލި މައްސަލަ ހުށަހަޅާފައި ހާޒިރެއް ނުވޭ، ކުރިއަކަށް ނުގެންދެވުނު

މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ: އޭނާ ހާޒިރުވެވަޑައިގެން ނެތުމުން އޭނާ ހުށަހެޅުއްވި ކުއްލި މައްސަލަ ކުރިއަކަށް ނުގެންދެވުނު -- ފޮޓޯ/ މަޖިލިސް

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ޖަލްސާއަަށް ހާޒިރު ނުވާތީ، މައްސަލަ ކުރިއަށް ނުގެންދެވި މަޑުޖައްސާލަން ޖެހިއްޖެއެވެ.

އެމްޑީޕީން އިއްޔެ ވަނީ މަސްވެރިންނަށް ފައިސާ ދޫނުކުރާ މައްސަލަ ބޮޑުވެފައިވާތީ، ކުއްލި މައްސަލައެއް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ މަނިކުފާނު ވަނީ އެ މައްސަލަ ހުށަހަޅަން ކުއްލި މައްސަލަ ހުށަހެޅުއްވި އަހުމަދު ދީދީއަށް ފުރުސަތު އަރުވައިފައެވެ.

އެކަމަކު، އޭރު މެންބަރު ޖަލްސާއަށް ހާޒިރުވެވަޑައިގެން ނޫޅުއްވައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް: އެ މަނިކުފާނު ނިންމެވީ އެޖެންޑާއައިގެން ކުރިއަށް ވަޑައިގަންނަވަން -- ފޮޓޯ/ މަޖިލީސް

"ކުއްލި މައްސަލަ ހުށަހެޅުއްވި މެންބަރު ވަޑައިގެން ތަޅުމުގައި ނެތީމާ މި ވަގުތު ކުއްލި މައްސަލައައިގެން ކުރިއަށް ދެވޭކަށް އަޅުގަނޑުމެންނަކަށް ނެތް،" އަބްދުއްރަޙީމް ވިދާޅުވިއެވެ.

އެހެންވެ، އެ ވަގުތު ރިޔާސަތުގައި އިންނެވި އަބްދުއްރަޙީމް ނިންމެވީ ޖަލްސާގެ އެޖެންޑާއައިގެން ކުރިއަށް ވަޑައިގަންނަވާށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް އެކަންޏެވެ.

https://sun.mv/193492

މެންބަރު ތަޅުމުގައި ހާޒިރުވެވަޑައިގެން ނެތުމުން އަހުމަދު ދީދީ ހުށަހެޅުއްވީ ސީދާ ކޮން ކުއްލި މައްސަލައެއް ކަމެއް ރިޔާސަތުން އިއުލާނެއް ނުކުރައްވައެވެ. އެކަމަކު، އެމްޑީޕީން އިއްޔެ ވަނީ މަސްވެރިންނަށް ފައިސާ ދޫނުކުރާތީ އައްޑޫގައި މިހާރު ކުރަމުން އަންނަ އިހުތިޖާޖާ ގުޅޭ ގޮތުން ކުއްލި މައްސަލައެއް ހުށަހަޅާނެކަން އިއުލާނުކޮށްފައެވެ.

އެމްޑީޕީން ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ކޮންމެހެން ވެސް ހައްލު ގެންނަންޖެހޭ ކަމަށް ބުނެފައެވެ.

comment ކޮމެންޓް