ސޮނާކްޝީ ކައިވެނި ކުރަން އުޅޭ ވާހަކަ ދޮގުކޮށްފި

ބަތަލާ ސޮނާކްޝީ ސިންހާ--ފޮޓޯ/ފޭސްބުކް

މި މަހު 23ގައި ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އަދި ލޯބިވެރިޔާ ޒަހީރު އިގްބާލްގެ ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުން އަންނަ ޚަބަރުތަކަށް ބަތަލާ ރައްދު ދީފިއެވެ.

ސޮނާކްޝީ ސިންހާގެ އަމިއްލަ ސޯޝަލް މީޑިއާގައި ބަތަލާ ބުނެފައި ވަނީ މީގެ ކުރިންވެސް ބަތަލާގެ ކައިވެންޏާ ގުޅިގެން މީޑިއާތަކުން ދޮގު ޚަބަރުތައް ފަތުރާފައިވާ ކަމަށާއި ސޮނާކްޝީގެ އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަންކަން ހާއްސަކޮށް ކައިވެނީގެ ކަންކަމަކީ އެއްވެސް މީހަކާ ބެހޭ ކަމެއް ނޫން ކަމަށާއި ކައިވެނި ކުރާނެ ދުވަހެއް ކަނޑައަޅާނީ އޭނާ އަމިއްލައަށް ކަމަށެވެ.

އެހެންވެ އެހެން މީހުން އެކަމާ މާބޮޑަށް ކަންބޮޑުވާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ސޮނާކްޝީ ވަނީ ބުނެފައެވެ.

ސޮނާކްޝީ ސިންހާ ލޯބިވެރިޔާ ޒަހީރުއާ އެކު--ފޮޓޯ/ދަނިއުސް
މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ސޮނާކްޝީ އާއި އެކްޓަރު ޒަހީރުގެ ކައިވެނީގެ ހަފްލާތައް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އިންޑިއާގެ މުމްބާއީގައި ފަށާނެއެވެ. ނަމަވެސް ސޮނާކްޝީގެ އިތުރުން ބަތަލާގެ ބައްޕަ ޝަތުރުގަން ސިންހް އަދި ބޭބެ ލަވް ސިންހާ ވެސް ވަނީ މި ޚަބަރު ދޮގުކޮށްފައެވެ.

ދާދިފަހުން އިންޑިއާގައި ބޭއްވި ލޯކް ސަބާ އިންތިހާބުގެ މަސައްކަތް ނިންމާލުމަށްފަހު މިޑިއާއަށް ދިން އިންޓަވިއުގައި ޝަތުރުގަން ސިންހާ ބުނެފައި ވަނީ ދަރިފުޅު ސޮނާކްޝީ ސިންހާގެ ކައިވެންޏާ ބެހޭގޮތުން މިހާތަނަށް އޭނާއާ އެއްވެސް މުއާމަލާތެއް ކުރެވިފައި ނުވާކަމެވެ.

ދެހާސްދިހަ ވަނަ އަހަރު ފިލްމު "ދަބަންގް"އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ވެބް ސީރީސް "ހީރާމަންޑީ"އިންނެވެ. ސޮނާކްޝީއާ އެކްޓަރު ޒަހީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރުކޮށްދީފައި ވަނީ 2022ވަނަ އަހަރުއެވެ. ސޮނާކްޝީގެ ކައިވެނީގެ ޚަބަރުތައް ބަތަލާގެ އާއިލާއިން ދޮގުކުރި ނަމަވެސް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ކައިވެނީގެ ތައްޔާރީތައް ވަރަށް އަވަހަށް ފަށާނެއެވެ.

comment ކޮމެންޓް