ވިލް ސުމިތުގެ 'ބޭޑް ބޯއިސް'އަށް ހީނުކުރާވަރުގެ ކާމިޔާބީއެއް

ހޮލީވުޑްގެ މަޝްހޫރު ތަރި ވިލް ސުމިތު ލީޑުން ފެންނަ އާ ފިލްމު "ބޭޑް ބޯއިސް 4" ދުނިޔޭގެ ބޮކްސް އޮފީހުގައި ހީނުކުރާ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އެބަދެއެވެ.

މި އަހަރު ފެށުނު ހިސާބުން ވެސް މި އަހަރުގެ ބޮކްސް އޮފީސް އޮތީ ކޮންމެ ވެސް ވަރަކަށް ފަޅުކޮށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފްލޮޕަކަށް ފަހު ފްލޮޕް ބޮޑެތި ޕްރޮޖެކްޓުތައް އަޅުވަމުން ދިޔައިރު މިވީ ދެތިން މަހުގެ ތެރޭގައި ފާހަގަކޮށްލެވޭ ވަރު ކާމިޔާބު ފިލްމެއް ދައްކާފައެއް ނުވެއެވެ.

ބޮކްސް އޮފީސް މިކަހަލަ ހާލަތެއްގައި އޮއްވައި އެންމެ ފަހުން މިއޮތީ ވިލް ލީޑުން ފެންނަ ފްރެންޗައިޒް "ބޭޑް ބޯއިސް"ގެ ހަތަރުވަނަ ބައި ރިލީޒްކޮށްފައެވެ. މި ފިލްމު އެޅުވުމާ އެކު މި ފިލްމަށް އަންނަނީ ހީނުކުރާވަރުގެ ކާމިޔާބީތަކެއް ލިބެމުންނެވެ.

މިދިޔަ ހަފުތާ ބަންދުގައި ފިލްމު އެޅުވިއިރު ފިލްމަށް ވަނީ ހަފުތާ ބަންދުގައި އެކަނިވެސް 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. އޭގެ ތެރެއިން 56 މިލިއަން ޑޮލަރަކީ އެމެރިކާއިން އެކަނި ހޯދާފައިވާ އާމްދަނީއެވެ.

ޖުމްލަ 100 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު އުފައްދާފައިވާ މި ފިލްމުގެ އޯޕެނިން ގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 40 މިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެކެވެ.

މިއީ މިއަހަރުގެ މިހާތަނަށް އެމެރިކާގައި އެޅުވި ދެވަނަ އެންމެ ބޮޑު އޯޕަނިންއެވެ. ފުރަތަމަގައި އޮތީ "ޕްލެނެޓް އޮފް ދަ އޭޕްސް"ގެ އެންމެ ފަހުގެ ފިލްމެވެ. މި ފިލްމަށް އެމެރިކާއިން ވަނީ 57 މިލިއަން ޑޮލަރު އޯޕެނިން އެއް ލިބިފައެވެ.

ބޭޑް ބޯއިސްގެ އާމްދަނީ ކުރިއަށް އޮތް ދެ ހަފުތާ ވެސް އިތުރުވާނެއެވެ. އަދި، މިއަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި މި ފިލްމު ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ 2022 ވަނަ އަހަރު ވިލް ސްމިތު އެކްޓިން އިން ނެގި ބްރޭކަށްފަހު އެނބުރި އައި ފިލްމުތަކުގެ ތެރެއިން ސިނަމާތަކުގައި އެޅުވި ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް