ފިޝަރީޒް މިނިސްޓަަރާއެކު ކޮލަމާފުއްޓަށްދިޔަ ވަފުދަށް އެރަށުން ހުރަސް އަޅައިފި

ގއ. އަތޮޅާއި ގދ އަތޮޅުގެ ބައެއް ރަށްރަށަށް ފިޝަރީޒް މިނިސްޓަަރު އަހުމަދު ޝަފީއު ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ގއ. ކޮލަމާފުއްޓަށް މިއަދު ހެނދުނު ވަޑައިގަތުމުން އެމަނިކުފާނާއި ވަފުދަށް އެރަށުން ބަޔަކު ހުރަސް އަޅައިފި އެވެ.

އެރަށު ކައުންސިލްގެ ނައިބު ރައީސް އަބްުދުﷲ އާތިފް މިއަދު ވިދާޅުވީ ފިޝަރީޒް މިނިސްޓަރު މިއަދު ހެނދުނު ގާތްގަނޑަކަށް 9:30 އެހާކަންހާއިރު އެރަށަށް ވަޑައިގަތުމުން އެރަށުން ބަޔަކު އެމަނިކުފާނަށް ރަށަށް އަރާ ވަޑައިގަތަ ނުދިނުމަށް އަޑުގަދަކޮށް ނުރުހުން ފާޅުކުރަމުންދިޔަ ކަމަށާއި ރަށަށް އަރާ ވަޑައިނުގެންނެވި ގާތްގަނޑަކަށް 30 ހަކަށް މިނެޓް މިނިސްޓަރާއެކު އެރަށް ވަޑައިގެން ވަފުދަށް ލޯންޗްގައި މަޑުކުރައްވަން ޖެހުނު ކަމަށެވެ.

އާތިފް ވިދާޅުވީ އަތިރިމައްޗަށް އެއްވެ އަޑުގަދަ ކުރި މީހުން ގޮވަމުން ދިޔައީ އެމީހުން މި ސަރުކާރު ބަލައިނުގެންނަ ކަމަށެވެ. ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

\"މިނިސްޓަރަށް ގާތްގަނޑަކަށް 30 މިނިސްޓް ފަޅުތެރޭގައި މަޑުކުރައްވަން ޖެހިވަޑައިގެތް. އެވަފުދަށް ހުރަސް އެޅުމަށް އެއްވި މީހުން ނުރުހުން ފާޅުކޮށް އަޑުގަދަ ކުރި ނަމަވެސް ހަމަނުޖެހުމެއް ނުހިނގާ،\" އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ މިނިސްޓަރު އެރަށަށް ކުރެއްވި އެދަތުރުފުޅަކީ މިނިސްޓަރާއެކު ދަތުރުގައި އުޅުއްވި އެރަށު ބޭފުޅެއް ކަމުގައިވާ ކެބިނެޓް ސެކެޓްރީ އަބްދުﷲ ނަޒީރު ރަށަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެއް ކަމުގައިވާތީ މިނިސްޓަރަށް އެރަށަށް އެރުމުގެ ފުރުސަތު ދިނީ ވެސް ނަޒީރު އެމީހުންނާ ވާހަކަ ދައްކަވައިގެން ކަމަށެވެ. ނަމަވެސް ވަފުދުގެ އެންމެންނަށް ރަށަށް އެރުމުގެ ފުރުސަތު އެއްވި މީހުން ނުދިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ނައިބް އަލީ ޝޯލިހް މިއަދު ވިދާޅުވީ މިނިސްޓަރު ގއ. އަދި ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ދެ އަތޮޅުގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ ރަށްރަށުގެ ހާލަތު ބައްލަވާލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ކަމަށެވެ. ނަމަވެސް ކޮލަމާފުއްޓަށް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށާއި މިނިސްޓަރާއެކު އެރަށަށް ވަޑައިގެން ވަފުދަށް އެރަށުން ބަޔަކު ހުރަސް އެޅި ކަމަށާއި ނަމަވެސް ފަހުން އެވަފުދުގެ ބައެއް ބޭފުޅުން ރަށަށް އަރާވަޑައިގެންނެވި ކަމަށެވެ.

\"މިނިސްޓަރާއެކު ދިޔަ ޓީމަށް ހުރަސްތަކެއް ކުރިމަތިކުރުވި. ފަހުން އެމީހުންގެ ރުހުމާއެކު މިނިސްޓަރާ އެވަފުދުގެ ބައެއް ބޭފުޅުން ރަށަށް އަރާވަޑައިގެން ރަށުގެ ތަންތަން ބައްލަވާލެއްވި،\" ސޯލިހް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު