ޑީއާރުޕީ އާއި ސަރުކާރާ ކޯޅުން

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އުފެދިފައިވާ އެންމެ ހޫނު އެއް މައްސަލައަކީ ވެރިކަން ކުރާ ކޯލިޝަނުގެ އެންމެ ބޮޑު ދެ ޕާޓީ ކަމުގައިވާ ޕީޕީއެމް އާއި ޑީއާރުޕީ އާއި ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުމެވެ. މެދު ހެންވޭރު ދާއިރާގެ ޕާލިމަންޓް މެންބަރު އަލީ އާޒިމް އާއި ޑީއާރުޕީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފް ވަނީ ރައީސް ޑރ. ވަހީދުގެ ސަރުކާރަށް ސީދާ ގޮތުގަ އާއި ނުސީދާ ގޮތުގައި ފާޑުވިދާޅުވެފަ އެވެ. ޕީޕީއެމްގެ ނައިބު ލީޑަރު އުމަރު ނަސީރު ވަނީ މިކަމާ ގުޅިގެން ޑީއާރުޕީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޑީއާރްޕީގެ ލީޑާ ތަސްމީނު އަލީގެ ދަރަނި އަދާ ކުރެއްވުމަށް ސަރުކާރުން ސޮވެރިން ގެރެންޓީއެއް ނުދިނުމުން ޑީއާރުޕީ މަސައްކަތް ކުރާނީ ސިއްރިއްޔާތުގައި އެމްޑީޕީ އާ ޑީލް ހަދައިގެން ވެރިކަންކުރާ ކޯލިޝަން ރޫޅާލުމަށް ކަމުގައި އުމަރު ނަސީރު ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ ގިނަ ވުޒާރާތަކެއްގެ ވަޒީރުކަމުގަ އާއި، ސަރުކާރުގެ އިސް ގިނަ މަގާމުތަކެއްގައި ޑީއާރުޕީގެ މެންބަރުން ވެސް އެބަ ތިއްބެވި އެވެ. ކަން މިހެން އޮތް އިރު، ވެރިކަން ލިބުނުތާ އެންމެ ސަތޭކަ ދުވަސްތެރޭ ޑީއާރުޕީ އިން ސަރުކާރަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިއުމަކީ ސުވާލުއުފެދޭ ކަމެކެވެ. ޑީއާރުޕީ އާއި ކޯލިޝަންގެ އެހެން ޕާޓީތަކާ ދެމެދު ހައްލުނުވާވަރުގެ ބޮޑެތި މައްސަލަތަކެއް ނެތް ނަމަ ޑީއާރުޕީ އިން ފާޅުގައި ސަރުކާރަށް ފާޑު ނުކިޔާނެކަން ޔަގީނެވެ.

ދެހާސް ތޭރަ އާއި ހަމައަށް ޑީއާރުޕީ އޮންނާނީ ވެރިކަން ކުރާ ކޯލިޝަނާ އެކުގައި ކަމަށް ތަސްމީން ވިދާޅުވިއަސް، ދެފަރާތުގެ މެދުގައި ބަދަލުކުރެވެމުންދާ ބަހުގެ ހަމަލާތަކަށް ބަލާއިރު ޑީއާރުޕީ އިން މިހާރު އަޑި އަޑިން މަސައްކަތް ކުރަނީ އެމްޑީޕީ ވެރިކަމަށް ގެނައުމަށް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެ އެވެ. އެމްޑީޕީ މެންބަރުން މިދުވަސްކޮޅު ނުސީދާކޮށް ތަސްމީނަށް ތައުރީފުކުރުމަކީ މިކަމުގެ އަލާމާތެއްކަން ޔަގީނެވެ. ޑީއާރުޕީ އާއި އެކު ކޯލިޝަން ހަދާފައިވާ އެންމެ މުހިންމު އެއްފަރާތް ކަމުގައިވާ ޤައުމީ ޕާޓީ އިން މިމައްސަލައިގެ ތެރެއަށް ފާޅުކަންބޮޑު ގޮތެއްގައި އަދިއެއް ނުވަދެ އެވެ. ނަމަވެސް ޤައުމީ ޕާޓީ އަކީ ގިނަ ކަންތަކުގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ވާހަކަދައްކާ ޕާޓީއަކަށްވާ އިރު، މިމައްސަލައިގައި ވެސް ހާމަކަން ބޮޑު ގޮތެއްގައި އެއްޗެކޭ ބުނުން ވަރަށް މުހިއްމެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ޤައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދާއި، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. މުހައްމަދު ޖަމީލް އާއި އެ ޕާޓީގެ އަނެއް ޑެޕިއުޓީ ލީޑަރު އިމާދު ސޯލިހް އަކީ ތަސްމީނު އަލީގެ ހިޔަނީގައި ތިއްބަވަން ޖެހޭ ވަރަށް ވުރެން މާ ޤާބިލް، މާ މަގުބޫލް ބޭފުޅުން ނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކުރާ ކޮންމެ މީހަކަށް ވެސް ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ ހަގީގަތަކީ ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ އަކީ ސިޔާސީ ގޮތުން އެކި ފަހަރު އެކި ކޮޅަށް ކިރިވަޑައިގަންނަވާ ބޭފުޅެއް ކަމެވެ.

ޤައުމު ބިނާކުރުމުގެ މިފަދަ މުހިއްމު ދަނޑިވަޅެއްގައި ގައުމީ ޕާޓީ ޖެހެނީ ސިޔާސީ ބިންގާ ވަރުގަދަ ކުރާށެވެ. އެބިންގަލަކީ ޑީއާރުޕީ ކަމުގައި ނުވެހިނގައިދާނެ އެވެ. މިވަގުތަކީ ޒާތީ މައްސަލަތަކާއި ކުދި ހިޔާލުތަފާތުވުންތަކާ ހުރެ ކޯލިޝަން ބަލިކަށިކުރަން ޖެހޭ ވަގުތެއް ނޫނެވެ. މިވަގުތަކީ މަތިންދާ ބޯޓެއްގެ ޕައިލެޓާއި ކުރޫއިން ގުޅިގެން ބޯޓު މަންޒިލަށް ގެންގޮސްދޭ ފަދައިން ޒާތީ މައްސަލަތައް އެއްކިބާކޮށް ހުރިހާ ޕާޓީތައް ގުޅިގެން ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭން ޖެހޭ ވަގުތެވެ.

އަތިރިމަތީގައި ކޮއްޓެއްހަދައިގެން ކޮށީތެރެއަށް، ސިހުރުހަދާފައިވާ ހަތަރު ވަރަކަށް ކާޅު ލައިގެން ކޮންމެ ރެޔަކު އެތަނަށް އެއްވެ ދުންބުރުވާފައި ގޮވެލިތަކެއް ގޮވާ ބައެއްގެ ބާރުގެ ދަށަށް މިދިވެހި ގައުމުގެ ކުރިމަގާއި މިދިވެހި ރައްޔިތުންގެ ދީން ދިއުމަކީ ގައުމަށް ހެޔޮއެދޭ އެއްވެސް ދިވެހި ދަރިއަކު އެދޭނެ ކަމެއްނޫނެވެ.

ވެރިކަންކުރާ ކޯލިޝަން ތެރޭގައި ވެސް ކަމުނުދާ ބައެއް މީހުންނާއި ކަރަޕްޝަނަށް ތުހުމަތުކުރެވޭ ބައެއް ފަރާތްތައް އެބަތިއްބެވެ. ބައެއްމައްސަލަ ވެސް އެބަހުއްޓެވެ. ނަމަވެސް އެފަދަ ކަރަޕްޓް ފަރާތްތައް އެއްފަރާތްކޮށް ސަރުކާރު ހިންގުމުގައި ހުރި ނަމަ ހުރި މައްސަލައެއް ހައްލުކުރުމަށް ޓަކައި ކޯލިޝަން މެންބަރުންގެ މެދުގައި ބިނާކުރަނިވި ގޮތަށް ފާޑުނުކިއޭ ނަމަ މިކޯލިޝަނަށް ލިބޭ ބަލިކަށިކަން ވެގެންދާނީ ގައުމަށް ލިބޭ ބަލިކަށިކަމަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް