"ﷲ ތައާލާއަށްޓަކާ ވެވޭ ލޯތްބެއްނަމަ އެ ލޯބި އަބަދަށް ދެމިގެން ދާނެއެވެ."

***

"ސޮރީ.....ވަރަށް ސްކޭރީ ޓްރިޕެއް ވީމަ..." ކެނާން މާފަށް އެދުނު ކަމެއްވެސް މަދީނާ އަކަށް ހިލަން ނުވީ ސަމާލުކަން އެހެން މީހަކަށް ހުރުމުންނެވެ. ދުރުން ފެންނަމުން ދިޔައީ ކަޅު ބުޅި އިސްތަށިގަނޑެއްގެ ވެރި ދިގު ޒުވާނެކެވެ. މޫނު މަތީން ދަންނަ ފާޑު ޖަހައެވެ. ރޫފަ ހެޔޮވަރު ވެފައި ކަސްރަތީ ހަށިގަނޑެކެވެ.

" ފެޓްސޯ މީކޯ...." މަދީނާ އަށް ބުނެލެވުނީ ހައިރާންކަމާއެކުއެވެ. ކުޑަ އިރުގެ ހަނދާންތައް ސިކުނޑީގައި ކުޅެލިއެވެ. މީކާއީލް އާއި މެހެކް ތިބީ އެމީހުން ބަލައި އެއަޕޯޓަށް އައިސްފައެވެ.

***

"އެހާ ބޮޑު ކަމެއް ނޫނެއްނު.....އަލަކަށް ނޫންވިއްޔާ ދަތުރެއް ކޮށްލަނީ....މަދީނާ ފޫހިވެފައި އުޅޭތީ ހަމަ ގޮސްލީ...." އަހްމަދު ގެ ނަޒަރު ހުއްޓިފައިވީ އުރުޖުވާން އަށެވެ. ނާވިޔާގެ މައުސޫމުކަމާއި ރީތިކަން ލިބިފައި ހުއްޓަސް މެހެކް އާއި ވައްތަރު ގޮތެއް ލޯ މަތިން ހުއްޓެވެ.

" އެހެންވިއްޔާ....އުރޫޖް ހިނގާ އަވަހަށް ލަންޑަން އަށް ދާން....އަނެއްކާ ބައްޕަ އޯކޭތަ؟ހުޝަލް ވެސް ހަބަރު ނުވާތާ ދުވަސް ވެއްޖެ...." މާޒިމް ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.

އަހްމަދު ވިސްނައިދެމުން ދިޔައީ މިހާ ލަސްވުމުން ދެން ގެޔަށް ގޮސް ދަތުރު ވަރުބަލިކަން ފިލުވައިލާ ހަމަޖެހިލައިގެން ދަތުރުކުރަން ވިސްނުމަށެވެ. އުރުޖުވާން ވެސް އެވަގުތު އާފުރުވާލިތަން ފެނުމުުން މާޒިމް އަވަހަށް ބޭނުން ވީ ގެއަށް ދިއުމަށެވެ. މަދީނާ އާއި މެދު އެހާ ކަންބޮޑުނުވާން ޟަމީރު ބުނަމުން ދިޔައެވެ. ކެނާންވެސް ކޮއްކޮއާއެކު އެބަހުރި ނޫންހެއްޔެވެ؟ކެނާން އެންމެނަށްވުރެ ބޮޑަށް އަޅާލާން ދަނެއެވެ. ނަމަވެސް މާޒިމް ހުރީ އެފަދަބޮޑު ކަމެއް ނިންމިއިރު އޭނައަށް ނޭންގުމުން ހިތް ހަމަނުޖެހިފައެވެ.

" އުރުޖުވާން....ވަރަށް މަޖާ ތަ ސްވިޒަލޭންޑް....ކިހިނެއް ދިޔައީ ޓްރިޕް؟" ކާރު ދުއްވަން އިން އަހްމަދު އިނީ އުރުޖުވާން އާއި ވާހަކަ ދައްކާލަން ބޭނުންވެފައެވެ.ކުރީ ސީޓުގައި އަހްމަދު އާއި ޖެހިގެން އިނީ މާޒިމް އެވެ. ފަހަތު ސީޓުގައި އުރުޖުވާންއެވެ.

" އަލްޙަމްދްލިއްﷲ ވަރަށް މަޖާ.....އަހްމަދު ބެ ދިޔައިންތަ؟" އުރުޖުވާން ބުނެލީ ހިނިތުންވުމާއެކުގައެވެ. އުރުޖުވާން އަކީ އޭނާގެ އަމިއްލަ ދަރިފުޅު ކަމުގައިވިޔަސް އެ ކަން އުރުޖުވާންއަށް ނޭނގޭތީ ހިތަށް ފުން އަސަރު ކުރިއެވެ. ކަރު ބެދުނުހެން ހީވިއެވެ. މާޒިމް އަށްވެސް އަހްމަދުގެ އިހުސާސްތަކުގެ ކުޑަ މިންވަރެއް ދެނެގަނެވުނީ އެ މޫނުގެ ކުލަވަރު ބަދަލު ވި ގޮތުންނެވެ. އަހުމަދު ގެ މޫނު ގެ އެއްފަޅިން ބަލާއިރު އުރުޖުވާން އާއި ވައްތަރުކަންވެސް އެވަގުތު ފާހަނަގަ ކުރެވުނެވެ.

" މިހާރު އެނގިއްޖެ...." މާޒިމް އަށް ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. އެއީ އުރުޖުވާން ފެނުނީއްސުރެ އޭނާއަށް އުރުޖުވާންގެ މޫނުން ދަންނަ ވައްތަރެއް ޖަހައެވެ. މިހާރު މެހެކް އާއި ވެސް ވައްތަރު ގޮތެއް ހުރިކަން އޭނާއަށް ފާހަގަވިއެވެ. މާޒިމް އަށް ހެވުނެވެ.

" މާޒް؟" އުރުޖުވާން ކަންބޮޑުވެފައި އަހައިލިއެވެ. އަނެއްކާ މާޒިމް އަނެއްކާ ނިދީގައި ވާހަކަ ދައްކަނީ ހެއްޔެވެ؟މާޒިމްގެ ޖުމްލައާއެކު އަހްމަދު ސިހި ލޯ ބޮޑުވެފައި ކާރުގެ ބްރޭކު ޖެއްސިއެވެ. މާޒިމް އެހެން ބުނީ ކޮން ކަމެއް އެނގިގެން ބާއެވެ.

" ނޫނޭ....އެ ދެން ހަމަ މަޖާ ކަމެއް ހިތަށް އެރީ...." މާޒިމް އަށް ހިތުގައިވި އެއްޗެއް ބުނެލަން ފަސޭހައެއް ނުވުމުން ވާހަކަ އޮޅުވައިލަން މަސައްކަތްކުރިއެވެ.

މާޒްވިލާ އާއި ހަމަވީއިރު އުރުޖުވާން ކާރުގެ ދޮރުން އެ ގެއަށް ބަލައިލީ އާޝޯޚުވެފައި ހުރެއެވެ. ގޭގެ ފުރިހަމަ ކަމާއި ހައިބަތު އަދި ޝާހީކަން ބޭރުންވެސް ދައްކުވައިދެއެވެ. އެގެއަށް އާދެވުނު ފުރަތަމަ ފަހަރުކަމާއެކު މާލެއިން އާއްމުކޮށް ނުފެންނަ ފަދަ ތަނެއްކަމުން ބަލަހައްޓައިގެން އިނދެވުނީއެވެ. އޭނަ ކާރުން ފޭބި ވަގުތު ހަށިގަނޑުގެ ތެރެއަށް ވަރުގަދަ ފިނިގަނޑެއް ވަދެގެން ދިޔަހެން ހީވިއެވެ. އެއާއެކު ތަފާތުގޮތަކަށް ގައިން ހީބިހި ނެގިއެވެ. މޫނުގައިވި ހިނިތުންވުން ފަނޑުވިއެވެ. ކުއްލިއަކަށް އިހުސާސްކުރެވުނީ ނުތަނަވަސް އަދި އުނދަގޫ ކުރުވާ ކަހަލަ ގޮތެކެވެ. ކުއްލިއަކަށް ގޭގެ ދޮރު ކައިރިން މީހަކު ދުއްވައިގަތް ތަން ފެނުނެވެ. އެކަމަކު އެއީ އަސްލު ކަމެއް ނުވަތަ އަމިއްލަ އަށް ހީވި ހިވުމެއް ކަމެއް ނިންމާކަށް ނޭނގުމުން އެވާހަކަ މާޒިމް ކައިރީ ނުބުނީއެވެ.

" ހޯމް.....ސޯ މެނީ މެމޮރީސް...." ފުން ނޭވާ އެއް ދޫކޮށްލަމުން މާޒިމް އަށް ބުނެލެވުނެވެ. ފޮށި ތަކާއި އެއްޗެހި ގެޔަށް ވައްދަން އޭނައަށް އެހީތެރިވެދިނީ އަހްމަދެވެ. ޖެހިލުންވެހުރި އުރުޖުވާން ފިޔަވަޅު ތައް އަޅަމުން ދިޔައީ އެމީހުންގެ ފަހަތުންނެވެ. ސްވިޒަލޭންޑްގެ ގަދަ ފިނީގައިވެސް މިފަދަ ހީ އެއް ގަޔަށް ނުވައްދައެވެ. އަނެއްކާ ހުން އައީ ހެއްޔެވެ؟ ގެއަށް ވަންނަމުން ކިޔާ ދުޢާ ކިޔާލިއެވެ. އެއާއެކު ހީފިލާ އަރާމުވިއެވެ. ގައިގާ ހިފަހައްޓައިގެން ހުރި އެއްޗެއް ވަކިވެ ލުއިވިހެން ހެންނެވެ. އުރުޖުވާން ހުރީ ބިރުގެންފައި ނަމަވެސް ގެ ތެރެއަށް ވަނުމުން ގޭގެ ފުރިހަމަ ކަން ފެނި އަޖައިބު ވިއެވެ. ޗާނދަލިޔާ އާއި އެތަށް ބައިވަރު ބޮކިން ޒީނަތް ކޮށްފައިވީއިރު ލަކުޑި ފަރުމާކުރުންތައްވެސް އެހާ ފުރިހަމައެވެ. އެ ހުރިހާ ޒީނަތްތެރިކަމާއެކުވެސް ފަޅު ކަމެއް އިހުސާސް ކުރެވުނެވެ.

" ތިރީގައި ހުރި ގެސްޓް ރޫމް ތައްޔާރުކުރީ މާޒް މެންނަށް.....ކެނާން މެން ބުނީ މާޒް ސިޑިން އަރަން ފޫހި ވާނެ ކަމަށް އެހެންވެ....ސަބީހާއްތަ ވެސް އޭރު ބުނާނެ މާޒިމް އުޅޭނީ އަބަދުވެސް މިގޭގަ ބީރައްޓެއްސެއް ހެންނޭ...." އަހަމަދް ވާހަކަ ދެއްކީ މާޒިމް ގެ ކޮނޑުގައި ޖަހައިލަމުންނެވެ. ކުރީގެ ހަނދާންތައް އޭނާއަށް މިހާރުވެސް ލޯމަތިން ތަސައްވަރުކުރެވެއެވެ.

"މާމަ ދަންނަންތަ؟." އުރުޖުވާންގެ ލޯ ވިދައިލިއެވެ. އަހްމަދަށް ސަބީހާ އެނގުމުން އެކަމާއި އުރުޖުވާން އަޖައިބުވެ އުފާވެސްވިއެވެ. އަހުމަދު ކައިރިން މާމަގެ މާޒީ އަހައިލުމަށްވެސް އެހާ ޝައުގުވެރިވިއެވެ.

"ސޮރީ އެ ވާހަކަ ދެއްކުނީމަ...ސަބީހާއްތައަކީ ވަރަށް ހިތްހެޔޮ މީހެއް..." އަހްމަދު ދެރަވީ އަނެއްކާ ސަބީހާ ގެ މަތީން ހަނދާންކޮށް ދިނުމުން އުރުޖުވާން އަށް އުނދަގޫ ވީ ކަމަށް ހީކޮށްފައެވެ.

"ނޫނޭ...އެއީ މައްސަލައެއް ނޫން....އަހްމަދު ބެ އަށް ވަގުތު ވީމަ ކިޔައިދެއްޗޭ މާމަ ގެ ވާހަކަތައް...." އުރުޖުވާން އަވަސް ވެގަތީ މާޒިމް ފަހަތުން ދިއުމަށެވެ. އަނގައިން ބުނުމެއް ނެތި މާޒިމް ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. އަހްމަދު ހީލަމުން ބޯ ޖަހައިލީ އެ ދެމަފިރިން ދާތަން ބަލަން ހުރެއެވެ. ގުޅޭ ޖޯޑެކެވެ. ހިތަށް ފިނި ކަމެއް ލިބުނެވެ. ދެރަވަނީ އޭނާ އަށް އުރުޖުވާން ގެ ހަޔާތައް ތަންކޮޅެއް ކުރިން ނާދެވުމުންނެވެ.

"ހާދަ ކުއްލިއަކަށް....މާޒް އޯކޭތަ؟" އުރުޖުވާން އަހައިލީ ކޮޓަރިޔަށް ވަދެއެވެ. އެއިރުވެސް މާޒިމް ހުރީ ފަސް އެނބުރިގެންނެވެ. ޖަވާބެއް ނުދިނުމުން މާޒިމް ގެ ކޮނޑުގައި ކޮށްޓާލަމުން އުރުޖުވާން އަހައިލިއެވެ. ސިއްސައިގެން ދިޔަ މާޒިމް އެނބުރުނެވެ. އުރުޖުވާން ވެސް ބިރުގަތެވެ.

"އުރޫޖް...." މާޒިމް އަށް ބުނެލެވުނެވެ. ހީވި ކުރިން ދެއްކި އެއްވެސް ވާހަކައެއް އަޑު ނީވޭ ކަމެވެ.

" އަހަމަދްބެ މިހިރީ މިތަން ހަނީމޫން ސޫޓް އަކަށް ހަދާފަތަ....ހުރިހާ ތަނެއްގަ މާއަޅައި ރީތި ކޮށްފަ..."އޭނަ އެތަނުން ފިނިފެންމަލެއް ނަގަމުން އުރުޖުވާން އަށް ދިއްކޮށްލިއެވެ. މަލުގައި ހިފަމުންް ރަކި ހިނިތުންވުމެއްގައި ހުރި އުރުޖުވާން އަށް ކޮޓަރި ހޯދައިލެވުނެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ހީވަނީ އާ ބެޑްރޫމް ސެޓެއް ވައްދާފައިހުރީ ހެންނެވެ. ގެއިން ފެނުނު ޝާހީ ފަރުމާކުރުންތަކާއި ތަފާތެވެ.

" ހިތްހަމަޖެހޭ.....އުރޫޖް ހުދު ކުލައިން އަބަދުވެސް ކޮޓަރި ބަހައްޓާތީވެ ޑިޒައިން ބަދަލުކޮށްފަ މިހިރީ.....މީ ހަމަ ލާސްޓް މިނިޓް ވީމަ ކުޑަކޮށް ކުލަ ވަހެއްވެސް އެބަހުރި ދޯ..."މާޒިމް އަލަމާރިން ތުވާލި ނެގިއެވެ. އުރުޖުވާން އަވަސް ވެގަތީ މާޒިމް ގެ ހެދުމާއި އެއްޗިހި ތައްޔާރުކޮށްލުމަށެވެ.

" އުރޫޖް ބޭނުމިއްޔާ ކުރީން ދިޔަޔަސް އޯކޭ.....މިރޭ ވަރަށް ޓަޔަޑް ވެއްޖެ ގެޔަށް އައީމަ.....އަނެއްކާ ހުން އަންނަނީ ކަންނޭނގޭ..." މާޒިމްގެ އަޑުގައިވީ ވަރުބަލިކަމެވެ. އުރުޖުވާން ބޭނުންވީ މާޒިމް ފުރަތަމަ ތާޒާ ވެލައިގެން އައުމަށެވެ. އޭރުން ފޮށިގައި ހުރި ސާމާނުތަކާއި އެއްޗިހިވެސް ނަގައި ކޮޓަރި ރަމަތަކޮށް ނިދަން ތައްޔާރުކުރެވޭނެއެވެ. މާޒިމް ފާޚާނާއަށް ވަނުމުން އޭނަ މަސައްކަތް ފެށިއެވެ. އެނދު މަތީގައި ހުރި މާތައް ނެގިއިރު އެނދު ހެލިލިހެން ހީވިއެވެ.

"އަނެއްކާ ބޯ ގުޑާފަތަ؟" ހިތާ ހިތުން ކިޔައިލެވުނެވެ. އެހާ ބޮޑުކަމަށް އެކަން ނަހަދައި ސާފުކުރަމުންދިޔައެވެ. ސީލިންގް މަތީން ބާރު ފިޔަވަޅުތަކެއްގެ އަޑު ކިއެވެ. އުރުޖުވާން ގެ ހިތަށް ބިރުވެރިކަން ވަނީ ދެނެވެ. އަވަހަށް އާޔާތުލް ކުރިސި ކިޔައި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔާލެވުނެވެ. ބިރުގެންފައި ހުރި ވަރުން މާޒިްމ ފާޚާނާއިން ނިކުތް ކަމެއްވެސް ރޭކާ ނުލައެވެ.

" ޕޮއް...." އުރުޖުވާން ގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. މާޒިމް ހީހީ ހަލާކުވާ ވަރުވިއެވެ. ހަނދާނަށް އައީ ސްވިޒަލޭންޑްގެ ހާދިސާއެކެވެ. އުރުޖުވާން ކަންބޮޑުވެފައި ހުރުމުން މާޒިމް ހުނުން ކޮންޓްރޯލްކުރިއެވެ.

" ދެންމެ ސީލިން މަތީން އެއްޗެއް ދުވި އަޑު އިވުނު...މާޒް އަށް އަޑު އިވުނުތަ؟" އުރުޖުވާން ހުރީ ނިތުން ވެސް ދާހިތްލާފައެވެ.

"އެއީ ވާނީ އަހްމަދުބެ ކަމަށް....މަތި ފްލޯ އިން ކީ އަޑަކަށް ވެސް ވެދާނެ....ގޯ އެންޑް ފްރެޝެން އަޕް....އުރޫޖް ވެސް ވަރަށް ވަރުބަލިވެފައި ހުންނާނީ މިހާރު..." މާޒިމް ތެތް އިސްތަށިގަނޑުގައި ހުރި ފެންތިކި އުރުޖުވާން ގެ މޫނަށް ބުރުވަމުން ބުނެލީ ނުސިޔާނު ކަމާއެކުއެވެ.

އުރުޖުވާން އަށް މާޒިމް ދިން ޖަވާބުން ތަސައްލީ އެއް ނުލިބުނެއް ކަމަކު އަވަހަށް ނިދަން ތައްޔާރުވެލަން ބޭނުންވިއެވެ. އެފަދަ އަޑެއް މަތީ ފަންގިފިލާއަކުން ކިޔާފާނެ ކަމަށް ގަބޫލު ނުކުރެވުނީއެވެ. އެހާ ބާރަށް ސާފުކޮށް އަޑު އިވުމުންނެވެ. ފާހާނާ އަށް ވަނުމުން އެ ޚިޔާލުތަކާއި ދުރުވެވުނެވެ. ފާޚާނާވެސް ހިވަނީ ބޮޑު ކޮޓަރިއެއް ހެންނެވެ. ސާފު ވެފައި އެހާ ޒަމާނީއެވެ. ބޮޑު ބިލިގާއަކާއި އިސްކޮޅަށްވުރެ ބޮޑު ލޯގަނޑެކެވެ. އޭގެ ކުރިމަތީ ހުއްޓި ހުރުމަށް ވެސް އޭނަ ލަދު ގަތެވެ. ފެންވަރަން ވަންނަން ޚާއްސަ ކޮށްފައިވާ ބައި ހުރީ ބިއްލޫރި ދޮރަކުން ވަކިކޮށްފައެވެ. އޭނަ ޝަވަރު ޖައްސާލުމާއެކުަ އައީ ކެކިކެކި ހުރި ހޫނު ފެނެވެ. އުރުޖުވާން ތަންކޮޅެއް ދުރުގައި ހުރެވުނީ އޭނަގެ ނަސީބެވެ. ގަޔަށް އެޅުނުނަމަ އޭނަ ފިހޭނެކަން ޔަގީނެވެ. ފެން ތިކިތައް ބުރައިގެން ދިޔުމުން އެ ހޫނު ކަން ކުޑަކޮށް އިހުސާސް ކުރެވުން ފިޔަވާ އިތުރު ކަމެއް ނުވިއެވެ. އޭރު މުޅި ބިއްލޫރި ގަނޑުވެސް ވަނީ ފުސްވެފައެވެ. އިސްކުރު އަނބުރާލަމުން ފެނުގެ ހޫނު މިން މަޑޫކޮށްލިއެވެ. ފެންވެރި ގަޑީގައިވެސް ބިއްލޫރި ދޮރު ފުސް ވެފަައި ވުމުން އެހާ ސާފުކޮށް ބޭރު ނުފެނެއެވެ. ކޮންމެވެސް މީހަކު ޓަކި ޖެހިހެން ހީވިއެވެ.

"މާޒް؟" އުރުޖުވާން ގޮވައިލީ ތަންކޮޅެއް ބާރަށެވެ. ހިތްހަމަނުޖެހިފައެވެ. އޭނަ ހީކުރީ މާޒް ސަކާރާތް ޖަހަނީ ކަމަށެވެ. ފުސް ވެފައި ހުރި ބިއްލޫރިގަނޑުގެ ބޭރުން ދިގު ހިޔަންޏެއް ފެނުނެވެ. މާޒިމްއަށް ލަނޑެއް ދޭން ހިތާހިތުން ރާވައިލަމުން ހިނިތުންވެލިއެވެ.

" ދެން ބޭރަށް ނިކުމެބަލަ.....އެހެން ނޫނީ ފެން ޖަހާނީ...." އުރުޖުވާން ފެން މާގަނޑު އަތަށް ލަމުން ބިއްލޫރި ދޮރު ކައްސައިލިއެވެ. ބޯ ދިއްކޮށްލައި ބަލައިލިއިރު އެއްވެސް މީހަކު ފެންނާން ނެތެވެ.

" ފިލީ ދޯ..." އުރުޖުވާން ތުން ވަށްކޮށްލިއެވެ. ފެން ޖަހާފާނެތީ ބިރުން އަވަހަށް ނިކުތީ ކަމަށް ހީކޮށް އުރުޖުވާން ތައްޔާރުވެލައިގެން ނިކުތެވެ. ނަމަވެސް ފާޚާނާ ދޮރު ހުރީ ހަމަ އެތެރެއިން ތަޅުލިގޮތަށެވެ. އޭނަ ކުއްލިއަކަށް ސިހޭ ލޯ ބޮޑުވިއެވެ. މާޒްވިލާގެ ދޮރުން ވަނީއްސުރެން އާދަޔާޚިލާފް ކަންތައްތަކެއް އިހުސާސްކުރެވޭކަން ފާހަނގަވަމުން ދިޔައެވެ. އަވަހަށް ނިކުންނަން ހަދައިގެން އުރުޖުވާން ކައްސާނުލީވެސް ކިރިޔާއެވެ. ފާޚާނާއިން ނިކުމެ ވަށައިގެން ހޯދައިލިއިރު މާޒިމް އޮތީ އެނދުގައެވެ. ގަދަ ނިދީގައެވެ. ބޮކިތައް ނިއްވާލާފައި ހުރުމުން ވެރިވެފައިވަނީ ހަމަ އެކަނި އެނދުކައިރީގައި ހުރި ބައްތީގެ ފަނޑު އަލިކަމެވެ. އޭނަގެ އަމިއްލަ ހިޔަނި ފެނުމުންވެސް ބިރުގަންނާންފެށިއެވެ. މާޒިމް އަށް ގޮވާލަން ހިތަށް އަރާފައިވެސް ފަސް ޖެހެވުނެވެ. އެހާ ދިގު ދަތުރަކަށްފަހު އަރާމު ނިންޖެއްގައި އޮތްވާ އުދަގޫކުރާކަށް ނުވާނެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު