ފުލުހުންނަށް އިތުބާރު ބޭނުންވެފައި!

ބާރަށް ދެކެވޭ އެއް ވާހަކައަކަށް ވެފައި މިހާރު އޮންނަނީ ފުލުހުންނަށް އިތުބާރު ނުކުރެވޭ ވާހަކައެވެ. ނަމަވެސް ރާއްޖޭގެ އަމަން އަމާންކަމާ މެދު ވިސްނާ ކޮންމެ މީހެއްގެ ހިޔާލަށް ފުރަތަމަ އަންނާނީ ފުލުހުންނެވެ. ސަލާމަތްކަމާއި ރައްކާތެރިކަން ދޭން ތިބީ ވެސް ފުލުހުންނެވެ. އަދި ރައްކާތެރިކަން ހޯދަން ގުޅަން ތިބީ ވެސް ފުލުހުންނެވެ.

ސިޔާސީ ފަރާތްތަކުން މަގުސަދުތައް ހާސިލް ކުރަން ފުލުހުންގެ ބޭނުން ކުރާ ކަމުގެ ތުހުމަތުތައް ސިޔާސީ މައިގަނޑު ދެފަރާތުން ވެސް ކުރެ އެވެ. މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ ވެރިކަން ބަދަލުވީ ފަހުން ވެސް އަދި އޭގެ ކުރިން ވެސް އަބަދުވެސް ސިޔާސީ މީހުންގެ އަމާޒުފަތްގަނޑަކަށް ފުލުހުން ވެފައި އޮވެ އެވެ.

ސިޔާސީ ކަންކަމުގައި ފުލުހުން ބޭނުން ކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށް އެންމެފަހުން ތުހުމަތު ކުރެއްވި އެއް ބޭފުޅަކީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލެވެ. ޓީވީއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލު ވިދާޅުވެފައި ވަނީ ސިޔާސީ ކަންކަމުގައި ފުލުހުން ބޭނުން ކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށާއި އެހެން ނަމަވެސް އެކަން ވިޔަ ނުދެއްވާނެ ކަމަށެވެ.

\" ސިޔާސީ ކަންކަމުގައި ފުލުހުންގެ ބޭނުން ކުރަން ބަޔަކު އެބަ މަސައްކަތް ކުރޭ، އެއީ ވަރަށް ނުރައްކާތެރި ކަމެއް، އަޅުގަނޑުމެން އެކަން އެހެން ވިޔަކަ ނުދޭނަން، \" ޑރ. ޖަމީލު ވިދާޅުވެފައި ވެއެވެ.

ފުލުހުންގެ އިތުބާރާ މެދު މީހުން ސުވާލު އުފައްދަމުން ދަނީ ހަމަ އެކަނި ސިޔާސީ ކަންކަމުގައެއް ނޫނެވެ. އަމަން ބެލެހެއްޓުމުގައި އެމީހުން އިހުމާލުވާ ކަމުގެ ތުހުމަތުތައް ވެސް ކުރެ އެވެ. އެފަދަ ބައެއް ހާދިސާތައް ހިނގާފައި ވެސް އެބަހުއްޓެވެ. މިސާލަކަށް ފުލުހުންގެ ޔުނީފޯމްގައި ތިބެ، ބިދޭސީން ތަކެއްގެ އަތުން ފައިސާ ފޭރުނު މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އަދި ފުލުހުންގެ މުއައްސަސާގެ ހާއްސަ މައުލޫމާތު ތަކެއް ސިޔާސީ ފަރާތްތަކަކާ ހިއްސާ ކުރި ކަމުގެ ތުހުމަތަށް ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ ވެސް ހައްޔަރުކޮށްފަ އެވެ.

ރާއްޖޭގެ ވެރިކަން ބަދަލުވި ދުވަހު ފުލުހުން އަމަލުކޮށްފައިވާ ގޮތާ މެދު އިދިކޮޅު އެމްޑީޕީން ދަނީ ތަކުރާރުކޮށް ސުވާލު އުފައްދަމުންނެވެ. ފެބުރުއަރީ ހަވަނަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގެއަށް ވަދެ މީހުންނަށާއި މުދަލަށް ބޮޑެތި ގެއްލުންތައް ދިން ދިނުމަކީ އެޕާޓީން ފާހަގަ ކުރާ އެފަދަ އެއް ހާދިސާއެވެ. އަދި ހަތްވަނަ ދުވަހު، ފުލުހުންގެ ހެޑްކުއާޓާޒްގެ ބިއްލޫރިތައް ތަޅާލައި، އެތަނުން ތަކެތި ނެރެ އާއްމުންނަށް ބެހި ބެހުން އެއީ ފުލުހުންގެ އިތުބާރު ގެއްލިގެން ދިޔަ ހާދިސާތައް ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ.

ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަންގައި އިސްދައުރެއް އަދާކުރަމުން އަންނަ ޑީއާރްޕީން ބުނަނީ އެޕާޓީން ފުލުހުންނަށް އިތުބާރު ކުރާ ކަމަށެވެ. އަދި ފުލުހުން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ކަމަށެވެ،

\" ރާއްޖޭގެ ޕޮލިސް ސާވިސް އަކީ މި ސަރަހައްދުގެ ވެސް އެންމެ ޕްރޮފެޝަނަލް ޕޮލިސް ސާވިސް، ރާއްޖޭގެ ޕޮލިސް ސާވިސް ވަނީ އެމީހުންގެ ވާޖިބު އަދާކުރަން ބޭނުންވާ ޕްރޮފެޝަނަލް ޓްރޭނިން ތައް ވެސް ހަދާފައި،\" ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ޑރ. އަބުދުﷲ މައުސޫމު ވިދާޅުވިއެވެ.

މައުސޫމު ވިދާޅުވީ ކިތަންމެ ރަނގަޅު މުއައްސަސާއެއްގައި ވެސް ކަތި ފިޔަވަޅެއް އަޅާފާނެ މީހަކު ހުރެދާނެ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ހިނގައިފި ނަމަ އެކަން އެތެރެއިން ހައްލު ކުރެވޭނެ ނިޒާމުތައް އެބަހުރި ކަމަށެވެ. އެގޮތުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަން ވެސް އެބަ އޮތް ކަމަށާއި އެފަދަ ކަންތައްތައް ފުލުހުން މިހާރު އަމިއްލައަށް ތަހުގީގު ކުރަމުން ދިއުމަކީ ވެސް އިތުބާރު ބޮޑުކޮށްދޭ ކަމެއް ކަމަށެވެ.

ސަރުކާރުން ވެސް ދެކެނީ އެގޮތަށެވެ. ސަރުކާރުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ ފުލުހުންގެ ތެރޭގައި ހުރި ބައެއް މައްސަލަތައް ފާހަގަ ކުރެވި، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދުގައި ފިޔަވަޅުތައް އަޅަމުންދާތަން ފެނުމަކީ އިތުބާރު ބޮޑުވެގެން ދިޔަ ކަމެއް ކަމަށެވެ.

\" ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ ފުލުހުންނަށް ޣައިރު ގާނޫނީ އަމުރެއް ނުކުރައްވާނަމޭ، އެކަމާ ގުޅިގެން ފުލުހުން އެދަނީ ވަރަށް މިނިވަން ކަމާ އެކީ މަސައްކަތް ކުރަމުން، އޭގެ ނަތީޖާއެއްގެ ގޮތުން ފުލުހުންގެ ތެރެއިން ވެސް ގަވައިދާ ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅުތައް އެޅެމުން އެދަނީ ، އެއީ ކިތަންމެ މަތީ މަގާމެއްގައި ހުންނަ މީހަކު ކަމަށް ވިޔަސް، \" އައްބާސް ވިދާޅުވިއެވެ.

ޑރ. މައުސޫމު ވިދާޅުވަނީ ފުލުހުންނާ މެދު ދިއްކުރެވޭ ތުހުމަތު ތަކުގެ އިނގިލި ތަކަކީ ސިޔާސީ އިނގިލި ތަކެއް ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ ފަރާތުން ފެންނަ ގޯސް ކަންތައްތައް ފާހަގަ ވާއިރު އެ މުއައްސަސާއިން ކުރަމުންދާ ރަނގަޅު ކަންތައްތައް އޮންނަނީ ފާހަގަ ނުކުރެވި ކަމަށެވެ.

\" ކިތައް މާރާމާރީ ތޯ ހިނގުމުގެ ކުރިން ހުއްޓުވާފައި ވާނީ، ކިތައް ވައްކަންތޯ ކުރަން އުޅެނިކޮށް ހުއްޓުވާފައި ވާނީ. ނަމަވެސް އަޅުގަނޑުމެންނަށް އަބަދުވެސް ފެންނާނީ ނުހުއްޓުވިގެން ހިނގި މާރާމާރީ ނުވަތަ ވައްކަން، \" ޑރ. މައުސޫމު ވިދާޅުވި އެވެ.

ސިޔާސީ ފަރާތްތަކުން ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް ފުލުހުންގެ ތެރެއިން އުފެދޭ މައްސަލަތައް ފުލުހުން އަމިއްލައަށް ބަލައި، ފިޔަވަޅު އަޅަން ފެށުމަކީ ރައްޔިތުންގެ އިތުބާރު އެ މުއައްސަސާއަށް ލިބޭނެ ކަމެއް ކަމަށް ގަބޫލުކުރެވެއެވެ. އެހެން ނުވާ ނަމަ ގަވައިދާ ހިލާފުވާ ފުލުހުން ދާނީ އިތުރު ވަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް