"އެޕަލް އިންޓެލިޖެންސް" ބްރޭންޑާއެކު އައިއޯސެސް 18ގެ ފީޗާތައް އިއުލާންކޮށްފި

އެޕަލް އިން ބުނީ ސިރީ އެކުންފުނީގެ މައި އެޕްލިކޭޝަންތަކުގައި އިންޓަގްރޭޓްކޮށްފައިވާކަމަށް --

އެޕަލްގެ އަހަރީ އެންމެބޮޑު އިވެންޓް ކަމުގައިވާ ޑަބްލިއުޑަބްލިއުޑީސީ 2024 ގެ ކީނޯޓްގައި އެޕަލް އިން އެ ކުންފުނީގެ ޑިވައިސްތަކާއި އޮޕަރޭޓިން ސިސްޓަމްތަކުގައި ބާރުގަދަ އޭއައި ގާބިލްކަން އިންޓަގްރޭޓް ކުރުމަށް "އެޕަލް އިންޓެލިޖެންސް" ގެ ނަމުގައި ބޮޑު އާ އިނީޝިއޭޓިވެއް އިއުލާން ކޮށްފިއެވެ.

ރޭގެ އިވެންޓްގައި އެޕަލްއިން އެންމެ ބޮޑު އިސްކަމެއް ދިނީ ކުރިއަށް އޮތް ސޮފްޓްވެއާ އަޕްޑޭޓް އައިއޯސް 18ގެ އާ ފީޗާތައް އިއުލާންކުރުމަށެވެ.

އެ އިވެންޓްގައި އެޕަލްއިން އިއުލާންކުރި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ކޮންޓެންޓް ކުރުކޮށް، އެކި ޓޯންތަކުގައި މެސެޖްތައް ރީފްރޭޒް ކުރުމާއި، ގްރެމާ ޗެކްކުރުން ފަދަ ކަންކަމަށް އޭއައި ޕަވާޑް ރައިޓިން ޓޫލެއް ތައާރަފްކުރުމާއި، މެސެޖް އެޕްގައި ޓެކްސްޓް ޑިސްކްރިޕްޝަން މެދުވެރިކޮށް ކަސްޓަމް އިމޯޖީ ސްޓިކާ އުފެއްދުމުގެ ޤާބިލުކަން ހިމެނެއެވެ.

އަދި އަޑުގެ ކޮމާންޑްތަކަށް ބޭނުންވާ ނޭޓިވް އެޕްލިކޭޝަންތަކާއެކު ގުދުރަތީ ބަހުގެ ވިސްނުމާއި އެއްބައިވަންތަކަން އިތުރުކޮށްފައިވާ ސިރީ އާއި ފޮޓޯސް އެޕްގައި ބެކްގްރައުންޑް އޮބްޖެކްޓްތައް އޮޓޮމެޓިކުން ނައްތާލުމަށް ހިމަނާފައިވާ އޭއައި ފޮޓޯ އެޑިޓިން ޓޫލްސް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ވެސް އެޕަލްގެ އިކޯސިސްޓަމްގައި އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އިންޓަގްރޭޓްކޮށް، ލޮގިންނުކޮށް އޮން ޑިވައިސް ބޭނުން ކުރެވޭނެގޮތް ވަނީ ހަދާފައެވެ. އަދި ޕްރައިވެސީއަށް އިސްކަންދީގެން އިތުރު އޭއައި ފިޗާތައް ވެސް ވަނީ އައިއޯއެސް 18 އަށް އިތުރުކޮށްފައެވެ.

އެޕަލް އިން ބުނީ އެ ކުންފުނީގެ ކަސްޓަމް ސިލިކަން އަދި ނިއުރަލް އިންޖީނު ބޭނުންކޮށްގެން ހިންގާ މި އޭއައި ފީޗާތަކުގެ ސަބަބުން "ބާރުގަދަ، އިންޓަގްރޭޓެޑް، އިންޓިޓިއުޓް، ޕާސަނަލް އަދި ޕްރައިވެޓް" ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށެވެ.

އައިފޯން 15 ޕްރޯ، އެމް1 އައިޕެޑް އަދި މެކްސް އަށް އެންމެ ފުރަތަމަ އައިއޯއެސް 18 ދޫކުރަން ނިންމާފައިވާއިރު، މެކްއޯއެސް 15 އަދި އެހެނިހެން ސޮފްޓްވެއާ އަޕްޑޭޓްތަކާއެކު މި އަހަރުގެ ފަހުކޮޅު މި ކެޕޭސިޓީތައް އެޕަލްގެ އެހެން ޑިވައިސްތަކަށް ވެސް ތައާރަފްކުރާނެ ކަމަށް ވެސް ރޭގެ އިވެންޓްގައި އެޕަލްއިންވަނީ އިއުލާންކޮށްފައެވެ.

އެޕަލްގެ އަމާޒަކީ އެ ކުންފުނީގެ ޔޫޒާ ފްރެންޑްލީ ސޮފްޓްވެއާ އާއި ހާޑްވެއާ އިންޓަގްރޭޝަން މެދުވެރިކޮށް އެޑްވާންސް އޭއައި އެންމެންނަށް ވެސް ފަސޭހަކަމާއެކު ލިބޭނެގޮތް ހެދުމެވެ.

"އެޕަލް އިންޓެލިޖެންސް" ބްރޭންޑުން އިޝާރާތް ކުރަނީ އެ ކުންފުނީގެ ބޮޑެތި އޭއައި އުންމީދުތައް ވަރަށް ބޮޑަށް ތަރައްޤީވެ ކުރިއަށް ދާ ކަމުގެ އިޝާރާތެކެވެ.

comment ކޮމެންޓް