މަސްވެރިންގެ މުޒާހަރާ: ކޯސްޓް ގާޑުގައި ޖެއްސި މައްސަލަ ބަލަނީ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން: ކޯސްޓް ގާޑުގައި ދޯނިތަކެއް ޖެއްސި މައްސަލަ ފުލުހުން އަންނަނީ ބަލަމުން --

މިދިޔަ ބުދަ ދުވަހު މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން މާލޭ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ކޯސްޓް ގާޑުގައި ދޯނިތަކުން ޖެއްސި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން މަސްވެރިންގެ އިހުތިޖާޖުކުރަން ފެށީ ކިރާ މަހަށް ފައިސާ ނުލިބޭތީއާއި ލޭނު މަސްވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެ އިހުތިޖާޖުގައި ބައިވެރިވި މަސް ދޯނިތައް މާލޭ އެއް ނަންބަރު ފާލަމާ ދިމާއަށް ވަންނަން އުޅުމުން ފުލުހުންނާއި ސިފައިން ވަނީ އެ ދޯނިތަކަށް ހުރަސް އަޅަން މަސައްކަތްކޮށްފައެވެ.

އެކަމަކު، މަސް ދޯނިތަކުން ވަނީ މަޑުނުކޮށް ފަޅަށް ވަދެފައެވެ. ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ބައެއް ދޯނިތަކުން ކޯސްޓް ގާޑުގައާއި ފުލުހުންގެ ލޯންޗުތަކުގައި ޖައްސާތަން ވެސް އެ ދުވަހުގެ ވީޑިއޯތަކުން ފެނެއެވެ.

އެ ކަމާ ގުޅިގެން ބައެއް މީހުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކުރާނެތޯ ފުލުހުންގެ މީޑިއާ އޮފިޝަލާ ސުވާލުކުރުމުން މިއަދު އޭނާ 'ސަން'އަށް ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން: ބައެއް ދޯނިތަކުން ވަނީ ކޯސްޓް ގާޑުގައި ޖައްސާފައި --

އެކަމަކު، އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުންނެއް ނުދެއެވެ.

ބުދަ ދުވަހުގެ އިހުތިޖާޖުގައި 35 މަސް ދޯނި ބައިވެރިވިއިރު، އެ ދޯނިތަކުން ވަނީ އެއް ނަންބަރު ޖެޓީއަށް ވަދެ އެ ތަނުގައި އިހުތިޖާޖު ކުރިއަށް ގެންގޮސްފައެވެ. އެ މީހުން އިހުތިޖާޖު ހުއްޓައިލީ މަސްވެރިންނަށް ދޫކުރާ ޑީސެލްގެ އަގު ހެޔޮކުރުމުންނެވެ.

https://sun.mv/193163

މީގެ އިތުރުން، ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވަނީ މަސްވެރިންނަށް ނުދެވި އޮތް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ އިއްޔެގެ ނިޔަލަށް މަސްވެރިންނަށް ދޫކުރާނެ ކަމަށް ބުނެފައެވެ.

އެ ކުންފުނިން ބުނީ، މަސްވެރިންނަށް ނުދެވި ހުރި ފައިސާ އެއްކޮށް ދައްކައި ޚަލާސްކުރަން ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިފްކޯއިން މިހާރު 20 ރުފިޔާއަށް މަސް ގަންނަނީ ސަރުކާރުންދޭ ސަބްސިޑީގެ އެހީތެރިކަމާ އެކުއެވެ.

ކުރީ ސަރުކާރުގެ ފަހުކޮޅު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ 25 ރުފިޔާއަށް މަސް ގަންނަން ނިންމައިފައެވެ. އެކަމަކު، އޭރު ބޮޑު އަގުގައި މަސް ގަންނަމުން އައި ގެއްލުމުގައި ކަމަށާއި ބޮޑު އަގުގައި ގަތް މަހަށް އޭރުގެ ސަރުކާރުން ފައިސާ ދޫނުކުރާ ކަމަށް މި ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.

އެންމެ ގިނަވެގެން ދެ ދުވަސްތެރޭގައި މަސްވެރިން ކިރާ މަހަށް ފައިސާ ޖަމާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މަސްވެރިންގެ މުޒާހަރާ ތެރެއިން -- ފޮޓޯ/ އެކްސް

އެކަމަކު، މަސްވެރިންނާ ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބުދަ ދުވަހު ވިދާޅުވީ، މަސްވެރިންނަށް ސަރުކާރުންވީ ވައުދުތައް ފުއްދޭނީ އިގުތިސާދީ ހާލަތު ރަނގަޅުވުމުން ކަމަށެވެ. އަދި، މިފްކޯ މިހާރު އޮތީ ކަންނެލި މަސްވެރިން އަތުން މަސް ގަނެވޭ ހާލަތުގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވެސް މަސްވެރިންނަށް ނުދެވި 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތެވެ.

ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް މަސްވެރިންނަށް 850 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

comment ކޮމެންޓް