މޯލްޑިވްސް ފުޑް ކާނިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން: މޯލްޑިވްސް ފުޑް ކާނިވަލްގެ އެކްސްކުލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު --- ފޮޓޯ/ ދިރާގު

މޯލްޑިވްސް ފުޑް ކާނިވަލްގެ އެކްސްކުލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ.

އެކުންފުނިން ބުނީ، މޯލްޑިވްސް ފުޑް ކާނިވަލްގެ ފަސް ދުވަހުގެ ކުލަގަދަ ފެސްޓިވަލްއަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި މިއީ މި ކާނިވަލްގެ ދެވަނަ އެޑިޝަން ކަމަށެވެ.

އަންނަ މަހުގެ ތިނަކުން ހަތް ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ހަރަކާތުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތައް ފެންނާނެއެވެ. އަދި، ތަފާތު ގޭމްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް މި ފެސްޓިވަލުން ފެންނާނެއެވެ.

ދިރާގުން ބުނީ، މި އިވެންޓުން ކުދި ވިޔަފާރިތަކާއި މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކުގެ އިތުރުން ދިވެހި ހޯމް ބޭސްޑް ވިޔަފާރިތައް އެއްތަނަކަށް ގެނެސް، އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސްގެ މެނޭޖަރު ޖައިޝަން ހަމީދު ވިދާޅުވީ، މިއަަހަރުވެސް ފުޑް ކާނިވަލްގެ ޕާޓްނަރަކަށްވެ، އާންމުންނާ ހަމައަށް ގެނެސްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ކާނިވަލްގައި ދިވެހި އަދި ބައިނަލްއަގުވާމީ ތަފާތު ކާބޯތަކެތީގެ އިތުރުން އާޓްސް އެންޑް ކްރާފްޓް. ކުޅިވަރު އަދި މުނިފޫހިފިލުވުމުގެ ސްޓޯލްތައް ހިމެނިގެންދާނެ. މިއީ އާއިލާއާއި ރައްޓެހިންނާއެކު ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއް،" އޭނާ ވިދާޅުވިއެވެ.

ދިރާގުން ބުނީ، އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭ ފަދަ ތަފާތު އިޖްތިމާއީ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް