އިންގްލަންޑުން ޔޫރޯއަށް ސްކޮޑް ޓެސްޓުކުރަނީ، ރޭ މޮޅެއް

އިންގްލަންޑްގެ ދެވަނަ ލަނޑު ޖަހައިދިން އެލެގްޒެންޑާ އާނޯލްޑްވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައި -- ފޮޓޯ/ ސްކައި ސްޕޯޓްސް

ޖަރުމަނުވިލާތުގައި މި މަހު ފަށަން ހަމަޖެހިފައިވާ ޔޫރޯ 2024އަށް ތައްޔާރުވުމުގެ ގޮތުން އިންގްލަންޑާއި ބޮސްނިއާ ހާޒެގޮވީނާގެ މެދުގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗު އިންގްލަންޑުން ކާމިޔާބުކޮށްފިއެވެ.

އިންގްލަންޑްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑުންނެވެ.

މެޗަށް ނެރުނު އިންގްލަންޑް ޓީމުގައި ގިނައީ އާ ކުޅުންތެރިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންގްލަންޑަށް ބޮސްނިއާގެ ޑިފެންސް ފޫއަޅުވާލުމުގައި ދިޔައީ ގިނަ ދަތިތަކާ ކުރިމަތިވަމުންނެވެ. މެޗުގައި މުޅިން އަލަށް އިންގްލަންޑްގެ ފުރަތަމަ 11ގައި ހިމެނިގެން ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ކޯލް ޕާމާއާއި އެބެރެޗީ އެޒޭ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގައި އިންގްލަންޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ ވެސް ޕާމާއެވެ. އިންގްލަންޑްގެ ދެވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޖަހައިދީ ލީޑު ފުޅާކޮށްދިނީ ޓުރެންޓް އެލެގްޒެންޑާ އާނޯލްޑެވެ. ފަހު ލަނޑު މެޗުގެ 89 ވަނަ މިނެޓްގައި ޖަހައިދިނީ ފަހު ހާފުގައި ކުޅެން އެރި އިންގްލަންޑް ޓީމުގެ ކެޕްޓަން ހެރީ ކޭނެވެ.

އިންގްލަންޑްގެ ކޯޗު ގެރެތު ސައުތު ގޭޓް މަސައްކަތް ކުރަމުން އަންނަނީ ކުރިއަށް އޮތް ޔޫރޯ މުބާރާތަށް ނެގެން އޮތް އެންމެ ވަރުގަދަ ޓީމު ނެގުމަށްޓަކައި މި މެޗާއި އަންނަ ހުކުރު ދުވަހު ވެމްބްލީގައި އައިސްލޭންޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވީހާ ވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމަށެވެ.

ޔޫރޯ މުބާރާތުގައި އިންގްލަންޑް ހިމެނިފައިވަނީ ސްލޮވީނިއާ، ޑެންމާކް އަދި ސާބިއާއާ އެކު ގްރޫޕް ސީގައެވެ. އަދި، ފުރަތަމަ މެޗުގައި ޖޫން 16 ވަނަ ދުވަހު ނުކުންނާނީ ސާބިއާއާ ދެކޮޅަށެވެ.

comment ކޮމެންޓް