ޓައިމްލައިން – ޓައިމް ބޮމެއްތަ؟

ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ފުރޮޅިގެންދިޔަ ގޮތާމެދު ގިނަ ބަޔަކު ޝައްކު އުފައްދަ އެވެ. އެދުވަހު ފުލުހުންނާއި ސިފައިން އަދި ސިޔާސީ ވެރިންގެ އަމަލުތަކަށް އެކި ފަރާތަކުން އުފައްދަނީ އެކި ސުވާލެވެ. ފުލުހުންނާއި ސިފައިން އަދި އޭރުގެ އިދިކޮޅު ފަރާތްތަކަކީ ފެބުރުއަރީ 7 ގެ "ޣާޒީ" އިންނެވެ. އަނެއް ބަޔަކަށް އެއީ "ބާޣީ" އިންނެވެ. އެ ސުވާލުތަކަށް ޖަވާބު ހޯދަން ފެބުރުއަރީ މަހު ތެރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ރަނގަޅު ފިޔަވަޅެއް އެޅުއްވެވި އެވެ. އެއީ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ ގެ ނަމުގައި ތަހުގީގީ ކޮމިޝަނެއް އެކުލަވައިލުމެވެ.

ނަމަވެސް އެންމެނަށް ވެސް މައްސަލައަކަށްވީ ތިން މެންބަރުން ހިމެނޭ އެ ކޮމިޝަން ގިނަ ބަޔަކަށް ގަބޫލު ނުކުރެވޭ ގޮތްވުމެވެ. ފުރަތަމަ އެމްޑީޕީން ނެވެ. ދެން ކޮމަންވެލްތެވެ. ދެން ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދެވެ. އޭގެ ފަހަތުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނެވެ.

އެބޭފުޅުން ސަބަބަކަށް ދެއްކެވީ ކޮމިޝަން މިނިވަން ނުވުމެވެ. އަދި އެ ކޮމިޝަނަށް މިނިވަން ތަހުގީގެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އެއަށް ފަހު ބަހަނާތަކާއެކު ވެސް ސަރުކާރަށް މަޖުބޫރުވީ އެ ވާހަކަތައް އަޑުއަހާށެވެ. ކޮމިޝަންގެ މަސައްކަތް މެދުކަނޑާލައި ކޮމިޝަން ފަސް މެންބަރުންނަށް ފުޅާ ކުރުމުގެ މަސައްކަތް ފެށި އެވެ. ރައީސް ނަޝީދުގެ ފަރާތުންވެސް މަންދޫބަކު ހިމެނޭ ގޮތަށެވެ.

އެ ހުރިހާ ކަމެއް މުޅިން ނުނިމެނީސް ކުއްލިއަކަށް ކޮމިޝަނުން އިއްޔެ އާންމުކުރީ ޓައިމް ލައިނެކެވެ. އެ ޓައިމްލައިނުން ޖެނުއަރީ 14 އިން ފެބުރުއަރީ 7 އަށް ކަންކަން ހިނގި ގޮތުގެ މަންޒަރެއް ކުރަހައިދެ އެވެ. ނަމަވެސް އެ ހިސާބުން އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ، ތަހުގީގު ކުރުމުގައި ސަރުކާރުގެ އިހުލާސްތެރިކަން އެބަ އޮތް ހެއްޔެވެ؟ ޓައިމް ލައިންގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ ކޮމިޝަނުން ބުނެފައި ވަނީ އާންމުންގެ ހިޔާލަށް ހުޅުވާލުން ކަމަށެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިފަދަ ދަނޑިވަޅެއްގައި ޓައިމްލައިނެއް ނެރެ އާންމުންނަށް ހުޅުވާލައި ދެފަރާތުގެ މެދުގައި އިތުރަށް ހުޅު ރޯކޮށްލުމަށްވުރެ ކުރިން ވެސް މި މައްސަލައި ރައްޔިތުންގެ ނިންމުމަކަށް ދާން މަސައްކަތް ކުރިނަމަ މާ ރަނގަޅުވީހެވެ.

"މިހާރު ވެސް ކޮމިޝަންގެ މަސައްކަތަށް ވެސް ހިނގާނީ ހަރަދު، ރެފެރެންޑަމެއް ބާއްވައިގެން ބަޣާވާތެއްތޯ ނޫންތޯ ސުވާލު ކުރި ނަމަވެސް ދާނީ ހަރަދު، އެކަމަކު އޭރުން އެއް ފަސޭހައެއްވެގެންދާނެ އެކަތިފަހަރުން މިކަމަށް ގޮތެއް ނިންމޭނެ. އެކަމަކު މިހާރު މިވީ ގޮތުން ހުރިހާ ބަހަނާއަކާއެކު އެންމެ ފަހު ވަގުތު ކޮމިޝަން އަލުން އެކުލަވަލަން ނިންމައި މެންބަރުން އިތުރު ކުރުމަށްފަހު ޓައިމްލައިން އާންމު ކުރުމުން އިތުރަށް މައްސަލަ ގޯސްވުން ނޫން ކަމެއް ނުވޭ. އަދި އިހުލާސްތެރި ކަމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ލިބޭ،" ބޭފުޅަކު ވިދާޅުވި އެވެ.

އެމްޑީޕީން ޓައިމްލައިން މާނަކުރާ ގޮތުގައި އެއީ ޖެއްސުން ކުރުމާއި މަސައްކަތް ލަސް ކުރުމުގެ ފިޔަވަޅެކެވެ. ތަހުގީގު ކުރުމުގައި ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތީ އެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ބޮޑާހާކަން ބޭނުން ވަނީ އެވެ.

އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އެފެއާޒް ހާމިދު އަބްދުލް ޣަފޫރު ވިދާޅުވި ގޮތުގައި މިދިޔަ މަހުން ފެށިގެން ސަރުކާރުން ކޮމިޝަންގެ މަސައްކަތް ލަސްކުރަން އުޅޭ މަންޒަރު ވަނީ ފެންނަން ފަށާފަ އެވެ. އޭނާގެ ނަޒަރުގައި ސަރުކާރުން އެފަދަ ތަހުގީގަކަށް ފުރުސަތު ދޭން ބޭނުން ނުވަނީ އެވެ.

"މަންޒަރުތަކުން މި ފެންނަނީ ކޮމިޝަންގެ މަސައްކަތް ލަސްކޮށް، ނުފެށޭނެހާ ގޮތްތަކެއް ކުރިމަތި ކުރުމަށް މަސައްކަތް ކުރާތަން. މި ފެންނަނީ އެ މަންޒަރު ވަރަށް ރަނގަޅަށް، ތިއީވެސް [ޓައިމްލައިނަކީ ވެސް] އެކަހަލަ ކަމެއްކަމަށް ވެދާނެ، އެ މަސައްކަތް ހަމަ ލަސްކޮށްލަން ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ މިދިޔަ މަހުގެ މެދެއްހާ ހިސާބުން ފެށިގެން، އެއީ އެބޭފުޅުން އެކަމަށް އެއްބަސްވި [ކޮމަންވެލްތް ބޭނުން ގޮތަށް ކޮމިޝަން] ރިފޯމް ކުރަން އެއްބަސްވި ހިސާބުން ފެށިގެން އެގޮތަށް މަސައްކަތް މި ކުރެވެނީ،" ހާމިދު ވިދާޅުވި އެވެ.

ޓައިމްލައިން ގައި 40 އެތައް ސޮފްހާއެއް ހިމެނޭއިރު 282 ސީކްއެންސެއް ހިމެނެ އެވެ. އެތައް ސިއްރުތަކެއް ވެސް ހުރީ އެ ޓައިމްލައިނާ އެކު އަނަގަމަތި ވިއެވެ. ބަޔަކު ދެއްކި ވާހަކަތަކީ ދޮގު ކަން ނޫނީ ތެދުކަން ސާފުވާރަށް ކަންކަން ހުރީ ތިލަ ކޮށްފަ އެވެ.

ޓައިމް ލައިން ނެރުން އެކި ގޮތްގޮތްތައް މާނަކުރުވުމުގެ ޖާގަ އޮތް އިރު ސަރުކާރުގެ ބަސް ވަރަށް ތަފާތެވެ. ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވަނީ ޓައިމްލައިންގެ ސަބަބުން ކޮމިޝަންގެ މަސައްކަތައް އިތުރު ކުރިއެރުން ލިބި މުއްސަނދިވާނެ ކަމަށެވެ. އަދި ކޮމިޝަނުން އެ ޓައިމް ލައިން އާންމުކުރީ ކޮމިޝަންގެ އަމިއްލަ އިހުތިޔާރާއި މިނިވަންކަމާއެކު ކަމަށެވެ.

"ކޮމިޝަންގެ މަސައްކަތް އިތުރު ކުރިއެރުން ލިބެންޏާ އެކަން ވާނީ ހަމަ ވަރަށް ރަނގަޅު ކަމަކަށް، އެކަމުން ނިކުންނާނެ ގޯސް ނަތީޖާއެއް ނޯންނާނެ، ކޮމިޝަނުން އަމިއްލަ މިނިވަންކަމުގައި އެ މަސައްކަތް ކުރައްވަނީ، ސަރުކާރުން ޕްރެޝަރެއް ކޮށްގެން ނޫނީ އެހެން ވިސްނުމެއްގައި ޓައިމް ލައިން ނެރެފައެއް ނޯންނާނެ، އެ ކޮމިޝަންގެ މަސައްކަތައް ކުރިއެރުން ލިބި ކޮމިޝަންގެ މަސައްކަތް ދެ ފުއްފެންނަ ގޮތެއްގައި ކުރިއަށް ގެންދެވޭނެ،" އައްބާސް ވިދާޅުވި އެވެ.

ސަރުކާރުން އެގޮތައް ގަބޫލުކުރިޔަސް ބުރަކި ޖައްސާލާފައިވާ ކޮމިޝަނަކުން ކުއްލިއަކަށް ޓައިމް ލައިންއެއް އާންމު ކުރުމަކީ ވަގުތުގެ ހާލަތައް ބަލައި ނާޒުކު ކަމަކަށް ވެދާނެ އެވެ. އެއީ ޑިޕްލޮމެސީ ހިފެހެއްޓުން ނޫން ކަމަށްވެސް ވެދާނެ އެވެ. މީގެ ކުރިން ކަންވެފައި އޮތީވެސް އެހެންނެވެ.

ރައީސް ނަޝީދު ކޮމިޝަނަށް ހުށަހަޅުއްވާ ސަރުކާރުން ގަބޫލުކުރި މަނާލް ޝިހާބުގެ ނަން ސަރުކާރުން މީޑިޔާއަށް ފަޅާ އަރުވާލުމުން ދެން ފެނުނީ އެ ނަން ގެންދެވި ތަނެވެ. ރައީސް ނަޝީދު ކަންބޮޑުވެވަޑައިގަތީ އެވެ. އެ ދަނޑިވަޅުގައި ކޮމަންވެލްތުން ބަސް އިއްވި އެވެ. ބުނެފައި ވަނީ "މި ދަނޑިވަޅުގައި ސިއްރު ހިފަހައްޓަންޖެހޭނެ" ކަމަށެވެ.

ހާމިދު ވިދާޅުވާ ގޮތުން ސަރުކާރުގެ ޓައިމްލައިންގެ ސަބަބުން ކޮމަންވެލްތުން ސަރުކާރާއި މެދު ދެކޭގޮތް ބަދަލުވެ ރާއްޖެއަށް ހަރުކަށި ބޮޑެތި ފިޔަވަޅުތަކެއް އަޅަން އެ ޖަމްއިއްޔާއަށް މަޖުބޫރުވެދާނެ އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ބޮޑާ ހޭކުން ކޮމަންވެލްތައް އޮތީ ވަރަށް ރަނގަޅަށް ފެނިފައި ކަމަށާއި ޓައިމް ލައިނުގެ ސަބަބުން އެފަދަ ގޮތެއް މެދުވެރިވުން ކައިރި ކަމަށެވެ.

"މިކަހަލަ ކަންކަމުގައި އާންމުކޮށް އަންނާނީ ސްޓިކް އެންޑް ކެރޮޓް، އެއްކޮޅުން ފޯސް އަނެއް ކޮޅުން ސްވީޓްނަސް ނުވަތަ ކަންކަން ހަމަޖެއްސުން، ކޮމަންވެލްތުން މިހާތަނަށް ދެމުން މި އައީ ކެރޮޓް، އެކަމަކު ސަރުކާރުގެ އަމަލުތައް މިހެން ހުރިއްޔާ އަންނާނީ ސްޓިކް، މިކަންކަން ސީމެގްގައި ތިއްބަވާ މިނިސްޓަރުންނަށް ވެސް ފެންނާނެ،" ހާމިދު ވިދާޅުވި އެވެ. "ކަމެއް ނުކުރާ ސާފު ބަޔަކު ކަންކަން ފޮރުވާކަށް ވެސް ނުޅޭނެ، އަޅުގަނޑު ދަންނަވާނީ ގިލްޓީ ވީމަޔޭ އެހެންއެ އުޅެވެނީވެސް،"

ޓައިމް ލައިނާއެކު އެމްޑީޕީގެ ރިއެކްޝަން ތަފާތެވެ. ސަރުކާރުގެ އިހުލާސްތެރިކަމާ މެދު އެމްޑީޕީން މިހާރުވެސް ސުވާލުއުފައްދަން ފަށައިފި އެވެ. ހާމިދު ވާހަކަތަކުން ހާމަވަނީ ސަރުކާރުން ވަކި ގޮތަކަށް މިހާރު ވެސް ތަހުގީގު ނިންމާފައިވާ ކަމެވެ. ނުވަތަ އެގޮތަށް ބަޔަކަށް ދައްކަން މަސައްކަތް ކުރަން އުޅުމެވެ.

ނަމަވެސް އެކަން ޕޮޒިޓިވް ވިސްނުމަކުން ބަލައި ގަންނަން މީހުން ވެސް އުޅެ އެވެ. ސަރުކާރު ކޯލިޝަންގައި އޮތަސް ސަރުކާރަށް ކޮންމެވެސް ވަރަކަށް ފާޑު ކިޔުންތައް އަމާޒުކޮށްފައިވާ ޑީއާރްޕީގެ މަޖިލިސް މެންބަރު އަބްދުﷲ މައުސޫމް ވިދާޅުވާގޮތުން ޓައިމްލައިންއިންގެ ސަބަބުން ފެކްޓްގެ މައްޗަށް ކޮމިޝަންގެ ފައިނަލް ރިޕޯޓް ބިނާކޮށް ވަކި ކޮޅަކަށް ނުޖެހޭ މިނިވަން ރިޕޯޓެއް އާންމުކުރެވިދާނެ އެވެ. އެކަމަށް ޓައިމްލައިން މަގުފަހިކޮށްދެ އެވެ.

"ޕަބްލިކް ކޮމެންޓް ޓައިމްލައިނަށް ލިބުނީމަ ވަކިކޮޅަކަށް ނުޖެހި ހަމައެކަނި އަސްލުގެ މައްޗަށް ބިނާވެ ތިބެ ރަނގަޅު ރިޕޯޓެއް ކޮމިޝަނަށް ނެރެވިދާނެ، އެމަގުސަދު ހާސިލް ކުރެވޭނެ،" އެބޭފުޅާވިދާޅުވި އެވެ.

އެއީ ޕޮޒިޓިވް ވިސްނުމަކަށް ވެދާނެ އެވެ. ނަމަވެސް ވެރިކަން ފުރޮޅުނުގޮތުގެ ނާޒުކު ކަމާއި ދަނޑިވަޅަށް ބަލައި އަދި ސިޔާސީ ހަގީގަތްތަކަށް ބަލާނަމަ ޓައިމްލައިންގެ ނަތީޖާއާމެދު ދެކޮޅަށް ވެސް ވާހަކަ ދައްކާނެ ޖާގަ އެބައޮތެވެ. އެކަމަކު އެމްޑީޕީގެ ވާހަކަތަކުންނާއި މިދަނޑިވަޅުގައި ކަންވީ ގޮތުން ދޭހަވަނީ ޓައިމްލައިނަކީ އިރުވަރުގައި ވައްޓާލި ޓައިމް ބޮމެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް