ވެނަމްގެ ޓްރެއިލާ ބަލައިފިންތަ؟

ޓޮމް ހާޑީ ލީޑް ރޯލް ކުޅޭ ކާމިޔާބު "ވެނަމް" ފްރެންޗައިޒްގެ ތިންވަނަ ބައިގެ ޓްރެއިލަރު އާންމުކޮށްފިއެވެ.

ވެނަމްގެ ތިންވަނަ ބައި "ދަ ލާސްޓް ޑާންސް" ރިލީޒްކުރާ ތާރީހު ކައިރިވަމުން އަންނައިރު ފިލްމުގެ ތަފާތު އެކި މައުލޫމާތުތައް އަންނަނީ އާންމު ކުރަމުންނެވެ. އެގޮތުން, ދާދި ފަހުން ވަނީ ފިލްމުގެ މުޅީން އާ މަންޒަރުތަކާ އެކު ޓްރެއިލަރެއް އާންމުކޮށްފައެވެ.

އަލަށް ނެރުނު ޓްރެއިލަރުން އެކްޝަން ގިނަ މަންޒަރުތަކެއް ފެނިގެން ދެއެވެ. އަދި, ވެނަމްގެ އޮރިޖިން މި ފިލްމުން އެނގިގެންދާނެ ކަމުގެ އިޝާރާތްތަކެއް ވެސް ވަނީ މި ޓްރެއިލަރުން ކޮށްފައެވެ.

ވެނަމްގެ ދެ ފިލްމުގެ ކާމިޔާބީއަށް ފަހު ތިންވަނަ ބައެއް އިއުލާނުކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. އަލަށް ނެރޭ ފިލްމު ޑައިރެކްޓް ކުރާނީ ސްކްރީން ރައިޓާ ކެލީ މާސެލްއެވެ. ކެލީ ވަނީ 2018 ގައި ނެރުނު "ވެނަމް" އަދި 2021 ގައި ނެރުނު "ވެނަމް 2: ލެޓް ދެއާ ބީ ކާނޭޖް"ގެ ސްރީން ޕްލޭ ލިޔެ، ޓޮމް ހާޑީއާ އެކު މި ދެ ފިލްމް ޕްރޮޑިއުސްކޮށްފައެވެ. "ވެނަމް 3"ގެ ސްކްރީންޕްލޭ ބިނާކުރާނީ ކެލީ އަދި ޓޮމްގެ ވާހަކައެއްގެ މައްޗަށެވެ. މިއީ ކެލީ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.

ވެނަމްގެ ދެ ބައިގެ ކާމިޔާބީއާ އެކު އޮރިޖިނަލް ޕްރޮޑަކްޝަން ކުންފުނިން ފިލްމު އިއުލާނުކޮށްފައިވަނީ ފުރަތަމަ މި އަހަރުގެ ކުރީ ކޮޅުގައި ރިލީޒްކުރުމަށެވެ. އެއަށް ފަހު ނޮވެމްބަރު މަހުގެ ތެރޭގައި ފިލްމު ރިލީޒްކުރުމަށް ލަސްކުރިއެވެ. ނަމަވެސް, އެ ތާރީހު އަނެއްކާ ވެސް ބަދަލުކޮށް މިހާރު މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގައެވެ.

"ވެނަމް" އަކީ މާވެލް ކޮމިކްސް ކެރެކްޓާއެއް އަދި ސްޕައިޑާމޭންގެ އެންޓަގޮނިސްޓެކެވެ. އަދި, ސްޕައިޑާމޭން ފަދައިން މި ކެރެކްޓާއަކީ ސޮނީ އަދި ޑިޒްނީ-މާވެލް ޔުނިވާސްގެ ޝޭއާޑް ކެރެކްޓާއެކެވެ. މިގޮތުން "ވެނަމް 2: ލެޓް ދެއާ ބީ ކާނޭޖް"ގެ ކްރެޑިޓްސްއަށް ފަހު އަންނަ ސީންގައި ވެނަމް ޑިޒްނީ-މާވެލް ޔުނިވާސްއަށް ދެއެވެ. އަދި "ސްޕައިޑާމޭން: ނޯވޭ ހޯމް"ގެ ކްރެޑިޓްސްއަށް ފަހު އަންނަ ސީންގައި ވެނަމް ސޮނީ ޔުނިވާސްއަށް ދެއެވެ. އެއާއެކު އާ ފިލްމުގައި ބޮޑު ކްރޮސްއޯވާއެއް ފެންނާނެ ކަމަށް ލަފާ ކުރެވެއެވެ.

comment ކޮމެންޓް