"އަރަފާތް ދުވަހަކީ ދީނުގައި ޚާއްސަ ދުވަހެކެވެ. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް އަރަފާތު ފަރުބަދައިގާ ހުންނަވާ އެންމެ ފަހު ޚުތުބާ ވިދާޅުވި ދުވަސްވެސްމެއެވެ.ގިނަ ބަޔަކު ނަރަކައިން މުއްތިކުރެވޭ އެންމެ މާތް ދުވަސްކަމަށްވާ އަރަފާތް ދުވަހުގެ އެންމެ މަތިވެރި ދުއާއަކީ މިއީއެވެ.لَا إِلَهَ إِلَّا اللهُ ، وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وهُوَ عَلَى كُلِّ شَيْءٍ قَدِيرٌ"މިއީ ތައުބާވެ ފާފަ ފުއްސެވުމަށް އެދި އާ ފެށުމަކުން ދިރިއުޅުން ފަށަން އަޒުމް ކަނޑައަޅަންވީ ދުވަހެކެވެ.

***

އަލްބާން އަވަހަށް ގެއިން ނިކުމެގެން ދާން އުޅުނު ވަގުތުގައި ބަގީޗާގައި މީހަކު އުޅޭ ކަމުގެ ހިލަންވެ ބަލައިލަން ދެވުނެވެ. ކުޑަ ކުޑަ ބުޅަލެކެވެ. ބާބިލް އިނީ ކާއެއްޗިހި ހިފައިގެން އައިސް އެސޮރަށް ކާންދޭށެވެ.

"ތިއީ ޖިންނި އަކަށް ވެސް ވެދާނެ...." އަލްބާން ބޭނުންވީ ބާބިލް އާއި ވާހަކަ ދައްކާލުމަށެވެ. އެ މަންޒަރު ފެނުމުން އަލްބާން ގެ ހިތަށް ތަސައްލީ އެއް ލިބުނީއެވެ. ބާބިލް ގެ އޯގާތެރިކަމާއި އަޅާލުން ފެނިއެވެ. އެހާ ސާފު ހިތަކަށް ގެއްލުމެއް ދިނުމަށް ކެރޭނީ ހާދަ ނުލަފާ މީހަކަށެވެ.

" ޕިސް ބާބް ބިރެއް ނުގަނޭ.....އިންސާނުންގެ ތެރެއިން ވާ ޝައިތާނުން މާ ބިރުވެރި ވާނެ....." ބާބިލް ގެ ހިތުގެ ރިހުން ފާޅުކުރެވުނީ ފަހު ޖުމްލައިންނެވެ. މިރޭ އޭނާ ކުރިމަތިލާން ޖެހޭ ފަދަ އިމްތިހާނާއި މެދު ވިސްނިފައެވެ.

***

މުރުތަސިމް ހޮސްޕިޓަލުން ނިކުމެ އެކަނި ވެލައި އަމިއްލަ ހަޔާތާއި މެދު ވަރަށް ވިސްނާލިއެވެ. އެލީޒީ އާއި ދޭތެރޭގައި ކަން ކުރެވުނީ އެންމެ ރަނގަޅަށް ނޫން ކަން ގަބޫލުކުރެވުނެވެ. ނަމަވެސް ކަން ނިމިގެން ދިޔައީ އެންމެ ރަނގަޅު ގޮތެއްގައި ކަން އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. މުރުތަސިމް ގެ ޚިޔާލުގައި ހުރީ އާ ދިރިއުޅުމެއް ފެށުމަށެވެ. އަހެދް އަކީ އޭނާ އަށް އެންމެ ރަނގަޅު މުސްތަގްބަލުކަން ވިސްނުނެވެ. އަހެދް ގެ ޖަވާބެއް ލިބުނު ހާ އަވަހަކަށް އައްޒަހްރާ އާއި ހަމަޔަށް ދާނެ ކަމަށް އޭނާ ވަނީ ކުރީން ވެސް އައްޒަހްރާ ކައިރި ބުނެފައެވެ. މިއަދު ކަންތައް ދިމާވިގޮތުން އަހެދް ގެ ޖަވާބެއް ނޭގުނު ކަމުގައި ވިޔަސް ގެއަށް ގޮސް އެ ޖަވާބު ހޯދުމަށް ހިތް ކެތްމަދުވިއެވެ.

އަހެދް އަށް ނަމާދުގައި ޚުޝޫއަތްތެރިކަމާއެކު ހުރުމަށް ދަތި ކުރުވީ މުރުތަސިމް ގެ ޚިޔާލުތަކުންނެވެ. މުރުތަސިމް އަށް މެސެޖެއް ކުރުމަށް ހިތް ނޭދުނީވެސް އަހެދް މިއަދު އޭނާގެ އިންތިޒާރުގައި ހުރިކަން ނޭންގުމަށެވެ. އިންތިޒާރުގައި ހުރެވޭތީވެސް މޮޔަ ހިތަށް އަރައެވެ. ނަމަވެސް މުރުތަސިމް ގެ މެސެޖެއް އަންނަތޯ ފޯނުގެ ސްކީރަނށް ބަލަހައްޓައިގެން ހުރެވެނީއެވެ. މިއަދު ބޭރަށް ވެސް އެހާ ގިނައިން ނުނިކުމެ އުޅެންޏާ އެންމެނަށް ކަމެއް ވެގެން އުޅޭ ފަދަ އިހުސާސެއް ވެދާނެތީ ތައްޔާރުވެލީ ނިކުތުމަށެވެ. ފައި ކުރިޔަށް ފުޅާ ކަޅު ޖީންސް އަކާއި އަތް ކުރު ގަޔަށް ހެޔޮވަރުގެ މަޑު ފިޔާތޮށި ކުލައިގެ ޓީޝާޓުގައި ހުރި އިރު ހީވަނީ ބޭރު މޮޑެލް އެއް ހެންނެވެ. ލޯގަނޑު ކުރިމަތީ ފަރި ބަލައިލަން ހުރެ ހިތާހިތުން އަމިއްލަ ސޫރައަށް ތަޢުރީފްކުރެވެއެވެ.

" އައި ވިޝް އައި ކޭން ގޯ އައުޓް ލައިކް ދިސް....." ތުންފަތުގައި ލިޕްގްލޮސް ކޮޅެއް ހާކާލަމުން ހިތާހިތުން ކިޔާލިއެވެ. އެކަމަކުަ ބޮޑު ބުރުގާ އަޅައި އެ ރީތިކަން ފޮރުވާލިއެވެ. އަދި މޫނު ފޮތިކޮޅުވެސް އަޅާލީ ފުން ނޭވާ އެއް ދޫކޮށްލަމުން ފޫހިވެފައި ހުރެއެވެ.

" ކަނބުލޮ...ނުވެސް ފެނޭ މިއަދު.....ބަލީތަ؟" އަހެދް ކޮޓަރީން ނިކުތް އިރު އައްޒަހްރާ އާއި ދިމާވިއެވެ.

"ނޫނޭ....މިއަދު ހަމަ ރެސްޓެއް ނަގާލީ....ހަވީރުވެސް ނިކުމެލިން....ޒަހްރާއްތަ އާއި ދިމާ ނުވަނީ...." އަހެދް ވަރަށް ހެވިފައި ބުނެލިއެވެ. އާދަޔާޚިލާފަށް އެ އަޑު ތޫލިކޮށްފައެވެ. ޒަހްރާ ވެސް ނަމާދުކުރުމަށް ދަނީ ކަމަށް ބުނެ ދާން ހިނގައިގަތެވެ.އެ ހިނގުމުގައި އުނދަގޫ ކަމެއް ހުރިކަން އަހެދް އަށް ފާހަގަ ވި ނަމަވެސް އަހާލަން ބޭނުން ނުވިއެވެ. ބޭނުންވީ އޭނާގެ ކުރިމަތިން އައްޒަހްރާ އަވަހަށް ދިއުމަށެވެ. މިއަދު ކަންދިމާވިގޮތުން އެއްވެސް މީހަކާއި ވާހަކަ ދައްކާނެ މޫޑެއް ނެތެވެ.

އަހެދް ބަދިގެ އާއި ދިމާއަށް ހިނގައިގަތް ވަގުތު ގޭގެ ބެލް އަޅާލި އަޑު އިވުނެވެ. އެއްވެސް މީހަކު ފެންނާން ނެތުމުން އަހެދް ދޮރުހުޅުވާލިއެވެ.

" އަ...އަ..އަހެދް.." މުރުތަސިމް އަށް ގޮވައިލެވުނީ ޖެހިލުންވެފައި ހުރެއެވެ. އަހެދް ގެ ލޯ ބޮޑުކޮށްލެވުނީ ހައިރާން ކަމާއެކުއެވެ. އޭނާގެ މޫނު މަތީން ހާސްވެފައި ހުރިކަން ފެންނާން ހުއްޓެވެ. ވަރުބަލިކަމާއި އެކު ހިނިތުންވެލީއެވެ. އަހެދް ލޯބޮޑުކޮށްލެވުނީ ހައިރާން ކަމާއެކުގައެވެ. ލަދުވެސްގަތެވެ. އެ ދޮރު ހުޅުވުނު ކަމާއި މެދުވެސް ރުޅި ގަދަވިއެވެ. މަސްހުނި އިހުސާސްތަކެވެ. މުރުތަސިމް އަށް އިތުރަށް އެއްޗެއް ނުބުނެވެނީސް އަހެދް އަވަސް ހިނގުމުގައި ބަދިގެ އާއި ދިމާއަށް ދިޔައެވެ. އަހެދް ގެ ފޯނަށް އެވަގުތު މެސެޖެއް ވެސް އައެވެ. މުރުތަސިމް ގެ މެސެޖެކެވެ. ކިޔާލަން ބޭނުންވިޔަސް އެހާ އަވަހަށް ސަމާލުކަން ދިނުމަށް އަހެދް ބޭނުމެއް ނުވިއެވެ. ބަދިގޭގައި ބާބިލް ތަށި ދޮންނަން ހުރި އިރު އަހެދް ވަދެގެން އައީ ރުޅިން އަނދަމުންނެވެ.

"ބެލް ޖެހި އަޑެއް ނީވޭތަ؟" އަހެދް ގެ ރުޅި ބޭލީ ބާބިލް އަށެވެ.

"ބާބް ދިޔައިރު....އަހެދް ހުޅުވައިފި....ކޯޗެއް ތައްޔާރުކޮށްލަ ދޭންވީ....ކޮފީ އެއް؟..." ބާބިލް ވާހަކަ ދެއްކީ އެކުވެރިކަމާއެކުއެވެ. ނަމަވެސް އަހެދް އައި ރުޅިގައި ޖަވާބެއްވެސް ދިނުމެއް ނެތި ކޮޓަރިއަށް ދިޔައެވ. ބާބިލް ހުރީ ވާނުވާ ނޭނގިފައެވެ. އަނެއްކާ ބާބިލް އަށް ކަމެއް ކުރެވުނީ ބާއޭ ހިތާ ހިތުން ސުވާލުވެސް ކުރެވުނެވެ. އަހެދް ކުދި ކިޔަމުން ދިޔަ އިރު އެ ކޮޓަރީގެ ދޮރު ކައިރީ މުރުތަސިމް ހުއްޓި ހުރިއެވެ. ހީވީ އޭނާގެ އިންތިޒާރުގައި ހުރީ ހެންނެވެ.

" ބަރާބަރު އެއް...މިނެޓް...." މުރުތަސިމް ކިޔާލިއެވެ. ދެންމެ ފެނުނު ވަރުބަލިކަމެއް އެ މޫނުގައި ނެތެވެ. ތާޒާ ހިނިތުންވުމެއް ވިއެވެ. އެ ތަފާތު ފެނި އަހެދް ބިރުވެސް ގަތެވެ. އަނެއްކާ އެއީ ޖިންނިއެއް ބާއޭ ވެސް ސުވާލު އުފެދުނެވެ.

"ތިބުނީ...." އަހެދް އަހައިލީ ނޫންގޮތަކަށެވެ. އަދި ދެއަތް ދެއަތާ މޮޑެލެވުނެވެ.

" މިބުނީ...މި ދޮރު ކައިރީ މަޑުކޮށްލިތާ....އަހެދް މިއަދު ބަގީޗާގަ އެއް ގަޑި އިރުވިއެއް ނު...." މުރުތަސިމް ސުވާލުކޮށްލީ ވަރަށް ހެވިފައި ހުރެއެވެ. އަދި އަހެދް އަސްލު ބަގީޗާ އަށް އައި ކަމެއްވެސް ނޭނގި އެގޮތައް ބުނެލީ ޔަގީންކޮށްލުމަށެވެ.

" ސިމް އަށް ވަރަށް މަޖާ ދޯ....އަހަންނަށް މީ ގޭމެއް ނޫނޭ...." ބޭއިޚުތިޔާރުގައި ހިތުގައި އޮތް ވާހަކަ ބުނެލެވުނީ ރުޅީން ނެވެ.

"ޔޫ ކޭމް؟އައިމް ސޮރީ....އެކުވެރިއަކު ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލަށް ދާން ޖެހުނީ...." މުރުތަސިމް ހައިރާންވިއެވެ. އަހެދް ހަގީގަތުގައިވެސް ބަގީޗާއަށް އައިސް އިންތިޒާރުކުރިކަން އެނގުމުން ދެރަވެސް ވިއެވެ. އަހެދް އެވަގުތި ކޮޓަރިއަށް ވަންނަން ދިމާ ކުރި ނަމަވެސް މުރުތަސިމް ތަން ނުދީ ހިފެހެއްޓިއެވެ.

" އޯކޭ.....ދޮރު ފާރަވެރިޔަކަށް ހުރޭ...އަހެދް ދަނީ....." އަހެދް އަވަހަށް އެނބުރި ދާން އުޅުމުން މުރުތަސިމް އޭނާގެ އަތުގައި ހިފިއެވެ. އަހެދް އަށް ގަދަ ހަދަން ވެސް ނޭނގިފައި ހުރެވުނީ ހައިރާންވީ ވަރުންނެވެ. އަތް ފިނިވިއެވެ. މުރުތަސިމް ގެ ހިނގުން ހުރީ އައްޒަހްރާގެ ކޮޓަރިއާއި ދިމާއަށެވެ. އެ މަންޒަރު ޖޫރީ އާއި ދަނީން އަށް ވެސް ފެނުނެވެ.

" ސިމް.....މޮޔަވީތަ؟" އަހެދް އަށް ރޭކާލީ މުރުތަސިމް އައްޒަހްރާގެ ކޮޓަރީގައި ޓަކި ޖަހާލުމުންނެވެ. އައްޒަހްރާ ކޮޓަރީ ދޮރު ހުޅުވާލުމުން މުރުތަސިމް އަހެދް ގެ އަތުން ވީއްލިއެވެ. އަހެދް ހުރީ ލޯ ބޮޑުވެ ގަނޑުވެފައެވެ. މުރުތަސިމް ކުރަން އުޅޭ ކަމެެއް ނަގައިގަންނަންވެސް ނޭގުނެވެ.

" އަވަހަށް ވަދޭ...." އައްޒަހްރާ ހީވީ އެ ދެމީހުންގެ އިންތިޒާރުގައި ހުރީހެންނެވެ. އަހެދް ލުއި ފިޔަވަޅުތަކުގައި އެ ކޮޓަރިއަށް ވަނެވެ. އަދި ސޯފާގައި އިށީނުމަށް އައްޒަހްރާ އެދުނެވެ.

ޖޫރީ ސިއްރު ސިއްރުން އައިސް އެ ކޮޓަރީ ދޮރު ކައިރީ މަޑުކޮށްލިއެވެ. ދަނީން ދެކޮޅު ބަލަމުން ޖޫރީ ގެ ޓީ ޝާޓަށް ދަމަމުން ގެންދިޔައެވެ.

" ޖޫ....ދެން އަޑު އަހަން ނުވާނެއޭ....." ދަނީން ގެ ނިތުގައިވެސް ދާތިކިތައް ބަބުޅަން ފަށައިފިއެވެ. ޖޫރީ ހުރީ ދޫ ދޭ ގޮތަކަށް ނޫން ކަމުން ދަނީން ކައިރީ މަޑުން ވާހަކަ ދެއްކުމަށް އަތުން އިޝާރާތް ކުރިއެވެ.

" އްހްމް....ބުނާނަން....." ކައިލް ކަރުކަހާލަމުން ބުނެލިއެވެ. އެވަގުތު ދަނީން އާއި ޖޫރީ ސިއްސައިގެން ދިޔަގޮތުން އޭނައަށް މަޖާވިއެވެ.

" ކައި ދޮންބެ....ވަރަށް ބޮޑު ކަމެއް ވެގެންނޭ...ޕިސް ޕިސް ހިނގާބަލަ ހަމަޖެހިގެން މިވާހަކަ ދައްކަން...." ޖޫރީ ހުރީ މި ޚަބަރު ދިނުމަށް ކެތްމަދުވެފައެވެ. ދޮރު ކައިރީ ކަންފަތް ޖަހައިގެން އަޑުއަހަން ހުރި ހަނދާން ވެސް ނެތުނީ އެވާހަކަ ނޭގޭ މިހަކަށް ކިޔައިދޭން ބޭނުންވެފައިވާލެއް ބޮޑު ކަމުންނެވެ.

***

"އަހެދް ބޭނުންތަ މުރުތަސިމް އާއި އެކީ އުޅެން؟" އައްޒަހްރާ ގެ ސުވާލުކުރީ ލުއި ހިނިތުންވުމެއްގައެވެ. އަހެދް ހުރީ ލަދުން ބުނާނެ އެއްޗެއް ނޭނގިފައެވެ. ކަންތައްތައް ވަމުން ދާ ގޮތް ފެނި އޭނައަށް މިއުޅެވެނީ ހުވެފެނެއްގާ ބާއޭ ވެސް ހީވަމުން ދިޔައެވެ. އަހެދްއަށް ދޭނެ ޖަވާބެއް ނޭޭގުނުފަދައެވެ. މުރުތަސިމް އެއްޗެކޭ ބުނަން އަނގަ ހުޅުވާ ލާތަން ފެނި އައްޒަހްރާ އަތުގެ އިޝާރާތުން ވާހަކ ނުދެއްކުމަށް އެންގިއެވެ.

" އަހެދް ކައިރީ މަންމަ މި އަހާލީ....." އައްޒަހްރާ މުރުތަސިމް އަށް ލޯ އަޅާލިއެވެ. އަހެދް އަށް ހެވުނެވެ. ޖަވާބުގައި ބޯ ޖަހައިލީއެވެ. ސިކުނޑީގައި ރާވަމުން ދިޔަ ބަދަލު ހިފުމުގެ ރޭވުންތަކުގެ ވެސް ހަނދާނެއް ނެތެވެ. އޭނަ އަށް ހަގީގަތުގައިވެސް މި ގުޅުމުން އިހުސާސް ކުރެވުނީ ހަގީގީ އުފަލެވެ.

"ޔެސް...." މުރުތަސިމް އަށް ޖޯޝުގައި ކިޔާލެވުނެވެ. އައްޒަހްރާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އަހެދް ގައިގައި ބައްދާލިއެވެ. އަދި އަހެދްގެ މާމަ ފަރާތު މީހުންނަށް ވެސް މި ޚަބަރު ދިނުމަށް އަވަސް ވެގަތެވެ. އަހެދް ގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ޖަހައިލިއެވެ. އެމީހުންނަށް މި ޚަބަރު އެނގެން އޭނާގެ ހިތް ނޭދެއެވެ. އައްޒަހްރާ ގެ އެދުމަކަށް ވީ ޒަވިޔާ ގެ ކައިވެންޏާއި އެކީ މުރުތަސިމް ގެ ކައިވެނި ހަފްލާ ވެސް ބޭއްވުމަށެވެ.

" އައި ވިލް ޓެކްސްޓް.....ހޭވް އަ ފްލައިޓް...." މުރުތަސިމް ވަރަށް ހެވިފައި އަހެދް ކައިރީ ބުނެލި ނަމަވެސް އަހެދް ހުރި މުރުތަސިމް އަށް ގޮތް ދައްކާލާ ކަހަލަ މޫޑެއްގައި ކަމުން ލޯ އަޅާލިއެވެ. އަދި އައްޒަހްރާ ގުޅައިގެން ހުރި ފޯނު ކޯލަށް ސަލާމު ވިއެވެ. އެކޮޅުން ކިޔާ އެއްޗެއް ނޭނގުނަސް އައްޒަހްރާ ގެ މޫނު މަތީން ފެންނަމުން ދިޔަ ޖޯޝާއި ދައްކަމުން ދިޔަ ވާހަކަތަކުން ވާން އުޅޭނީ ކީއްކަން ރަނގަޅަށް އެނގެއެވެ.

" އަދީނާ ހުރީ ހާދަ އުފާ ވެފައޭ...ބުނީ އެންމެ އަވަސް ޓިކެޓުގައި އަންނާނެ ކަމަށް....އަލްޙަމްދުލިއްﷲ...." އައްޒަހްރާ އެންގިއެވެ. އަހެދް ހުރީ ބިރުގެންފައި ކަހަލަ ގޮތަކަށް ލޯ ބޮޑުކޮށްލައިގެންނެވެ.

"ބޭބެ ވެސް؟" އަހެދް އަހައިލިއެވެ. އައްޒަހްރާ ޖަވާބުދީފައި ގުޅައިލީ ސަހަރްއަށެވެ. އަހެދް ގެ ފޯނު އެވަގުތު ރިންގު ވާންފެށިއެވެ. އަދީނާ ގެ ކޯލެކެވެ. އޭނަ އަވަސްވެގަތީ ކޮޓަރިއަށް ދިޔުމަށެވެ. ސަބީހާ ނިޔާވި ދުވަސް ފަހުން އަދީނާ ގުޅިޔަސް އޭނާގެ ފޯނަކަށް ޖަވާބެއް ނުދެއެވެ.

" ރަން ބިސް އަޅާ ކުކުޅެއް ލިބުނީ ދޯ؟" އަދިނާ ޖެއްސުމުގެ ރާގަކަށް އެހިއެވެ.

" ދައްތާ....ދައްތަ މެން މިކޮޅަށް ނަޔަސް ރަނގަޅުވާނެ..." އަހެދް ވާހަކަ ދެއްކީ އުނދަގޫ ގޮތަކަށެވެ.

"ނޫން....އަހަރުމެން ދާނަން ކަނޑުފަތާފަ ވެސް.....ވަރަށް ރަނގަޅު ކަމެއް ތިކުރީ....ހަނދާނުގަ ބަހައްޓާތި ބަލައި ބޮޑުކުރީ ކޮންބައެއް ކަން....ނަސީބެއްނު އެ ކައިލް އޭ ކިޔާ ފަގީރު މީހާ އާއި ނުއިންކަން....ބޭބެ ގެ ހިތްވަރުންނޭ މަންޖެ އަށް ތި ހިސާބަށް ތި އާދެވުނީ...." އަދީނާގެ އަޑު ހިމަވީ ލިބުނު އުފަލަކުންނެވެ. އަދި ފޯނު ކަނޑާލިއެވެ. އަހެދް ގެ ހިތް ބާރަށް ތެޅުނެވެ. އަދީނާ އާއި ނައީމު އައުމުން ހުރިހާ ކަމެއް ގޯސްވެދާނެ ކަމުގެ ބިރު ހިތުގައި އުފެދުނެވެ. އަދި އެގެއިން ކައިލް ފެނުމުން ވެސް ބޮޑު ޑްރާމާއަކަށް ވެދާނެއެވެ. އަހެދް އަށް ނޭވާ ލާންވެސް އުނދަގޫވިއެވެ. އަވަހަށް ބޭނުންވީ ބަގިޗާ އަށް ނިކުމެލުމަށެވެ. ތާޒާވައިކޮޅަކަށް ނަފުސް އެހާ ބޭނުންވި ވަގުތެއް ނާދެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު