ޑުރަގު ބޭރުކުރަން އެހީތެރިވި ކަމަށް ތުހުމަތުވާ އެއާޕޯޓު މުވައްޒަފަކު ޝަރުތުތަކަކާ އެކު ދޫކޮށްލައިފި

ވީއައިއޭ: ޑުރަގު ބޭރުކުރަން އެހީވި ކަމަށް ތުހުމަތުކުރެވޭ މުވައްޒަފަކު ވަނީ ކޯޓުން ދޫކޮށްލާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މަސްތުވާތަކެތި ޓްރެފިކްކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައި ހުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މަސައްކަތްކުރި މުވައްޒަފަކު ޝަރުތުތަކާ އެކު އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

އުސޫލުން ބޭރުން ވީއައިއޭއިން ބޭރުކުރަން އުޅުނު ލަގެޖުތަކެއްގައި މަސްތުވާތަކެތި ހުރެގެން ޕާކިސްތާނު މީހަކާ އެކު އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގައި މަސައްކަތްކުރާ ދެ މުވައްޒަފުން ހައްޔަރުކުރީ މާޗު 15 ގައެވެ.

އެ މައްސަލައިގައި ތުހުމަތުވާ އެމްއޭސީއެލްގެ ސީނިއާ މުވައްޒަފު ވެސް ކޯޓަށް ހާޒިރުކުރުމުން އޭރު ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލައިފައެވެ.

https://sun.mv/190639

އެ މައްސަލައިގައި ހިމެނޭ އެމްއޭސީއެލްގެ ދެވަނަ މުވައްޒަފުގެ ބަންދުގެ މުއްދަތު ހަމަވެގެން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ އެ މީހާ ވެސް ޝަރުތުތަކަކާ އެކު ދޫކޮށްލަން އަމުރުކޮށްފައެވެ.

އެ ކޯޓު އަމުރުގައިވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަކީ މީގެ ކުރިން އެއްވެސް ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިނުވާ މީހެއްކަން ފާހަގަކޮށްފައެވެ. އަދި، އެ މީހާގެ އެއްވެސް ކުށުގެ ރިކޯޑެއް ވެސް ނެތް ކަމަށް އަމުރުގައި ވެއެވެ.

އެކަމަކު، އެ މީހާ ޑުރަގު ބޭރުކުރަން އެހީވި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާކަން އަމުރުގައިވަނީ ފާހަގަކޮށްފައެވެ.

އެ މީހާގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ހުރި ލަގެޖެއް އުސޫލުން ބޭރުން އެއާޕޯޓުން ބޭރުކުރަން އުޅުނުކަމުގެ ތުހުމަތެވެ. އެހެންވެ، ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުން އަދި ޖަދުވަލު1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ތުހުމަތުވަނީ ކޮށްފައެވެ.

އެ މީހާ މިހާރު އެއާޕޯޓުގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކޯޓުގައި ބުނެފައިވުމުން ކޯޓުން ވަނީ ޝަރުތުތަކެއް ކުރުމަށް ފަހު އޭނާ ދޫކޮށްލައިފައެވެ.

އެގޮތުން، މާލެއިން ބޭރަށް ދާނަމަ ލިޔުމުން ކޯޓުގެ ހުއްދައެއް ހޯދުމަށާއި މައްސަލައިގައި ހިމެނޭ އެއްވެސް ހެއްކަކާ އެއްވެސް މުއާމަލާތެއް ނުކުރަން އަދި، އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވާން ވަނީ ޝަރުތުކޮށްފައެވެ.

މިދިޔަ މާޗު މަހު ހިނގި މި ހާދިސާފައި ވީއައިއޭއިން ބޭރުކުރަން އުޅުނު ލަގެޖުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއާއި މެތުގެ 4.5 ކިލޯއަށްވުރެ ގިނަ ޑުރަގު ވަނީ ފެނިފައެވެ.

comment ކޮމެންޓް