ގޭންގުތައް މައިތިރިކުރާނެ ގޮތެއްް ނުހޯދިފައި

އިހަށް ދުވަހު މާލޭގެ ޕާކެއްގެ ތެރޭގައި ސްކޫލްގެ ދަރިވަރަކު މަރާލި އެވެ. ހަމަ އެރޭ ނ. މާފަރުގެ ގެއެއްގެ ތެރޭގައި ދެފައި ބަނދެފައި، މަރުވެގައި އޮތް މުސްކުޅިޔާއަކީ އަކީ ވެސް މަރާލާފައިވާ މީހެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. ދެ މަރަށް ހަފުތާ ނުވެ ކުރީގެ ނޫސްވެރިއަކަށް ގުރޫޕަކުން ހަމަލާދީ ޒަހަމްކޮށްލި އެވެ. އޭނާ އޮތީ ސީރިއަސް ހާލަތުގަ އެވެ. ރާއްޖޭގެ ހާލަތަކީ ހަމަ ހިތަށް އަރާއިރަށް އެމީހަކު ބޭނުންވާ މީހަކަށް ހަމަލާދީ މަރާލުމެވެ. މިއީއަކީ ގަބޫލު ކުރެވޭނެ ކަންކަމަކެއް ނޫނެވެ.

ދަރިވަރުގެ މައްސަލައިގެ އޭނާގެ ރައްޓެހިން ބުނީ އޭނާ މާރާލާފައި ވަނީ ގޭންގެއްގެ އިންޒާރު އައިސްފައިވަނިކޮށް ކަމަށެވެ. ދެން ހަމަލަދީ ޒަހަމްކޮށްލި ޒުވާނާއަށް ހަމަލާދިނީ ވެސް ގޭންގެއްގައި ހިމެނޭ ބަޔަކު ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ. މީގެ މާނައަކީ ރާއްޖޭގައި ގޭންގު ހަރަކާތަކެއް ނުހުއްޓުވެ އެވެ. އެމީހުންގެ ހަރަކާތްތެރިކަން ދަނީ ފުޅާވަމުންނެވެ.

ސްޓްރެޓެޖިކް ލެވެލްގައި އެމީހުން ނުކުމެ މީހުން މަރަން ފެށީ ގަސްތުގައި މީހުން މެރުމުގެ ބޮޑު ސިލްސިލާއެއްގެ ގޮތުގަ އެވެ. ރާއްޖޭގައި އެންމެންގެ ކަންބޮޑުވުމަކީ ގުރޫޕް ހަދައިގެން ކުރެވޭ ކުއްތައް އެއްދުވަހަށް ވުރެ އަނެއް ދުވަހަށް އިތުރުވަމުންދާ ދިއުމެވެ. ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ މިހާތަނަށް މާރާމާރީ އާއި ކަޓަރު އެޅުމާއި ވަޅިޖެހުން ފަދަ 617 މައްސަލަ ފުލުސް އޮފީހުގައި ރެކޯޑްކުރެވިފަ އެވެ. އޭގެ މާނައަކީ ދުވާލަކަށް އެބާވަތުގެ 3.9 ޖަރީމާ ވަނީ ހިންގުމެވެ.

ޕޮލިސް ކޮމިޝަނާ އަބްދުﷲ ރިޔާޒު ވިދާޅުވި ގޮތުގައި މާލޭގައި ހުރި ޕާކްތަކާއި ހިތްފަސޭހަ މައިދާންތަކަކީ ގުރޫޕުތަކުން ބޭނުންކުރާ ތަންތަނަށް ވަނީ ބަދަލުވެފަ އެވެ. އެތަންތަނުގައި ރޭވިގެން މާރާމާރީތައް ހިންގާ ގުރޫޕުތައް ފައްކާވަމުން ދިއުމަކީ އެންމެނަށް އެނގޭ ކަމެކެވެ. މިއިން ކަމަކާ ބެހޭ ގޮތުން އެއްވެސް މީހަކަށް ބިރުން އެއްޗެއް ބުނާކަށް ނުކުރެ އެވެ. ކަރަށް ވަޅި ޖަހާ މަރާލާފާނެތީ އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތަށް ބަލައި މާލޭގެ ޕާކުތައް ބޭނުންކުރާ ގޮތް ފުލުހުން އިތުރަށް މޮނީޓާކުރުމުގެ އިތުރުން އެފަދަ ޕާކުތައް ހެދިފައި ހުރި ގޮތްތައްވެސް އިތުރަށް މުރާޖާ ކުރަންޖެހެ އެވެ.

"އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން ގެންދާނަން އެފަދަ ޕާކުތަކުގައި ކުރަނީ ކޮންކަމެއްކަން، އަޅުގަނޑުމެން އެކަންތައްތައް މި އޮތީ ބަލަން ޖެހިފައި، އެ ޕާކުތައް ޑިޒައިންކޮށްފައި ހުންނަ ގޮތާއި އެތަނުގެ ބޭނުން ހިފާ ގޮތްތައް ވެސް އަޅުގަނޑުމެން އެބަޖެހޭ މުރާޖައާކޮށް، ބަލައި މިހާރަށް ވުރެ ބޮޑަށް މޮނީޓާ ކުރަން، އަޅުގަނޑުމެން އެތަންތަން މިހާރަށް ވުރެ ބޮޑަށް މޮނީޓާ ކުރާނަން،" ރިޔާޒް ވިދާޅުވި އެވެ.

ގޭންގްތައް ހުއްޓުވާލަން އެންމެ އެދެވޭ މަސައްކަތެއް ފުލުހުންނަށް ވެސް ކުރެވިފައެއް ނުވެއެވެ. ހަމަ އެހެންމެ ވާހަކަ ދެކެވެންޖެހޭ ކޮންމެ ދިމާއަކުން ވެސް އެއްބަޔަކު އަނެއް ބަޔެއްގެ ބޮލުގައި އަޅުވައިގެން ތިބެނީ އެވެ. އެހެން ކަމުން މި މައްސަލަ ބޮޑުވެ ގޯހުން ގޯހަށް ބަދަލުވި ސަބަބުން ހޯދައި އެކަމަށް ހައްލެއް ގެނެވޭނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރަން ޖެހެ އެވެ.

ރިޔާޒް ވިދާޅުވީ ކުއްތަކަށް އަރައިގަންނަން މީހުން ބިރު ނުގަންނަނީ ގާނޫނުތަކަށް ކުރާ އިހުތިރާމާއި ގަދަރު ކުޑަވެފައި ވުމާއި ގާނޫނުތަކަކީ އެއްވެސް އެއްޗެއް ކަމަށް ގަބޫލު ނުކުރުމުގެ ރޫހެއް މުޖުތަމައުގައި އުފެދިފައިވުމެވެ. ހަގީގަތުގައި ކުއްވެރިންނަށް ގޭންގުތަކުގެ ބައިވެރިންނަށް ވިސްނިފައި އޮންނަނީ ފުލުހަށް ގެންދިޔަ ކަމުގައިވިޔަސް ޖަލަށް ލިޔަސް ފަސޭހައިން ސަލާމަތްވެވިދާނެ ކަމެވެ. އެކަން އޮންނަންވީ އެހެނެއް ނޫނެވެ. ގާނޫނުގައިވާ އަދަބުތަކަށް ބިރު ގަންނަންޖެހެ އެވެ.

"މީހުންނަށް ގަބޫލުކުރެވެނީ މިއީ ވަރަށް އާދައިގެ ކަމެއް ކަމަށް ގާނޫނުތަކަށް އަމަލު ނުކުރުމަކީ، ގާނޫނުތަކަށް ބޯ ނުލެބުމުގެ ރޫހެއް އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ، އަޅުގަނޑުމެން ގާނޫނުތަކަށް ބޯލެބުމާއި ތަބާވުމުގެ ރޫހެއް އާލާކުރަން އެބަޖެހޭ،" ރިޔާޒް ވިދާޅުވި އެވެ.

ކުށްތައް ހުއްޓުވުމަށް ދިމާވާ އެއް މައްސަލައަކީ ކުއްވެރިން އެކި ގޮތްގޮތުން މަގުމައްޗަށް ދޫވުމެވެ. ސިޔާސީ ބާރުވެރިކަން މިކަމުގެ ތެރެއަށް ކޮންމެވެސް ސިފައެއްގައި ވަދެފައިވުމެވެ. ފުރަތަމަ ކަމަކަށް ސިޔާސީ މަގުސަދަކަށް ކުއްވެރިން ދޫކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަންޖެހެ އެވެ. ޕެރޯލްގެ ނިޒާމް މިހާރަށްވުރެ ވަރުގަދަ ކުރަން ޖެހެ އެވެ. މިކަންކަން ނުކުރެވޭނަމަ ރާއްޖެވާނީ މީހުން މަރާ ގައުމަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް